ކައުންސިލްތަކުގެ ސަންސެޓް ގާނޫނު: ހައްގުތަކެއް ނިގުޅައިގެންފި!

މޭ 6، 2017: ލޯކަލް ކައުސިލް އިންތިހާބު 2017 ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު އޭޕްރީލްގައި ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިހާބު ދިމާވި ހާލަތާ ގުޅިގެން މިވަނީ ފަސްކޮށްފަ އެވެ. މިހާރު އިލެކްޝަންސް ކޮމިޝަނުން ލަފާކުރާ ގޮތުން އިންތިހާބު ބޭއްވޭނީ ފެށޭ އަހަރުގެ މާޗު ހިސާބުގަ އެވެ. އަދި ސީދާ ތާރީހެއް ހާމައެއް ނުކުރެ އެވެ. ސަންސެޓް ގާނޫނެއް ހަދައި އިންތިހާބު ފަސްކުރިއިރު ނިންމާފައި ވަނީ މިހާރު އިންތިހާބުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތް ހިސާބުން އަލުން ފަށާށެވެ.

މިހާރު ގޮސްފައި އޮތް ހިސާބަށް ބަލާއިރު އިންތިހާބުގައި ވާދަކުރާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، މިހާރު އެ ފުރުސަތު ވަނީ ބަންދުކޮށްފަ އެވެ. ދެން އަލުން އިންތިހާބަށް ވާދަކުރުމަށް އެދި ހުށައެއް ނޭޅޭނެ އެވެ. އެއް އަހަރު ފަހުން އިންތިހާބު ބޭއްވިޔަސް ދެން ފަށާނީ އެ ހިސާބުން ކަމަށް ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނުގައި ވަނީ ބުނެ ސިއްކަ ޖަހައިފަ އެވެ. ނަމަވެސް މިހާރު އެކަމަށް މިވަނީ ގާނޫނީ ބޮޑެތި ސުވާލުތަކެއް ކުރިމަތިވެފަ އެވެ. ބައެއް މީހުންނަށް އިންތިހާބުގައި ވާދަކުރުމުގެ ހައްގު ގެއްލޭ މައްސަލަ އެވެ. ބައެއް ޕާޓީތަކަށް ހައްގުތަކެއް ގެއްލޭ މައްސަލަ އެވެ. ކެމްޕެއިން ކުރުމަށް ހަމަ ހަމަ ފުރުސަތު ނުލިބޭ މައްސަލަ އެވެ.

ވޯޓުދިނުމުގެ ހައްގާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގަކީ 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ގާނޫނު އަސާސީއިން ލިބިދޭ ހައްގެކެވެ. އެކަން ގާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ކަށަވަރުކޮށްދެ އެވެ.

ބައެއް ވަކީލުން ދެކެވަޑައިގަންނަވާ ގޮތުން ކައުންސިލް އިންތިހާބު ފަސް ކުރުމުން އަލަށް 18 އަހަރުވާ މީހުންނަށް އިންތިހާބުގައި ވާދަނުކުރެވުމަކީ ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް ގެއްލިގެން ދިއުމެވެ. އަނެއްބައި ވަކީލުން ވިދާޅުވާ ގޮތުން އެއީ ގާނޫނުއަސާސީއިން ލިބިދޭ ހައްގެއް ގެއްލެނީ ކަމަށް ނުބުނެ ވޭނެ އެވެ. އެކަމަކު އެއީ އެންމެ އިންސާފުވެރިގޮތްތޯ ނޫންތޯ އެއީ ކޮށްލަން ބަހުސެކެވެ.

މީގެ އިތުރުން، ކައުންސިލް އިންތިހާބު ދެން އެންމެ އަވަހަށް ބޭއްވޭނީ އަށް މަސް ފަހުން ކަމަށްވާ ނަމަ، މި މުއްދަތުގައި އެތައް ކަމެއް ބަދަލުވެދާނެ އެވެ. މިސާލަކަށް ކައުންސިލަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅަކު ހާލަތެއް މެދުވެރިވި އޭނާއަށް އިންތިހާބުގައި ވާދަނުކުރެއްވިދާނެ އެވެ. ނޫނީ ވާދަކުރަން ބޭނުން ވެސް ނުވެދާނެ އެވެ. އެހެން ވެއްޖެ ނަމަ އެ ގެއްލެނީ ވެސް ހައްގުތަކެކެވެ.

