މިހާރު ފެންނަ ކޭސްތަކަކީ ވައިރަހުގެ ދެވަނަ ރާޅެއް: ދެކުނު ކޮރެއާ

ވައިރަހުގެ ދެވަނަ ރާޅެއް ފެށިފައިވާ ކަމަށް ދެކުނު ކޮރެއާއިން ވަނީ ބުނެފަ -- ފޮޓޯ: އޭއެފްޕީ

ސޯލް (ޖޫން 22): ދެކުނު ކޮރެއާއިން މިހާރު ފެންނަމުންދާ ކޮރޯނާވައިރަސް ކޭސްތަކަކީ ވައިރަހުގެ 'ދެވަނަ ރާޅެއް' ކަމަށް އެގައުމުން ފުރަތަމަ ފަހަރަށް ބުނެފި އެވެ.

ދެކުނު ކޮރެއާއިން ކޮރޯނާވައިރަސް ކޮންޓްރޯލް ކުރި ފަހުން އެގައުމުން އަނެއްކާވެސް ވައިރަހުގެ ކްލަސްޓާތައް ފެންނަން ފެށުމުން ކޮރެއާ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ކޭސީޑީސީ)ން ފުރަތަމަ ބުނި ގޮތުގައި އެގައުމުގައި ވައިރަހުގެ ފުރަތަމަ ރާޅު އަދި ނިމިފައި ނުވެ އެވެ.

ނަމަވެސް މިއަދު ކޭސީޑީސީގެ ޑިރެކްޓަރު ޖޮންގް ޔުން ކިޔޮންގް ވިދާޅުވި ގޮތުގައި މިހާރު އެނގޭ ގޮތުގައި އެގައުމުގައި ވައިރަހުގެ ދެވަނަ ރާޅެއް ވަނީ މިދިޔަ މަހު ފެށިފަ އެވެ.

"[ސޯލް]ގައި ފުރަތަމަ ރާޅު ފެނިގެންދިޔައީ ފެބްރުއަރީން މާޗު މަހަށް އަދި މާޗް މަހުން އޭޕްރިލް މަހަށް. އެއަށް ފަހު މެއި މަހުގެ ޗުއްޓީ ދުވަސްތަކެއްގައި ދެވަނަ ރާޅެއް ވަނީ ފެށިފައި،" ޖޮންގް ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 20ގައި ދެކުނު ކޮރެއާއިން ކޮރޯނާވައިރަސް ފެނުނު ފަހުން އެގައުމުގެ ކޭސްތައް ފެބްރުއަރީ މަހުގެ ފަހުކޮޅު 'ޕީކް'އަށް އެރި އެވެ. ނަމަވެސް އެގައުމުން ކުރިއަށްގެންދިޔަ ޓެސްޓު ކުރުމާއި ޓްރޭސް ކުރުމުގެ ކެމްޕެއިނާ އެކު އޭޕްރިކް މަހުގެ ފަހުކޮޅު، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު 10އަށް ވުރެ ތިރި ކުރި އެވެ.

އޭގެ ފަހުން މިދިޔަ މަހު ދެކުުނު ކޮރެއާގެ ބައެއް ސަރަހައްދުތަކުން ވައިރަހުގެ ކްލަސްޓާތަކެއް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ވެރިރަށް ސޯލްގެ ނައިޓްކްލަބުތަކަކާ ގުޅިފައިވާ ކޭސްތަކާއި އެ ގައުމުގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި ކުންފުނި ކަމަށްވާ ކޫޕަންގްގެ ވެއާހައުސްއަކާ ގުޅިފައިވާ ކޭސްތައް ހިމެނެ އެވެ.

ދެކުނު ކޮރެއާއިން އިއްޔެ 17 މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެއީ ފާއިތުވި މަހެއްހާ ދުވަސް ތެރޭ، އެއް ދުވަހުން ފެނުނު ކޭސްތައް އެހާ ވަރަށް މަދުވި ފުރަތަމަ ފަހަރެވެ.

ދެކުނު ކޮރެއާގައި މިހާތަނަށް 12,438 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 10,881 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އެގައުމުން ބަލީގައި މަރުވެފައި ވަނީ 280 މީހެކެވެ.

comment ކޮމެންޓް