ފަތުުރުވެރިން ފޮނުވާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ފަތުރުވެރިން ފޮނުވާނެ ކަމުގެ ޔަގީންކަން ޗައިނާ އިން ދީފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، އަންނަ މަހުގެ 15 އިން ފެށިގެން ބޯޑަރު ހުޅުވާލާނެކަން ރައީސް މިއަދު ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ޗައިނާއިން ޓޫރިސްޓުން ފޮނުވާނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ. އަދި ރާއްޖެ އައިސް ޗައިނާއަށް އަނބުރާ ދާ ޓޫރިސްޓުން ޓެސްޓް ހަދަން ޖެހޭތީ، އެ އިންތިޒާމް އެއާޕޯޓްގައި ހަމަޖެއްސުމުގެ ކަންކަން ސަރުކާރުން ރާވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ޗައިނާއަކީ އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.

"ޗައިނާ އިން ރާއްޖެއަށް މީހުން ފޮނުވާނެ ކަމުގެ ޔަގީންކަން މިހާރު އޮތީ ދީފައި. އެހެން ނަމަވެސް ޗައިނާ އަށް އެނބުރިދާ ކޮންމެ މީހެއްގެ އަތުގައި އޮންނަން އެބަޖެހޭ 120 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ. ހަތަރު ދުވަސް ނުވާ.އެކަން ކޮށްދޭކަމަށް ވަންޏާ ޗައިނާ ޓޫރިސްޓުން އަންނާނެ. އެހެންވީމާ އަޅުގަނޑުމެން ޗައިނާ ސަރުކާރަށް ޔަގީންކަން ދީފިން އެ އެދޭގޮތަށް ޗައިނާ ޓޫރިސްޓުން ރާއްޖެއިން ފުރާއިރު ޓެސްޓު ހެދޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސާނަމޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗައިނާ ސަރުކާރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 1000 ޓެސްޓު ދުވާލެއްގެ މައްޗަށް ހެދޭ ޓެސްޓިން މެޝެނެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑާ ގުޅިގެން ޗައިނާ މާކެޓުން މީހުން ގެނައުން ހުއްޓާލުމާއި ހަމައަށް އެ ގައުމުން 31،744 މީހުން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޗައިނާއިން އައި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 284،029 އެވެ.

ރައީސް ވިދާޅުވީ ޖުމްލަކޮށް ބޯޑަރު ހުޅުވާލި ނަމަވެސް، ހާއްސަކޮށް ވަކި ގައުމަކުން ވަކި ކަމެއް ވަކި ގޮތަކަށް ކޮށްދޭން ބުނުމުން އެކަން ކޮށްދެވޭތޯ ބަލާނެ ކަމަށެވެ.

comment ކޮމެންޓް