ސަރުކާރު ޒިންމާދާރު ކުރުމަށް މަގުމައްޗަށްވެސް ނުކުންނާނަން: ރައީސް ވަހީދު

ޑރ. ވަހީދު: މަގުމައްޗަށް ނުކުންނަ ޖެހިއްޖެނަމަ، މަގުމަށްޗަށްވެސް ނުކުންނާނެ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ސަރުކާރު ޒިންމާދާރުކުރުމަށް މަގުމައްޗަށްވެސް ނުކުންނަން ކެރިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

މިރޭ ރައީސް ޑރ. ވަހީދު ވަނީ އިދިކޮޅު ހަރަކާތުގެ އިސްސަފުގައި މަސައްކަތް ކުރުމަށް އެ ކޯލިޝަންގެ ސްޕެޝަލް އެެޑްވއިޒަރ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ.

އިދިކޮޅުން އެ މާގާމު އެމަނިކުފާނަށް އެރުވިކަން އިއުލާން ކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ރައީސް ޑރ. ވަހީދު ވަނީ މި ސަރުކާރަށް ފާޑު ވިދާޅުވެ، ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފައެވެ. އެގޮތުން މި ސަަރުކާރުން ބަޖެޓު ހިތު ހުރި ގޮތަކަށް ހަދައި، އެކި ފަރާތްތަކަށް "ބައި އަޅާފައިވާ" ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. އަދި ރައްޔިތުން ތިބީ ވަރަށް ބިކަ ހާލުގައި ކަމަށާއި، އިދިކޮޅު ހަރަކާތްތަކުގެ އަޑު ވަރުގަދަކޮށް، ސަރުކާރު ޒިންމާދާރުކުރުމަށް ރައްޔިތުންގެ އަޑު އުފުލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަކީ ވަރަށް ބާރަށް ހިންގާ މީހެއް. އަދިވެސް އިރާދަކުރެއްވިޔާ މަގުމައްޗަށް ނުކުންނަން ޖެހިއްޖެ ނަމަ މަގުމައްޗަށްވެސް ނުކުންނާން،" ސަން އިން ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވަހީދު ވިދާޅުވިއެވެ.

"ގައުމުގެ ހާލުގެ ދުލުން ބުނަން ޖެހޭ ބަސް ބުނުމުގައި މިއަދު މިވަނީ އަޑު މަޑުވެފައި. ގައުމުގެ ހާލުގެ ދޫ މަޑުވުމުގެ ސަބަބުން އެ ލިބޭ ހުސްކަމުގެ ތެރެއިން، އޭގެ ފަހަތުން އިވޭ ރުއިމުގެ އަޑު އަޅުގަނޑުމެންނަށް އިވޭ. އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ އަޅުގަނޑުމެންގެ އަޑު އުފުލަން،"

މިރޭ ޕީޕީއެމް- ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ވަހީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑރ. ވަހީދު ވިދާޅުވި ގޮތުގައި، ޕީޕީއެމް-ޕީއެންސީ ހަަރަކާތްތައް ހިންގުމުގައި އެމަނުކުފާނުގެ ބޮޑު ތަސައްވަރެއް އޮބައޮތެވެ. އެގޮތުން އެމަނިކުފާނުގެ އުންމީދަކީ އިދިކޮޅު ކޯލިޝަނަކީ ސަރުކާރު ޒިންމާދާރު ކުރެވޭނެ ވަރުގަދަ ސިޔާސީ ހަރަކާތައްކަށް ހެދުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ތަސައްވުރަކީ މި ޕާޓީ އަކީ މިއީ އެންމެ ނިކަމެތި މީހާގެ ވެސް ހާލު ބަަލައި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުން. އަދި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ރައްޔިތުންނާއި ނިކަމެތިންނާ ދޭތެރޭ އޮތް ގުޅުން މިހާރަށް ވުރެ ބަދަހިވެގެން ދިއުން،" ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.

ޑރ. ވަހީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމަނިކުފާނު ވިދާޅުވީ، ކޯލިޝަންގެ އިސްސަފުގައި މަސައްކަތްކުރެއްވުމަށް ނިންމެވީ އެއްވެސް ކަހަލަ އަމިއްލަ އެދުމެއް ނެތި ކަމަށާއި ބޭނުންވަނީ ލިބޭ ފުރުސަތެއްގެ ބޭނުން ހިއްޕަވައިގެން ގައުމަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވުމަށްފަހު ވެރިކަމަށްވަޑައިގެން ޑރ. ވަހީދު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ކުރިމަތިވި ނާކާމިޔާބަށްފަހު ސިޔާސީ ހަރަކާތްތަކުގައި އެމަނިކުފާނު ނޫޅުއްވައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމަނުކުފާނަށް ލިބިވަޑައިގެންނެވީ ފަސް ޕަސަންޓެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ އެ އިންތިހާބު ބާތިލްކޮށްފައެވެ.

އޭގެ ފަހުން އެމަނުކުފާނު ވަނީ އަމިއްލަފުޅު ޕާޓީ، ގައުމީ އިއްތުހާދު އުވާލުމަށްފަހު، އެ އަހަރު ޑިސެމްބަރު 25 ގައި ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. ނަމަވެސް ޕާޓީގެ މެމްބަރެއްގެ ގޮތުގައި މިއަދާހަމަށް ދެމިހުންނެވި ނަމަވެސް އޭގެ ފަހުން އެމަނުކުފާނު ޕީޕީއެމްގެ ހަރަކާތްތަކުން ނުފެނެއެވެ.

comment ކޮމެންޓް