މަޖިލިސް އިންތިހާބުގެ ވޯޓު ލުމަށް ގޮސް ތިބި މީހުންތަކެއް --- ސަން ފޮޓޯ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ފެށޭ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަކީ މާކުރިން ބާއްވަން ނިންމައި އިއުލާނުކޮށްފައި އޮތް އިންތިހާބެއް ކަމަށެވެ. އެހެންވީމާ އެއް އިންތިހާބެއްގައި ވާދަކުރަން ދެބުރަށް ފުރުސަތު ނުދޭނެކަމަށް އަކްރަމް ވިދާޅުވި އެވެ. އޭގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގައި ބުނެފައިވާ ގޮތުން އިންތިހާބުގެ މަސައްކަތްތައް ދެން ފަށަން ޖެހޭނީ ނިމިފައި އޮތް ހިސާބުން ކަމަށް ވާތީ ގާނޫނާ ހިލާފަށްވެސް އެކަން ކުރެވެން ނޯންނާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"މިހާރު މި އަމަލުކުރާ ގޮތުގެ ސަބަބުން ގާނޫނުގައި އެބުނާ 18 އަހަރުވީ މީހުންގެ ހައްގު ގެއްލިގެން ދާ ކަމަކަށް ގަބޫލެއް ނުކުރަން. އެއީ، އެއް އިންތިހާބެކޭ މި ބާއްވަނީ،" އަކްރަމް ވިދާޅުވި އެވެ.

ކޮންމެއަކަސް އަހަރު ދުވަހަކަށް އިންތިހާބު ފަސްވެގެން ދިއުމާ އެއް އަހަރު ދުވަހަށް އިންތިހާބު ފަސްވެގެން ދިއުމަކީ ގިނަ ބައެއްގެ ހައްގު އޭގައި އެކުލެވޭނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި 18 އަހަރު ފުރޭ އެތައް ބައިވަރު ބަޔަކު ތިބޭއިރު ގެއްލިގެން ދަނީ ކިތައް މީހުންގެ ހައްގުތޯވެސް އެއީ ބަލާލަން ޖެހޭ ކަމެކެވެ.

ގާނޫނީ ވަކީލަކު ނަން ހާމަ ނުކުރުމަށް އެދި "ސަން" އަށް ވިދާޅުވީ އެއީ ގާނޫނުއަސާސީއާ ނުވަތަ ގާނޫނާ ހިލާފުވުމޭ ބުނެވޭކަށް ނެތެވެ. އަދި ކުރިިން އިއުލާނުކޮށްފައި އޮތް އިންތިހާބަކަށް ނަގާފައި ތިބި ކެންޑިޑޭޓުންގެ ލިސްޓާ އެކު ކުރިއަށް ދިއުމަކީ ގާނޫނީ މައްސަލައެއް އޭގައި އެކުލެވޭ ކަމެއް ކަމަށްވެސް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންމަވެސް އިންތިހާބެއްގެ މުޅި މަފްހޫމަކީ އެންމެނަށް ފުރުސަތު ލިބިދޭ ހާމަކޮށްބޮޑު ދެފުއް ފެންނަ އިންތިހާބެއް ބޭއްވުން ކަމަށް ވާތީ އަލުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނުން ބަލަން ޖެހޭނީ މިބޭއްވީ ގިނަ ބަޔަކަށް ފުރުސަތު ލިބިދޭ އިންތިހާބެއްތޯ؟ މިބޭއްވެނީ ހާމަކަން ބޮޑު ދެފުއް ފެންނަ އިންތިހާބެއްތޯ؟ އިންތިހާބެއްގެ މަފްހޫމަކީ އެއީ. އެންމެ ރަނގަޅު ގޮތަކީ އަލުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުން. އެއީ ގިނަ ބަޔަކަށް ފުރުސަތު ލިބިދެވޭ އިންތިހާބަކަށް ވާނީ،" ވަކީލު ވިދާޅުވި އެވެ.

