މޯލްޑިވްސް ލޯ އިންސްޓިޓިއުޓްއިން ގާނޫނީ ރަދީފު އެޕްލިކޭޝަންއެއް ތައާރަފްކޮށްފި

މޯލްޑިވްސް ލޯ އިންސްޓިޓިއުޓް އިން ތައާރަފްކުރި ގާނޫނީ ރަދީފު. -- (ސަން ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާނޫނީ ރަދީފެއްގެ ގޮތުގައި އޮންލައިން އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

ސުޕްރީމު ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވާ އަދި މޯލްޑިވްސް ލޯ އިންސްޓިޓިއުޓްއިން ތައްޔާރު ކުރި މި ރަދީފު ނެރެފައިވަނީ ރާއްޖޭގައި އެކި ގާނޫނީ ކަންކަމުގައި ބޭނުންކުރެވޭ ފަންނީ ލަފުޒުތައް އެއްކުރެވި އެ ފަންނުގެ ދަރިވަރުންނާއި އެހެން ފަރާތްތަކަށްވެސް ފަސޭހައިން ފޯރުކޮށްދިނުމުގެ އަމާޒުގަ އެވެ.

ގޫގުލް ޕްލޭ އަދި އެޕަލް އެޕްސްޓޯއިންވެސް މިހާރު ޑައުންލޯޑުކޮށްލެވޭ މި ރަދީފަކީ ގާނޫނީ ވަކީލުންނާއި ގާނޫނު ކިޔަވާ ދަރިވަރުންނަށް މިފަދަ ރަދީފެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް ކޮންމެވެސް މިންވަރެއްގެ ލުޔެއް ހޯދައިދިނުމަށް ކުރެވުނު މަސައްކަތެއްކަމަށް މި އެޕްލިކޭޝަންގެ މައުލޫމާތު ބައިގައި ފަނޑިޔާރު ސުއޫދު ވަނީ ވިދާޅުވެފައެވެ.

އަދި ގާނޫނީ ބަސްތައް ފަސޭހައިން ހޯދައި، މައް ތާނަ ލަފްޒުތައް ގާނޫނީ ކަންކަމުގައި ބޭނުންކުރެވޭ މިންވަރު ގިނަވުމުގެ ސަބަބުން އެފަދަ ލަފްޒުތަކުން ކުރިމަތިވެދާނޭފަދަ އޮޅުންތައް މަދުކުރުމަށްވެސް މި ރަދީފު އެކުލަވާލިއިރު މަސައްކަތްކުރެވިފައިވާކަމަށް ފަނޑިޔާރު ސުއޫދު ވަނީ ވިދާޅުވެފަ އެވެ.

މޯލްޑިވްސް ލޯ އިންސްޓިޓިއުޓްއިން ތައާރަފްކުރި ގާނޫނީ ރަދީފު އޮންލައިން އެޕްލިކޭޝަން. -- (ސަން ފޮޓޯ/ އަހުމަދުﷲ އަބްދުލް ހާދީ)

މީގެ އިތުރުންވެސް ގިނަ ލަފްޒުތަކުގެ މާނަ ފަސޭހައިން ދެނެގަތުމަށްޓަކައި ގާނޫނީ މަފްހޫމު ނުވަތަ މާނަ ދޭހަވާނޭހެން އިނގިރޭސި ބަހުން އެ ލަފްޒަށް ބޭނުންކުރެވޭ ބަސްވެސް ވަނީ ތަރުޖަމާކޮށް ލިޔެފައެވެ.

އިނގިރޭސި ބަހުން އަދި ދިވެހި ބަހުންވެސް ބަސްތަކުގެ މާނަ މި އެޕްލިކޭޝަން ބޭނުންކޮށްގެން ހޯދޭއިރު މި އެޕްލިކޭޝަންގައި ބުކްމާކްކުރެވޭ ޓެބެއްވެސް ހިމެނެ އެވެ. އަދި އަކުރުތަކުގެ ތަރުތީބުންވެސް ބަސްތައް އަތުރާލައި ބަލާލެވޭގޮތަށްވެސް ޓެބެއް ހިމެނެ އެވެ.

comment ކޮމެންޓް