ބޮޑު ތާރީހު ރައީސް މިއަދު އިއުލާނުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ފަތުރުވެރިންނަށް އަލުން ރާއްޖެ ހުޅުވާލާ ތާރީހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާނު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަދުގެ ވަގުތެއްގައި ރައީސް ސޯލިހު ގައުމާ މުހާތަބުކުރައްވާނެ ކަމަށެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަން އަލުން އަލުން ހުޅުވާލާނެ ތާރީހެއް އިއުލާނުކުރައްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބުކުރައްވާ މިކަމަށް އަލިއަޅުވާލައްވާނެ. މި ދެންނެވީ މި ދެންނެވީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާނެ ތާރީހެއް އިއުލާނު ކުރައްވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވިދާޅުވީ ފަތުރުވެރިކަން ހުޅުވާލުމަށް މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވާންޖެހޭ ތައްޔާރީތައް މުޅިން ނިމިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ ހުރިހާ އިދާރާތަކުން މިހާރު އިންތިޒާރުކޮށްގެން ތިބީ އެ ވަގުތަށް ކަމަށެވެ.

ފަތުރުވެރިކަން ހުއްޓުމަކަށް އައުމާއެކު ރިސޯޓުތަކާއި، ވިޔަފާރިިވެރިން ވެސް އަދި މުވައްޒަފުން ވެސް މިވަގުތު ތިބީ ވަރަށް ދަތި ހާލުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވަނީ މީގެކުރިން ރާއްޖޭގެ ފަތުރުވެރިކަން ބޮޑެތި ގެއްލުންތައް ލިބުނު ކާރިސާތަކުގެ މައްޗަށް ވެސް މިއަދުގެ ކޮމިޓީގައި އަލިއަޅުވާލައްވައިފައެވެ. އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި 2009 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ފައިނޭންޝަލް ކްރައިސިސްގައި ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް ކޮވިޑް19 އާ ގުޅިގެން މި ދިމާވި ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ގެއްލުމަކީ ތާރީހުގައި ވެސް ލިބުނު އެންމެ ބޮޑު ގެއްލުންކަމަށް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާ، ބޯޑަރު ބަންދު ކުރީ މާޗު 27 ވަނަ ދުވަހު އެވެ. އެއާއެކު ފަތުރުވެރިކަމަށް ބަރޯސާވާ ރާއްޖޭގެ އިގްތިސާދަށް ލިބޭ އާމްދަނީގެ ބޮޑު ބަޔެއް ވަނީ ހުއްޓިފައެވެ.

ރާއްޖޭގެ މައި ގޭޓު ބަންދުކުރި ފަހުން ތިން މަސް ވާން ކައިރިވެފައިވާއިރު، ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖުލައި 16 ގައި ބޯޑަރު ހުޅުވާލަން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ޖުލައިމަހުގެ ތެރޭގައި ބޯޑަރު ހުޅުވާލާނެކަން އިއުލާނު ކުރިނަމަވެސް، ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ޖުލައި އެއްވަނަ ދުވަހު ބޯޑަރު ހުޅުވާލި ނަމަވެސް ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ރާއްޖޭގެ މައި ގޭޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮތީ ތައްޔާރަށެވެ.

comment ކޮމެންޓް