ބަންގްލަދޭޝް އަށް ފުރުވާލި ތިން މީހަކު ޕޮޒިޓިވް ވެއްޖެ

ނިއު ނޯމަލް އާއި އެކު މާލޭގެ މަޖީދީމަގު ބާރު ބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ފޮނުވާލި ބަންގްލަދޭޝް ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

މިރޭ އެންއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ފޮނުވާލި ފަހުން ތިން މީހަކު ޕޮޒިޓިވްވި ކަން އެނގިފައިވާ ކަމަށެވެ.

އެ ތިން މީހުން ބަންގްލަދޭޝްގައި ކަރަންޓީނު ވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިއަދު ކޮވިޑް-19 އަށް 14 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން ތިން މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.

މިރޭ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 2217 އަށް އަރައިފަ އެވެ.

އެޗްޕީއޭއިން ހާމަކުރިގޮތުގައި އިތުރު 10 މީހަކު ވަނީ ބަލިން މިރޭ ރަނގަޅުވެފައެވެ. މިއާއެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1813 އަށް އަރައިފަ އެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ބައްޔަށް ފަރުވާ ދެވެމުން ދަނީ 391 މީހަކަށެވެ.

comment ކޮމެންޓް