ބީއެމްއެލްގެ އޭޓީއެމް ނެޓްވޯކް ފުޅާކޮށް އިތުރު ހަތަރު ރަށަކަށް

ރަށެއްގައި ހުރި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއެއް --

ބޭންކް އޮފް މޯލްޑިވްސް އިން ނ. ކެނދިކުޅުދޫ، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި ތ. ތިމަރަފުށީގައި އޭޓީއެމް ބެހެއްޓުމަށް ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ މިއީ އަތޮޅުތެރޭގައި ކުރަމުންދާ އިންްވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން ނިންމި ނިންމުމެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެ ރަށްތަކުގައި ބަހައްޓާ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

އަދި މި އޭޓީއެމްތަަކަކީ އެންމެ ފަހުގެ ސެކިއުރިޓީ އެކުލެވިގެން ރައްކާތެރިކަމާއެކު ބޭންކިންގ ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމް ތަކެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން އެންމެ ޒަމާނީ ބޭންކިންގ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ލިބޭނެ ގޮތް މަގުފަހިކުރުމުގެ ގޮތުން މުހިންމު އިންވެސްޓްމަންޓްތައް ކުރަމުން އަންނަ ކަމަށެވެ.

"ކޮވިޑް އާ ގުޅިގެން ދަތުރުފަތުރުތަކަށް އަސަރުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށްވެސް އޭގެ ދަތިތަކާ ކުރިމަތިލާން ޖެހުނު. އެހެން ނަމަވެސް މިހާރުމިވަނީ އޭޓީއެމްތައް އަޅުނގަޑުމެންނާ ހަމަޔަށް ލިބިފަ. އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިދަނީ މިރަށްތަކަށް އޭޓީއެމް ގެންދިޔުމުގެ މަސައްކަތް. އަޅުގަނޑުގެ އުއްމީދަކީ ކުރިއަށްއޮތް ހަފްތާތަކެއްގެ ތެރޭގައި މަސައްކަތްތައް ނިމިގެންދާނެކަމަށް،" ޓިމް ވިދާޅުވިއެވެ.

މިއީ ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެދަށުން ބެހެއްޓޭ އޭޓީއެމްތަކެއް ކަމަށާއި، ބޭންކިންގ ވިއުގަ ފުޅާކުރުމަށް ރޭވިފައިވާ މަސައްކަތްތަކަށް ބަލާއިރު ކުރިއަތް އޮތް މަސްތަކުގެ ތެރޭގައި އިތުރު ސެލްފް ސާވިސް އޭޓީއެމް ގާއިމްކުރުމާއި ބޭންކިންގ ހިދުމަތްތައް ތައާރަފްކުރުމަށް ހަމަޖެހިފައިިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފް ސާވިސް ބޭންކިން ސެންޓާ، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުންޏެވެ.

comment ކޮމެންޓް