ސައުދީ އަދި އަބޫދާބީން 50 މިލިއަން ޑޮލަރުގެ ލޯނެއްދޭން ނިންމައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޔޫއޭއީގެ ފޮރިން މިނިސްޓަރާއެކު -- ފޮޓޯ/ ރައީސް އޮފީސް

ސައުދީ އަރަބިއާ އަދި އަބޫދާބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ސައުދީން ލޯނުދެނީ މަސްވެރިކަމާއި ބޯހިޔާވަހި ކަމަށް ކަމަށެވެ. އަދި އަބޫދާބީން ލޯނު ދެނީ ބަޖެޓް ސަޕޯޓަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަބޫދާބީ އިން ބަޖެޓު ސަޕޯޓަށްދޭ ފައިސާ ރިއަލައިޒް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑއެކު ދިމާވެފައިވާ އިގްތިސޯދީ ދަތިކަމުން އަރައިގަތުމަށް މިހާތަނަށް 120 މިލިއއަން ޑޮލަރުގެ ލޯނާއި ހިލޭ އެހީ ލިބިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"މިއަދުވެސް ވޯލްޑް ބޭންކާއެކު ފިނޭންސް މިނިސްޓަރު ބޭއްވެވި ބައްދަލުވުމުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް އުއްމީދު ކުރަނީ،" ރައީސް ވިދާޅުވިއެވެ.

"އަމާޒަކީ ބަޖެޓު ފޫބެއްދުމަށް ބޭނުންވާ ލޯނާއި ފައިސާ، އެހީގެ ގޮތުގައި ހޯދުން. އިރާދަ ކުރެއްވިއްޔާ އޭގެން ބޮޑުބަޔެއް ހޯދޭނެ،" ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ހަ މަހަކީ ދަތި އުނދަގޫ ދުވަސް ތަކަކަށް ވާނެ ކަމަށާއި ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން ނިންމާފައިވާކަަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

ސުކޫކުު ވިއްކަނީ ޖަޕާނަށް ވިއްކަން ނިންމި 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑު ވިއްކުން މަޑުޖައްސާލުމަށް ފަހުއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގާތް ގައުމުތަކުން މާލީ އެހީތެރިަކން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މިކަމުން އަރައިގަތުމަށް މަދުވެގެން 900 މިލިއަން ޑޮޮލަރު ނުވަތަ އެއް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ބޭރުގެ މާލީ އިދާރާތަކުން، 215 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއަހަރަށް ލަފާކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެެ ބަޖެޓެކެވެ. ކޮވިޑާއެކު އިގްތިސާދު ހުއްޓިފައިވާއިރު މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ 29 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން މިހާރު ލަފާކޮށްފައިވަނީ ލިބޭނީ 15 ބިލިއަން ރުފިޔާ ކަމަށެވެ.

comment ކޮމެންޓް