ކައުންސިލް އިންތިހާބު: ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލައިފި

"ސްވާފް ޕާޓީ" އެންމެ އެކަށީގެންވާ ނަމަކަށް ނުވާތީ ހުއްދަ ނުދިން --

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 ގެ ތިންވަނަ މާއްދާގެ (ށ) ދަށުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަ ފޯމަކުން ކަމަށެވެ.

އެ ފޯމު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި ފޯމު ހުށަހަޅާނީ ކޮމިޝަނުގެ އީމެއިލް މެދުވެރިކޮށް ކަމަށް ބަޔާނުގައިވެއެވެ.

އިލެކްޝަންސް އިން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީމެއިލް މެދުވެރިކޮށް ކަމަށެވެ.

ނަން އަނބުރާ ގެންދިޔުމަށް އެދި ހުށަހަޅާ ފޯމާއެކު، ކެންޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީހު އިއުލާނު ކުރާނެ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމުގެ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

އެ އުސޫލުގައި ބުނެފައި ވަނީ ނަން އަނބުރާ ގެންދިޔުމުގެ
ފުރުސަތު ހުޅުވާލައި، އެކަން އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށާއި އަދި އެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަހުގެ ކުރިން، މުއްދަތު ހަމަވާ ތާރީހު އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށެވެ.

އަދި މުއްދަތު ހަމަވާ ތާރީހު ވާންވާނީ، އިންތިހާބު އޮންނަ ތާރީހުގެ 30 ދުވަހުގެ ކުރިއަށް އޮންނަ ތާރީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.

ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅި ނަމަވެސް، އެ ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔަ ކަމުގައި ބަލާނީ، ކޮމިޝަނުން ފޯމުގެ ސައްހަކަން ކަށަވަރުކޮށް، އެ ހުށަހެޅުން ގަބޫލުކުރުމުންނެވެ.

ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔަ ނަމަވެސް، އެ ކެންޑިޑޭޓު ކުރިމަތިލައިފައިވާ ކައުންސިލް ނުވަތަ ދާއިރާގެ އެހެން ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރުތަކަށް ބަދަލު ނާންނާނެ ކަމަށް އުސޫލުގައިވެއެވެ.

ފަސްކޮށްފައިވާ އިންތިހާބު ބާއްވާނެ ތަރީހެއް އަދި ނިންމާފައެއް ނުވެއެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅު އިންތިހާބު ބޭއްވުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް19 އާ ގުޅިގެން، މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ތާވަލުކުރި ލޯކަލް ކަައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހި، އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމު ކުރެވި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭއްތިއްބުމަށް ގާނޫނު އަސާސީއަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ކައުންސިލް އިންތިހާބު ނިމުމާއި ހަމައަށް އަމަލުކުރާނެ ހާއްސަ ގާނޫނެއް ތަސްދީގުކޮށްފައި ވާއިރު، އެ ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން އެއްއަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވަންޖެހޭނެ އެވެ.

comment ކޮމެންޓް