ދެ ބާރު އެއްކުރުން ބުއްދިވެރިއެއް ނޫން، ޒަމާނަކާ ވެސް ނުގުޅޭ: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ފުލުހުންނާއި ސިފައިން އެއްކޮށްލުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ރައްޔިތުންްގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި، އެއް ބާރުމިނެއްގެ ދެ މުއައްސަސާއެއް ހަތިޔާރާއެކު އޮތުން ބުއްދިވެރި ނޫންކަމަށް، ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވާ ގުޅިގެން، އެފަދަ ވިސްނުމެއް ގެންގުޅެނީތޯ ނޫސްވެރިޔަކު ވަނީ މިއަދު ސުވާލުއުފައްދައިފައެވެ.

މިއަދު 241 ކޮމެޓީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ފުލުހުންނަކީ މަދަނީ ހިދުމަތެއްގެ ގޮތުގައި އޮންނަ މުއައްސަސާއެއް ކަމަށެވެ.

އަދި 2004 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސާވިސް، އޭރުގެ އެންއެސްއެސް އިން ވަކިވެ ސަލާމަތީ ހިދުމަތްދޭ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުވުމަށް ފަހު މިހާތަނަށް ވެސް އޮތީ މަދަނީ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.

އަސްލަމް ވިދާޅުވީ ދެ ބާރު އެއްކޮށްލުމަކީ ފަހަރުގައި ހަރަދު ކުޑަވެދާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް، ސިފައިންނަކީ އަސްކަރީ ބަޔަކަށް ވާއިރު، އަސްކަރީ ގޮތުން ކަންކަން ނިންމާ ގޮތާއި، އަމަލުތައް ވެސް ތަފާތުވާނެ ކަމަށެވެ.

އަދި ފުލުހުން އަސްކަރީ އުކުޅުތައް ބޭނުންކޮށްގެން އާންމު ރައްޔިތުންނާ ކުރިމަތިލުމަކީ އެއް ގޮތަކަށްވެސް ވެގެންވާނެ ކަމެއް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެހެންވީމަ ފުލުހުންނާ ސިފައިން އެއްކުރުމުގެ ވިސްނުމަކީ އަޅުގަނޑުމެންގެ ކޮމެޓީގައި ހަމަގައިމުވެސް އެއްވެސް ވަރަކަށް މަޝްވަރާވެފައިވާ ކަމެއް ނޫން. އަދި އަޅުގަނޑަކަށް ހިޔެއް ނުވޭ މި ޒަމާނާ ގުޅޭ ގޮތެއް ހެނެއް ވެސް. އެހެންވީމަ ދެ ބާރު އެއް ބާރެއްގެ ގޮތުގައި ހެދުން އެހާ ބުއްދިވެރިއެއް ނުވާނެ،" އަސްލަމް ވިދާޅުވިއެވެ.

މެމްބަރު އަސްލަމް ވިދާޅުވީ ފުލުހުންގެ ހިދުމަތް ދެންވެސް ދެމި އޮންނަންވާނީ މަދަނީ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ. އަދި ފުލުހުންނަކީ ރައްޔިތުންނާ ގުޅި، ލާމެހިފައި އޮންނަ، ރައްޔިތުންގެ އިތުބާރާ ޔަގީންކަން އޮންނަ، ރައްޔިތުންނާ އެކު މަސައްކަތް ކުރެވޭ، ރައްޔިތުންނަށް އެހީތެރިވެދޭ އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭ ހިދުމަތެއްގެ ގޮތުގައި ދެމި އޮންނަންޖެހޭނެ ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ބިލެއް ސަރުކާރުން ހުށަހަޅަން ނިންމީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނު އަސާސީ އާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމަށްޓަކަ އެވެ.

މިހާރު އަމަލުކުރަމުންދާ ފުލުހުންގެ ގާނޫނުގެ ބަދަލުގައި އާ ގާނޫނެއް ތައާރަފުކޮށް، ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެންވާ ގޮތާއި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ގާނޫނު މެދުވެރިކޮށް އަލުން ކަނޑެޅުމަކީވެސް އެ ބިލު ހުށަހެޅުމުގެ ބޭނުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ އެ ބިލު ފާސްވެގެން އަންނަައިރު، ރައްޔިތުންނަށް އިތުބާރު ކުރެވޭ، ހަރުދަނާ ފުލުހުންގެ މުއައްސަސާއެއް ގާއިމުކުރެވޭނެ ކަަމަށެވެ.

comment ކޮމެންޓް