ސިންގަޕޫރުގެ އާއްމު އިންތިހާބު ޖުލައި 10ގައި ބާއްވަނީ

ސިންގަޕޫރުގެ އާއްމު އިންތިހާބު ޖުލައި މަހު ބާއްވާނެ ކަން ބޮޑުވަޒީރު ލީ ހައިސެން ލޯންގް ވަނީ އިއުލާން ކުރައްވާފަ -- ފޮޓޯ: އޭޕީ

ސިންގަޕޫރު (ޖޫން 24): ސިންގަޕޫރުގެ އާއްމު އިންތިހާބު އަންނަ މަހުގެ 10ގައި ބާއްވާނެކަން އެގައުމުގެ ބޮޑުވަޒީރު ލީ ހައިސެން ލޯންގް އިއުލާން ކުރައްވައިފި އެވެ.

އިއްޔެ ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަމުން ބޮޑުވަޒީރު ލީ ވިދާޅުވި ގޮތުގައި އެ އިންތިހާބު އަންނަ މަހު ބާއްވަން ނިންމެވީ މިވަގުތު ބަލިމަޑުކަން ފެތުރޭ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައި އޮތުމުންނެވެ. އަދި ދެން އޮތް ގޮތަކީ މި ސަރުކާރުގެ ދައުރު އަންނަ އޭޕްރިލް މަހު ނިމެންދެން އިންތިހާބު ބާއްވަން މަޑު ކުރުން ކަމަށާއި ނަމަވެސް އެހާ ހިސާބަށް ވައިރަސް ފެތުރުން ހުއްޓޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ލީ ވިދާޅުވި އެވެ.

"ކުރިއަށް އޮތީ ދަތި ދުވަސްތަކެއް. މިހާރު [ގައުމުގެ] ހާލަތު ސްޓޭބަލް ވެފައި ވަނިކޮށް އިންތިހާބު ބޭއްވުމުން މުސްތަގުބަލަށް ތައްޔާރުވެވި އާ ސަރުކާރަށް ފަސް އަހަރުގެ ފުރިހަމަ މެންޑޭޓެއް ދެވޭނެ،" ލީ ވިދާޅުވި އެވެ.

އެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ސިންގަޕޫރުގެ ޕާލިމެންޓު ވަނީ އުވާލާފަ އެވެ.

ބޮޑުވަޒީރު ލީ ވިދާޅުވި ގޮތުގައި ކުރީގެ އިންތިހާބުތަކާ އެއްގޮތަށް މި އިންތިހާބަށް މީހުން އެއްވެ، ކެމްޕެއިން ނުކުރެވުނު ނަމަވެސް ހުރިހާ ކެންޑިޑޭޓުންނަށްވެސް އެހެން ގޮތްގޮތަށް ކެމްޕެއިން ކުރަން ފުރުސަތު ލިބޭނެ އެވެ. އެގޮތުން ކޮންމެ ކެނޑިޑޭޓަކަށްވެސް ދައުލަތުގެ މީޑިއާއިން ވަގުތުކޮޅެއް ދޭން ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް އިންތިހާބު ތެރޭ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތައް އަޅާނެކަން ލީ ފާހަގަ ކުރެއްވި އެވެ. އެގޮތުން ވޯޓު ލާ މަރުކަޒުތައް އިތުރުކޮށް، ވޯޓު ލާން ކިޔޫ ހަދާ އިރު ގައިދުރުކަން ބަހައްޓާ، އެކި މީހުންނަށް އެކި ގަޑިތައް ކަނޑަ އެޅުން ހިމެނެ އެވެ. އަދި ކަރަންޓީނުގައި ތިބޭ މީހުން ވޯޓު ލާނެ ގޮތްތައްވެސް ކަނޑައަޅާ، އިއުލާން ކުރަން ވަނީ ހަމަޖެހިފަ އެވެ.

ސިންގަޕޫރު ސަރުކާރުގެ އެ ނިންމުމާ ގުޅިގެން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވަނީ، ވެރިކަން ކުރާ ޕާޓީން ރައްޔިތުންގެ ރައްކާތެރިކަމަށް ވުރެ ޕާޓީގެ މުސްތަގުބަލު އިސްކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ސިންގަޕޫރުގައި ކޮރޯނާވައިރަހުގެ ކޮމިއުނިޓީ ކޭސްތައް ފެންނަ މިންވަރު މިހާރު ވަރަށް ދަށްވެ، އެގައުމުން ވަނީ ވައިރަސް ހުއްޓުވުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތައް މީގެ ހަތަރު ދުވަސް ކުރިން އުވާލާފަ އެވެ. އެގައުމުގައި މިހާތަނަށް 42،432 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 35،000އަށް ވުރެ ގިނަ މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އެގައުމުން ބަލީގައި މަރުވެފައި ވަނީ 26 މީހެކެވެ.

comment ކޮމެންޓް