ފެޑްރަލިސްޓް ފުރަތަމަ މަޒުމޫނު

އެންމެ ފަހުން އަޅުގަނޑު ލިޔުނު ކޮލަމުގައި ފެޑްރަލިސްޓް މަޒުމޫނުތަކަށް ކުރު ތަޢާރަފެއް ދީ، އެ މަޒުމޫނުތަކަށް ދިވެހި އަދި އިސްލާމީ ނަޒަރަކުން ބަލައިލައި އިތުރު ކޮލަމްތަކެއް، އިރާދަ ކުރެއްވިއްޔާ، ލިޔާނެ ވާހަކަ ދެންނެވީމެވެ. މި ކޮލަމް މި ޚާއްޞަ ކޮށްލަނީ، އެގޮތުގެ މަތީން، ފެޑްރަލިސްޓް ފުރަތަމަ މަޒުމޫނަށެވެ.

ފެޑްރަލިސްޓް ފުރަތަމަ މަޒުމޫނަކީ އެލެގްޒޭންޑަރ ހެމިލްޓަންގެ ހިނގާ ގަލަންކޮޅުން ބަލާޣާތްތެރި ޢިބާރާތްތަކަކުން ލިޔެވިގެން ޝާއިޢު ކުރެވުނު މަޒުމޫނެކެވެ. މަޒުމޫނުގެ ފުރަތަމަ ޕެރެގްރާފުގައި ވަނީ "ނިޔު ޔޯރކް ސްޓޭޓުގެ މުވާޠިނުންނަށް" މި ޢިބާރާތެވެ. އެޔަށްފަހު، ހެމިލްޓަން ދައްކަވައިފައި ވާ ވާހަކަފުޅުގައި ދުސްތޫރީ ނިޒާމާ ބެހޭ އުޞޫލުތަކުގެ ބަޙުޘާ ހަމަޔަށް ވަޑައިގެންފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފާހަގަ ކުރައްވައިފައި ވަނީ، މައުޟޫޢަށް ވަދެވަޑައިގަތުމުގެ ގޮތުން ފާހަގަ ކުރެއްވި ހަތަރުފަސް ކަމެކެވެ. ވަރަށް މުހިއްމު ނުކުތާތަކެކެވެ. ތިރީގައި މި ދަންނަވައިލަނީ އެ ނުކުތާތަކެވެ. ހެމިލްޓަންގެ ކޮންމެ ނުކުތާއެއް ވެސް ބަޔާން ކުރުމަށް ފަހު، އެ ނުކުތާޔަކަށް ދިވެހި އަދި އިސްލާމީ ނަޒަރަކުން ބަލައި އަޅުގަނޑަށް ފާހަގަ ކުރެވޭ ކަންކަން ކުރު ގޮތަކަށް ދަންނަވައިލެވިފައި ވާނެއެވެ.

ރަނގަޅު ޤާނޫނުއަސާސީއެއްގެ މުހިއްމުކަން

ހެމިލްޓަންގެ ފުރަތަމަ ނުކުތާޔަކީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދައުލަތް ސަލާމަތުން ވުޖޫދުގައި ދެމިއޮތުމާއި، ޤައުމު އެ ބައިތަކެއްގެ މައްޗަށް އެކުލަވާ ސްޓޭޓުތަކުގެ ސަލާމަތާއި ރައްކައުތެރިކަމާއި، އަދި ހުރިހައި ސްޓޭޓުތަކެއްގެ ރައްޔިތުންނަށް ފާގަތިކަމާއި ތަނަވަސްކަމާއި ދުޅަހެޔޮކަން ހުރިހައި ގޮތަކުން ވެސް ލިބުން އެމައްޗަށް ބިނާ ވެގެން ވާ އެއް ކަމަކީ، ރަނގަޅު ޤާނޫނުއަސާސީއެއްގެ މައްޗަށް ދައުލަތް ބިނާ ވެ ހިނގަމުން ދިޔުންކަމެވެ.

ހެމިލްޓަންގެ މި ވިސްނުންފުޅާ ދެކޮޅު ހެދޭނެ ހަރުދަނާ އަސާސެއް އޮތް ކަމުގައެއް ނުފެނެއެވެ. ޝައްކެއް ނެތް ގޮތުގައި، ދައުލަތެއް ބިނާ ކުރުމުގައި، އެންމެ މުހިއްމު އެއް ކަމަކީ، އެ ދައުލަތުގެ ދުސްތޫރީ އަދި ޤާނޫނީ ނިޒާމު، ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް ބިނާ ކުރުމެވެ. ރަނގަޅު އަދި ވަރުގަދަ ޢިމާރާތެއް ބިނާ ކުރެވޭނީ، ހަރުދަނާ ފަރުމާއެއްގެ މައްޗަށް ނޫންތޯއެވެ! އެ އުޞޫލުން، ރަނގަޅު ދައުލަތެއް ބިނާ ކުރެވޭނީ ރަނގަޅު ޤާނޫނުއަސާސީއެއްގެ މައްޗަށެވެ.

މި ހިސާބުން އަޅުގަނޑުމެން ފާހަގަ ކުރުން މުހިއްމު ނުކުތާޔަކީ، ޤާނޫނުއަސާސީ އެވެ ކިޔޭ ވަކި ޤާނޫނެއް ލިޔެފައި ނެތުމަކީ، ދައުލަތުގައި ދުސްތޫރީ ނިޒާމެއް ނެތުން ނޫންކަމެވެ. ތާރީޚު ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، އިންސާނުންގެ ތެރޭގައި ދައުލަތޭ މި ކިޔޭ އިންތިޒާމުގެ ތެރެއިން ޤައުމުތަކާއި މުޖުތަމަޢުތައް ހިންގާތާ ހައެއްކަ ހާސް އަހަރު ވެއްޖެއެވެ. މި ދިގު ތާރީޚުގައި، ދައުލަތުގެ ދުސްތޫރީ ނިޒާމު ހިނގާނެ ހަމަތައް ތަދުވީނު ކުރެވިފައި ވާ ޤާނޫނުއަސާސީއެއްގައި ލިޔެ އެކަށައަޅައިގެން ވެރިކަން ކުރުމުގެ ނިޒާމު ތަޢާރަފު ކުރެވުނީ ދާދި އިހަކަށް ދުވަހުއެވެ. ޒަމާނީ މަފްހޫމަށް އެންމެ ފުރަތަމަ ޤާނޫނުއަސާސީއެއް ލިޔުނު ޤައުމަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއެވެ. އެ ޤައުމުގެ ފުރަތަމަ ޤާނޫނުއަސާސީ – Articles of Confederation – އިޢުލާން ކުރެވުނީ މީލާދީން 1777 ގައެވެ. އެއިގެ ފަހުން އަދި މި ވީ އެންމެ 230 ވަރަކަށް އަހަރެވެ. އިސްލާމީ ދުނިޔޭގައި އެންމެ ފުރަތަމަ ޤާނޫނުއަސާސީއެއް ލިޔެވުނީ މީލާދީން 1876 ގައި، ޢުޘްމާނީ ޚިލާފަތުގައެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެޔަށް ބަލާ ނަމަ، ދިވެހި ދައުލަތް މިނިވަން އަދި މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އޮންނަތާ އަށެއްކަ ޤަރުނަށް ވުރެ ހަމަ ޔަޤީނުން ވެސް ދިގު މުއްދަތެއް ފާއިތު ވެދިޔަ ފަހުން، ފުރަތަމަ ޤާނޫނުއަސާސީއެއް ލިޔެވުނީ މީލާދީން 1932 ގައެވެ. އެހެންވީމާ، ޤާނޫނުއަސާސީއެއްގެ ވަސީލަތުން ދުސްތޫރީ ނިޒާމު ބިނާ ކުރުމަކީ ހަމަ ދާދި އިހަކަށް ދުވަހު ފެށުނު ކަމެއް، އެހެން ނޫންތޯއެވެ!

ފަހެ، ދައުލަތްތައް ބިނާ ކުރުމުގައި ޤާނޫނުއަސާސީ ލިޔެއުޅޭން ފެށުމުގެ ކުރީން ވެސް، ދުނިޔޭގައި ވުޖޫދު ވީ ކޮންމެ ދައުލަތަކީ ވެސް ދުސްތޫރީ ނިޒާމެއް އޮތް ދައުލަތެކެވެ. އެކި ދައުލަތްތަކުގައި އެ ނިޒާމު އޮތް ގޮތާއި، އެކި ދައުލަތްތަކުގައި އެ ނިޒާމު ތަރައްޤީ ވެ ހަރުދަނާ ވެފައި އޮތް މިންވަރު ތަފާތެވެ. ނަމަވެސް ހަމަ ކޮންމެވެސް ދައުލަތެއްގައި ވެސް ކޮންމެވެސް ބާވަތެއްގެ ދުސްތޫރީ ނިޒާމެއް އޮތެވެ. އެ ނިޒާމުގެ ތެރޭގައި ހަމަތަކަކާއި އުޞޫލުތައް ވެސް ހުރެއެވެ. ރަސްކަން ނުވަތަ ވެރިކަން ހިންގާ ފަރާތުން ނެރެފައި ހުންނަ އަމުރުތަކާއި، ޢުރުފާއި އާދަކާދަ ފަދަ ހަމަތަކަކާއި އުޞޫލުތަކެވެ. ކުރީންވެސް ދެންނެވި ފަދައިން، އެއް ލިޔުމެއްގެ ނުވަތަ ވަކި އެއް ޤާނޫނެއްގެ ގޮތުގައި ލިޔެވި، ތަދުވީނު ކުރެވި، އެއް މުސްތަނަދެއްގެ ގޮތުގައި، ދެ ބަނޑޭރިގަނޑުގެ ދެމެދުގައި، ތަރުތީބު ވެގެން ވާ ބައިތަކެއް ނުވަތަ ބާބުތަކެއް ނުވަތަ މާއްދާތަކެއްގެ ސިފައިގައި، ދުސްތޫރީ ނިޒާމުގެ މައިގަނޑު ނުވަތަ އެންމެހައި އަސާސުތައް ކަނޑައަޅާ ޤާނޫނުއަސާސީއެއް (A Written or Codified Constitution) ލިޔެފައި ނެތުން، އެއީ ދައުލަތެއްގައި ދުސްތޫރީ ނިޒާމެއް ނެތުން ކަމުގައެއް ނުބެލެވޭނެއެވެ. ޤަދީމީ މެސޮޕޮޓޭމިޔާގެ ދައުލަތްތަކާއި، ޤަދީމީ މިޞްރުގެ ދައުލަތްތަކާއި، ދާއޫދު ނަބީ ކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާނު ނަބީ ކަލޭގެފާނުގެ ދައުލަތާއި، ޔަމަނުގެ ސަބާގެ ދައުލަތާއި، މަޝްހޫރު ޚުސްރޫ އަޢްޡަމްގެ ފާރިސީ ދައުލަތާއި، ރޯމަނުންގެ ޖުމްހޫރިއްޔަތާއި، ޔޫނާނުގެ ދައުލަތްތަކާއި، ސީނު ކަރައިގައި މެދުޒަމާނުގައި އޮތް ރަސްކަންތަކާއި، ރޯމަނުންގެ އަންބަރާޠޫރިއްޔާ އާއި، ޚުލަފާއުއް ރާޝިދޫންގެ އިސްލާމީ ޚިލާފަތާއި، އުމަވީ އަދި ޢައްބާސީ ރަސްކަންތަކާއި، މުސްލިމުން ސްޕޭނުގައި އުފެއްދި ދައުލަތާއި، މުސްލިމް ސަލްޖޫޤީންގެ ދައުލަތާއި، މުސްލިމް ސިސިލީ އާއި، މެދުޒަމާނުގެ އިނގިރޭސި ރަސްކަމާއި، މުސްލިމް ޢުޘްމާނީންގެ ވެރިކަން ފަދަ އެކިއެކި ދައުލަތްތަކުގެ ތާރީޚު ބެއްލެވުމުން، މި ދަންނަވާ ބަހުގެ ތެދުކަން ފެނިވަޑައިގަންނަވާނެއެވެ. އެ ދައުލަތްތަކަކީ، މިހައިރު މި ޒަމާނުގައި، ލިޔެ ތަދުވީނު ކޮށްފައި ވާ ޤާނޫނުއަސާސީތައް ގެންގުޅޭ ގިނަ ދައުލަތްތަކަށް ވުރެ ހަރުދަނާ ގޮތެއްގައި ހިނގަމުން ދިޔަ ދައުލަތްތަކެވެ.

