ފިޓް ފާޒިލް މަކަރު ހެދިކަމުގެ ތުހުމަތު، ޝަރުމީލާއަކީ އަސްލެއް ނޫން؟!

އިންސަޓްގްރާމް މޮޑެލްއެއްގެ ގޮތުގައި ޒުވާނުންގެ މެދުގައި މަޝްހޫރުވެފައިވާ، ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އޭނާގެ އިންސްޓްގްރާމް ފޭނުންގެ ތެރެއިން ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް އޭނާ ދޭން ހުޅުވާލި އަގުބޮޑެތި ހަދިޔާތަކުގެ ނަސީބުވެރިޔާ އަސްލުގައިވެސް ހޮވައި އެ ފަރާތަށް އެ ހަދިޔާތައް ދިންކަމާމެދު ސުވާލު އުފެދި ބޮޑު ބަހުސަކަށް ވެއްޖެ އެވެ.

އޭނާގެ ޕްރޮފައިލް ފޮލޯކޮށް ޕޯސްޓް ޝެއާ ކުރާ ފޭނުންނަށް ދޭ އޭނާ އިއުލާން ކުރި އަގު ބޮޑެތި ހަދިޔާތައް ލިބުނު ނަސީބުވެރިޔާ މިދިޔަ ހުކުރު ދުވަހުގެ ރޭ ފިޓް ފާޒިލް ވަނީ ހޮވައި އޭނާގެ އިންސްޓަގްރާމްގެ ސްޓޯރީގައި އާންމުކޮށްފަ އެވެ. ފާޒިލް "ސަން" އަށް އެރޭ ބުނީ ނަސީބު ވެރިޔަކީ އައިޝަތު ޝަރުމީލާ ކަމަށާއި އިނާމުތައް ވެސް އޭނާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ހަދިޔާތައް ލިބުނު ކަމަށް ބުނާ "ޝަރުމީލާ" އަކީ ބުރުގާ އަޅާ މީހެއްކަމަށް ބުނެ ފޮޓޯ ނަގަން ބޭނުން ނުވިކަމަށް ފިޓް ފާޒިލް އެ ރޭ ބުންޏެވެ.

"އޭނާ ބުރުގާ އަޅާތީ އޭނާ ފިރިމީހާ ގަބޫލެއް ނޫން. ދެން އިނާމް ދޭން ދިޔައިރު ޝަރުމީލާ ހުރީ މާސްކު އަޅައިގެން،" ފިޓް ފާޒިލް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ "ސަން" އަށް ބުންޏެވެ.

އެއަށް ފަހު އޭގެ ދެތިން ދުވަސް ފަހުން، އެކަމާ މެދު އެތައް ވާހަކައެއް ފެންމަތިވާން ފެށި އެވެ. ފާޒިލް އާންމުންނަށް އޮޅުވާލީ ކަމާއި އޭނާ އިނާމުތައް ދިން ކަމަށް ބުނާ، "ޝަރުމީލާ" އަކީ އަސްލު މީހެއް ނޫން ކަމަށާއި އެއީ "ފޭކް ޕްރޮފައިލް"އެއް ކަމުގެ ތުހުމަތު މި ވަނީ ބޮޑުވެފަ އެވެ.

އެންމެ ގިނަ ބަޔަކު ސުވާލު އުފެއްދީ އެ ހަދިޔާތައް އޭނާ ހަވާލު ކުރާ ފޮޓޯ ނެތުމާއި، "aish_sharu" ގެ ޔޫސާ ނޭމްގައި ހަދާފައިވާ އެ ޕްރޮފައިލްގައި ވަރަށް މަދު ފޮލޯވަރުން ތިބުމާއި އޭނާ ފޮލޯކޮށްފައިވާ ފަރާތްތައް މަދުވުމެވެ. އަދި އެ އެކައުންޓަކީ ޕްރައިވެޓް އެކައުންޓަކަށް ވާއިރު، ފާޒިލްވެސް އެ އެކައުންޓް ފޮލޯ ނުކުރި ނަމަވެސް، ޝަރޫގެ ޕޯސްޓްތައް ފާޒިލް ސްކްރީން ޝޮޓްކޮށް އޭނާގެ ސްޓޯރީއަށް ލުމަކީ ވެސް ގިނަ ބަޔަކު ސުވާލު އުފެއްދި ކަމެެކެވެ.

އިނާމުތައް ލިބުނުކަމަށް ބުނެ ޝަރުމީލާއާ ހަވާލާދީ ފާޒިލް އޭނާގެ އިންސްޓަގްރާމްގައި ވެސް ފާޒިލް ސްޓޯރީއެއް ޕޯސްޓްކުރި އެވެ. އެ ސްޓޯރީގައި ޝަރުމީލާ ފާޒިލަށް ޝުކުރު އަދާކޮށްފައިވެ އެވެ.

https://sun.mv/138765

"ޝުކުރިއްޔާ ވަރަށް ބޮޑަށް. ހަގީގަތުގައިވެސް އިނާމްތައް ލިބޭނެކަމަށް އުއްމީދެއް ނުކުރަން. މަޖަލަކަށް މީގައި ބައިވެރިވީވެސް. މިހާރު (އުފަލުން) ރޮވިއްޖެ" ޝަރުމީލާ ބުނިކަމަށްބުނެ ފާޒިލް ސްޓޯރީގައި ޖެހި ޕޯސްޓްގައިވެ އެވެ.

ފިޓް ފާޒިލް ގިވްއަވޭއަށް ފަހު އިންސްޓަގްރާމް ސްޓޯރީއަށް ލި މެސެޖު--

ޝަރުމީލާގެ ނަމުގައި ހުޅުވާފައިވާ އިންސްޓަގްރާމަކީ ޕްރައިވެޓް އެކައުންޓެކެވެ. އެ އެކައުންޓްގައި ވަނީ 72 ފޮލޯވާޒްއެވެ. އަދި ޝަރުމީލާ 589 މީހުން އިންސްޓަގްރާމްގައި ފޮލޯ ކުރެ އެވެ. އެ އެކައުންޓްގެ ފްރޮފައިލްގައި އިންނަނީ އަސްލު ފޮޓޯއެއް ލާފައެއް ނޫނެވެ.

އެހެންވެ ގިނަ ބަޔަކު ސޯޝަލް މީޑީއާގައި ތުހުމަތު ކުރަނީ ޝަރުމީލާގެ އެކައުންޓަކީ "ފާޒިލް" އަމިއްލައަށް ހަދައިގެން އުޅޭ ފޭކް އެކައުންޓެއް ކަމަށެވެ. އަދި އެފަދަ "މީމް"ތައްވެސް ގިނަ ބަޔަކު ވަނީ ޝެއާކޮށްފަ އެވެ.

ތުހުމަތުތަކާ އެކު ޝަރުމީލާ ހޯދަން އެތައް ބަޔަކު ބޭނުންވެފައި ތިއްބާ، ފިޓް ފާޒިލް މީސް މީޑިއާގައި އެއްޗެއް ނުބުނެ ހުރުމަށް ފަހު އޭނާ ރޭ ވަނީ ޝަރުމީލާއާ އިނާމުތައް ހަވާލު ކުރާ ކަމަށް ވުނެ ވީޑިއޯ ކޮޅަކާއި ފޮޓޯއެއް އާންމުކޮށްފަ އެވެ. ފާޒިލް ދިން ހަދިޔާތަކާ އެކު ޝަރުމީލާ ކައިރީ ފާޒިލް އިންނަތަން ފެނުނު ނަމަވެސް، ޝަރުމީލާގެ މޫނެއް ނުފެނެ އެވެ. އޭނާ އިނީ މޫނު ބުރުގާ އަޅައިގެންނެވެ.

އެ ފޮޓޯއާ އެކު ފާޒިލް އޭނާގެ ސްޓޯރީގައި ޖެހި ޕޯސްޓްގައި އެކަން ޖަސްޓިފައިކޮށްދެމުން ބުނެފައި ވަނީ މީގެ ކުރިން ވެސް ޝަރުމީލާއާ އެކު ފޮޓޯއެއް ނަގައި ނުލީ އޭނާ އެގޮތަށް ބޭނުން ނުވުމުން ކަމަށެވެ. ނަމަވެސް ތުހުމަތުތައް ބޮޑުވެ، އެކަމަށް އޭނާގެ ފޭނުން އެދެމުން ދާތީ ޝަރުމީލާއާ އެކު ފޮޓޯއެއް ނަގައި އާންމު ކުރީ ކަމަށް ވެސް ފާޒިލް ބުންޏެވެ.

"ޝަރުމީލާގެ ފިރިމީހާއާ ވަރަށް ގިނައިރު ވާހަކަދައްކައިގެން އެކަމަށް އެއްބަސްވީ. ސޯޝަލް މީޑިއާގައި އަހަންނަށް ބުލީ ކުރިމީހުންނަށް ސާބިތުކޮށްދޭނަން ހަދިޔާ ހަގީގަތުގައިވެސް ދިންކަން،" ފިޓް ފާޒިލް ޕޯސްޓްގައި ބުންޏެވެ.

އެހެން ނަމަވެސް ދެން ވެސް އާންމު އެ ވާހަކަ ގަބޫލެއް ނުކުރި އެވެ. އެތައް ބަޔަކު ބުނީ އެއް ދޮގު ފާޒިލް އަނެއް ދޮގު ހަދާ އޮޅުވާލަނީ ކަމަށެވެ. އަދި ފާޒިލް އާންމުކުރި ފޮޓޯގައި މޫނު ބުރުގާ އަޅައިގެން އިން އަންހެން ކުއްޖާއަކީ ޝަރުމީލާ ނޫން ކަމާއި އެއީ ފާޒިލް ރަހުމަތްތެރި އެހެން ނަމެއް ކިޔާ އެހެން އަންހެން ކުއްޖެއް ކަމަށް ބުނެ އޭގެ ހެކިވެސް ބައެއް މީހުން ވަނީ ސޯޝަލް މީޑިއާއަށް މިހާރު ފަޅާއަރުވާލައިފަ އެވެ.

"އަހަރުމެން ހީކުރީ ފާޒިލް މާފަށް އެދޭނެ ކަމަށް. އެކަމަކު މަތި މައްޗަށް މި ހަދަނީ ދޮގު،" މީހަކު ޓްވިޓާގައި ހިޔާލު ފާޅުކުރި އެވެ.

އެ މައްސަލައިގައި "ސަން" އިން ތަކުރާރުކޮށް ގުޅުމުން ވެސް ފާޒިލް ފޯނެއް ނުނަގަ އެވެ. އަދި "ފަހުން ގުޅާނެ" ކަމަށް ބުނެ މެސެޖެއް ފޮނުވި ނަމަވެސް ހަބަރެއް ނުވި އެވެ.

ފިޓް ފާޒިލް ހަގީގަތުގައިވެސް ޝަރުމީލާއަށް ހަދިޔާތައް ދިންކަން "ސަން" އަކަށް ވެސް ކަށަވަރެއް ނޫނެވެ. ފިޓް ފާޒިލުގެ އަގުބޮޑު ހަދިޔާތައް ޝަރުމީލާއާ ހަވާލު ކުރި ކަމަށް "ސަން" ގައި ލިޔެފައިވަނީ ފާޒިލް އެ ޔަގީންކަން ދިނުމުންނެވެ. އަދި ޝަރުމީލާ ބުނި ކަމަށް ބުނެފައިވާ ވާހަކަތަކަކީ ޝަރުމީލާ ކަމަށް ބުނާ މީހާގެ އިންސްޓަގްރާމް ސްޓޯރީގައި އޭނާ ހިއްސާކޮށްފައި ހުރި ވާހަކަތަކެއް ކަމަށް ބުނެ ފާޒިލް އޭނާގެ ސްޓޯރީއަށް ލީ ސްކްރީން ޝޮޓްތަކެއްގެ މައްޗަށް ލިޔެފައިވާ ވާހަކަތަކެކެވެ.

