ލޮކްޑައުންއަށް ގެނައި އިތުރު ލުއިތަކާއެކު އެސްޓީއޯ ހުޅުމާލެ ފިހާރަ، ކަސްޓަމަރުންނަށް އާންމުކޮށް ހުޅުވާލައިފި އެވެ.
އެސްޓީއޯއިން ކުރި ޓުވީޓެއްގައި ބުނީ، މިއަދުން ފެށިގެން ހުޅުމާލެ އައުޓްލެޓް އަލުން ހުޅުވާފައިވާ ކަމަށާއި، ވިޔަފާރިކުރުމުގައި ހުރިހާ ކަސްޓަމަރުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެސްޓީއޯ ހުޅުމާލެ ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 09:00 ން ރޭގަނޑު 21:00 އަށެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އެސްޓީއޯއިން ކަސްޓަމަރުންނަށް ހިދުމަތް ދެމުން އައިސްފައިވަނީ އޮންލައިންކޮށް ވެބްސައިޓުން އޯޑަރު ނެގުމަށްފަހު ޑެލިވަރީ ކޮށްދީގެންނެވެ.
އެގޮތުން އެންމެ ފުރަތަމަ އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތު ހުޅުވާލީ އެސްޓީއޯ ސުޕަމާޓުން ވިއްކާ މުދާ ގަތުމަށެވެ. ނަމަވެސް ފަހުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ މުދާ އޮންލައިންކޮށް ގަތުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ކަސްޓަމަރުންނަށް އާންމުކޮށް ހުޅުވާލީ މި މަހުގެ 15 ވަނަ ދުވަހު އެވެ.