ހާސިލް - 8

އަންވަރުގެ ވާހަކައިން ފިރާޤުގެ މޫނުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ބަދަލު ވިނަމަވެސް އޭނާ އެ އެ އަސަރު މޫނުމަތިން ވަރަށް އަވަހަށް ފޮރުވައިލިއެވެ.

"އިންޓަރވިއު ބަލައިލާފައި ދެން ދާނީ ތާޒާވެލަން." އަންވަރު އެހެން ބުނެލަމުން ސޯފާގައި އިށީނެވެ.

*****

އިންޓަވިއު ނިމުމާއެކު އަރްޒަން ބޭނުންވީ ވީހާވެސް އަވަހަކަށް އެތަނުން ދާށެވެ. ބަތޫލް ފެންނަ ހިސާބުގައި ވެސް ހުންނާކަށް އަރްޒަން ބޭނުމެއް ނޫނެވެ. ބަތޫލްއަށް އޭނާގެ ޙަޔާތުން އެއްވެސް ޖާގައެއް ނެތެވެ. އަރްޒަން ބަތޫލްއަށް ފިނި ނަޒަރެއް ދެމުން އަސްލަމާ ސަލާމްކޮށްލިއެވެ. އެ ނަޒަރުން ބަތޫލްއަށް ތުންފަތުގައި ދަތް އަޅައި ލެވުނެވެ. އަރްޒަންގެ އެ ނަޒަރު އޭނާއަށް ބައިވަރު އެއްޗެހި ކިޔައިދީފިއެވެ. ނުތަނަވަސް ކަމާއެކު ބަތޫލްއަށް ހިންދިރުވައިލެވުނީ ވެސް އެހެންވެއެވެ.

ސްޓޫޑިއޯއިން ނުކުމެލުމާއެކު، އަރްޒަންއަށް ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާ ލެވުނެވެ. ހަށިގަނޑުގައި އުފެދިގެން އުޅޭ ތޫފާން ވަރުގަދައެވެ. ހިތާ ސިކުނޑި ވަނީ ގޮތް ނޭނގޭ ހައިޖާނުގަނޑެއްގެ ތެރޭގައެވެ. ބަތޫލްއަކީ އޭނާގެ ހަޔާތް އަނދިރިގަނޑަކަށް ވައްޓައިލި ސަބަބު ތަކުގެ އަސްލެވެ. އެއީ އެ ހިތަށް ލިބުނު ޒަޚަމްތަކުގެ ވެރިފަރާތެވެ.

"އެހާ ދުވަސްފަހުން އޭނަގެ ކުރިމައްޗަށް އަރަންޖެހުމުން އަނެއްކާވެސް ހިތުގައި އެ ހިތި ހަނދާންތައް އާލާވެއްޖެ! މިކަމުން ދުވަހަކުވެސް މިންޖު ނުވާނީބާ؟"

އަރްޒަން ހިނގައިގަތީ ކާރާ ދިމާލަށެވެ. ހިތުގެ އިޙްސާސްތަކަށް ފުރަގަސްދޭން ބޭނުންވެފައި ވާހާލުގައެވެ. ކާރަށް އަރާ އިށީނދެލުމަށްފަހު، ފުރަތަމަ ވެސް ގުޅައިލެވުނީ އަޔާންއަށެވެ. އޭނާ ބޭނުންވަނީ ސިކުނޑިއަށް ތާޒާކަމެކެވެ. ކޮފީއަކަށް ދާން އެދުމުން އަޔާން ވެސް އެއްބަސް ވެއްޖެއެވެ. އަޔާންއާ ދެމީހުން ދިޔައީ ހެންވޭރުގައި ހުރި ކޮފީ ޝޮޕަކަށެވެ.

މަގުގެ އެއްފަރާތުގައި ކާރު ޕާކުކޮށްލާފައި ގޮސް ކެފޭއަށް ވަތްއިރު، އެތެރޭގައި މާ ގިނަ މީހުންނެއް ނެތެވެ. ކައުންޓަރު ދޮށަށް ހުއްޓިފައި ކޮފީއަކަށް އޯޑަރު ދެމުން ދެމީހުން ވެސް މަޑުކޮށްލިއެވެ.

ކޮފީ ތައްޔާރުވުމާއެކު ލާރި ދައްކާފައި އެ ހިފައިގެން ގޮސް ދެމީހުން އިށީނީ މަގު ފެންނަ ގޮތަށް ޖަހާފައިވާ ބިއްލޫރިގަނޑުގެ ކައިރީގައި ހުރި މޭޒެއްގެ ދޮށުގަ އެވެ.

"ޝީ އިސް ސްޓިލް ދަ ސޭމް، އެއްވެސް ބަދަލެއް ނާދެ!" ކޮފީއިން އެތި ފޮދެއް، ބޯލުމަށްފަހު އަރްޒަން ވާހަކަ ދެއްކިއެވެ. އޭނަ އަޔާންއަށް ބަލައިލިއެވެ.

"ޒޭން! އެ ޚިޔާލުތަކާ ދުރުވެ ދެން ވެއްޖެއެއްނު އެހެން ކުއްޖަކަށް ތި ޙަޔާތުން ފުރުސަތެއް ދޭން ވެސް، އެންމެން އެއްގޮތެއް ނުވާނެއެއްނު!" އަޔާން ބުނެލިއެވެ. އޭނާ ބޭނުންވީ އަރްޒަންއަށް ވިސްނައިދޭށެވެ. ހުރިހާ އަންހެން ކުދިން ބަތޫލް ހެން ނުވާނެކަމެވެ. އޭނާގެ ފަހަތުން އަންހެން ކުދިން އާދޭސް ކުރާއިރު ވެސް އަރްޒަން އެފަދަ ވިސްނުމެއް ނުގެންގުޅޭތީ، އޭނާ ކިތަންމެ ފަހަރަކު ވިސްނައިދޭން މަސައްކަތް ކޮށްފިއެވެ. އެ ހަނދާންތަކާ ދުރުވާނީ އެ ޙަޔާތަށް އެހެން ކުއްޖަކަށް ދަޢުވަތު ދިނުމުންނެވެ. އަރްޒަން އަމިއްލަ ނަފުސަށް އެކަހަލަ ފުރުސަތެއް ދިނުމުންނެވެ. ބަތޫލްގެ ވާހަކައިގައި ކުޑަ އިރުކޮޅަކު ދެމީހުން ތިއްބެވެ. ހިތުގެ އިޙްސާސްތައް އެހާ ދުވަސް ފަހުން އެކުވެރިޔާ އާ ހިއްސާކޮށްލެވުމުން އަރްޒަންގެ ނަފުސަށް ލުއި ވެފައިވެއެވެ.

"ކޮބާތަ ރައޫ؟... މިހާރު އޯކޭތަ؟ ވަރަށް ބަލިވެއެއްނު އުޅުނީ..." އަރްޒަން މައުޟޫ ބަދަލުކޮށްލިއެވެ.

"އާނ. ދެން ބަނޑު ބޮޑުވީމަ ވާނެ ދޯ އެކަހަލަ ކަންތައްތައް ވެސް..." އަޔާން ހީލިއެވެ.

އޭނާގެ އަންހެނުން ރައުދާ އަކީ އެއާރޕޯޓް ރޭމްޕް މެނޭޖްމެންޓުގައި މަސައްކަތްކުރާ ކުއްޖެކެވެ. އަޔާންއަށް ރައުދާ އެންމެ ފުރަތަމަ ފެނުނީ އެއާޕޯޓުންނެވެ. އެއަށްފަހު، ފޭސްބުކުންނެވެ. ދެމީހުން ދިމާވެ ވާހަކަ ދައްކަން ފެށިތާ ތިން މަސް ފަހުން ދެމީހުން ވެސް ކައިވެނީގެ ގޮށް ޖެހީ ގިނަ ދުވަހު ރައްޓެހިވެގެން އުޅުމުގެ ޚިޔާލު ނުގެންގުޅޭ ތީއާ އެކުގައެވެ. އެ ކައިވެންޏަށް މިހާރު އަހަރެއްވެފައި ވާއިރު، ދުވަހަކުވެސް ދެ މީހުންގެ ދެމެދު މައްސަލައެއް ޖެހިފައެއް ނުވެއެވެ. އުޅެނީ އެހާ ލޯބިންނެވެ.

