ދޫވި ރޭޕިސްޓު، އަލުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށް، އެ ކުށަށް ތުހުމަތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ވީ ނަމަވެސް، އޭނާ އިތުރަށް ބަންދުގައި ބެހެއްޓޭނެ ގާނޫނީ ހަމައެއް ނެތިގެން ބަންދުން ދޫކޮށްލަން ޖެހުނު މީހާ، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަހްމަދު (25އ) އެވެ.

އޭނާއަކީ އުމުރުން 16 އަހަރުގެ ކުޑަ އަންހެންކުއްޖަށް ބިރުދައްކައިގެން، އެކުއްޖާއާއި އާއިލާ ބްލެކްމެއިލްކޮށް، އެކުއްޖާ މާލެ ގެނެސް ރޭޕްކުރި މައްސަލައިގައި ތުހުމަތުވާ މީހާއެވެ. އޭނާ ހައްޔަރުކުރީ މޭ މަހުގެ 28 ވަނަ ދުވަހުއެވެ. ފުލުހުން ވަނީ އޭނާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފައެވެ.

https://sun.mv/137641

އުނައިސް އަހްމަދު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް ޖޫން 22 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މި މައްސަލަ އަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުގައި ނުވާތީ، މި ފަދަ މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާތީ، އިތުރަށް ބަންދުގައި ބެހެއްޓޭނެ ގާނޫނީ ހަމައެއް އޮތްކަމަށް ނުފެންނާތީ ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފައިވެއެވެ.

ފުލުހުން ބުނީ، އުނައިސް އަހްމަދުގެ މައްޗަށް ޝަޚްސު އޮޅުވާލައި މަކަރާއި ހީލަތް ހަދައިގެން ކުޑަކުއްޖަކު ގެނެސް އެ ކުއްޖާ ރޭޕްކޮށްފައިވާ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން، އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި އެގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތް އޮތްކަމަށް ފަޑިޔާރަށް ގަބޫލުކުރެވި، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

https://sun.mv/137641

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާގައި ބުނެފައި ވަނީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ޝަރީއަތުގެ މަޖިލީހުގައި، އޭނާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެމަތިންކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައެޅުމުގައި، މައްސަލައިގައި ހިމެނޭ ދެފަރާތުން ހުށަހަޅާ ކަންތައްތަކަށް ފަނޑިޔާރު ރިއާޔަތްކުރަންވާނެ ކަމަށެވެ.

އަދި އޭގެ އިތުރުން، ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށް ކޮށްފައިވާ ހާލަތާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމުގެ މައްޗަށާއި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށާއި އޭނާގެ ކުށުގެ ރެކޯޑަށާއި ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި އަމަލުކޮށްފައިވާ ގޮތަށް ރިއާޔަތްކުރަން ވާނެ ކަމަށެވެ.

ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭނަމަ، އަދި އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ނުވަތަ އޭނާ ފިލައިފާނެ ކަމަށް ބެލެވުމާއި، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި މަހުގެ 10 ވަނަ ދުވަހު، 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެސްޓްހައުސް އަކަށް ގެންގޮސް ރޭޕް ކުރި މައްސަލައިގައި ތުހުމަތުވާ މީހާ ވެސް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ހއ. ބާރަށު، ސިލްސިލާގޭ، އަނީސް ހިލްމީ، 38، އަށެވެ.

comment ކޮމެންޓް