ސަރުކާރުގެ އަމާޒު 850،000 ފަތުރުވެރިން ގެނައުމަށް

މިދިޔަ އަހަރު ރާއްޖެއައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުން -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 8،50،000 ފަތުރުވެރިން ގެނައުން ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަކު ކުރައްވާ ރައީސް މިއަދު ވިދާޅުވީ އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލާ، ފަތުރުވެރިކަން ފެށޭނެ ކަމަށެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަނީ ހުރިހާ ގައުމަކަށް ކަމަށެވެ.

"ބޯޑަރު ހުޅުވާލާއިިރުގައި އަޅުގަނޑުމެން މި ހުޅުވާލަނީ ހަމަ ހުރިހާ ގައުމަކަށް. އެކަމަކު ބައެއް ގައުމުތަކުން އެބަހުރި އެ ގައުމުތަކުން ބޭރަށް ދަތުރު ކުރުމުގައި ނިންމާފައި ހުރި ނިންމުންތަކެއް،" ރައީސް ވިދާޅުވިއެވެ.

ޔޫއޭއީ އަދި ޖަރުމަނުންވެސް ރާއްޖެއަކީ ދަތުރުުކުރަން ރައްކާތެރި ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އެއީ ލިބިފައިއޮތް ބޮޑު އުއްމީދެއް ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

އެގޮތުން ރައީސް ވިދާޅުވީ ޗައިނާ އިން ރާއްޖެއަށް މީހުން ފޮނުވާނެ ކަމުގެ ޔަގީންކަން މިހާރު ދީފައިވާ ކަމަށާއި ނަމަވެސް ޗައިނާ އަށް އެނބުރިދާ ކޮންމެ މީހެއްގެ 120 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ އޮންނަން ޖެހޭ ކަމަށެވެ.

"އެކަން ކޮށްދޭކަމަށް ވަންޏާ ޗައިނާ ޓޫރިސްޓުން އަންނާނެ. އެހެންވީމާ އަޅުގަނޑުމެން ޗައިނާ ސަރުކާރަށް ޔަގީންކަން ދީފިން އެ އެދޭގޮތަށް ޗައިނާ ޓޫރިސްޓުން ރާއްޖެއިން ފުރާއިރު ޓެސްޓު ހެދޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސާނަމޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗައިނާ ސަރުކާރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 1000 ޓެސްޓު ދުވާލެއްގެ މައްޗަށް ހެދޭ ޓެސްޓިން މެޝެނެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަންނަ މަހުގެ 15 ގައި ފަތުރުވެރިކަމަށް ބޯޑަރު ހުޅުވާލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފައިވަނީ މިހާތަނަށް 10 އެއާލައިނަކުން ރާއްޖެ އަންނަން ނިންމާ، ސްލޮޓު ބުކް ކޮށްފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އާ އާންމު ހާލަތުގައި ބޯޑަރު ހުޅުވާލާއިރު ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ވީއައިއޭ އޮތީ 100 ޕަސެންޓު ތައްޔާރުވެފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ބޮޑަރު ހުޅުވާލުމާއެކު ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާނީ ޖުލައި ނޫނީ އޮގަސްޓުގައި ކަމަށެވެ.

"މިހާރުވެސް ބައެއް ރިސޯޓުތަކުން އޮކިޔުޕެންސީ 30 ޕަސެންޓުގައި ހިފެހެއްޓޭނެކަމަށް އެބަ ބުނޭ .އެއީ ރަނގަޅު ސައިން އެއް. އަޅުގަނޑުގެ އަންދާޒާ އަކީ ގާތްގަނޑަކަށް މުޅި ޖުމްލަ 850،000 ޓޫރިސްޓުން މުޅި ޖުމްލަ މިއަހަރު ގެނެވޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

"އަހަރުގެ ފަހުކޮޅުގައި ޓޫރިޒަމް ބޮޑު ތަނުން ރަނގަޅުވާނެ ކަމަށް އުއްމީދު ކުރަން. ރާއްޖޭގެ ރިސޯޓުތަކަށް ޓޫރިސްޓުން އަންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވިދާޅުވީ މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ނަމަވެސް މިއަހަރު ލަފާކުރެވެނީ 980،000 ފަތުރުވެރިން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުވެސް 1.7 މިލިއަން ފަރުތުވެރިން އައިސްދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ވަރަށް ރަނގަޅަށް މާކެޓިން ގެ ކަންތައް ކުރެވިއްޖެ ނަމަ، އަދި ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލު ވެއްޖެ ނަމަވެސް ލަފާކުރެވެނީ 1.1 ނުވަތަ 1.2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގެ 70 ޕަސެންޓު ފަތުރުވެރިކަން ހިއްސާކުރާއިރު ފަތުރުވެރިކަން މަޑުޖެހިފައިވުމުން ދައުލަތަށް ލިބޭ އާމްދަނީ ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.

ކޮވިޑް19 އާއި ގުޅިގެން މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރިއިރު، ރާއްޖެ އައިސްފައިވަނީ 382،762 ފަތުރުވެރިންނެވެ.

comment ކޮމެންޓް