ޕާޓީތަކުން އިންތިހާބު ތަކުގައި ވާދަކުރާނީ މިހާރުވެސް ތިބި ކެންޑިޑޭޓުންތޯ ނޫންތޯ ނިންމާނީ އެ ޕާޓީއަކުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އިލެކްޝަނުން ޔަގީން ކުރަން ޖެހޭ ކަމަކީ އެއްވެސް މީހަކު އިންތިހާބީ ހައްގުން މަހުރޫމު ނުވުން ކަމުގައި އޭނާ ވިދާޅުވި އެވެ.

އިންތިހާބެއްގެ ވޯޓުލުމުގެ ތެރެއިން ---

ގާނޫނީ ވަކީލު އަދި ކުރީ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިން ވެސް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކަށް ވާނީ އަލުން އިންތިހާބަށް އިއުލާނުކުރުމެވެ. އެއީ މިހާރު އޮތް ގޮތަށް ކުރިއަށް ގެންދާ ނަމަ ދިމާވާނެ ވަރަށް ގިނަ މައްސަލަތައް އެބައްހުޓެވެ. މިސާލަކަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ވަކި ޕާޓީއަކުން ކުރިމަތިލާފައިހުރި މީހަކު މަރުވުން ނުވަތަ އެމީހަކަށް އެއް އަހަރު ތެރޭގައި ހުކުމެއް އަތުވެއްޖެ ނަމަ، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލި ޕާޓީގެ ސްލޮޓް ގެއްލޭނެ ކަމަށް މުހުތާޒު ވިދާޅުވި އެވެ. އެހެންވީމާ އެއީ ވެސް އިންސާފުން ދާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެގޮތަށް އަލަށް 18 އަހަރުވާ މީހުންނަށް އިންތިހާބުގައި ވާދަކުރުމުގެ ހައްގުވެސް ދޭން ޖެހޭ ކަމަށް މުހުތާޒު ވިދާޅުވި އެވެ. އަލުން އިންތިހާބަށް ކުރިމަތިލާން އިއުލާނުކޮށްފި ނަމަ މިހާރު ކުރިމަތިލައިގެން އެކަކު ހުރުމުން ހޮވުނު ކަމަށް އިއުލާނުކޮށްފައި ތިބި ކެންޑިޑޭޓުންނަށް ހައްގެއް ގެއްލުނު ނަމަވެސް، އޭނާއަށް ވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިދެވޭނެ ކަމަށް މުހުތާޒު ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ އެއީ ދެކޮޅަށްވެސް ވާހަކަދެކެވިދާނެ މައްސަލައެއް ކަމަށެވެ. ގާނޫނީ ގޮތުން ބަލާއިރު އިންތިހާބުގައި ވާދަކުރަން އަލުން ފުރުސަތު ހުޅުވާނުލުމަކީ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަލަށް 18 އަހަރު ވާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވާދަކުރުމުގެ ހައްގު ނުލިބުމަކީ ގާނޫނީ އިޖުރާއަތުތައް އޮންނަ ގޮތުން ހުރިހާ އިންތިހާބެއްގައި ވެސް ދިމާވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އިންތިހާބު ބާއްވާ ދުވަހަށް 18 އަހަރުވާ މީހުންނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ. އެކަމަކު ވަކި ދުވަހަކަށް 18 އަހަރު ފުރޭ މީހުންނަށް ވޯޓު ލެވޭނެ. އެކަމަކު މިދޭތެރެއިން އެއް އަހަރު ވެގެން ދާތީ ހައްގުތަކެއް ގެއްލޭ. އެއީ އިންސާފުވެރިގޮތެއްވެސް ނޫން." ޝަމީލް ވިދާޅުވި އެވެ.

ކެމްޕެއިން ކުރަން ހަމަހަމަ ފުރުސަތެއް ނެތް

ދެން ދިމާވާ އަނެއް މައްސަލަ އަކީ އިންތިބުގައި ކެމްޕެއިން ކުރުމަށް ހަމަ ހަމަ ފުރުސަތު ނެތުމެވެ. މިޙާރު އިންތިހާބުގައި ވާދަކުރަން ކުރިމަތިލާފައި ތިބި މީހުންގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުން ވަނީ ސަސްޕެންޝަން އުވާލައި އަލުން ވަޒީފާއަށް ނެރެފަ އެވެ. ސިވިލް ސާވިސް ގާނޫނު ބުނާގޮތުން މިހާރު އެމީހުންނަކަށް ކެމްޕޭނެއް ނުކުރެވޭނެ އެވެ. އެކަމަކު އަމިއްލަ މަސައްކަތް ކޮށްގެން އުޅޭ މީހުން ނުވަތަ ސިވިލް ސާވިސްގައި ތިބި މީހުން ނޫން މީހުންނަށް ކެމްޕެއިން ކުރެވެ އެވެ.

އިންތިހާބާ ބެހޭ ގާނޫނު ބުނާގޮތުން ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބިދެވޭން ޖެހޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބުގެ ތާރީހު އިއުލާނު ކުރުމަށް ފަހު ގާނޫނުގައި ބުނާ 30 ދުވަސް ކޮންމެ ކެންޑިޑޭޓަކަށްވެސް ކެމްޕެއިން ކުރަން ލިބޭނެ އެވެ. ކޮންމެ މީހަކަށްވެސް ހަމަހަމަ ފުރުސަތު ލިބެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމާމެދު މަޝްވަރާތަކެއް ކުރަމުން ދާކަމަށްވެސް ވިދާޅުވި އެވެ.

އިންތިހާބެއްގެ ވޯޓުލުމުގެ ތެރެއިން -- ސަން ފޮޓޯ/ ހުސެއިން ސަޔާހް

"އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބެންޖެހޭނެ ކަމަށް ގަބޫލުކުރަމޭ. އެހެންނަމަވެސް ކުރިން ދިމާނުވާ ހާލަތެއް މިހާރު ދިމާވެފައި މިއޮތީ. ދެން ކޮމިޝަނުން އިންތިހާބު އިއުލާނު ކުރުމާއެކުގައި ކެމްޕެއިނުކުރަން ގާނޫނުގައި ބުނާ 30 ދުވަސް ރަސްމީކޮށް އަނެއްކާވެސް ކެމްޕެއިނަށް ދޭނަން. މިވަގުތު މިއޮތީކީ އިންތިހާބަށް އިއުލާނުކޮށްގެން އެދޭ 30 ދުވަހުގެ މުއްދަތެއް ނޫން." އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަކްރަމް ވިދާޅުވި އެވެ.

ކުރިން ވެސް ވާހަކަ ދެއްކެވި ކުރީގެ ޕީޖީ މުހުތާޒު ވިދާޅުވީ މިހާރު އޮތްގޮތުން ކެމްޕެއިން ކުރުމުގެ ހަމަ ހަމަ ފުރުސަތު ގެއްލިގެން ދާ ކަމަށެވެ. ސިވިލް ސާވިސްގައި ތިބޭ މީހުންނަށް މިހާރު ކެމްޕެއިން ނުކުރެވޭއިރު އެހެން ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބިދެވުމަކީ ހަމަ ހަމަ ފުރުސަތު ލިބިދުނުން ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭގެ އަނެއްކޮޅަށް ބަލާއިރު ސިވިލް ސާވިސްގައި ހުރެގެން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތަތީ އެއީވެސް ހަމަހަމަކަން ގެއްލޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެއަކަސް މައްސަލަ އަކީ ހޫނު ބަހުސަކަށް ދާނެ މައްސަލަ އެކެވެ. ގިނަ ބައެއްގެ ހައްގަށް އުނިކަމެއް އަންނަ ގޮތަކަށް އިންތިހާބެއް ބޭއްވުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އިންތިހާބު ފަސްކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ކޮވިޑާ ގުޅިގެން ދިމާވެފައިވާ ހާލަތުގެ ސަބަބުން މީހުންނަށް ވޯޓުލާން ޖަމާ ނުވެވި، ވޯޓުލުމުގެ ހައްގު ގެއްލޭތީ އެވެ. އެއާ ގުޅިގެން އަންނަ އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާއި، ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ހައްގަކީވެސް ލިބިދެވޭނެ ޖެހޭ ހައްގުތަކެވެ. އެކަމަކު ސަންސެޓް ގާނޫނުން އެ ހައްގުތައް ގެއްލި ދިޔައީ އެވެ.

comment ކޮމެންޓް