ރައީސް ސޯލިހް ސަލާމަތީ ބާރުތައް ދިފާއު ކުރައްވައިފި

ނުވެމްބަރ 3، 2019: 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ގައުމުގެ ސަލާމަތީ ބާރުތައް ދިފާއުކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވާހަކަފުޅުދައްކަވައިފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ސިފައިންނާ ފުލުހުންނަކީ ގައުމުގެ ސަލާމަތާ މިނިވަންކަމާ އޭގެ އިތުރުން މުޖުތަމައުގެ ހަމަޖެހުމަށްޓަކައި ވަރަށް ބުރަ މަސްއޫލިއްޔަތުތަކެއް އަދާކުރައްވަމުން އަންނަ ދެ މުއައްސަސާ ކަމަށެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ދެކޮޅަށް ކުރަމުން އަންނަ ބުރަ މަސައްކަތުގައި ވެސް ރެޔެއް ދުވާލެއް ބެލުމެއްނެތި، އަތްވާއި ހޫނުގައި ފުލުހުންނާއި ސިފައިން ކުރަމުން އަންނަ މަސައްކަތް ރައީސް ސިފަކުރެއްވީ އަގު ނުކުރެވޭ ހިދުމަތްތަކެއްގެ ގޮތުގަ އެވެ.

ރައީސް ވިދާޅުވީ ކޮންމެ ބައެއްގެ ތެރޭގައި ވެސް ރަނގަޅުކުރަން ޖެހޭ ކަންކަން ހުންނާ ފަދައިން، ސިފައިންނާ ފުލުހުންގެ ތެރޭގައި ވެސް ރަނގަޅުކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.

"އެހެން ނަމަވެސް ވަކި ފަރުދަކު ނުވަތަ ވަކި ބަޔަކު ކޮށްފައިވާ ކަމެއްގެ ސަބަބުން މުޅި މުއައްސަސާގެ އަގު ވެއްޓޭގޮތަށް، މުޅި މުއައްސަސާއަށް ނިސްބަތްކޮށް ވާހަކަދެއްކުމަކީ އަޅުގަނޑު ދެކޭގޮތުގައި އިސްލާހުކުރުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ނޫން. އޭގެ ސަބަބުން އުފެދޭނީ ފިތުނައާއި ނަފުރަތާ ބައިބައިވުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދެ މުއައްސަސާގައި ވެސް އިސްލާހުކޮށް ބަދަލުގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ސިފައިންނާ ފުލުހުންގެ ހިދުމަތް ކުރިއަރުވައި ތަރައްގީ ކުރުމަށް ކުރަންޖެހޭ ކަންކަން ވެސް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވާއިރު، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން އަންނަނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސްކުރައްވަމުން، ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މެމްބަރުންގެ ފާޑުކިޔުންތަކާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދާއި، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާ ރީފޯމް ކުރެވޭނެ ކަމަށާއި، އެކަން ކުރަން ފުލުހުންނަށް ހަޖޫޖަހަން ނުޖެހޭ ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ބިލެއް ސަރުކާރުން ހުށަހަޅަން ނިންމީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނު އަސާސީ އާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމަށްޓަކަ އެވެ.

މިހާރު އަމަލުކުރަމުންދާ ފުލުހުންގެ ގާނޫނުގެ ބަދަލުގައި އާ ގާނޫނެއް ތައާރަފުކޮށް، ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެންވާ ގޮތާއި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ގާނޫނު މެދުވެރިކޮށް އަލުން ކަނޑެޅުމަކީވެސް އެ ބިލު ހުށަހެޅުމުގެ ބޭނުމެވެ.

ރައީސް މިއަދު ވިދާޅުވީ އެ ބިލު ފާސްވެގެން އަންނަައިރު، ރައްޔިތުންނަށް އިތުބާރު ކުރެވޭ، ހަރުދަނާ ފުލުހުންގެ މުއައްސަސާއެއް ގާއިމުކުރެވޭނެ ކަަމަށެވެ.

comment ކޮމެންޓް