ފަލަސްތީނުގެ ހައްގުތައް ހިމާޔަތްކޮށް އެހީ އިތުރުކުރުމަށް ރާއްޖެއިން ގޮވާލައިފި

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- (ފޮޓޯ/ފޮރިން މިނިސްޓްރީ)

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަށް ހިމާޔަތްކޮށް އެ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައި ފޯރުކޮށްދިނުމަށް ދިވެހިރާއްޖެއިން ގޮވާލައިފި އެވެ،

ރާއްޖެއިން މިގޮތަށް ގޮވާލާފައިވަނީ އ.ދގެ އެޖެންސީ، "ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް" (އަންރުވާ) ގެ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގަ އެވެ. މިއަދުގެ ބައްދަލުވުމަކީ މިއަހަރާއި، ކުރިއަށް އޮތް ދެ އަހަރު އަންރުވާއަށް ބޭނުންވާ ފަންޑާއި، ބައިނަލްއަޤްވާމީ މުޖްތަމައުން ބޭނުންވާ ސިޔާސީ މަދަދުވެރިކަން ހޯދުމަށް މަސައްކަތްކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ވާޗުއަލްކޮށް ބޭއްވުނު މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްޤުތަކާއި، ކަރާމާތް ރައްކާތެރިކުރުމަށް އަންރުވާ އެޖެންސީގެ ފަރާތުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް ބާރުއަޅައި އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލައްވާފަ އެވެ.

އަދި އަންރުވާއަށް ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ފަލަސްތީނުގެ ރެފިއުޖީންނަށް ކުރިމަތިވާ ދަތިތަކާމެދު މިނިސްޓަރު ޝާހިދު ވަނީ މި ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެހެންނަމަވެސް، ކޮވިޑް-19 ފަދަ އެތައް ދަތިތަކާއެކުވެސް، އެޖަމްއިއްޔާއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި، މީގެ 70 އަހަރު ކުރިން އުފެއްދި އަންރުވާ އިން ހޯދާފައިވާ ކުރިއެރުމަށް އަލިއަޅުއްވަލައްވައި، ފަލަސްތީނުގެ 5.5 މިލިއަން ރެފިއުޖީން އަސާސީ ބޭސްފަރުވާއަށާއި ތައުލީމަށް ބަރޯސާ ވަނީ އަންރުވާގެ އެހީއަށްކަން ފާހަގަކުރެއްވިއެވެ.

އަދި އ.ދގެ ޤަރާރުތަކާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވަނީ އެކަން ތަކުރާރުކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި އ.ދގެ މެމްބަރު ބައެއް ޤައުމުތަކުން ވަނީ އަންރުވާއަށް މާލީ އެހީތެރިކަން ދިނުމަށް އެއްބަސްވެފައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީއާއި ސްވިޑްންގެ ޚާރިޖީ ވަޒީރު ޕީޓަރ އެރިކްސަން އެވެ.

comment ކޮމެންޓް