މި އަހަރު ރާއްޖެއިން ހައްޖަށް ނުދެވޭނެކަން އިއުލާންކޮށްފި

ހައްޖުވެރިން އަރަފާތު ބިމުގައި --- ފޮޓޯ/ އެރެބް ނިއުސް

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީ އަރައްބިޔާގައި ދިރިއުޅޭ ފަރާތްތަކަށް އެކަނި ކަމަށް ސައުދީ ސަރުކާރުން ނިންމުމާ ގުޅިގެން، މި އަހަރު ރާއްޖެއިން ހައްޖަށް މީހުންނަށް ނުދެވޭނެކަމަށް ނިންމައި، އިސްލާމިކް މިނިސްޓްރީންް އެކަން އިއުލާނުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި މިވަގުތު ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުން ހިމެނޭގޮތަށް ކަނޑައެޅޭ މަދު އަދަދެއްގެ މީހުންނަށް ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ނިންމާފައިވާކަމަށް، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން، މިނިސްޓްރީއަށް މިއަދު އަންގާފައިވާ ކަމަށެވެ.

އަދި ސައުދީ ސަރުކާރުގެ ނިންމުމަކީ، ހައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށާއި، ސައުދީ ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ހައްޖުގެ މަތިވެރި އަޅުކަން ބޭއްވުމަށް ކަމުގައި ވީނަމަވެސް، ހައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަމާލުކަން ދޭނެކަމަށް އެންގުމުގައި ބުނެފައިވާ ކަމަށެވެ.

"ސައުދީ އަރަބިއްޔާ ސަރުކާރުުގެ މި ނިންމެވުމާ ގުޅިގެން 1441 ވަނަ އަހަރު ދިވެހިރާއްޖެއިން ހައްޖަށް މީހުންނަށް ނުދެވޭނެ ކަމުގައި ދަންނަވަމެވެ." މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް އެއްވެސް ހުއްޓުމެއް ނެތި މިނިސްޓްރީން ކުރަމުން ދިޔަ ކަމަށާއި، އެންމެ ފަހު ވަގުތާ ހުއްދަ ލިބުނު ނަމަވެސް ދިވެހިން ހައްޖަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ރޭވެމުން ދިޔަ ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ކޮންމެ އަހަރަކުހެން އެވަރެޖްކޮށް ދެ މިލިއަން މީހުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރެ އެވެ. މިދިޔަ އަހަރު އެކަނިވެސް 2.5 މިލިއަން މީހުން ވަނީ ހައްޖުގެ އަޅުކަމުގައި ބައިވެރިވެފަ އެވެ.

ސައުދީ ސަރުކާރުން ވަނީ މާޗު މަހުގެ ކުރީކޮޅު އުމްރާގެ އަޅުކަން އަދާކުރުމަށްވެސް މީހުން އެގައުމަށް ވަނުން މަޑުޖައްސާލައިފަ އެވެ. އަދި ހަރަމްފުޅާއި މަސްޖިދުއްނަބަވީވެސް ވަނީ ދުވަސްކޮޅަކަށް ބަންދުކޮށްފަ އެވެ.

ސައުދީ އަރަބއްިޔާއިން ކޮވިޑް-19 އަށް 158،000 މީހަކު ޕޮޒިޓިވްވެފައިވާއިރު 1،267 މީހަކު ވަނީ އެ ބަލީގައި އެގައުމުން މަރުވެފަ އެވެ. އެގައުމުގައި އެޅިފައިވާ ސަލާމަތީ ފިޔަވަޅުތަކަށް މިހާރު ލުއިދޭން ފަށައިފައިވީނަމަވެސް އެގައުމުގެ ބޯޑަރު ހުޅުވާލާކަށް ނިންމައިފައެއް ނުވެ އެވެ.

ދުނިޔޭގައި މިހާރު ގާތްގަނޑަކަށް 9 މިލިއަން ޕޮޒިޓިވް ކޭސް ފެނިފައިވާއިރު 450،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް