މާމެންދުއިން ޕޮޒިޓިވްވި ފުރަތަމަ މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

ގއ. މާމެންދޫ: އެރަށުން ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގއ. މާމެންދުއިން ޕޮޒިޓިވްވި ފުރަތަމަ މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

މާލެއިން ފުރައިގެން މާމެންދޫއަށް ދިޔަ އުމުރުން 28 އަހަރުގެ މީހަކު ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އޭނާއާއެކު އެއް ކޮޓަރިއެއްގައި ކަރަންޓީންވި އިތުރު ދެމީހަކުވެސް ފަހުން ވަނީ ވައިރަހަށް ޕޮޒިޓިވެފަ އެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު މިރޭ "ސަން" އަށް ވިދާޅުވީ 28 އަހަރުގެ މީހާ މިއަދު ހެނދުނުގެ ވަގުތެއްގައި އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ.

"އޭނާގެ މެއަށް ތަދެއް އެރުމުންގެ ސަބަބުން އިތުރު ފަރުވާއަށް މިއަދު ހެނދުނު ވަނީ މާލެ ފޮނުވާފައި،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އޭނާއާއެކު އެއް ކޮޓަރިއެެއްގައި ކަރަންޓީންވި ދެ މީހުން އަދިވެސް ތިބީ މާމެންދޫގައި ހޯމް ކަރަންޓީންގައި ކަމަށެވެ.

މާމެންދޫ ފުރަތަމަ ކޭސްއާ ގުޅިގެން 13 މީހަކު ކޮންޓެކްޓް ޓްރޭސިން އިން ވަނީ ދެނެގަނެވިފައެވެ. އެ މީހުންގެ ތެރޭގައި މާމެންދުއިން ޕޮޒިޓިވްވި ދެ މީހުންވެސް ހިމެނެެވެ. ބާކީ ތިބި، 11 މީހުންގެ ނަތީޖާ އަދި ނުލިބޭ ކަމަށް ފުއާދު ވިދާޅުވިއެވެ.

ކޮންޓެކްޓް ޓްރޭސިން އިން ދެނެގެނވިފައިވާ މީހުންގެ ތެރޭގައި އޭނާއާ އެކު އެއް ފްލައިޓެއްގައި ދަތުރު ކުރި ގއ. ގެމަނަފުށީގައި ކަރަންޓީން ކޮށްފައިވާ ތިބި ފަސް މީހުންނާއި އޭނާއާ މާލެއިން ދިމާވި ފަސް މީހެއް އަދި ކޫއްޑޫ އެއާޕޯޓުން ދިމާވި އެކަކު ހިމެނެއެވެ. މި ކޭސްއާ ގުޅިގެން މާލެއިން އެކަހެރި ކުރި މީހުންގެ ތެރޭގައި އެއާޕޯޓު މުވައްޒަފަކުވެސް ހިމެނެއެވެ.

މާމެންދުގައި ހޯމް ކަރަންޓިން ކުރި ތިން މީހުން ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް އެރަށް މޮނީޓަރިން ހާލަތައް ނުގެންނާނެ ކަމަށް އެންއޯސީސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ސަބަބަކީ، އެމީހުން އެމީހުން ތިބީ މޮނީތަރިންގެ ހާލަތައް ގެނެސްފައިވާ ގެއެއްގައި ކަރަންޓީންކޮށްފައި ކަމަށާއި އެހެން ކަމުން ވައިރަސް ރަށު ތެރެއަށް ފެތުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ނުވެލެވޭތީ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"މޮނީޓަރިންއަށް ގެންދިޔުމުގައި މިހާ ހިސާބަށް ނިންމާފައި ނިންމުމަކީ މޮނީޓަރިންގެ ހާލަތަކަށް ރަށެށް ނުދާނެއޭ އިމްޕޯޓެޑް [ރަށުން ބޭރުން އައި] ކޭސްއެއް ކަރަންޓީންކުރެވިފައި ވާތީ، ކަރަންޓީން ކުރެވިފައި ތިބި ބަޔަކު ޕޮޒިޓިވްވެފައިވާތީ ރަށު ތެރޭ ބަލި އުޅޭ ކަމަށް ނުފެނޭ،" މިދިޔަ ހޮނިހިރު ދުވަހުގެރޭ ދަރުބާރުގޭ، އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވި އެވެ.

މާމެންދުއިން ޕޮޒިޓިވްވި ތިން މީހުން ކަރަންޓީންވި ގޭގައި އެ ތިން މީހުން ފިޔަވާ އިތުރު ބަޔަކު ނޫޅޭކަމަށްވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

https://sun.mv/138788

މާމެންދޫ ތިން މީހުންނާއެކު ކޫއްޑުއަށް ދިޔަ ފްލައިޓުގައި އެމީހުންނާއެކު ގެމަނަފުއްޓަށް ދަތުރުކުރި 40 މީހުން ހިމެނެއެވެ.

comment ކޮމެންޓް