މެސީ 250 އެސިސްޓް ހަމަކުރި އިރު ބާސާ އަލުން އެއްވަނައަށް

ބާސާ އާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 1-0 ން - ގެޓީ އިމޭޖާސް

ލިއޮނެލް މެސީގެ 250 ވަނަ އެސިސްޓާ އެކު އެތުލެޓިކޯ ބިލްބާއޯ އަތުން މޮޅުވެ ބާސެލޯނާ އަލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ހޯމް ޓީމް ބިލްބާއޯ އަތުން މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު މޮޅާއެކު ބާސާ އަލުން އެއްވަނައަށް އެރީ ކުޅުނު 31 މެޗުން 68 ޕޮއިންޓާއެކުއެވެ. ދެވަނައަށް ވެއްޓުނު ރެއާލް މެޑްރިޑަށް 30 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. އެހެންކަމުން ލީގުގައި ބުދަ ދުވަހުގެރޭ މަޔޯކާ އަތުން މޮޅުވެ ރެއާލަށް އަލުން އެއްވަނައަށް އެރޭނެއެވެ.

މެޗުގައި ބާސާއިން ޖެހި ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބުކުރީ 71 ވަނަ މިނެޓުގައެވެ. ކެޕްޓަން ލިއޮނެލް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ބާސާއަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިވާން ރަކިޓިޗެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ކުޅެން އެރިތާ ހަވަނަ މިނެޓުގައެވެ.

މެސީ އޭނަގެ 33 ވަނަ އުފަންދުވަސް މިއަދު ފާހަގަކުރާ އިރު ރޭ އޭނާ ހެދި އެސިސްޓާއެކު ވަނީ ބާސެލޯނާއަށް އޭނާ ހަދައިދިން އެސިސްޓްގެ އަދަދު 250 އަށް އަރައިފަ އެވެ. މީގެ އިތުރުން އޭނާގެ ކެރިއަރުގައި މިހާތަނަށް 699 ގޯލު ޖަހާފައިވާ އިރު މެސީއާއި އޭނާގެ ސަޕޯޓަރުންގެ މިހާރު އެންމެ ދެކެން ބޭނުންވާނެ ދުވަހަކީ އޭނާ 700 ވަނަ ގޯލު ހަމަކުރާނެ ދުވަހެކެވެ.

މެސީއަށް ރޭގެ މެޗުގައި ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. އެކަމަކު މެސީ އެ މެޗުގައި އުފެއްދި ގިނަ ހަމަލާތައް ދިޔައީ ގޯލާ އަމާޒު ނުވެ އެވެ.

މީގެ އިތުރުން ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ލެވަންޓޭ އަތުން 1-0 އިން މޮޅުވެފަ އެވެ. ހަމައެކަނި ގޯލަކީ 15 ވަނަ މިނެޓުގައި ލެވަންޓޭގެ ބްރުނޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ޓީމު އޮތީ 55 ޕޮއިންޓާއެކު ތިންވަނައިގަ އެވެ.

comment ކޮމެންޓް