*****

ކަމާލު ސައިކަލުގައި އައިސް މަޑުކޮށްލީ ޖައުފަރު އުޅޭގެ ކައިރިއަށެވެ. ފޯނު ނަގަމުން އޭނަ އޭގެން ޖައުފަރުގެ ނަންބަރު ހޯދައިލިއެވެ. ފުރަތަމަ ރިންގާއެކު ޖައުފަރު ފޯނު ނަގައިފިއެވެ.

"އާނ މަޑުކުރޭ މި ނުކުންނަނީ އޭ!..." ޖައުފަރު އަވަސް އަވަހަށް ބުނެލިއެވެ.

ކަމާލު ފޯނު ބާއްވަމުން އެގެއަށް ބަލައިލިއެވެ. އެހާ ބޮޑަށް ވީރާނާ ވެފައިވާ ގެއެއްގައި ޖައުފަރު އުޅޭތީ ވެސް އޭނާ ހައިރާންވިއެވެ. ގައިމު އެ މަސައްކަތް ކޮށްގެން ވެސް ޖައުފަރަށް ލާރި ލިބޭނެއެވެ.

ދޮރު ހުޅުވާލާފައި ޖައުފަރު ނުކުތީ އޭގެ އިރުކޮޅެއް ފަހުންނެވެ. ކަމާލު ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލީ ޖައުފަރު އަތުގައި އޮތް ނޫ ކުލައިގެ އެތެރެ ނުފެންނަ ކޮތަޅު ފެނުމުންނެވެ. އެ ކޮތަޅުގައި ހިފަމުން ކަމާލު ޖައުފަރާ ސަލާމް ކޮށްލިއެވެ. އޭގެ އެތެރެއަށް ބަލައިލުމަށްފަހު، އިސް އުފުލައިލާ ޖައުފަރަށް ބަލައިލިއެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.

"ޔަޤީން އެއްޗެއް ދޯ މި އީ؟" ކަމާލު ޔަޤީންކުރަން ބޭނުންވާފަދައެވެ.

"އާނ. ބަރާބަރު ވާނެ. އަހަރެން އޭރު ވެސް ބުނިން ދޯ 40 ދުވަހޭ ވާނީ! އަހަންނަށް އިތުބާރު ކުރޭ! ކަލޭކުރި ޚަރަދެއް ބޭކާރެއް ނުވާނެ!!" ޖައުފަރު ހުރީ ހަމަޖެހިލާފައެވެ. އޭނާގެ އަޑުގައިވަނީ ޔަޤީންކަމެވެ.

ކޮތަޅު ހިފައިގެން ކަމާލު ސައިކަލު ދުއްވައިލުމުން، ޖައުފަރު އަމިއްލަ ނަފުސަށް ހިނިތުންވެލިއެވެ. އޭނާ ހުރީ ފަޚުރުވެރިވެފައެވެ.

*****

އަޔާން ގެއަށްލާފައި އަރްޒަން ހުޅުމާލެއަށް ދިޔައިރު ރޭގަނޑު އެކެއް ޖަހަނީއެވެ. ކާޑު ޖަހައިލާ އެޕާރޓްމެންޓްގެ ދޮރު ހުޅުވައިލުމަށްފަހު، އަރްޒަން އެތެރެއަށް ވަނުމަށްފަހު، ކޮޓަރިއަށް ވަދެލިއެވެ.

ލާފައިހުރި ސޫޓް ބޭލުމަށްފަހު، ކަރުން ދެ ގޮށް ނައްޓައިލިއެވެ. އޭސީ ޖައްސައިލާ ފަންކާވެސް ޖަހައިލިއެވެ. ހޫނު ވާ ވަރުންނެވެ. އެނދުގައި އިށީނދެގެން އިރުކޮޅަކު އިނުމަށްފަހު، އެނދުގެ އެއްފަރާތުގައި ހުރި ޑްރެސިންޓޭބަލް ކައިރިއަށް ޖެހިލާ އަރްޒަން އޭގެ ވަތްގަނޑު ހުޅުވައިލިއެވެ.

