މަސް ބޭރުކުރާ ކުންފުނިތަކަށް 51 މިލިއަން ރުފިޔާ ދޫކޮށްފި

މަސް ގަންނަ ކުންފުނިތަކަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީން ހަމަޖެއްސި 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީން މިހާތަނަށް 51 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ބޮޑުކަންނެލީގެ މަސްވެރިންނަށް ލޯނު ފެސިލިޓީ ހުޅުވާލީ މަސްވެރިން ބާނާ މަސް އެއްވެސް ކުންފުންޏަކުން ގަނެވޭނެ ގޮތެއް ނެތް ކަމަށް ބުނެ، މަސްވެރިން ފިޝަރީޒް މިނިސްޓްރީއާ ބައްދަލު ކުރުމުންނެވެ.

މިދިޔަ އޭޕްރީލް މަހު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެފައި ވަނީ ހަތަރު ކުންފުންޏަކަށް 20 މިލިއަން ރުފިިޔާ ދޫކޮށްފައިިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިހާތަނަށް ލޯނު ސްކީމުން އަށް ކުންފުންޏަކަށް 51 މިލިއަން ރުފިޔާ ދޫކޮށްފައިިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ކުންފުުނިތަކުން އޭޕްރީލް މަހާއި މޭ މަހު ރާއްޖެއިން 644،854 ކިލޯގެ މަސް ބޭރުކޮށްފައިވާ ކަމަށެވެ. އެއީ ހުސްވި އޭޕްރީލް މަހު ބޭރުކުރި 408،091 ކިލޯ އަދި މޭ މަހު ބޭރުކުރި 236،763 ކިލޯގެ އެކު ޖުމްލަ އެވެ.

ބޭރަށް މަސް ކިރުވުމަށްފަހު ފައިސާ ލިބެން 90 ދުވަހާއި 120 ދުވަހާ ދެމެދުގެ މުއްދަތެއް ނަގާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ފައިސާ ލިބުން ލަސްވުމަކީ ބައެއް ކުންފުނިތަކުގެ ކޭޝް ފްލޯ ދަށްވާ ސަބަބެއް ކަމަށެވެ.

އެހެންކަމުން ލޯނު ސްކީމުގައި ބާކީ އޮތް 49 މިލިއަން ވެސް އިތުރު ކަމަކަށް ބޭނުންނުކޮށް، އެ ސްކީމަށް ހޭދަކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ ލޯނު ދޫކުރަމުން ދަނީ، އެ ކުންފުންޏަކުން މަސް ގަންނަ އަދަދަށް ބެލުމަށްފަހު، ކޮންމެ 10 ދުވަހަކުން ކަމަށެވެ. މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އެންމެ ދަށްވެގެން 25 ރުފިޔާއަށް މަސް ކިލޯއެއް ގަންނަން ހުރިހާ މަސްވެރިންވެސް ވަނީ އެއްބަސްވެފަ އެވެ.

ކޮވިޑް-19ގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކައި ލޯނު ފެސިލިޓީގެ އިތުރުން އޮޑިދޯނިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ދޫކޮށްފައިވާ ލޯނުތަކަށް ވެސް ލުޔެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް