ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ބޮޑުކުށަކަށް ނުވާތީ، ހެކި ހުރެ، މީހަކު ދޫކޮށްލަން ޖެހިއްޖެ

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓު ބޭރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުއްޖަކާމެދު ޖިންްސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ މައްޗަށް އެ ކުށަށް ތުހުމަތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ވީ ނަމަވެސް، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ ބޮޑު ކުށަކަށް ނުވާތީ، އޭނާ އިތުރަށް ބަންދުގައި ބެހެއްޓެން ނެތް ކަމަށް ކަނޑައަޅައި، އޭނާ ބަންދުން ދޫކޮށްލަން ޖެހިއްޖެ އެވެ.

ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މޭ މަހުގެ 28 ވަނަ ދުވަހެވެ. ޖެހިގެން އައި ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ. އޭނާ ބަންދުކުރުމަަށް ފުލުހުންގެ ފަރާތުން އެދިފައި ވަނީ އާންމު އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.

އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އާންމު އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އެދިފައި ވީނަމަވެސް، ކްރިމިނަލް ކޯޓުން އޭނާ ބަންދަށް ދީފައި ވަނީ 10 ދުވަހެވެ. ދެވަނަ ފަހަރު ވެސް އޭނާ ބަންދުކުރުމަަށް އެދިފައި ވަނީ އާންމު އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.

އޭނާ ޝަރީއަތް ނިމެންދެން ބަންދުނުކޮށް، ވަކި މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު އެއްވެސް ފަރާތަކުން އިސްތިއުނާފުކޮށްފައި ނުވާކަން ކްރިމިނަަލް ކޯޓުގެ އަމުރުން އެނގެ އެވެ

އެންމެ ފަހުން ދިން 10 ދުވަސް ހަމަވުމުގެ ކުރިން، އިއްޔެ ވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދިފައިވެއެވެ. ނަމަވެސް އޭނާ އިތުރަށް ބަންދުގައި ބެހެއްޓެން ނެތުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

އޭނާ ދޫކޮށްލުމަށް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ވީނަމަވެސް، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށްތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށްތަކެއް ކަމުގައި ނުވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތަކަކީ:

  • މީހުން މެރުމުގެ ކުށް؛
  • އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް؛
  • ޓެރަރިޒަމްގެ ކުށް؛
  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛
  • މީހުން ޓްރެފިކްކުރުމުގެ ކުށް؛
  • މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛
  • ވައްކަން، ޓެކުން، ޚިޔާނަތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތައް؛
  • ކޮރަޕްޝަންގެ ކުށް؛
  • ގޭންގު ކުށް؛
  • މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުން؛
  • ދައުލަތުގެ އިސްތިޤުލާލާއި މިނިވަންކަމަށް ގެއްލުންވާ ޢަމަލު ހިންގުން.

މީހެއްގެ މައްޗަށް ތުހުމަތުކުރެވެނީ ކިތަންމެ ސީރިއަސް ތުހުމަތުތަކެއްގައި ކަމުގައި ވިޔަސް ޖިނާއީ ބޮޑެތި ކުށް ނޫން އެހެނިހެން ކުށްތަކަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާއަކުން މި ފަހުން ވަނީ ކަނޑައަޅާފަ އެވެ.

އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ނުވަތަ އާންމު އިޖުރާއަތުގެ ދަށުން އޭނާ ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަށް ބަންދުގައި ބެހެއްޓިފައި ވާކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގަައިވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ތުހުމަތުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެގާނޫނުގައި ހާއްސަ އިޖުރާއަތުތަކެއް ކަނޑައަޅާފައިވެ އެވެ.

ޖިނާއީ އިޖުރާއަތުގައިވާ އާންމު އިޖުރާއަތަށް ނުގޮސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކުރާ ހާއްސަ އިޖުރާއަތުގެ ދަށުން އޭނާ ބަންދުގައި ބަހައްޓައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަދި ޕްރޮސެކިއުޓާ ޖެނެރަލްއަށް އެދުމުގެ ފުރުސަތު އޮތް ނަމަވެސް، އެ ގާނޫނުގެ 30 ވަނަ މާއްދާގައި ވާ އިޖުރާއަތުތަކާ އެއްގޮތަށް އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެދި ފުލުހުންގެ ފަރާތުން ވެސް އަދި ޕީޖީ އޮފީހުން ވެސް ހުށަހަޅާފައި ނުވާކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ މީހަކާމެދު، އެ ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް، ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސެކިއުޓާ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނާ އޮފް ޕޮލިސްއަށް، ޕްރޮސިކިއުޓާ ޖެނެރަލްގެ ގާތުގައި އެދެވިދާނެ ކަމަށެވެ.

އެފަދަ އެދުމެއް ކޮމިޝަނާ އޮފް ޕޮލިސް ސޮއިކޮށް ފޮނުވާ ލިޔުމަކުން، ޕްރޮސެކިއުޓާ ޖެނެރަލްއަށް ހުށަހަޅައިފި ހިނދެއްގައި، ޕްރޮސެކިއުޓަ ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އެފަދަ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅަންވާނެ ކަމަށެވެ.

ހައިކޯޓުގެ ގަޒިއްޔާއަށް ބެލުމުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ މަގުސަދު ހާސިލްކުރުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެދޭނަމަ، އެ ގާނޫނުގެ 30 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާ އެއްގޮތަށް އަމަލު ކުރަން ފުލުހުން އަށް އަދި ޕީޖީއަށް ލާޒިމްވާ ކަމަށެވެ.

ނަމަވެސް މީގެކުރިން ކުށުގެ ތުހުމަތުވާ މީހާ ބަންދު ކުރުމަށް އެދުނު ދެ ފަހަރު ވެސް އެދިފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ދަށުން ކަމަށްވާތީ، ދެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އޭނާ ބަންދު ކުރުމަށް އެދުމަކީ "ހަމަޖެހޭ ކަމެއް ނޫން ކަމަށް"، މައްސަލައިގެ އިންވެސްޓިގޭޓިވް އޮފިސަރު ބަންދު މަޖިލީހުގައި ބުނެފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ.

"މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުން ދަށު މަރުހަލާގެ ކޯޓުތަކަށް ލާޒިމުވާތީ، މިވަގުތު މީނާ އިތުރަށް ބަންދުގައި ބެހެއްޓޭނެ ގާނޫނީ ހަމައެއް އޮތްކަމަށް ނުފެންނާތީ ބަންދުން ދޫކޮށްލުމަށް ނިންމީމެވެ." ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ މަގުސަދު ހާސިލްކުރުމަށްޓަކައި، ކުށުގެ ތުހުމަތުވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އެދޭނަމަ ގާނޫނުގައު ބުނާ އިޖުރާއަތުތައް ފުލުހުންނާއި ޕީޖީ އޮފީހުން އަމަލުކުރަން ޖެހޭނެއެވެ. ނޫންނަމަ އެ ގާނޫނުގެ ދަށުން ބަންދުކުރުމަށް އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަކަށް ލިބިގެން ނުވެއެވެ،

މިހާރު އޭނާ އިތުރަށް ބަންދުގައި ބަހައްޓާނެ ގާނޫނީ ހަމައެއް ނެތުމުން އޭނާ ބަންދުން ދޫކޮށްލި ނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނާ އިޖުރާއަތުތައް ފުރިހަމަކުރުމުން އޭނާގެ ބަންދުގެ މުއްދަތު މުރާޖައާކޮށްދިނުމަށް ފުލުހުންގެ ފަރާތުން ނުވަތަ ޕީޖީ އޮފީހުގެ ފަރާތުން އެދިއްޖެނަމަ، އެކަން ކަމަށް ބަލައި، ބަންދު މުރާޖައާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގަައިވެއެވެ.

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ދޫވެފައި ވާއިިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ މި މަހު އަމުރުކޮށްފައެވެ.

އެއީ އެގާރަ އަހަރުގެ ކުޑަކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް އެ ކުއްޖާ ރޭޕް ކުރި މައްސަލައިގެ ތުހުމަތު ކުރެވޭ ހއ. ބާރަށު، ސިލްސިލާގޭ، އަނީސް ހިލްމީ، 38، އެވެ.

ޖިންސީ ގޯނާގެ ކުށަކީ ބޮޑު ކުށަކަށް ނުވާތީ، ޖިންްސީ ގޯނާގެ ތުހުމަތުވާ މީހަކު ދޫވެފައިވާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިދިޔަ ފެބުރުއަރީ މަހު ވަނީ އިސްލާހެއް ހުށަހަޅައިފައެވެ. ނަމަވެސް އެ އިސްލާހުގެ މަސައްކަތް އަދި ނިމިފައެއް ނުވެ އެވެ.

comment ކޮމެންޓް