އެތެރޭގައި އޮތް މަހުމާ ފޮށި ނެގުމަށްފަހު، އޭނަ އެ ހުޅުވައިލިއެވެ. އޭގެތެރޭގައި އޮތް އަނގޮޓި ނަގާ އެއަށް ރަނގަޅަށް ބަލައިލިއެވެ. ދެލޯ މަރައިލައިގެން އިރުކޮޅަކު އޭނަ ހުއްޓެވެ. ހަނދާން ކުރަން ބޭނުންނޫނަސް، އެ ހަނދާންތައް އަބަދުވެސް އޭނާއާއެކު ވާނެއެވެ. އޭނާގެ ނަފުސުގެ ހަމަ ޖެހުން ގެއްލުވައި ލާނެއެވެ. އެ ހަނދާންތައް އޭނާއާއެކު ވާހާ ހިނދަކު އެހެން އަންހެން ކުއްޖަކަށް އޭނާގެ ހަޔާތުން ޖާގަ ދޭނީ ކިހިނެއްހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ. އަރަތްތަކެކެވެ.

ލޯ ހުޅުވައިލާ އަމިއްލަ ސޫރައަށް އޭނަ ނަޒަރު ހުއްޓައިލިއެވެ. ކުރިމަތިން ފެންނަން ހުރި އޭނާގެ ސޫރަ ވަރަށް ސްމާޓެވެ. އެކަމަކު އޭނާ އެ ހަޤީގަތް ބަދަލުކުރާނީ ކިހިނެއްހެއްޔެވެ؟. މީހުން ކިތަންމެ އިޙްތިރާމް ކުރާ މީހަކަށް މިއަދު ވިޔަސް، އޭނާއަށް އޭނާގެ އަސްލެއް ނޭނގެއެވެ. އާއިލާއެއް ނޭނގެއެވެ. ބަތޫލް ބުނިހެން އޭނާ އަކީ ކައިވެނީގެ ބޭރުން ލިބިފައި ހުރި ކުއްޖަކަށް ވެސް ވެދާނެއެވެ. ހިންދިރުވައިލުމާއެކު، ގޮށް މުށްކަވާފައި ޑްރެސިން ޓޭބަލްމަތީގައި ޖެހުމާއެކު، އެއަށް ގުޑުން އަރައިގެން ދިޔައެވެ. އެހެން ހުއްޓާ އޭނާގެ ސިކުނޑިއަށް ވެރިވާން ފެށީ، ޒީޝާންގެ ޚިޔާލް ތަކެވެ.

"ނޫން" ވައިއަޑުން އެ ބަސްތައް، އޭނަ ބޭރުކޮށްލީ އުނދަގުލުންނެވެ. ޒީޝާންއާ މެދު ނުވިސްނުމަށް އަމިއްލަ ޒަމީރަށް މަޖުބޫރު ކުރުވާފަދައެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު، އެ ފޮށި ވަތްގަނޑަށް ލުމަށްފަހު އަރްޒަން ވަނީ ފާހާނާއަށެވެ. އޭނާ ހުރީ ތާޒާ ވެލަން ބޭނުންވެފައެވެ.

ފެންވަރައިގެން އައިސް ނިދަން ވެގެން އޮށޯއިން ނަމަވެސް އަރްޒަންގެ ލޮލާ ނިދިވަނީ ރުޅިވެފައެވެ. ޚިޔާލުތައް އައިސް އޭނާގެ ސިކުނޑީގެ ހަމަޖެހުން ގެއްލުވައިލުމުގައި މި ފަހަރުވެސް ކާމިޔާބު ހޯދައިފިއެވެ.

*****

ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތެވެ. އެއާރޕޯޓް ބިޒީކަމުން ރައުދާއަށް ވެސް އުޅެން ޖެހުނުލެއް ވަރަށް ބުރައެވެ. ބަނޑުބޮޑުވި ފަހުން އާދަޔާ ޚިލާފަށް ވަރުބަލިކަން އޭނައަށް އިޙްސާސްވެއެވެ.

ފާހާނާއަށް ވަދެލާފައި ނުކުތްއިރު އެތަނުގައި މަޑުކޮށްލައިގެން ހުރި ފިރިހެން މީހާ ފެނި ރައުދާގެ މޫނުމަތި ބަނަވިއެވެ. އޭނާ ދާން ވެގެން އަޅައިލި ފިޔަވަޅާއެކު އެ ފިރިހެންމީހާ ރައުދާގެ ކުރި ބެއްދިއެވެ. އައި ރުޅީގައި ހަޅޭއްލަވައިގަންނަން ވެސް ރައުދާ ބޭނުންވިއެވެ. އެހެންނަމަވެސް މޫނު ހަނދާލާފައި ދުރަށް ދާން ރައުދާ ގަސްތުކުރިއެވެ.

