މާސްކު ދަތްދޮޅީގައި އަޅުއްވާފައި ބޭއްވުން ރައްކާތެރިއެއް ނޫން

ޖޫން 18، 2020: ކޮވިޑް19ގެ ޕޮޒިޓިވް ކޭސްއެށް މާލޭއިން ފެނުމާގުޅިގެން މާލޭ ސަރަހައްދު ލޮކްޑައުން ކުރުމާށްފަހު ދެ މަސް ދުވަސް ފަހުން ބޮޑު ލުއިތަކެއް ދިނުމާއެކު ކުޑަކުދިންނަށް ބޭރަށް ނިކުމެ އުފާކުރުން: ކުޑަ ކުދިންނަށް ބޭރަށް ނިކުމެވޭނެ ވަގުތަކީ ހަވީރު 4:00 - 6:00 އަަށް - ސަން ފޮޓޯ/ ފަޔާޒު މޫސާ

މިފަހަކަށް އައިސް މާލެ ތެރެއިން ފެންނަ މަންޒަރެއްކަމުގައިވާ މާސްކު އެޅުމަށް ފަހު މާސްކު ދަތްދޮޅިއަށް ތިރިކޮށް ބޭންދުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އިލްތިމާސް ކުރައްވައިފަ އެވެ.

"މާސްކް އަޅުއްވާއިރު، މާސްކު ނަގާފައި މި ބައިންދަނީ ދަތްދޮޅިދަށަށް ލައިފައި، އެއީކީ އެކަމުގައި އެންމެ ރަނގަޅުގޮތެއް ނޫން." ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ.

"މާސްކު ނަގަންޏާމުން އެތެރެ ފަރާތާއި ވާގޮަތަށް ބަލައިގެން ފަތްޖަހާލީމައި ކްލީން ސާރފޭސް (ސާފު ފަޅި) އިންނާނީ ކްލީން ސާރފޭސްގެ ގޮތުގައި. އެއްވެސް ހާލެއްގައި ދަތްދޮޅިދޮށުގައި ނުބައިންދާށޭ މާސްކު."

ނޫސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެންއީއޯސީގެ ސްޕޯކްސްޕާރސަން މަބްރޫކް އަޒީޒްވެސް ވަނީ ސަލާމަތީ ފިޔަވަޅުތަކަށް ދިވެހިންގެ މެދުގައި ދެވޭ އިސްކަން މިހާރު ކުޑަކުރެވެމުންދާ ކަމަށް ފާހަގަކުރައްވައިފަ އެވެ.

"މިހާރު އަޅުގަނޑަށް ފެންނަނީ ފުލް މާސްކު އަޅުއްވާފައި، ނޭފަތާއި ހަމަޔަށް އެއްކޮޅުން، ދަތް ދޮޅިޔާއި ހަމަޔަށް އަނެއްކޮޅުން، މާސްކު އެޅުންވެސް އެކަހަލަ ގޮތަކަށް، އަޅުގަނޑުމެންނަށް ފަސޭހަ އެބަ ކޮށްލެވޭ،" މަބްރޫކް ވިދާޅުވި އެވެ.

ޕޮޒިޓިވް ކޭސް މަދުވިޔަސް ރައްކާތެރި ފިޔަވަޅަށް ދޫނުދީ

އިތުރަށް ވާހަކަދައްކަދަމުން މަބްރޫކު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް އަދި ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާލިކަމުގައި ވިޔަސް ކޭސްތައް މަދުވެފައި ކުއްލިއަކަށް އިތުރަށް މީހުން ބައްޔަށް ޕޮޒިޓިވްވުމުގެ ސަބަބުން ހާލަތު ގޯސްވާތަން ދަނީ ފެންނަމުންނެވެ.

"ރަނގަޅަށް މިކަމުގައި އަމަލުކުރައްވާ ގައުމުތަކުގައިވެސް (ކޭސްތައް ގިނަ ވުމުގެ) އެކަމުގެ ބިރުވެރިކަން އެބަ އޮވޭ، އެގޮތުން ހޮކައިޑޯ، ސައުތު ކޮރެއާ އަދި ޖަރުމަނުން މިހާރު އެ ވާހަކަ ދައްކަނީ،" މަބުރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއިން މިވަގުތު ފެންނަ ކޮވިޑް-19ގެ ކޭސްތައް މަދުވުމުން ގިނަ ބަޔަކަށް މިކަން ނިމުނީކަމަށް ވިސްނާ ކަމަށެވެ. އެހެން ނަމަވެސް ކޭސްތައް މަދުވުމަކީ އަދި އުފާކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އަދި މިހެން ކޭސްތައް މަދުވެ ދެން އަނެއްކާވެސް އިތުރުވި ދެ ތިން ފަހަރެއް ކުރިންވެސް ފާހަގަވެފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މާރިޗް 16، 2020: ކޮވިޑް19 އާބެހޭގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަދުލުވުމުގެ ތެރެއިން - ސަން ފޮޓޯ/ އަހްމަދު ސައީދު

ފުރަބަންދަށް ދެވުނު ލުއިތަކާއިއެކު މާލޭގެ މަގުމައްޗަށް މިހާރު ނިކުތުމުންވެސް އާންމު ދުވަހަކަށްވުރެ ކާރޫބާރޫ ބޮޑުކަން ވެސް މަބްރޫކު ވަނީ މިރޭ ފާހަގަކުރައްވައިފަ އެވެ.

"[ޕޮޒިޓިވް ކޭސްތަކުގެ] ނަންބަރުތައް ފެންނަލެއް މަދު މިވަގުތު، ތިބޭފުޅުން ހަނދުމަފުޅު ހުންނާނެ، ކުރިންވެސް މިކަހަލަ ދެ ތިން ވަގުތުކޮޅެއް އައި، އަޅުގަނޑުމެންނަށް ހީވި ކޭސްތައް ވަރަށް ބޮޑަށް މަދުވެއްޖެއޭ. ދެން ވިސްނަވާ ބޭފުޅުން ވިސްނަވާ، މި ހިސާބުން މި ނިމުމަކަށް އައީއޭ،" މަބްރޫކު ވިދަޅުވި އެވެ.

މި ބައްޔާއިއެކު ވަރަށް ދުވަސް ވަންދެން އާ އާންމު ހާލަތުގައި އުޅެން ޖެހޭނެކަމަށް ފާހަގަކުރައްވަމުން މަބްރޫކު ވަނީ ބަލިން ސަލާމަތްވުމަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭނެކަމަށް ވިދާޅުވެފަ އެވެ.

"މާ ގިނަ ދުވަހެއް ނުނަގާ ފެތުރިގަންނާކަށެއް [ކޮވިޑް-19]، އެކެއްގެ ކިބައިން ތިން މީހުންނަށް، ތިން މީހުންގެ ކިބައިން ނުވަ މީހުންނަށް، ވަރަށް ފަސޭހައިން ފެތުރޭ ބައްޔެއް މިއީ." މަބްރޫކް ވިދާޅުވި އެވެ.

"މި ބަލި ވުޖޫދުން ފޮހެވެންވާނަމަ، ކުރެވޭނެ އެންމެ މުހިންމު ކަންތައްތަކީ، މި ބަލި އުޅޭ މާހައުލަށް ފިޓުވުން،"

މި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމަޔަށް އަމަލުނުކޮށްފިނަމަ ބަލިން ސަލާމަތްވުމަކީ ވަރަށް ދަތި ކަމެއްކަމަށްވެސް މަބްރޫކު ވިދާޅުވި އެވެ.

comment ކޮމެންޓް