މައިކްރޯސޮފްޓުގެ ފިހާރަތައް ބަންދުކުރަނީ

ލަންޑަނުގައި ހުންްނަ މައިކްރޯސޮފްޓުގެ ރީޓެއިލް އައުޓްލެޓް -- ފޮޓޯ: ދަ ވާޖް

މައިކްރޯސޮފްޓުގެ ހުރިހާ ރީޓެއިލް ފިހާރައެއް ބަންދުކުރަން ނިންމައިފި އެވެ.

އެ ކުންފުނިން މިދިޔަ ހުކުރު ދުވަހު ބުނީ ކުންފުނީގެ ރީޓެއިލް ފިހާރައިގެ ގޮތުގައި ހިންގާ 83 ފިހާރަ ބަންދު ކުރަން ނިންމާ، ވިޔަފާރި އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ލަންޑަން، ވޮޝިންޓަން، ނިއުޔޯކްސިޓީ އަދި ސިޑްނީ ހިންގާ ރީޓެއިލް ފިހާރަތައް "ކަސްޓަމަ އެކްސްޕީރިއަންސް ސެންޓަރު" ތަކުގެ ގޮތުގައި ހިންގަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި އެކްސްޕީރިއަންސް ސެންޓަރުތަކުގައި މައިކްރޯސޮފްޓުގެ އެކްސްބޮކްސް، ސާފޭސް ޕީސީ، މައިންކްރާފްޓް، ވިންޑޯސްގެ ޕްރޮޑަކްޓްސްގެ އިތުރުން ކުންފުނީގެ ޕޯޓްފޯލިޔޯގައި ހިމެނޭ އެހެން އުފެއްދުންތައް ޝޯކޭސް ކޮށްފައި ބަހައްޓާނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި މައިކްރޯސޮފްޓުން ކޮންމެ މަހަކު 1.2 ބިލިއަން ކަސްޓަމަރުންނާ ޑީލް ކުރެ އެވެ. އެ ކުންފުނިން ބުނީ ކުންފުނީގެ ޕްރޮޑަކްޓު ޕޯޓްފޯލިއޯ ފާއިތުވި އަހަރުތަކުގެ ތެރޭގައި ފުޅާވެފައިވާއިރު އެންމެ ގިނަ ކަސްޓަމަރުން ލިބެނީ އޮންލައިންކޮށް ކަމަށެވެ.

ކުންފުނީގެ ފިހާރަތައް ބަންދުކުރާއިރު ޕްރީ ޓެކްސް ޗާޖަށް 450 މިލިއަން ޑޮލަރު އަރާނެ ކަމަށް މައިކްރޯސޮފްޓުން ވަނީ ބުނެފަ އެވެ.

މައިކްރޯސޮފްޓުން އެންމެ ފުރަތަމަ ރީޓެއިލް އައުޓްލެޓެއް ހުޅުވީ 2009 ވަނަ އަހަރު އެވެ.

comment ކޮމެންޓް