އެމެރިކާ ރައްޔިތުން އީޔޫ ގައުމުތަކަށް ވަނުން މަނާކުރަނީ

ބްރަސަލްސް (24 ޖޫން 20) : އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލްނުވެ އާދަޔާ ހިލާފު ބާރުމިނެއްގައި ފެތުރެމުންދާތީ އެމެރިކާގެ ރައްޔިތުން ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ވަނުން މަނާކުރަން މަސައްކަތް ކުރަމުން ގެންދާކަމަށް އެ އިއްތިހާދުން ބުނެފި އެވެ.

ޔޫރަޕިޔަން ކޮމިޝަނުން ބުނީ އެ އިއްތިހާދުގެ ގައުމުތަކުގައި ކޮވިޑް-19 ކޮންޓްރޯލް ވަމުންދާ ދިޔުން ކާމިޔާބު ކުރެވޭނީ އެމެރިކާ ފަދަ ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި އެ ވައިރަސް އާދަޔާ ހިލާފު ބާރުމިނެއްގައި ފެތުރެމުންދާ ގައުމުތަކުގެ ރައްޔިތުން ވަނުން މަނާކޮށްގެންނެވެ.

ޔޫރަޕްގެ އިއްތިހާދަށް މީހުން ވަނުން މަނާކުރުމަށް ލިސްޓު ކުރަމުން ގެންދާ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ކޮވިޑް-19 ކޮންޓްރޯލް ނުކުރެވޭ އެހެންގައުމުތައް ވެސް ހިމެނޭނެކަމަށް ޔޫރަޕިޔަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި ބާރަށް ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ބްރަޒިލްއާއި އެފްރިކާގެ ބައެއްގައުމުތައް އަދި ރަޝިއާއާއި އިންޑިއާ ހިމެނެ އެވެ. ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުން އަންނަ ޖުލައި މަހު ބޯޑަރުތައް ހުޅުވާލަން ތައްޔާރުވަމުންދާއިރު ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި ބާރަށް ފެތުރެމުންދާ ގައުމުތަކުގެ ރައްޔިތުން އެއިއްތިހާދުގެ ގައުމުތަކަށް ވަނުން މަނާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިކަމަށް ޓަކައި އެކުލަވާލާފައިވާ ގައުމުތަކުގެ ލިސްޓުގައި އެމެރިކާގެ އިތުރުން ބްރަޒިލްއާއި އެފްރިކާގެ ބައެއް ގައުމުތައް އަދި ރަޝިއާ އާއި އިންޑިއާ ހިމެނޭއިރު ޗައިނާ އާއި އިރުމަތީ އޭޝިއާގެ ގައުމުތަކާއި ވެނެޒުއެލާ އާއި ޔުގަންޑާފަދަ ގައުމުތަކާއި އެނޫންވެސް ކޮވިޑް ކޮންޓްރޯލް ކޮށްފައިވާ ގައުމުތައް ހިމެނެނީ ޔޫރަޕްގެ އިއްތިހާދަށް ވަނުން ހުއްދަކުރާ ގައުމުތަކުގެ ލިސްޓުގަ އެވެ.

ކޮވިޑް އާ ގުޅިގެން ކަމަށް ވިޔަސް އެމެރިކާގެ ރައްޔިތުން ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ވަނުން މަނާކުރުމަކީ އެމެރިކާގެ ހައިބަތަށް ވަރުގަދަ ލޮޅުމެއް އަންނާނެ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން އެމެރިކާގެ އަގުވެއްޓޭނެތީ މިއީ އެމެރިކާގެ ވެރިން ރުޅި އައިސް ޔޫރަޕާއި އެމެރިކާ އާއި ދެމެދު ދެބަސްވުންތައް އުފެދިގެންދާނެކަމެއް ކަމަށެވެ.

ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގައި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި ބާރަށް ފެތުރިގެން ދިޔަ ދުވަސްވަރު އެމެރިކާއިން ވިސްނަނީ އެ އިއްތިހާދުގެ ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކޮށްފަ އެވެ. ނަމަވެސް އެމެރިކާއަކީ އެގައުމަށް ހުއްދަ ކަންކަން އެހެން ގައުމުތަކަށް މަނާވާންޖެހޭ ކަމަށް ދެކޭ އަދި އެހެންގައުމުތަކުގެ މަސްލަހަތަށް ނުބަލައި ހަމައެކަނި އެމެރިކާގެ މަސްލަހަތަށް ބެލުމުގެ އަމިއްލަ އެދުމުގެ ހަރުކަށި ވިސްނުން ގެންގުޅޭ ކަމަށް ނަން މަޝްހޫރު ގައުމެކެވެ.

އެމެރިކާގެ ނެޝަނަލް ހެލްތް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒް ގެ ޑައިރެކްޓާ އެންޓަނީ ފައުޗީ ވަނީ އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނެ ދުވަހެއް ލަފާކުރުން ދަތިކަމަށް ވިދާޅުވެފަ އެވެ. އަދި މި ހިނގާ ހޫނު މޫސުން ނިމި ނޮވެމްބަރުގައި އެމެރިކާއަށް ފިނި މޫސުން އައުމުން ކޮވިޑް-19 ގެ އިތުރު ރާޅެއް އައިސް ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފަ އެވެ.

އެމެރިކާގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 30،000 އާއި 33،000 އާ ދެމެދުގެ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެވެ. އަދި ކޮވިޑް ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ އަދަދުވެސް ވަނީ 123،000 އަށް އަރާފަ އެވެ.

ޔޫރަޕްގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވެމުން ދިޔަނަމަވެސް ނޮވެމްބަރުގައި އެމެރިކާއެކޭ އެއްގޮތަށް ޔޫރަޕަށް ވެސް ފިނިމޫސުން އަންނާނެތީ ޔޫރަޕްގެ ސިއްހަތާބެހޭ މާހިރުންވެސްވަނީ އެބައްރުގެ ގައުމުތަކަށް ކޮވިޑްގެ އިތުރު ރާޅެއް އެދުވަސްވަރު އަންނާނެކަމަށް ލަފާކުރައްވައި އެކަމަށް ތައްޔާރުވެ ތިބުމަށް ގޮވާލައްވާފަ އެވެ. -- (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު