ވަޒީފާ ގެއްލުނު ފަރާތްތަކަށް ހައްލެއް ހޯދަން ޖާބިރު ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ޖޫން 1، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް ފާސްކޮށް، މައްސަލަ ބޭރުކޮށްލައިފި އެވެ.

ޖާބިރު މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ އެކި ސިނާއަތުގައި ވަޒީފާ އަދާކުރަމުން އައި އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި އެފަރާތްތަކަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތުގެ މަތީން ދެ މަހަށްވުރެ ގިނަ ދުވަހު ބަންދުވެފައި ތިބެން ޖެހިފައިވާ ކަމަށެވެ.

އެއާއެކު އެތައް ހާސް ރައްޔިތުންނަށް ލިބެމުންދިޔަ އާމްދަނީ މުޅީން ހުއްޓި އެތައް ހާސް އާއިލާއެއް ބިކަ ހާލުގައި ޖެހިފައިވާ ކަމަށް އެ ކުއްލި މައްސަލައިގައި ބުނެފައިވާއިރު އެގޮތަށް ކަންތައް ވުމަށް މެދުވެރިވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދޯހަޅިކަމުން ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން އެ ކަންތައްތައް ހައްލުކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލައެއް ހުށަހަޅާ ކަމަށް ބުނެފައިވެ އެވެ. އެ މައްސަލައިގައި ދެ ކަމެއް ހިމަނާފައިވެ އެވެ.

އެގޮތުން ފުރަތަމަ ކަމަކީ ރާއްޖޭގެ އެންމެހާ ސިނާއަތްތަކުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވެންދެން ނުވަތަ ވަޒީފާ އަދާ ކޮށްގެން އާމްދަނީއެއް ލިބެން ފެށުމާއި ހަމައަށް އެފަރާތްތަކަށް ސަރުކާރުން އިނާޔަތް ދެމުން ގެންދިއުގެ އިންތިޒާމްތައް ހަމަޖެއްސުމެވެ.

ދެވަނަ ކަމަކަށް އެ ކުއްލި މައްސަލައިގައި ހިމަނާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރީބައުންޑް ކުރުމަށް ބޭނުންވާ ރިސޯސަސް މިހާރުން މިހާރަށް ގާއިމުކޮށް ދިނުމަށާއި އަދި އެކަމަށްޓަކައި ބިއުރޯއެއް އުފެއްދުމަށެވެ.

އެ ހުރިހާ މައްސަލައެއް މިހާރުން މިހާރަށް ބަލައިދިނުމަށް ވެސް ޖާބިރުގެ ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

މައްސަލަ މަޖިލީހަށް ބަލައިގަތުމާ ގުޅޭގޮތުން މިއަދު މަޖިލީހުގައިި ނެގި ވޯޓުގައި، އެ މައްސަލައަށް ބަހުސްކުރަން ނުފެންނަކަމަށް 27 މެމްބަރުން ވަނީ ވޯޓުދެއްވައިފަ އެވެ. މައްސަލަ ބަލައިގަންނަން ވޯޓުދެއްވީ އެންމެ މެމްބަރެކެވެ. އެއާއެކު އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިިފަ އެވެ.

comment ކޮމެންޓް