މީޑިއާތަކަށް ދިމާވާ ގޮންޖެހުންތައް ނައްތާލަދޭން އެމްއެމްސީން 13 އިދާރާއެއްގައި އެދިއްޖެ

ސަން މީޑީއާ ގްރޫޕްގެ ނޫސްވެރިން އިން ހައުސް ޓްރޭނިންއެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ރޯގާގެ ސަބަބުން ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމަށް ފިޔަވަޅުއަޅައި ދިނުމަށް، ދައުލަތުގެ 13 އިދާރާއެއްގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ފަރާތުން ރަސްމީކޮށް އެދިއްޖެ އެވެ.

މި ހާލަތުގައި މީޑިއާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބެލުމަށް އެމްއެމްސީން ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާތަކާއި އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ސާވޭއެއް ކޮށްފަ އެވެ.

މީޑިއާތަކަށް ހުރި ދަތިތައް ނައްތާލަދިނުމަށް ދައުލަތުގެ އިދާރާތަކުގައި އެމްއެމްސީން އެދުނީ އެ ސާވޭގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށެވެ. އެމްއެމްސީން ބުނީ ސިޓީއާ އެކު ސާވޭ ރިޕޯޓު ވެސް އެ އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ރައީސް އޮފީހާއި ހޯމް މިނިސްޓްރީގެ އިތުރުން އެހެން މިނިސްޓްރީތަކާއި އިދާރާތަކާއި ކުންފުނިތަކަށް ވެސް އެމްއެމްސީން ވަނީ އެ ރިޕޯޓު ހިއްސާކޮށްފަ އެވެ.

ސާވޭގައި ބައިވެރިވި މީޑިއާތަކުގެ އާމްދަނީ 80-60 ޕަސެންޓް ދަށްވެފައިވާ ކަމަށް ފާހަގަކޮށްފައި ވާތީ، ރިލީފް ލޯނުގެ ފައިސާ ދޫކުރުން އަވަސް ކޮށްދިނުމަށާއި އިންކަމް ސަޕޯޓް އެލަވަންސް ސްކީމުން ނޫސްވެރިންނަށް ވެސް ފުރުސަތު ދިނުމަށް އެދި އިކޮނޮމިކް މިނިސްޓްރީ އާއި އެސްއެމްއީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި މީޑިއާ ކައުންސިލުން ވަނީ އެދިފަ އެވެ.

އޮންލައިން ނޫސްތައް ހިންގުމަށް އިންޓަނެޓަކީ އަސާސީ ހިދުމަތަކަށް ވާތީ، މީޑިއާތަކަށް ހާއްސަ އިންޓަނެޓް ޕެކޭޖްތަކެއް
ތައާރަފްކޮށްދީ، މީޑިއާތަކަށް އިންޓަނެޓްގެ އަގު ހެޔޮކޮށް ދިނުމަށް އެދި، ރާއްޖޭގެ ތިން ޓެލެކޮމް ކުންފުނި ކަމަށްވާ، ދިރާގައި، އުރީދޫ، އާރުއޯއެލް އަދި މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި ވަނީ އެދިފަ އެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މީޑިއާތަކަށް އިޝްތިހާރު ދިނުމުގައި ހަމަހަމަ އުސޫލުތަކާއި މެރިޓަށް ނުބަލާ ކަމަށް ގިނަ މީޑިއާތަކުން ސާވޭއަށް މައުލޫމާތު ދީފައި ވާތީ، ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ސަމާލުކަމަށް އެކަން ވަނީ ގެނެސްފައެވެ.

ކޮވިޑް-19 އާ ގުޅޭ ބައެއް މައުލޫމާތު ހޯދުމާއި އެހެނިހެން ވެސް މައުލޫމާތުތައް މީޑިއާތަކުން ހޯދުމަށް ދައުލަތުގެ ބައެއް އިދާރާތަކުން ބޮޑެތި ދަތިތަކާއި ހުރަސްތައް ކުރިމަތިވާ ކަމާއި ބައެއް ތަންތަނުން އެއްގޮތަކަށް ވެސް މައުލޫމާތު ނުދޭ ކަމަށް މީޑިއާތަކުން ފާހަގަ ކުރާތީ އެކަން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ސަމާލުކަމަށް ގެނެސްފަ އެވެ.

މީގެ އިތުރުން، ކޮމިޔުނިޓީ ނޫސްތަކަށް މައުލޫމާތު ފޯރުކޮށް ދިނުމުގައި ސިޓީ ކައުންސިލްތަކުން ބޮޑެތި ފިއްތުންތަކެއް
ކުރިމަތި ކުރާ ކަމަށް، އެފަދަ ނޫސްތަކުން ފާހަގަ ކުރާތީ އެކަން އިސްލާހުކޮށް ދިނުމަށް، ލޯކަލް ގަވަމެންޓް އޮތޯރިޓީ އާއި އައްޑޫ ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ކައުންސިލްގައި ވަނީ އެދިފަ އެވެ.

މީޑިއާ ކައުންސިލުން ބުނީ، އިދާރާތަކަށް ފޮނުވި ސިޓީގައި، އެދިފައި ވާނީ އެކަންކަން ހައްލުކޮށް ދިނުމަށް އެ އިދާރާއަކުން އަޅާނެ ފިޔަވަޅުތައް ކައުންސިލަށް އަންގައިދިނުމަށް ކަމަށާއި އެ ކަންކަން އިސްލާހުވަމުންދާ މިންވަރު ކައުންސިލުން ކައިރިން ބަލަމުން ދާނެ ކަމަށެވެ.

އެމްއެމްސީން ވަނީ މި ދަތި އުނދަގޫ ދަނޑިވަޅުގައި ވެސް މީޑިއާތަކާއި ނޫސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް ހިތްވަރު ދީފަ އެވެ.

އަދި ނޫސްވެރިން މަސައްކަތުގެ މާހައުލާއި އޮފީސް މާހައުލުގައި ސިއްހީ ގޮތުން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ބެހެއްޓުމަށް އެންމެހާ މީޑިއާތަކުގެ މެނޭޖްމަންޓްގައި ސިޓީ އަކުން އެދިފައިވާނެ ކަމަށް ވެސް އެމްއެމްސީން ބުންޏެވެ.

comment ކޮމެންޓް