ކައުންސިލުތަކާއި އެލްޖީއޭ އުވާލުމަށް ޖާބިރުގެ ގަރާރެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު

ރާއްޖޭގެ ސިޓީ ކައުންސިލުތަކާއި އަތޮޅު އަދި ރަށު ކައުންސިލުތަކުގެ އިތުރުން ލޯކަލް ގަވާންމެންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ޖާބިރު އިއްޔެ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އެންމެހާ ސިނާއަތްތައް މުޅީން ހުއްޓި، ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވެ، ދައުލަތް ބަނގުރޫޓުވުމާ ދިމާއަށް މިސްރާބު ޖަހާފައިވާތީ، ރާއްޖޭގެ އިގްތިސާދަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ހަރަދުކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

އެގޮތުން ހަރަދުކުޑަ ކުރަން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ އަށް ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އުފައްދާފައިވާ އެންމެހާ އިދާރާތައް އުވާލުމަށްޓަކައި އަށްވަނަ ބާބު އިސްލާހު ކުރުން އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެއިތުރުން ކައުންސިލުތައް އުވާލުމާއެކު ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނުވެސް އުވާލުމަށް އެ ގަރާރުގައި ވަނީ އެދިފަ އެވެ.

އެހެންކަމުން ކައުންސިލުތަކާއި އެ ކައުންސިލުތައް ޒިންމާދާރުކުރުމަށްޓަކައި އުފައްދާފައިވާ އެލްޖީއޭ އުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރުން މިހާރަށް ކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

އެ ގަރާރު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުންނެވެ.

comment ކޮމެންޓް