ހިނގައިގަތުމާއެކު އޭނާ ރައުދާގެ އަތުގައި ހިފެއްޓިއެވެ. އޭނާގެ އެ އަމަލާއެކު ރައުދާއަށް ހިސާބެއްގެ ސިހުމެއް ލިބުނެވެ. ދެވަނަ ސިކުންތުގައި އައިރުޅީގައި ރައުދާ އެ އަތް ފޮޅުވައިލިއެވެ. އަތުގެ ހުރި ބާރު ލާފައި އެ ފިރިހެންމީހާގެ ކޯތާފަތަށް ހޫނު ހަމަލާއެއް އަމާޒުކޮށްލިއެވެ.

ފިޔަވަޅުތައް އަވަސް ކޮށްލަމުން ރައުދާ ދުރަށް ހިނގައިގަތެވެ. އޭނާ މަސައްކަތްކުރާ މޭޒު ކައިރިއަށް ދެވުމާއެކު ގޮނޑީގައި ހިފާ ދުރަށް ޖައްސައިލެވުނީ ވެސް ބާރަށެވެ. ކައިރީގައި އިން ކުއްޖާ ވެސް ރައުދާއަށް ބަލައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލާ ގޮނޑީގައި އިށީނެވެ. އޭރު އޭނާގެ ރުޅިވެރިކަން ވަނީ ފަޅައިގެންދާން ކައިރިވެފައެވެ.

ކޮންޓްރޯލްޓަވަރ އިން ލިބުނު ކޯލަކާ ގުޅިގެން ތަނުގެ އެތެރެ ހަލަބޮލިވިއެވެ. ފްލައިޓެއް އެމަރޖެންސީކޮށް ޖައްސަން ޖެހުމުންނެވެ.

"ރައުދާ ކޮން ގޭޓެއް ތޯ ހުސްކޮށް ހުރީ ޗެކް ކޮށްލަބަލަ!" ރައުދާގެ ކައިރިއަށް ހުއްޓެމުން ކުއްޖަކު އަހައިލިއެވެ.

ކޮންޕިއުޓަރަށް ނަޒަރު ހުއްޓައިލުމާއެކު، ރައުދާ މަސައްކަތަށް ސަމާލުކަން ދެވޭތޯ މަސައްކަތްކުރިއެވެ.

ތަން ހަމައަކަށް އެޅިލުމާއެކު ރައުދާ އަވަސްވެގަތީ ކޮންމެވެސް އެއްޗެއް ކައިލަން ދާށެވެ. ބަނޑުހައިކަން އިޙްސާސްކުރެވޭތީއެވެ. ކާ ހިތް ނުވިޔަސް އޭނާގެ ބަނޑުގައި އެވާ ކުޑަ ދަރިފުޅުގެ ޙައްޤުގައި އޭނާ ކޮންމެވެސް ވަރަކަށް ކާން ޖެހޭނެތާއެވެ.

ގޮނޑިން ތެދުވަން އުޅެނިކޮށް ރައުދާގެ އެކުވެރިއަކު އޭނާއަށް ތިން ފޭރު ގެނެސްދިނެވެ. ބަނޑުބޮޑުވުމުން ސިއްހަތަށް ފައިދާ ހުރި އެއްޗެހި ކާން ވާނެކަމަށް ބުނެލިއެވެ.

ހިނިތުންވުމަކާއެކު އޭގައި ހިފަމުން ރައުދާ ޝުކުރު އަދާ ކުރިއެވެ. މެންދުރު ގަޑީގައި ރައުދާ އޭގެން ފޭރެއް ކައިގެން ހަމަ ޖައްސައިލިއެވެ. އިތުރު އެއްޗެއް ކާހިތް ނެތުމާ އެކުގައެވެ. ބާކީ އޮތް ދެ ފޭރު އޭނާ ބޭއްވީ ގެއަށް ގޮސް ކައިލުމުގެ ބޭނުމުގައެވެ.

*****

އެއާރޕޯޓް ސްޓޭންޑްބައި ޑިއުޓީއަށް އާރާއާ ޒީޝާންއާ ދެމީހުން ދިޔައީ އެކު އެކީގައެވެ. އޭރު މެންދުރު ބާރަޖަހަނީއެވެ. ރެސްޓިން ރޫމަށް ވާތްއިރު އޭރު ޑިއުޓީގައި ހުރީ އެންމެ ކުއްޖެކެވެ.

ބާރަ ޖެހުމާއެކު އެ ކުއްޖާ ވެސް ދިޔުމަށް ހިނގައިގަތެވެ. ސޯފާގައި އިށީން އާރާއަށް ޒީޝާން ގޮވައިލިއެވެ.

"އޭތް އެނގޭތަ އާރޫއަށް. އަހަރެން އަރްޒަންގެ އިންޓަރވިއު އެއްކޮށް ބެލިން... ވަރަށް ސްމާޓް!. ހުވާ. ކިރިޔާ އޭ ފެއިންޓް ނުވީ. ހާދަ ރީއްޗޭ!" ޒީޝާން ހުރީ ޚިޔާލީ ދުނިޔެއެއްގައެވެ. އޭނާގެ ވާހަކައިން އާރާގެ ތުންފަތްމައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ.

"އަހަރެން ނުވެސް ކައި މިއައީ. ވަރަށް ބަނޑުހައި ވެއްޖެ." އާރާ ވާހަކައެއްގެ ތެރެއިން ބުނެލިއެވެ.

"ލެޓްސް ގޯ ކޮންމެވެސް އެއްޗެއް ކާން!" ޒީޝާން ބުނެލިއެވެ. ދެމީހުން އެކުގައި އެއްޗެއްކާން ހިނގައިގަތް އިރުވެސް ޒީޝާން އިރުއިރު ކޮޅަކާ އަރްޒަންގެ ވާހަކަ ފަށައެވެ. އެތެރެއަށް ވަދެގެން އައި އަޔާން ފަސްދީ ދިޔުމާއެކު ޒީޝާން އަނެއްކާވެސް އަރްޒަންގެ ފާހަކަ ފެށިއެވެ.

"ތިވަރަށް ލޯބިވަންޏާ ވެއްޖެއެއްނު ދެން ބުނަން ހަހަ" އާރާ ހިނިގަނޑަކާ އެކީ ބުނެލިއެވެ. މަޑުން ބުނަން އުޅުނު، ނަމަވެސް އައި ފޯރީގައި އާރާއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"އޭތް! އާރާ ތަންކޮޅެއް މަޑުން..." ޒީޝާން އާރާގެ އަތުގައި ވިކައިލަމުން ބުނެލިއެވެ. އަޔާންއަށް އަޑު އިވިދާނެތީ އެވެ. އާރާ އޭނާގެ ދޫ ނެރިލަމުން ޒީޝާންއަށް ބަލައިލިއެވެ. ދެމީހުން އެކި އެކީ ފަސްއެނބުރި ބަލައިލިއެވެ. އަޔާން އެމީހުން ބަލައިވެސް ނުލައެވެ.

އޭރު އެ ދެމީހުންނަށް ނޭނގުނު ކަމަކީ އެ ވާހަކަތައް އަޔާންއަށް އަޑު އިވުނުކަމެވެ. ފަސްއެނބުރި ބަލައިނުލި ނަމަވެސް އަޔާންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިކަމެވެ.

"އަޔާންއަށް އަޑު އިވުނުނަމަ ކިހިނެއްވާނީ؟" ޒީޝާންއަށް ބުނެވުނެވެ.

"ކީއްވާނީ؟. ގޮސް އަރްޒަން ކައިރީގަ ބުނާނީނު. ދެން އަރްޒަން އަންނާނެއެއްނު ޕްރޮޕޯޒްކުރަން" އާރާ ހީގަތެވެ. ޒީޝާން އާރާގެ ގައިގައި ޖަހައިލިއެވެ.

ކައިގެން އައިސް ސޯފާގައި އިށީން އާރާގެ ފޯނަށް ރަފްހާން ގުޅިއެވެ. އެއާއެކު މި ހުރިހާއިރު، އެ ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވިއެވެ.

"ކިހިނެއްވީ؟" ޒީޝާން ސުވާލުކޮށްލިއެވެ.

"ރަފްހާން" އާރާ ބުނެލިއެވެ. އޭނާ ފޯނު ސައިލެންޓަށް ލަމުން ޒީޝާންއަށް ގޮވައިލިއެވެ. ރޭގެ ހާދިސާ އޭނާ ޒީޝާންއަށް ކިޔައިދިނެވެ.

"އެބިއުސް ވެސް ކުރަން ފެށީތަ؟" އާރާގެ ވާހަކަ ނިމުމާއެކު ޒީޝާން އަހައިލިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލީ ބުނާނެ އިތުރު އެއްޗެއް ނޭނގުމުންނެވެ.

"އާރާ ޕްލީޒް! އޭނައާ ދުރުވެބަލަ! ތިހެން މިހާރު އުޅެންފަށައިފިއްޔާ ފަހުން ކޮބާހާލަކީ؟ މެރީ ކުރީމަ އަދި ކިހިނެއް ހަދާނީ؟ ޕްލީޒް އާރާ. އަދި ރަނގަޅު ކުއްޖެއް ލިބިދާނެ! " އެންމެ ފަހުން ޒީޝާން ބުނެލިއެވެ. އާރާ ބުނީ ޒީޝާންގެ ވާހަކަތަކާމެދު އޭނާ ވިސްނަމުންދާ ކަމުގައެވެ.

ޑިއުޓީ ނިމެން ފަނަރަ މިނިޓަށް ވެފައި ހުއްޓާ ޒީޝާންއަށް ފްލައިޓެއް ޖެހުނީ ކުއްޖަކު ބަލިވެގެން ނައީތީއެވެ. އެކުގައި ދަތުރުކުރަން ހުރީ ޒޭބާކަމަށް ވުމާއެކު ވީ ފޫހިން ޒީޝާންއަށް ފޫހިވައްތަރެއް މޫނަށް ޖައްސައިލެވުނެވެ. ޒޭބާ އޭނަ ދެކެ އެހާ ރުޅިއަންނަނީ ކީއްވެކަން އެނގެން ބޭނުންވިޔަސް، އެ ވާހަކަ ޒޭބާ ކައިރީ އަހާކަށް އޭނާއަކަށް ނުކެރުނެވެ.

ބޯޓަށް ގޮސް ގެލީ ތެރެއަށް ވަތް ޒީޝާންއަށް ބަލައިލަމުން ޒޭބާ މޫނު އަނބުރައިލިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން ޒީޝާން ޒޭބާ އާ ވާހަކަދެއްކިއެވެ. އެކުގައި ދަތުރުކުރާއިރު ވާހަކަ ނުދައްކައެއް ވެސް ނުހުރެވޭނެއެވެ.

ބޯޓު މައްޗަށް އަރާ ހަމަޖެހުމާއެކު ގޮނޑިން ތެދުވި ޒީޝާން އަވަސްވެގަތީ ބޯޓުގެ ޕައިލެޓުން އެއްވެސް އެއްޗެއް ބޭނުންވޭތޯ ބަލައިލާށެވެ. އޭނާ ދާން އުޅުމުން އެކަމަށް ހުރަސް އެޅީ ޒޭބާއެވެ. އޭނާ ޒީޝާން ހުއްޓުވީ އެތެރޭގައި ރާކިން އިނީތީއެވެ.

ރާކިންއާ ޒައުލްވެސް ކޮފީއެއް ބޭނުންވުމުން ޒޭބާ ކޮފީ ހިފައިގެން އެތެރެއަށް ވަނެވެ. ރާކިން ޒޭބާއަށް ބަލައިލާފައި ހިނިތުންވެލިއެވެ. އެހެންނަމަވެސް އެ ނަޒަރުން އެއްވެސް ޚާއްސަކަމެއް ޒޭބާއަކަށް ފާހަގަ އެއްނުކުރެވުނެވެ. ޒޭބާގެ ހިތަށް ތަދުވެސް ވިއެވެ. ދެރަވެސް ވިއެވެ. ހަމަމިއާއެކު، ނަފުސަށް ރުޅިވެރިކަން ވެސް ވެރިވިއެވެ. އެހެންނަމަވެސް އެވަގުތު އޭނާ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލީ މަޖުބޫރުވެގެންނެވެ. އޭނާ އެހުރީ ކޮންތާކުކަން ހަނދާންވެފައެވެ. (ނުނިމޭ)

comment ކޮމެންޓް