ޒަކާތް ބެހީ މިދިޔަ އަހަރުގެ ފަހުކޮޅު މުރާޖައާ ކުރި ލިސްޓަކަށް: މިނިސްޓަރު

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ: މިނިސްޓަރު ވިދާޅުވީ ޒަކާތް ބަހާފައިވަނީ ހައްގުވެރިންނަށް ކަމަށް --- ސަން ފައިލް ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މި އަހަރުގެ ފިތުރު ޒަކާތް ބަހާފައި ވާނީ ހައްގުވެރިންނަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރޯދަ މަސް ކައިރިވެފައި ވަނިކޮށް ކޮވިޑާއި ގުޅިގެން ރަށް ރަށަށް ލިސްޓް ފޮނުވައިގެން އެ މަސައްކަތް ނުކުރެވޭނެ ކަމަށް ބަލައި ފަގީރުންގެ ލިސްޓް އަޕްޓޭޑް ނުކޮށް މިދިޔަ އަހަރުގެ ލިސްޓަށް ޒަކާތް ބަހަން ނިންމީ ކަމަށެވެ.

"އެ ލިސްޓަކީ 2019 ވަނަ އަހަރު ދެ ފަހަރަށް އަޕްޑޭޓް ކުރެވިފައިވާ ލިސްޓެއް. އޮކްޓޯބަރު މަހު 2019 ގައި އެންމެ ފަހުން އެ ލިސްޓް އަޕްޑޭޓް ކުރެވިފައިވަނީ. އެއީ 1441 ވަނަ އަހަރު،" މިނިސްޓަރު ވިދާޅުވި އެވެ. "ދެން އެނގިވަޑައިގަންނަވާނެ ފިތުރު ޒަކާތަކީ ހައްގުވާ ފަރާތްތަކަށް ދޭން ޖެހޭ އެއްޗެއް. ދެން އެ ހައްގުވާ ފަރާތްތަކުގެ ތެރޭގައި އަޅުގަނޑުމެން އެ ބެހީ،"

ރަށް ރަށުގެ ފަގީރުންގެ ލިސްޓް އެކުލަވާލަނީ ހުރިހާ ރަށަކަށް ފޯމް ފޮނުވައިގެން އެ ކައުންސިލްތަކުން ރަށުގެ މީހުން ލައްވައި ފޯމް ފުރައިގެން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ކައުންސިލް ތަކުން މިނިސްޓްރީއަށް ފޯމް ފޮނުވުމުން އެ ރަނގަޅަށް ބެލުމަށްފަހު ލިސްޓް އެކުލަވާލަމުން ދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފިތުރު ޒަކާތަކީ ހައްގުވާ ފަރާތްތަކަށް ދޭން ޖެހޭ އެއްޗެއް. އަޅުގަނޑުމެން އެ ބެހީ ހައްގުވާ ފަރާތްތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު 6.6 މިލިއަން ރުފިޔާ ލިބުނު ކަމަށް އިސްލާމިކް މިނިސްޓްރީންއިން ވަނީ ބުނެފަ އެވެ. މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތް ފައިސާއިން ބޮލަކަށް ޖެހެނީ 3800ރ. އެވެ.

މިދިއަ އަހަރު މާލެއިން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވަނީ 1715 މީހުންނެވެ. އޭގެ ތެރެއިން ފައިސާ ހަވާލުކޮށްފައިވަނީ 1697 މީހުންނާ އެވެ.

comment ކޮމެންޓް