މާމެންދުއަށް ފެރީ ހުއްޓާލުމުން ރައްޔިތުން ރަށު ބަންދެއްގައި

ގއ. މާމެންދޫ: ފެރީހުއްޓާލުމަކީ އެރަށުގެ ރައްޔިތުންގެ ކަންބޮޑުމެއް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެމްޓީސީސީ އިން ގއ.މާމެންދޫއަށް ދެމުންދިޔަ ފެރީގެ ހިދުމަތް މެދުކަނޑާލުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ވިދާޅުވެއްޖެ އެވެ.

މާމެންދޫގައި ހޯމް ކަރަންޓިންކޮށްފައިވާ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެމްްޓީސީސީން ވަނީ ފެރީގެ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފަ އެވެ.

އެކަމާ ގުޅޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން މުހައްމަދު ޒައީމް ވިދާޅުވީ، އެ ރަށަކީ އަދި މިހާތަނަށް މޮނީޓަރިންގެ ހާލަތައްވެސް ގެނެސްފައި ނުވާ ރަށަކަށްވީއިރު، ފެރީގެ ހިދުމަތްތައް މެދުކަނޑާލުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.

"ރަށުން ނުލިބޭ ހިދުމަތައް ހޯދުމަށް މި ދާން ޖެހެނީ އަތޮޅަށް. ގދ. ތިނަދޫ ހޮސްޕިޓަލަށް ނުވަތަ ގއ. ވިލިނގިލީ ހޮސްޕިޓަލަށް. މި ރަށުގައި އުޅުއްވާނެ ޑައިލިސިސް ހައްދަވާ ބޭފުޅުން. ހަމައެކަނި އަތޮޅުގައި ޑައިލިސިސް މި ހެދެނީ ތިނަދޫ އިން. ތިނަދޫއަށް ފެރީ ނެތުމުން އަމިއްލައަށް ދާނަމަ މި ދެވެނީ 6،000 ނުވަތަ 7،000 ރުފިޔާގެ އަގަކަށް،" ފެރީ ހުއްޓާލުމުން ރައްޔިތުންނަށް ދިމާވަެފައިވާ ބައެއް ދަތިތަކައް ހާމަ ކުރައްވަމުން މުހައްމަދު ޒައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކައުންސިލްވެސް އަދި ރައްޔިތުންގެ އެދުމަކީވެސް ވީހާވެސް އަވަހަކަށް ފެރީގެ ހިދުމަތްތައް ފެށުން ކަމަށާއި އެކަމާ ގުޅޭ ގޮތުން އެމްޓީސީސީއާވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް "ސަން" އަށް ވިދާޅުވީ، ފެރީގެ ހިދުމަތްތައް މެދުކަނޑާލާފައިވަނީ އަތޮޅުގެ އެހެން ރައްޔިތުންނާއި އެމްޓީސީސީގެ މުވައްޒަފުންގެވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ކުރިން ނިންމާފައިވާ ވާނެ، ކޮވިޑް އުޅޭ ރަށްތަކަށް ދަތުރު ކުރުން ހުއްޓާލުން. އެގޮތުގެ މަތިން މާމެންދުއިން ކޭސްއެއް ފެނުމުން އަޅުގަނޑުމެން ނިންމީ އެ ރަށުގެ ފެރީގެ ހިދުމަތްތައް މެދުކަނޑާލަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ދެން ފެރީގެ ހިދުމަތްތައް ފަށާނީ އެޗްޕީއޭ އަދި ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އެގޮތަށް އެދުމުން ކަމަށެވެ.

"މޮނީޓަރިންގެ ހާލަތައް ނުގެނައުމަކީ އަދި އެހެން ކަމެއް. މިވަގުތައް އަޅުގަނޑުމެންނަށް އޮތް އެންމެ ރައްކާތެރި ގޮތަކީ، ދަތުރުތައް މެދުކަނޑާލުން ވަގުތީ ގޮތުން. އަޅުގަނޑުމެންނަށް އެހެން ގޮތަކަށް ނާނގާހާ ހިނދަކު ދަތުރުތައް މެދުކަނޑާލަން ނިންމާފައި ވަނީ،" އާޒިމް ވިދާޅުވި އެވެ.

މާމެންދުއިން މިހާތަނަށް ޕޮޒިޓިްވެފައި ވަނީ ތިން މީހުންނެވެ. އެ ތިން މީހުންނަކީވެސް މާލެއިން ފުރައިގެން އެރަށަށް ދަތުރުކޮށް ހޯމް ކަރަންޓީންގައި ތިބި ތިން މީހުންނެވެ. އެމީހުންނާ ގުޅިގެން 11 މީހަކު ވަނީ ކޮންޓެކްޓް ޓްރޭސިން އިން ދެނަގަނެވިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމީހުންނާއެކު މާލެއިން ކޫއްޑޫ އެއާޕޯޓަށް ދަތުރު ކުރި ފަސް މީހަކާއި މާލެއިން އެމީހުންނާ ބައްދަލުވި ފަސް މީހަކު ހިމެނެއެވެ. އަދި ކޫއްޑޫ އެއާޕޯޓުން ބައްދަލުވި މާމެންދޫ މީހަކުވެސް ހިމެނެއެވެ. އެމީހުންގެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.

comment ކޮމެންޓް