ފާޒިލް ދޭން ހުޅުވާލި ހަދިޔާ ތަކުގެ ތަކެތީގެ ތެރޭގައި “މެކްބުކް އެއާ ގޯލްޑް”އަކާއި، 512 ޖީބީގެ “އައިފޯން އެކްސް އެސް” އަދި “އެއާޕޮޑް”އެއް ހިމެނެ އެވެ. އެ ތަކެތީގެ އިތުރުން ފާޒިލްގެ ގިފްޓް ހެމްޕާގައި މަޝްހޫރު ބްރޭންޑްތައް ކަމަށްވާ "ވިކްޓޯރިއާ ސީކްރެޓްސް، ގޫޗީ، ޖޯރޖިއާ. އަރްމާނީ، ޑިއޯރ”ފަދަ ބްރޭންޑްތަކުގެ ތަފާތުތަކެތި ހިމެނެ އެވެ.

މިތަކެތީގެ އަގު ގާތްގަނޑަކަށް 100،000 ރުފިޔާއާ ގާތްކުރާނެ އެވެ.

ބައެއް މީހުން ބުނެފައި ވަނީ މިއީ ވަރަށް ބޮޑު އޮޅުވާލުމެއް ފާޒިލްގެ މައްސަލަ ފުލުހުން ބަލަން ޖެހޭ ކަމަށެވެ. އަދި އޮޅުވާލުމާއި މަކަރު ހެދުމުގެ ތެރެއިން ހިންގާ މިފަދަ ކަންކަމުގެ ކަންކަން ބަލަން ޖެހޭ ކަމަށް ވެސް އާންމުން ބުންޏެވެ. އަދި ބައެއް މީހުން ބުނި ގޮތުގައި، ފާޒިލް ދިން ހަދިޔާތަކުގެ އަގު 40،000 ރުފިޔާއަށް ވުރެ މަތިކަމުން އިންކަމް ޓެކްސް ގާނޫނުގެ ދަށުން ޝަރުމީލާ އެކަން މީރާގައި ފައިލް ކުރަން ޖެހެ އެވެ. އެހެން ނޫން ނަމަ، ޝަރުމީލާ އެ ކުރަނީ ކުށެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ފާޒިލް ބުނާ ގޮތުގައި އޭނާގެ އަގުބޮޑު ހަދިޔާތަކުގެ ނަސީބުވެރިޔާ ހޮވައިފައިވަނީ އެޕް ސޯޓިއޯސް އެޕް ބޭނުންކޮށްގެންނެވެ. އެޕް ސޯޓިއޯސް އެޕްއަކީ އާންމުކޮށް އިންސްޓަގްރާމާއި އެހެނިގެން ސޯޝަލް ނެޓްވޯކްތަކުގައި ފޭނުންނަށް "ގިވްއަވޭ"ތަކާއި ޕްރޮމޯޝަންތަކާއި އަދި ކޮންޓެސްޓްތައް ބާއްވާއިރު ނަސީބުވެރި ފަރާތްތައް ހޮވަން ބޭނުންކުރާ އެޕެކެވެ. މީގެ ކުރިން ރާއްޖޭގައި ބޭއްވި އެފަދަ ގިވްއަވޭ ތަކުގައި އެއެޕް ބޭނުންކޮށްފައިވެ އެވެ. އެކަމަކު މައްސަލައަކީ، އެ ވީޑިއޯވެސް ފާޒިލް ހިއްސާނުކުރުމެވެ.

ކޮންމެ އަކަސް، އަގު ބޮޑެތި އިނާމުތަކެއް ދޭނޭ ކަމަށް ބުނެ ފާޒިލް މަކަރު ހެދި ކަމުގެ ތުހުމަތުން އޭނާއަށް ސަލާމަތެއް ނުވެވެ އެވެ. އަދި އެކަމުން ބަރީއަވާން އޭނާ ދައްކާ ހުއްޖަތްތަކެއް ވެސް އާންމުން ގަބޫލެއް ވެސް ނުކުރެ އެވެ. ކޮންމެ އަކަސް، ފާޒިލް މިވަނީ އެންމެ ފަހުން ބޭޒާރުވެފަ އެވެ. އެންމެން އަދިވެސް ބޭނުމީ ޝަރުމީލާއަކީ އަސްލެއްތޯ ބަލާށެވެ. ނޫނީ ފާޒިލް އަމިއްލައަށް އުފެއްދި ހިޔާލީ ކެރެކްޓާއެއްތޯ ބަލާށެވެ.

comment ކޮމެންޓް