ނަވާނަވައިގެ މުޒާހަރާ ރޫޅާލީ ރަނގަޅަކަށް ނޫން: ހޯމް މިނިސްޓަރު

ޖޫން 22، 2020: ސިޔާސީ ހަރަކާތް ހިންގާ "ނަވާނަވައި"އިން ރައްޔިތުންގެ މަޖިލިސް ދޮށުގައި ކުރިއަށް ގެންދިޔަ "މަޖިލިސް ހޭލައްވާ" މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ހަރަކާތް ހިންގާ "ނަވާނަވައި"އިން ރައްޔިތުންގެ މަޖިލިސް ދޮށުގައި ކުރިއަށް ގެންދިޔަ "މަޖިލިސް ހޭލައްވާ" މުޒާހަރާ ފުލުހުން ރޫޅާލީ ރަނގަޅަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ނަވާނަވައިން މަޖިލިސް ދޮށުގައި މުޒާހަރާ ފެށުމާއެކު ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސައިފަ އެވެ. މަދު ބަޔަކާ އެކު ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމަށް ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވި އިރު، މުޒާހަރާގެ ބައިވެރިން ދަމާފައި ދުރުކުރި މަންޒަރުވެސް ފެނިގެން ދިޔަ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ވަނީ އެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރިގޮަތާ ގުޅޭގޮތުން މިނިސްޓަރާ ސުވާލުކުރައްވައިފަ އެވެ.

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މުޒާހަރާ ރޫޅާލުމުގައި ކަން ކުރެވިފައިވާ ގޮތް އެއީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުދެކޭ ކަމަށާއި އެކަން ބަދަލުކުރަން ބޭނުންވާކަން ދަންނަވާފައިިވާނެ ކަމަށެވެ.

"އަޅުގަނޑު އެދެން އެކަންކަން ރަނގަޅުވެގެން ދިއުމަށް. އެ މަސައްކަތުގައި ތިބޭފުޅުންނާ [ރައްޔިތުންްގެ މަޖިލިސް] އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރަން އަޅުގަނޑު އުންމީދުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ފުލުހުންގެ ނޭމް ޓެގްތައް ފުލުހުންގެ ޔުނީފޯމުގައިި ނެތުމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުން އަންނަ އިރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ އެކަމާ ގުޅޭގޮތުން މިއަދު މިނިސްޓަރާ ސުވާލުކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން، އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ސިޔާސީ، އިޖްތިމާއީ، އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ވާތުފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ ނަވާނަވައިއިން ބުނީ މުޒާހަރާގައި މައިގަނޑު ގޮތެއްގައި އިހުތިޖާޖު ކުރާނީ ހަތަރު ކަމަކަށް ގޮވާލައި ކަމަށެވެ.

އެއީ ކުލި ނުދެއްކިގެން އާއިލާތައް މަގުމަތި ކުރުން ހުއްޓުވުމަށާއި، ތިމާވެށި ހަލާކު ކުރުން ހުއްޓުވުމަށާއި، ކުޑަކުދިންނާއި އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތަށް ފައިސާ ހަމަޖެއްސުމާއި، އިންކަމް ސަޕޯޓު އެލަވަންސް ނުލިބޭ ފަރާތްތަކަށް އެލަވަންސް ދިނުން އަވަސް ކުރުމަށެވެ.

އެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތާ ގުޅިގެން މިނިސްޓަރު އިމްރާން މީގެކުރިންް ވިދާޅުވެފައި ވަނީ ޣައިރު ގާނޫނީ އެއްވުންތައް ޕްރޮފެޝަނަލްކޮށް ރޫޅާލެވޭނެ ފަދަ ބަޔަަކަށް ފުލުހުން ހަދާނެކަމަށެވެ.

"އިންސާނީ ކަރާމާތަށް އިސްކަންދީގެން ޕްރޮފެޝަނަލްކޮށް ޣައިރު ގާނޫނީ އެއްވުންތައް ރޫޅާލެވޭނެ ގާބިލްކަން ފުލުހުންގެ ކިބައިގައި ހުންނަތަން ދެކެން ބޭނުން. ފުލުހުންނަށް ދެވޭ ތައުލީމާއި ތަމްރީންތަކުގެ ތެރެއިން ކުރިއަށް އޮތްތާ އެކަން ކަށަވަރު ކުރާނަން،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް