ވަހީދުގެ އެނބުރި އައުން: ޔާމީންގެ ކުޅިބައި އަތުރާލުމެއް

ރައީސް ޔާމީންއާއި ރައީސް ވަހީދު: ރައީސް ވަހީދު ވަނީ އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުކަމަށް ހަމައްސަވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީލޯންޑަރިން ހިންގެވި ކަމުގެ ކުށުގައި މީގެ ހަތް މަސް ކުރިން އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމާ އެކު އިދިކޮޅު ހަރަކާތްތައް މި ވަނީ ވަރަށް ބޮޑަށް ބަލިކަށިވެ، ވަޅު ޖެހިފަ އެވެ. ސަބަބަކަށް ވަނީ، އިދިކޮޅުގައި ހަރުދަނާ ލީޑަޝިޕެއް ނެތުމެވެ. އަދި ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ރައްޔިތުންނަށް ބަލައި ނުގަނެވުމެވެ. މިކަމާ ހުރެ އިދިކޮޅު ހަރަކާތްތަކަށް އޮތީ ބޫސްޓެއް ބޭނުންވެފަ އެވެ. އާ ސްޓްރެޓެޖީއެއް އޮތީ ރާވަން ޖެހިފަ އެވެ.

އެ މަގަށް އިދިކޮޅުން ހިނގަން ފެށުމުގެ ފުރަތަމަ ފިޔަވަޅު އެޅީ ހޯމަ ދުވަހުގެ ރޭ އެވެ. ސިޔާސީ ކަންކަމަށް ދެން ނުވަންނަން ހުންނެވި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިދިކޮޅު ކޯލިޝަންގެ އިސް އެޑްވައިޒަރަކަށް ހަމަޖެއްސީ އެވެ. އެތައް ދުވަހެއް ފަހުން ޕީޕީއެމްގެ ޕޯޑިއަމްއިން ހަރުދަނާ މޫނެއް ފެނުނީ އެވެ.

އެއާ އެކު ސިޔާސީ ގޮތުން އުފެދޭ އުފައްދަން ޖެހޭ ސުވާލުތަކެއް އެބަ ހުއްޓެވެ؛ މިއީ ރައީސް ޔާމީންގެ ސިޔާސީ ކުޅިބައި އާ ގޮތްތަކަކަށް ރާވާލުން ހެއްޔެވެ؟ ރައީސް ވަހީދާ އެކު އިދިކޮޅު ހަރަކާތްތަކަށް އަންނާނީ ކޮން ބަދަލެއް ހެއްޔެވެ؟ ރައީސް ވަހީދުފގެ ރޯލަކަށް ވާނީ ކޮންކަމެއް ހެއްޔެވެ؟

ރައީސް ވަހީދަކީ، ރާއްޖޭގައި ގިނަ ޕާޓީ އެކުވެލެވޭ ސިޔާސީ ނިޒާމުގެ ތެރެއިން އެންމެ ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުން ރާއްޖޭގެ ނައިބު ރައީސް ކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެއަށްފަހު، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން، ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިބެފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ ވެރިކަމަށް ރައީސް ވަހީދު ވަޑައިގެންނެވި އެވެ. ވެރިކަމުގެ ދައުރުގެ ބާކީބައި ފުރިހަމަ ކުރެއްވުމަށްފަހު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރެއްވި އެވެ.

ނަމަވެސް ސްޕްރީމް ކޯޓުން ބާތިލު ކުރި އިންތިހާބުގެ ފުރަތަމަ ބުރުގައި އެމަނިކުފާނަށް ލިބިވަޑައިގެންވި ފަސް ޕަސަންޓުގެ ވޯޓާއެކު ފަހަތައް ޖެހިވަޑައިގެންނެވި އެވެ. ރިޔާސީ އިންތިހާބަށްފަހު، އަމިއްލަ ފުޅު ޕާޓީވެސް އުވާލައިވައި އޭރުގެ ވެރިކަން ކުރާ މައި ޕާޓީ، ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އެވެ.

އެފަހުން މިއަދާ ހަމައަށްވެސް އަށް އަހަރު ދުވަހު ހޭދަ ކުރެއްވީ ޕީޕީއެމްގެ އާދައިގެން މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު ރައީސް ޔާމީން އެވަނީ އެމަނިކުފާނަށް އެ ކޯލިޝަންގެ ހާއްސަ އެޑްވައިޒަރުކަމުގެ މަގާމު އަރުވާފަ އެވެ. ރައީސް ޔާމީން އެ ނިންމެވުން ނިންމަވަން ޖެހުނީ ކީއްވެ ހެއްވެހެއްޔެވެ؟ ރައީސް ޔާމީން ގޭމް ޕްލޭންއަކީ ކޮބާ ހެއްޔެވެ؟

ރައީސް ވަހީދަށް އެޑްވައިރަޒުކަން ދެއްވިކަން އިއުލާން ކުރެއްވި ހަފްލާގައި އެމަނިކުފާނު ޕީއެންސީގެ ރައީސްއާ ސަލާމް ކުރައްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ރައީސް ވަހީދު ހާއްސަ އެޑްވައިޒަރެއްގެ ގޮތުން އެމަނިކުފާނު ވެގެން ދާނީ އެ ކޯލިޝަންގެ ލީޑާޝިޕްގެ ޓީމުގެ މެމްބަރެއްގެ ގޮތުގަ އެވެ. އެ ޕާޓީގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ، ވަހީދުގެ ބަސް އޮންނާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އިދިކޮޅު ހަރަކާތްތައް ވަރުގަދަ. އަޅުގަނޑުމެން ބޭނުންވީ ގައުމީ ވިސްނުމުގައި ތިބި ހުރިހާ ފަރާތައް މި ކޯލިޝަންގެ ތެރެއިން ފެނިގެން ދިޔުން. އެއީ ރައީސް ޔާމީންގެ ވިސްނުމަކީ ވެސް އަދި އަޅުގަނޑުމެންގެ ލީޑާޝީޕްގެ ވިސްނުމަކީ. ރައީސް ޔާމީންގެ މަޝްވަރާގެ މަތިން ރައީސް ވަހީދަށް ހުށަހެޅުން ހުށަހެޅީ، އެމަނިކުފާނަކީ މިވަގުތު ސިޔާސީ މައިދާނުގައި ހުރި ފުންނާބު އުސް އެއް ބޭފުޅެއް ކަމަށް ގަބޫލު ކުރެވޭތީ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ އެ ނިންމުމަށް ޕާޓީގެ ލީޑާޝިޕާއި ޕާޓީގެ މެމްބަރުން ވެސް ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ. އަދި ރައީސް ވަހީދު އިދިކޮޅު ސިޔާސީ ހަރަކާތުގެ އިސްސަފަށް ވަޑައިގަތުމަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތަށާއި ސަރުކާރު ޒިންމާދާރު ކުުރުމަށް ކުރަމުންދާ މަސައްކަތްތައް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އަދުރޭ ސިފަކުރެއްވި އެވެ.

އިދިކޮޅުން ރައީސް ވަހީދުގެ ބޭނުން ހިފާނީ ކިހިނެއް؟

ި ރައީސް ވަހީދު އދ. ގައި ތަގުރީރު ކުރައްވަނީ ---

ރައީސް ޔާމީންއަކީ އެމަނިކުފާނުގެ ވެރިކަމުގައިވެސް ބޭރު ގައުމުތަކުގައި މާބޮޑު ތާއީދަކާއި އެއްބާރުލުން އޮތް ބޭފުޅެއް ނޫނެނެވެ. އެގޮތުން ޗައިނާ އަދި ސައުދީއަަރަބިއްޔާ އަދި މަދު އަރަބިގައުމުތަކެއް ފިޔަވާ ދެން ހުރި ގައުމުތަކަކީ އެމަނަކުފާނާ ބީރަށްޓެހި ގައުމުތަކެކެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ބޭރުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާއިރު، މިހާތަނަށް ބޭރު ގައުމުތަކާއި ބޭރުގެ ޖަމިއްޔާތަކާ ގުޅިގެން ރައީސް ޔާމީން މިނިވަން ކުރުމަށް މާބޮޑު މަސައްކަތްތައްކެއް އެމަނިކުފާނުގެ ކޯލިޝަނުން ކޮށްފައި ނުވެ އެވެ.

އެމެރިކާ ސްޓެންފޯޑް ޔޫނިވާސިޓީން ޕޮލިޓިކަލް ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ރައީސް ވަހީދަކީ، ބޭރު ބައެއް ގައުމުތަކާއި ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކާ ގާތް ބޭފުޅެކެވެ. އަދި ކުރީގެ ޑިޕްލޮމެޓެއްގެ ހައިސިއްޔަތުން ހާރިޖީ ގުޅުންތަކުގެ ތަޖުރިބާ ބޮޑު ބޭފުޅެކެވެ. އެގޮތުން ޔާމީން މިނިވަން ކުރުމަށް ބައިނަލްއަގުވާމީ ގޮތުން މަސައްކަތްކުރެއްވުމަށް އިދިކޮޅަށް ވަހީދުގެ ބޭނުންތެރިކަން ބޮޑުވާނެ އެވެ.

"އަޅުގަނޑުމެން ދެން ވަރަށް ބޮޑަށް ބަލާނަން ހާއްސަކޮށް ރައީސް ޔާމީން މިނިވަން ކުުރުމަށް ރައީސް ވަހީދުގެ ބޭރުގެ އެކްސްޕަޓީސްއާއެކު އެ މައްސައްކަތް ކުރިއަށް ގެންދާނަން. އަދި މި ސަރުކާރު ޖަވާބުދާރީ ކުރުމަށް ޕޮލިޓިކަލީ ކުޅޭ ގޮތާ ވަރަށް ތަފާތުކޮށް އަޅުގަނޑުމެން ކުޅެން ފަށާނަން،"ރައީސް ވަހީދު އިދިކޮޅު ކޯލިޝަންގެ އިސްސަފަށް އައުމާ ގުޅޭ ގޮތުން އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވި އެވެ.

ރައީސް ވަހީދަށް އެޑްވައިރަޒުކަން ދެއްވިކަން އިއުލާން ކުރެއްވި ހަފްލާގައި އާދަމް ޝަރީފު: އޭނާ ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ވަހީދުގެ އޭހީތެރިން ލިބިވަޑައިގަންނަވާނެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އަދި މިހާރުގެ މަޖިލިސް މެމްބަރު އާދަމް ޝަރީފު ވިދާޅުވީ، މި ނިންމުމާއެކު ޕާޓީގެ ހަރަކާތްތައްވެސް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

ރައީސް ޔާމީން ނިސްބަތްވާ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިސް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، މި ބަދަލަކީ ވަރަށް އުންމީދީ ފުރިހަމަ ބަދަލެއް ކަމަށެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތަށް އެތެރެއިންނާއި ބޭރުންވެސް އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް ޝީޔާމްވެސް ގަބޫލު ކުަރައްވަ އެވެ. އަދި އެ ޔަގީން ރައީސް ވަހީދު ވެސް ދެއްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެ ވެ.

"ރައީސް ވަހީދަކީ ރާއްޖެއިން ބޭރުގެ ގުޅުންތައް ވަރުގަދަ ބޭފުޅެއް. މިހާރު ތިއްބެވި ވެރިންނާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއް. ރައީސް ޔާމީން މިނިވަން ކުުރުމަށް އިންޓަނޭޝަނަލީ މި ކުރެވޭ މަސައްކަތައްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ،" އދ. ގެ މަންދޫބުކަން ކުރެއްވި ރައީސް ވަހީދާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި އދ. ގެ އާންމު ބައްދަލުވުމުގައިވެސް ރައީސް ވަހީދު ވަނީ ތަގުރީރުކުރައްވާފަ އެވެ.

ރައީސް ޔާމީން ޖަލަށްލީ ހިސާބުން އިދިކޮޅުން އެންމެ އިސްކަމެއް ދީފައި ވަނީ އެމަނިކުފާނު މިނިވަން ކުރުމަށް ކުރާ މަސައްކަތަށެވެ. އެ މަސަކައްތުގައި ބޭރުގެ އެހީތެރިކަން ހޯދުމަށް ރައީސް ވަހީދުގެ ބޭނުން އިދިކޮޅުން ވަރަށް ބޮޑަށް ހިފާނެ ކަމަށް އެ ކޯލިޝަންގެ ލީޑަރުން ވިދާޅުވެ އެވެ. އެހެންވާއިރު، ރައީސް ޔާމީން މިނިވަން ކުރުމަށް ސަރުކާރަށް ޕްރެޝަރު އުފެއްދުމުގައި ރައީސް ވަހީދުގެ ރޯލް ބޮޑުވާނެ އެވެ. އެތެރެ އާއި ބޭރުން ސަރުކާރަށް ޕްރެޝަރު ބޮޑުވުމަކީ ގާތްކަމެކެވެ.

ރައީސް ޔާމީންގެ "ޓޫލް" އަކަށް ރައީސް ވަހީދު ވެދާނެތަ؟

ރައީސް ޔާމީންއާއި ރައީސް ވަހީދު ---

ޕީޕީއެމްގެ އިސްސަފުގައި މީގެ ކުރިން މަސައްކަތް ކުރެއްވި އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި، ރައީސް ޔާމީންއަކީ އެމަނިކުފާނު ބޭނުންވާ ކަންތައްތައް ކުރުމަށް ޑެލިކޭޓް ކުރައްވައިގެން ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރައީސް ޔާމީން ސިޔާސީ ކުޅިބައި އަލުން މި އަތުރާލަނީވެސް އެކަހަލަ ގޮތަކަށެވެ. އަދި ވަހީދަކީ ރައީސް ޔާމީންގެ އިދިކޮޅު ސިޔާސީ ހަރަކާތުގައި މުހިންމު ދައުރެއް އަދާ ކުރެވިދާނެ ބޭފުޅެކެވެ. ރައީސް ޔާމީންއަށް، މުހިންމު ބޭފުޅަކު މިވަގުތު ރައީސް ވަހީދު ވެވަޑައިގަންނަވަ އެވެ.

"[ކުރީގެ ނައިބު ރައީސް] އަދީބުވެސް ބޭނުން ކުރެއްވީ ހަމަ އެގޮތަށް. މިފަހަރު ވަހީދު ގާތް އެ ކުރީވެސް ރައީސް ޔާމީން ޖަލުގައި އޮންނަވައިގެން ސިޔާސީ ގޮތުން އޭނާ ކުޅެން ބޭނުންވާ އެޖެންޑާ ކުޅުއްވުމަށް. ވަހީދަކީ ވަރަށް ފަސާހައިން ކޮންޓްރޯލްވާނެ ބޭފުޅަކަށްވެފައި، ރައީސް ޔާމީން ބޭނުން ގޮތަކަށް ވަހީދު ކޮންޓްރޯލް ކުރެވޭނެ،" ކުރިން ރައީސް ޔާމީންއާއެކު ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅާ ވިދާޅުވި އެވެ.

ނަމަވެސް އެކަން ޝިޔާމް ގަބޫލެއް ނުކުރައްވަ އެވެ. ޝިޔާމް ވިދާޅުވީ، ރައީސް ޔާމީންގެ ޓޫލްއަކަށް ވަހީދު ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ރައީސް ވަހީދަކީ ކަންކަމުގައި ބޭފުޅުންގެ ހިޔާލު ހޯއްދަވާ ބޭފުޅެއްގެ ގޮތުގައި ޝިޔާމް، ރައީސް ވަހީދު ސިފަ ކުރެއްވި އެވެ.

"ހިޔާލު ހޯދުމަކީ ކޮންޓްރޯލް ކުރުވުމެއް ނޫން. އެއީ ގިނަ ލީޑަރުންގެ ޒާތުފުޅުގައި ހުންނަ ކަމެއް. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ރައީސް ޔާމީން، ރައީސް ވަހީދު ޕޮރޮކްސީއެއްގެ ގޮތުގައި ބޭނުން ކުރައްވާނެ ކަމަށް. އެދެބޭފުޅުންނަކީ ކުރިއްސުރެ ވަރަށް ގާތް ދެބޭފުޅުން،" ޝިޔާމް ވިދާޅުވި އެވެ.

އަދިވެސް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން!

ރައީސް ޔާމީންއާއި ރައީށް ވަހީދު: އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކީ އަދިވެސް ރައީސް ޔާމީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅުން ރައީސް ވަހީދާއެކު އެންމެ ފަހުން ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ރައީސް ވަހީދު ވިދާޅުވީ، އެމަނިކުފާނުގެ މި ނިންމުމަކީ އެއްވެސް ކަހަލަ އަމިއްލަ އެދުމެއް އޮވެގެން ނިންމެވި ނިންމުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބޭނުންވަނީ ލިބޭ ފުރުސަތެއްގެ ބޭނުން ހިއްޕަވައިގެން ގައުމަށް ހިދުމަތް ކުރެއްވުމަށް ކަމަށް ވަހީދު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމާމެދު އަދި ނުވިސްނަވާ ކަމަށް ވަހީދު ވިދާޅުވި ނަމަވެސް، އެ ފުރުސަތު ފަހިވެއްޖެ ނަމަ، އެކަން ކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް އެމަނިކުފާނު ދެއްވި އެވެ. އަދި އެކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަންވެސް ވާހަކަތަކުން އެނގެ އެވެ.

"މިއީ ޑިމޮކްރެޓިކް ޕާޓީއެއް، ޕާޓީން ކުރިމަތިލާ މީހަކަށް ޕާޓީގެ ތެރެއިން ވޯޓުދީގެން އެ މީހަކު ހޮވެނީ. އަޅުގަނޑު އަދި އެކަމަކާ ނުވިސްނަން. އަޅުގަނޑު މިހާރު މި ވިސްނަނީ މި ޕާޓީއަށް ހިދުމަތްކުރަން،" މިދިޔަ ހޯމަ ދުވަހު އިދިކޮޅުން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވި އެވެ.

"އެހެން ނަމަވެސް ޕާޓީ އެގޮތަށް އެދިވަޑައިގެންފި ނަމަ އަކަމާމެދު ނުވިސްނަވާނެ ވާހަކަ ނުދަންނަވަން،"

ރައީސް ވަހީދު އެހެން ވިދާޅުވި ނަމަވެސް، އަދުރޭ ވިދާޅުވީ، ރައީސް ވަހީދު އިދިކޮޅު ހަރަކާތުގެ އިސްސަފަށް ވަޑައިގެން ނަމަވެސް ރައީސް ޔާމީނަށް ކުރިން އެ ޕާޓީން ރިޔާސީ ޓިކެޓް ދިނުމަށް ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެކަމުގައި އިތުރު ވޯޓަކަށް ވެސް ދާން ނުޖެހޭނެ ކަމަށާއި ޕާޓީގެ ކައުންސިލުން މީގެ ކުރިން ނިންމާފައިވާ ނިންމުން އަދިވެސް ދެމި އެބައޮތް ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަދިވެސް މި ކޯލިޝަންގެ ރިޔާސީ ކެންޑީޑޭޓަކީ ރައީސް ޔާމީން. އެއީ ރައީސް ޔާމީންނަށް ހުކުމް ކުރި ފަހުން އަޅުގަނޑުމެން ކޯލިޝަނުން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގައި މި ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާނީ ރައީސް ޔާމީން ކަމަށް،" އަދުރޭ ވިދާޅުވި އެވެ.

ރައީސް ވަހީދަކީ "މިނިކާ ބާޒެއް" ނޫން!

ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ކުރިން އިދިކޮޅުން ބޭއްވި އެއްވުމުގެ ތެރެއިން: އެމަނިކުފާނުގެ ފަހުގެ ވަސައްޔަތަކީ މިނިކާ ބާޒުތައް ޕާޓީއަށް ސަވާރުވުމަށް ފުރުސަތު ނުދިނުމަށް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ ކުރިން އެންމެ ފަހުން ބޭއްވި އެއްވުމުގައި އެމަނިކުފާނު ކުރެއްވި ވަސިއްޔަތަކީ ހުކުމް ކޮންމެ ގޮތަކަށް އައި ނަމަވެސް އެ ޕާޓީއަށް މިނިކާ ބާޒުތަކަށް ސަވާރުވުމަށް ފުރުސަތު ނުދެއްވުމަށެވެ. އެއީ އެމަނިކުފާނުގެ އެންމެ ފަހުގެ ވަސިއްޔަތެވެ.

"އަޅުގަނޑު މިތާ ނެތުމަކުންނެއް އަޅުގަނޑުމެން ޕާޓީގެ މައްޗަކަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވައްޗޭ." ރައީސް ޔާމީނަށް ހުކުމް އިއްވުމުގެ އެއް ދުވަސް ކުރިން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ރައީސް ވަހީދަކީ، ރައީސް ޔާމީން އެ އިޝާރާތް ކުރައްވާ "މިނިކާ ބާޒު"ގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައީސް ވަހީދަކީ އެ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށާއި މީގެ ކުރިންވެސް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނެވި ބޭފުޅެއް ކަމަށް އަދުރޭ ފާހަގަ ކުރެއްވި އެވެ.

"ރައީސް ޔާމީން އެ އިޝާރާތް ކުރައްވާ މިނިކާ ބާޒް ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަށް އެނގޭ. އެފަދަ ބޭފުޅުންނަށް ޕީޕީއެމްއާ އެކު މަސައްކަތް ކުރައްވަން ފުރުސަތު ނުލިބޭނެ،" އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅު ލީޑާޝިޕްގައި ރައީސް ޔާމީން ނެންގެވުމަށް ފަހު، ސިޔާސީ ގޮތުން ވަރުގަދަ، ތަޖުރިބާ ހުރި މޫނެއް ނެތެވެ. މިހާރު ތިއްބެވި ބައެއް ބޭބޭފުޅުންނަކީ ވެސް ރައްޔިތުންގެ ވޯޓުން ފެއިލްވެ، މަޖިލީހުގެ ގޮނޑި ދިފާއު ނުކުރެއްވުނު ބޭބޭފުޅުންނެވެ. އަދި ބައެއް ބޭފުޅުންނަކީ ކޮރަޕްޝަންގެ ތުހުމަތު ކުރެވި ރައްޔިތުންގެ އިތުބާރު ގެއްލިފައި ތިއްނެވި ބޭބޭފުޅުންނެވެ.

އެހެން ކަމުން ވަޅު ޖެހެމުންދާ އިދިކޮޅު ހަރަކާތްތައް ނަގާ ކޮޅަށް ޖެހުމަށް، ސިޔާސީ ގޮތުން ބުރަދަން ހުރި މީހަކު އޮތީ ބޭނުންވެފަ އެވެ. ލީޑާޝީޕް ނެނގޭނެ މީހެއް އޮތީ ބޭނުންވެފަ އެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ބޭރުގެ އެހީތެރިކަން ވެސް އޮތީ ބޭނުންވެފަ އެވެ. ޔަގީނަށް ވެސް ރައީސް ވަހީދަކީ ހަރ މީހެއްގެ ގޮތުގައި މެދު މިނުގެ ސިޔާސީ ފިކުރުމުގެ މީހުން ގަބޫލު ކުރާ ބޭފުޅެކެވެ. އެހެން ކަމަށްވާ ނަމަ، އިދިކޮޅުގެ ހަރަކާތްތަކަށް އިތުރު ބާރަކަށް ރައީސް ވަހީދު ވާނެ އެވެ.

comment ކޮމެންޓް