ދައުލަތެއްގެ ދުސްތޫރީ ނިޒާމުގެ ހަމަތަކާއި އުޞޫލުތައް ތަދުވީނު ކުރެވިގެން ވާ ޤާނޫނުއަސާސީއެއްގައި ލިޔެ ބަޔާން ކޮށްފައި ހުއްޓަސް، ނުވަތަ އެ ނިޒާމަކީ ރަސްކަން ނުވަތަ ވެރިކަން ކުރާ ފަރާތުން އެކި ޒަމާންތަކުގައި ނެރެފައި ހުންނަ އަމުރުތަކާއި، ޢުރުފްތަކާއި، ވަކިވަކީން ހެދިފައި ހުންނަ ޤާނޫނުތަކުގެ މައްޗަށް އެކުލެވޭ ނިޒާމަކަށް ވިޔަސް، ހެމިލްޓަން އެ ވިދާޅުވާ ފަދައިން، ހަރުދަނާ ގޮތެއްގައި އެ ނިޒާމު އެކުލަވައިލެވިފައި އޮވެގެން މެނުވީ، އެއްވެސް ދައުލަތެއް ހަރުދަނާ އަދި ރަނގަޅު ދައުލަތަކަށެއް ނުވާނެއެވެ. އެހެންކަމުން، ކުރީން ވެސް ދެންނެވި ފަދައިން، ހެމިލްޓަންގެ ވާހަކަފުޅާ ދެބަސް ވެވޭނެ ގޮތެއް އޮތް ކަމަކަށެއް ނުފެނެއެވެ. އެއީ ގާތްގަނޑަކަށް އެއިގެ ޒާތުގައި ސާބިތު ވެގެންވާ ތެދުބަހެކޭ (an axiomatic truth) ދެންނެވިދާނެހައި ވެސް ހަރުދަނާ ބަސްފުޅެއް ކަމަށް އަޅުގަނޑު ދެކެމެވެ.

މި ޒަމާނުގެ މަންހަޖަކީ، ދައުލަތުގެ އަސާސީ ދުސްތޫރީ ހަމަތަކާއި އުޞޫލުތައް ލިޔެވި ތަދުވީނު ކުރެވިގެންވާ ޤާނޫނުއަސާސީއެއްގައި އެކަށައަޅައި ބަޔާން ކުރުން ކަމުގައި ވެފައި ވަނީ ޢަމަލީ މައިދާނުގައި އެއިގެ ސަބަބުން ލިބޭ ފަސޭހަތަކާއި ފައިދާތަކެއް ހުންނާތީ (Functional Reasons) އާއި، ފިކުރީ ގޮތުން ބަލާއިރު އެއީ ރަނގަޅު ގޮތް ކަމުގައި ބުނެ ނެރެވޭނެ ޢަޤްލީ ޒުވާބުތަކެއް (Epistemological Reasons) ހުންނާތީއެވެ. ވަރަށް ކުރު ގޮތަކަށް ދަންނަވަނީ ނަމަ، ދައުލަތުގެ ދުސްތޫރީ ހަމަތަކާއި އުޞޫލުތައް އެއް ލިޔުމަކަށް ނުވަތަ ވަކި އެއް ޤާނޫނަކަށް ޖަމާ ކޮށް، ތަދުވީނު ކޮށް، ދެ ބަނޑޭރިގަނޑުގެ ދެމެދުގައި އޮންނަ އެއް ވަޘީޤާޔަކަށް ހަދައިލުމުން، ޤާނޫނުއަސާސީގައި އޮންނަ އެއްޗެއް އެންމެންނަށް ވެސް ބެލޭނެ ހެން އަދި ފެންނާނޭހެން ކަޅާއި ހުދުން އޮވެއެވެ. ޤާނޫނުއަސާސީ ތަންފީޛު ކުރުމާއި (implementation)، ތަޠުބީޤު ކުރުމާއި (application)، މާނަ ކުރުން (interpretation/construction) ފަދަ ކަންކަން ފަސޭހަ ވެއެވެ. ވަކި ހަމައެއް ނުވަތަ އުޞޫލެއް އެއީ ދުސްތޫރީ އުޞޫލެއް ނުވަތަ ހަމައެއްތޯ ސުވާލު އުފެދިގެން ޚިޔާލު ތަފާތު ވެގެން ބަޙުޘްތައް ކުރާން ޖެހޭ މިންވަރު އެތައް ގުނައެއް މަދު ކުރެވެއެވެ. ދުސްތޫރީ ނިޒާމު ދިރާސާ ކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު ފަސޭހައެއް ލިބެއެވެ. ދުސްތޫރީ ޤާނޫނުގެ ދާއިރާގައި ޝައްކާއި އިޚްތިލާފުތައް ވަރަށް ބޮޑު މިންވަރަކަށް ކުޑަ ކުރެވެއެވެ. މީލާދީން 1777 ގައި، މި ޒަމާނުގެ ފުރަތަމަ ޤާނޫނުއަސާސީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އިޢުލާން ކުރެވުނީ، މި ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ހިންގުނު ވިސްނުންތަކާއި ކުރެވުނު ބަޙުޘްތަކުގެ ތެރެއިންނެވެ. އަދި، އެއިގެ ފަހުން، ފާއިތު ވެދިޔަ މުއްދަތުގެ ތެރޭގައި ދުނިޔޭގެ ގާތްގަނޑަކަށް ހުރިހައި ޤައުމުތަކެއްގައި، ދުސްތޫރީ ހަމަތަކާއި އުޞޫލުތައް ލިޔެވިގެން ވާ ޤާނޫނުއަސާސީތަކުގައި ތަދުވީނު ކޮށް، ދައުލަތެއްގައި ނަމަ ތަދުވީނު ކުރެވިފައި ވާ ދުސްތޫރެއް ނުވަތަ ޤާނޫނުއަސާސީއެއް އޮތުން އެއީ "ބެސްޓް ޕްރެކްޓިސް" ކަމަށް ބަލައިގަނެވިފައި ވަނީ ވެސް މި ސަބަބުތަކަށް ޓަކައެވެ. ފަހެ، މިއަދުގެ ދުނިޔޭގައި ތަދުވީނު ކުރެވިގެންވާ ޤާނޫނުއަސާސީއެއް ނެތީ އެންމެ ތިން ދައުލަތުގައެވެ. ޔުނައިޓެޑް ކިންގްޑަމް އޮފް ބްރިޓްން އެންޑް ނޯރދަން އަޔަރލޭންޑް – އިނގިރޭސި ދައުލަތް – އާއި، ނިއު ޒިލޭންޑާއި، އިސްރާއީލުގައެވެ. ނަމަވެސް މި ދައުލަތްތަކަކީ ވެސް ވަރަށް ވަރުގަދަ، ވަރަށް ޝާމިލު، އަދި ވަރަށް ފުރިހަމަ ދުސްތޫރީ ހަމަތަކަކާއި އުޞޫލުތަކެއްގެ މައްޗަށް ހިނގާ ދައުލަތްތަކެކެވެ. ހަމައެހެންމެ، އެ ދައުލަތްތަކުގައި ވެސް ދުސްތޫރީ ނިޒާމުގެ ހަމަތަކާއި އުޞޫލުތައް ވަކި ޤާނޫނުއަސާސީއެއްގައި ލިޔެ ތަދުވީނު ކުރުމަށް ގޮވައިލާ ތަޙްރީކުތައް ވަރަށް ގިނަމެއެވެ.

ފަހެ، މި ޒަމާނުގެ ފުރަތަމަ ދުސްތޫރަކީ 1777 ގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އެކުލަވައިލެވުނު "އާރޓިކަލްސް އޮފް ކޮންފެޑްރޭޝަން" ކަމުގައި ވިޔަސް، ދުނިޔޭގެ އެންމެ ފުރަތަމަ ޤާނޫނުއަސާސީ އަކީ އެއީ ކަމުގައި ޢިލްމުވެރީން ކުރެ ވަރަށް ގިނަ ބެއިފުޅުން ނުބައްލަވައެވެ. ސަބަބަކީ، މި ޒަމާނުގައި ލިޔެވޭހައި ތަފްޞީލުކޮށް އަދި މި ޒަމާނުގެ އުސްލޫބުން ނޫން ނަމަވެސް، ޤާނޫނުއަސާސީގެ އަސާސީ މަފްހޫމާ އެއްގޮތަށް، ދައުލަތުގެ އަސާސީ ނިޒާމުގެ ސޫރަޔާއި ހަމަތަކާއި އުޞޫލުތައް ކަނޑައަޅާ ޤާނޫނީ ވަޘީޤާތައް ދުނިޔޭގެ ތާރީޚުގައި އެއިގެ މާ ކުރީން ވެސް ދުނިޔެއިން ފެނިފައި ވާތީއެވެ. އެގޮތުން، ވަރަށް ގިނަ ޢިލްމުވެރީން، ޚާއްޞަކޮށް އިސްލާމީ ޢިލްމުވެރީންގެ، ނަޒަރުގައި، ދުނިޔޭގައި ފެނުނު އެންމެ ފުރަތަމަ ޤާނޫނުއަސާސީ އަކީ ނަބީކަން ޚަތިމު ކުރެއްވެވި ސާހިބާ މުޙައްމަދު ނަބީ ކަލޭގެފާނު، މަދީނާގެ އިސްލާމީ ދައުލަތް އެކުލަވައިލެއްވެވި އިރު، އެކަށައެޅުއްވި މުޢާހަދާއެއް ކަހަލަ ވަޘީޤާއެކެވެ. ކީރިތި މާތް ނަބިއްޔާ މީލާދީން 622 ވަނަ އަހަރު މައްކާ ދޫ ކުރައްވައި މަދީނާޔަށް ހިޖުރަ ކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ މައްކާއިން މަދީނާޔަށް ހިޖުރަ ކުރެއްވި މުސްލިމުންނާއި، މަދީނާގެ މުސްލިމުންނާއި، މަދީނާގައި އެކަލޭގެފާނު އުފެއްދެވި އިސްލާމީ ދައުލަތުގެ ރައްޔިތުންގެ ގޮތުގައި ތިބި ޔަހޫދީން ފަދަ ޣައިރުމުސްލިމުންގެ މެދުގައި މުޢާހަދާއެއް ޤާއިމު ކުރެއްވެވުމެވެ. އިސްލާމީ ތާރީޚުގައި އެ މުޢާހަދާ މަޝްހޫރު ވެފައި ވާ ނަންތަކުގެ ތެރޭގައި "މީޘާޤުލް މަދީނާ" އާއި، "ޞަޙީފާ އަލްމަދީނާ" އާއި، "ދުސްތޫރުލް މަދީނާ" ހިމެނެއެވެ. މި މުޢާހަދާޔާ ބެހޭގޮތުން އިސްލާމީ ޢިލްމުވެރީން ވަރަށް ގިނަ ޢިލްމީ ބަޙުޘްތައް ކުރައްވައިފައި ވެއެވެ. އަދި އެ ބެއިފުޅުންގެ ގާތްގަނޑަކަށް އިއްތިފާޤީ ވިސްނުންފުޅަކީ، އެއީ ދުނިޔޭގެ ފުރަތަމަ ޤާނޫނުއަސާސީ ކަމުގައި ބެލެވިދާނެކަމެވެ. ބައެއް ޢިލްމުވެރީންގެ ވިސްނުންފުޅުގައި، އެއީ ދުނިޔޭގައި ދައުލަތެއް އުފެއްދުމަށް ޓަކައި ހެދުނު ފުރަތަމަ "އިޖުތިމާޢީ ޢަޤުދު" (Social Contract) އެވެ. އެއީ ދުސްތޫރީ ނިޒާމާ ބެހޭގޮތުން ޔޫރަޕުގެ ޢަޞްރު ތަންވީރު (Age of Enlightenment) ގެ ދުވަސްވަރު ވާހަކަ ދެއްކެވި އެންމެ މުހިއްމު ފަލްސަފާވެރީން ކަމުގައި ވާ ތޯމަސް ހޯބްސް (އަވަހާރަ ވީ މީލާދީން 1679 ގައި) އާއި، ސެމިޔުލް ޕޫފެންޑޯރފް (އަވަހާރަ ވީ މީލާދީން 1694 ގައި) އާއި ޖޯން ލޯކް (އަވަހާރަ ވީ މީލާދީން 1704 ގައި) އާއި ޖީން-ޖެކްސް ރޫސޯ (އަވަހާރަ ވީ މީލާދީން 1778 ގައި) ފަދަ ބެއިފުޅުންގެ ފިކުރުގެ އަޞްލު ކަމުގައި ވެސް ވުން އެކަށީގެން ވެއެވެ. މަދީނާގެ އިސްލާމީ ދައުލަތް ޤާއިމު ކުރެއްވުމުގައި، އެ ދައުލަތުގެ ރައްޔިތުން ޝާމިލު ކުރެއްވި ކުރެއްވުމަކީ އިތުރު މާތް ނަބިއްޔާގެ ސުންނަތުން ފެންނަ މުޅީން އައު އުޞޫލެކެވެ. އެއިގެ ކުރީން، ދައުލަތްތައް ބިނާ ކުރުމުގައި އިންސާނުންގެ ތެރޭގައި އެފަދަ އެހެން މިސާލެއް ފެނިފައެއް ނެތެވެ. ސްކޮޓްލޭންޑުގެ މަޝްހޫރު ފަލްސަފާވެރިޔާ ޑޭވިޑް ހިޔުމް، އޭނާގެ "އޮފް ދި އޮރިޖިނަލް ކޮންޓްރެކްޓް" ރިސާލާގައި ވިދާޅުވި ފަދައިން، ތާރީޚުން ފެންނަ މަންޒަރަކީ، "ފޭރިގަތުމެއްގެ ތެރެއިން، ނުވަތަ ގަދަބާރުން ތަނެއް ފަތަޙަ ކޮށް ހިފައިގަނެގެން، ނުވަތަ މި ދެ ގޮތުން" ދައުލަތްތައް ބިނާ ކުރެވުނު މަންޒަރެވެ. އެއްވެސް ޝައްކެއް، އޮޅުމެއް، ބަޙުޘަކަށް ޖާގަ ނެތް ފަދައިން، މި ރޮނގުން ވިސްނާ އިރު، ދުނިޔޭގެ ތާރީޚުގައި ރައްޔިތުންގެ ރުހުމާ އެކު ދައުލަތެއް އުފެއްދުމުގެ އެންމެ ރީތި އަދި އެންމެ ފުރިހަމަ މިސާލަކީ ކީރިތި ނަބިއްޔާ މަދީނާގައި އުފެއްދެވި ދައުލަތެވެ. އިތުރު އެކަލޭގެފާނު ހަރުދަނާ "ދުސްތޫރެއް" ނުވަތަ ހަރުދަނާ އުޞޫލުތަކެއްގެ މަތީގައި އިސްލާމީ ދައުލަތް ބިނާ ކުރެއްވި ކުރެއްވުމަކީ، ކަމުގެ މުހިއްމުކަން ބޮޑުކަމުގެ ހެއްކެކެވެ. މި ނަބަވީ ސުންނަތުގެ ތަރާދުން ކިރައިލުމުން ވެސް، ހެމިލްޓަންގެ ވާހަކަފުޅަކީ ޙިކުމަތްތެރި އަދި ބުރަދަން ބޮޑު ވާހަކަފުޅެއްކަން އެނގެއެވެ. އަދި އަޅުގަނޑުމެންގެ މި ޒަމާނުގައި، ދިވެހި ދައުލަތް ޒަމާނީ އުޞޫލުތަކާ އެއްގޮތަށް ހަރުދަނާ އަސާސެއްގެ މަތީގައި ބޭއްވުމަށް ޓަކައި، ހަރުދަނާ ދުސްތޫރީ ނިޒާމެއްގެ މުހިއްމުކަން ވެސް ސާފު ވެގެން ދެއެވެ.

އެހެންކަމާ އެކުގައިމެ، ރަނގަޅު ޤާނޫނުއަސާސީއެއް އޮތުމަކީ ދައުލަތެއް ކާމިޔާބު ވުމުގެ ގެރެންޓީއެއް ނޫނެވެ. ދައުލަތް ހަރުދަނާ ވުމަށް ޓަކައި، ހަރުދަނާ ދުސްތޫރީ ނިޒާމަކީ ޟަރޫރީ، އެކަމަކު ހަމައެކަނި އެއިން ނުފުދޭ – necessary but not sufficient - އެއްޗެކެވެ. ކިތަންމެ ރަނގަޅު ޤާނޫނުއަސާސީއެއް އޮތް ކަމުގައި ވިޔަސް، އެ ޤާނޫނުއަސާސީ ހިންގާން ތިބީ ތެދުވެރިކަމެއް، އިޚްލާޞްތެރިކަމެއް، ނަޒާހަތްތެރިކަމެއް، ޙިކުމަތްތެރިކަމެއް، އިޙުސާންތެރިކަމެއް ނެތް ބަޔަކު ކަމުގައި ވެއްޖައިމުން، އެ ޤާނޫނުއަސާސީ ފޭލި ވެގެން ދާނީ، އެންމެ ނުރަނގަޅު ޤާނޫނުއަސާސީތަކެކޭ އެއްފަދައިންނެވެ. އިންޑިޔާގެ މަޝްހޫރު ދުސްތޫރީ ޢިލްމުވެރިޔާ އަދި ޖުރިސްޓް ޑރ. ބީމާރާއޯ ރާމްޖީ އަމްބެދްކަރް މި ވާހަކަ އިންޑިޔާގެ ކޮންސްޓިޓުއެންޓް އެސެމްބްލީގައި ދެއްވި ފަހު ތަޤުރީރުގައި، 25 ނޮވެންބަރު 1949 ގައި، ވިދާޅުވެފައި ވެއެވެ. "ޤާނޫނުއަސާސީއެއް ކިތަންމެ ފުރިހަމަކޮށް ލިޔެފައި އޮތަސް، އެ ޤާނޫނުއަސާސީ ތަންފީޛު ކޮށް ތަޠުބީޤު ކުރާން ތިބޭ މީހުން ގޯސް ވެއްޖެ ނަމަ، އެ ޤާނޫނުއަސާސީ ފެނިގެން ދާނީ ގޯސް އެއްޗެއްގެ ގޮތުގައެވެ. އަދި ޤާނޫނުއަސާސީއެއް ކިތަންމެ ގޯސްކޮށް ލިޔެފައި އޮތަސް، އެ ޤާނޫނުއަސާސީ ތަންފީޛު ކޮށް ތަޠުބީޤު ކުރާން ތިބޭ މީހުންނަކީ ހެޔޮ އަދި ރަނގަޅު ބައެއް ކަމުގައި ވެއްޖެ ނަމަ، އެ ޤާނޫނުއަސާސީ ފެންނާނީ ރަނގަޅު އެއްޗެއްގެ ގޮތުގައެވެ."

ނަޞީބަކުން ލިބޭ އެއްޗެއްތަ؟

ހެމިލްޓަންގެ މައިގަނޑު ދެވަނަ ނުކުތާޔަކީ، އެމެރިކާގެ ދައުލަތުގެ މިނިވަންކަން އިޢުލާން ކުރެވިގެން ދިޔަ ދުވަސްވަރު، ޚުދު އެ ޤައުމުގައްޔާއި ޔޫރަޕުގެ ޢިލްމީ މަންސަތަކުގައި ކުރެވެމުން ދިޔަ މުހިއްމު ސުވާލަކާ ގުޅުވައިލައްވައިގެން ފާހަގަ ކުރެއްވި ނުކުތާއެކެވެ. އެ ސުވާލަކީ، ބަޔަކު މަޖިލިހެއްގައި އިށީނދެގެން ތިބެ ވިސްނައި ފިކުރު ކޮށްގެން އަދި މަޝްވަރާ ކޮށްގެން، ވަކި ކަހަލަ ނަތީޖާތަކެއް ނެރެވޭނެ ގޮތަށް ބައްޓަން ކޮށްގެން، ވަކި ކަހަލަ ގޮތްތަކަކާއި އުޞޫލުތަކަކާއި ނަޒަރިއްޔާތަކެއްގެ މަތީގައި، ރަނގަޅު ޙުކޫމަތެއް "ފަރުމާ ކުރުމުގެ" ޤާބިލުކަން އިންސާނީ މުޖުތަމަޢުތަކަށް ލިބިގެން ވޭހެއްޔޭ، މި ސުވާލެވެ. އެހެން ގޮތަކަށް ޢިބާރާތް ކުރާ ނަމަ، މުޖުތަމަޢަކަށް ސިޔާސީ ގޮތުން ރަނގަޅު ޤިޔާދަތަކާއި ވެރިކަމެއްގެ ބާއްޖަވެރިކަން ލިބެނީ، އެ މުޖުތަމަޢުގެ ފަރުދުންގެ އެއްވެސް ބާރެއް ނުވަތަ އިޚްތިޔާރެއް ނެތި، ނަޞީބުގައި ހުންނަ ގޮތަކުން، ނުވަތަ އިއްތިފާޤުތަކެއްގެ ސަބަބުން، ރަނގަޅު ވަގުތު ރަނގަޅު ލީޑަރަކު ލިބުން، އަދި އެ ލީޑަރާ އެކު ހެޔޮ ނިޔަތުގައި އަދި އިޚްލާޞްތެރިކަމާ އެކު މަސައްކަތް ކުރާނެ އެހީތެރީންތަކެއް ވެސް ރަނގަޅު ދަނޑިވަޅުގައި ލިބުން ފަދަ ގޮތްގޮތުން ނޫން ބާވައޭ، މި ސުވާލެވެ.

އެންމެ ޖުމުލަޔަކުން ދަންނަވަންޏާ، ރަނގަޅު ސަރުކާރަކީ ނަޞީބަކުން، ދޭތެރެޔަކުން، ލިބޭ އެއްޗެއް ނޫން ބާވައެވެ!

ހެމިލްޓަންގެ ބަސްފުޅުގައި، އަލަށް އިޢުލާން ކުރެވުނު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދައުލަތަކީ، މި ސުވާލަށް އެކަށޭނަ ޖަވާބެއް ހޯދުމަށް ޓަކައި އިންސާނީ ތާރީޚުގައި ލިބުނު މުނާސަބު އަދި މުވާފިޤު ދަނޑިވަޅެކެވެ. އެ ދައުލަތުގައި، ޤާނޫނުއަސާސީ ލިޔުމުގެ މަސްއޫލިއްޔަތު ކޮނޑުއަޅައިގެން ތިބި މީހުން ގަދައަޅައި ކުރާ ޢިލްމީ މަސައްކަތުން ރަނގަޅު ޤާނޫނުއަސާސީއެއް ފަރުމާ ކޮށްގެން، އެ ޤާނޫނުއަސާސީގެ ވަސީލަތުން ރަނގަޅު ދުސްތޫރީ އަދި ސިޔާސީ ނިޒާމެއް ޤާއިމު ކުރެވިއްޖެ ނަމަ، ހެޔޮ ސަރުކާރަކީ އިއްތިފާޤަކުން ނުވަތަ ނަޞީބަކުން ނޫނަސް، ލިބޭނެ އެއްޗެއްކަން، އެއީ އެފަދަ ސަރުކާރެއް ހޯދުމަށް ޓަކައި އިންސާނީ މުޖުތަމަޢެއް އެކަތިގަނޑަކަށް ވެގެން ހެޔޮ މަގުން ހިނގައިފި ނަމަ، އަދި ހެޔޮ މަގުތަކާއި ގޮތްތައް އިޚްތިޔާރު ކޮށްފި ނަމަ، ހޯދޭނެ އެއްޗެއްކަން ސާބިތު ވާނެއެވެ. ދެން ހެމިލްޓަން ވިދާޅުވަނީ، މި މުހިއްމު މަސައްކަތުގައި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައްޔިތުން ޤައުމުގެ ޙަޤީޤީ މަޞްލަޙަތުތަކަށް ބުރަވެ، ޢާއްމު ހެވަތާ ގުޅުމެއް ނެތް އަދި ޒާތީ ތަޢައްޞުބުތަކާއި އަމިއްލަ އެދުންތަކުން ދުރުހެލި ވެ، އިންޞާފާއި ޢަދުލުވެރިކަމުގެ އަސާސުގެ މަތީގައި ޢަމަލު ކޮށްފިއްޔާ، ޤައުމަށާއި ރައްޔިތުންނަށް އުފާވެރިކަމާއި ބާއްޖަވެރިކަން ލިބިގެން ދާނެ ކަމުގައެވެ.

ހެމިލްޓަނަށް ފެނިވަޑައިގަތީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އުފެދިގެން އައި ދަނޑިވަޅެވެ. ރަނގަޅު ދައުލަތެއް އުފެއްދުމުގެ ނިޔަތާއި ގަސްދުގައި އެކުލަވައިލެވުނު ޤާނޫނުއަސާސީ ލިޔެވެމުން ދިޔަ މަންޒަރެވެ. މިއަދު އެއިގެ ފަހުން 230 ވަރަކަށް އަހަރު ވެއްޖެއެވެ. މިއަދު އަޅުގަނޑުމެންނަށް ޔުނައިޓެޑް ސްޓޭޓްސްގެ ޤާނޫނުއަސާސީގެ ނަތީޖާ ނުކުތް ގޮތް ތާރީޚުގެ ސިފައިގައި ފެންނާން އެބައޮތެވެ. އެ ތާރީޚަށް ބަލައިލައި، ހެމިލްޓަން ކުރިމަތި ކުރެއްވި ސުވާލަށް ޖަވާބު ދޭނަމަ ވެސް، ދަންނަވާން ޖެހެނީ ރަނގަޅު ޤާނޫނުއަސާސީއެއް ފަރުމާ ކޮށްގެން، ރަނގަޅު ދައުލަތެއް ބިނާ ކުރުމަކީ ކުރެވިދާނެ ކަމެއް ކަމުގައެވެ. ތެދުފުޅެކެވެ! މިއަދުގެ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާޔަކީ، ހެމިލްޓަނާއި މެޑިސަނާއި ޖެއި އާއި ޖެފަރސަނާއި ޖޯރޖް ވޮޝިންގޓަން ތަޞައްވުރު ކުރެއްވި ޤައުމު ނޫން ކަމުގައި ބުނެވިދާނެއެވެ. ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ވެސް އެ ޤައުމު ވަރަށް ބޮޑަށް ބަދަލު ވެއްޖެއެވެ. ވަކީން ބޮޑަށް، މިއަދުގެ ދުނިޔޭގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ވަނީ، އިންސާނީ ދުނިޔޭގައި ޢަދުލުއިންޞާފާއި، އިޤްތިޞާދީ އަދި އިޖުތިމާޢީ ޢަދާލަތާއި، ޞުލްޙަމަސަލަސްކަމާއި، އަމަންއަމާންކަން ޤާއިމު ކުރުމަށް އެޅިފައި އޮތް އެންމެ ބޮޑު އެއް ހުރަހަށެވެ. މިއަދުގެ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާޔަކީ ރަޙުމު ކުޑަ، އަނިޔާވެރި، އަދި ޖައްބާރު އިސްތިޢުމާރީ ދައުލަތެކެވެ. އެމެރިކާގެ އަނިޔާވެރިކަމުގެ ސީދާ އަދި ނުސީދާ ނަތީޖާއެއްގެ ގޮތުން އިންތިހާ ދަރަޖައިގެ ވޭނާއި ކެކުޅުން ތަޙައްމަލު ކުރަމުން ދާ ނިކަމެތި އިންސާނުންގެ ޢަދަދު ގުނެނީ އެތައް ދިހަ މިލިޔަނަކުންނެވެ. ޚާއްޞަކޮށް، އަޅުގަނޑުމެން މުސްލިމުންނަށް ޓަކައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ގެންގުޅޭ ޢަދާވާތްތެރިކަމާއި ދުޝްމަންކަމަކީ އާދަޔާ ޚިލާފު ދުޝްމަންކަމަކާއި ޢަދާވާތްތެރިކަމެކެވެ. އެހެން ނަމަވެސް، ތެދު ބަހަކުން ވާހަކަ ދައްކަނީ ނަމަ، 1787 ގައި ހެމިލްޓަން ފަދަ ބެއިފުޅުންގެ މަސައްކަތްޕުޅުން އެކުލަވައިލެވުނު ޤާނޫނުއަސާސީގެ ސަބަބުން، އެ ޤައުމަކީ ދުނިޔެ ދުށް އެންމެ ހަރުދަނާ އެއް ދުސްތޫރީ ނިޒާމު ޤާއިމު ކުރެވުނު ދައުލަތް ކަމުގައި އިޢުތިރާފު ވެ، އެކަމަށް ޙައްޤު ތަޢުރީފު ކުރާން ޖެހެއެވެ. ޚާއްޞަކޮށް ފެޑްރަލް ރިޒާރވް އެކްޓް 1913 އިގެ ވަސީލަތުން، އެމެރިކާގެ ފެޑްރަލް ރިޒާރވް ޤާއިމު ކުރެވި، ރައުސްމާލީންގެ (Capitalists) އަތްމައްޗަށް ޤައުމުގެ މާލީ ނިޒާމު ދިޔުމާ ހަމަޔަށް، އެމެރިކާގެ ދުސްތޫރީ ނިޒާމަކީ، އެއިގައި ހުރި އުނި ކަންކަމާ އެކުގައިމެ، އެހެން ޤައުމުތަކުން ވެސް ދިރާސާ ކޮށް ބެލުން އެކަށޭނަ ހަރުދަނާ ނިޒާމެކެވެ.

އެހެން ނަމަވެސް، ވިސްނައި ފިކުރު ކޮށްގެން، ފަރުމާ ކޮށްގެން، ހަރުދަނާ ދުސްތޫރީ ނިޒާމެއް ޤާއިމު ކުރެވިދާނެކަން ސާބިތު ކޮށްދިން ފުރަތަމަ ދައުލަތަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ކަމުގައެއް ނުދެންނެވޭނެއެވެ. އަނެއްކާވެސް މި ނުކުތާގައި އަޅުގަނޑުމެން ރުޖޫޢަ ވާން ޖެހެނީ މަދީނާގައި ކީރިތި މާތް ނަބިއްޔާ މުޙައްމަދު ނަބީ ކަލޭގެފާނު ބިނާ ކުރެއްވި ފުރައިފުރިހަމަ، އާނާންދަ ދައުލަތަށެވެ. އެ ދައުލަތަކީ "ދުސްތޫރުލް މަދީނާ" އާއި، މަޝްހޫރު "މުއާޚާތުގެ" މަފްހޫމު ފަދަ މަފްހޫމުތަކާއި އުޞޫލުތަކުގެ މައްޗަށް، އިސްލާމް ދީނުގެ މަތިވެރި ޝަރީޢަތުގެ އަސާސުގައި، ކީރިތި މާތް ނަބިއްޔާގެ މަތިވެރި ސިކުނޑިފުޅާއި، އެކަލޭގެފާނުގެ މަތިވެރި އަޚްލާޤީ ޝަޚްޞިއްޔަތުގެ ތެރެއިން ޤިޔާދަތު ދެއްވައިގެން، އެކަލޭގެފާނުގެ އިތުރު މާތް ޞަޙާބީންގެ ނުހަނު މަތިވެރި ޙިކުމަތުޢަމަލީގެ ތެރެއިން، ފަރުމާ ކުރައްވައި ބިނާ ކުރެއްވެވި ދައުލަތެކެވެ. ބަޙުޘެއް ނެތް ގޮތުގައި، ހުރިހައި ގޮތަކުން ވެސް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާޔަށް ވުރެ މަތިވެރި ދައުލަތަކީ އެއީއެވެ. ދައުލަތުގެ ރޫޙާނީ އަދި އަޚްލާޤީ އަސާސުތަކާއި އުޞޫލުތަކުގެ ވަރުގަދަކަމާއި ދާއިމިއްޔަތަށް ބެލިޔަސް، ދައުލަތުގައި އިޖުތިމާޢީ އަދި އިޤްތިޞާދީ ޢަދާލަތު ޤާއިމު ކުރެވުނު ގޮތަށް ބެލިޔަސް، އަދި އާޚިރުގައި ދައުލަތުގެ އާރާއިބާރު އަރައިގެން ދިޔަ މަތިވެރި ދަރަޖަޔަށް ބެލިޔަސް، އެ ދައުލަތަކީ ދުނިޔެ ދުށް އެންމެ މަތިވެރި ދައުލަތެވެ. އެ ދައުލަތުގެ "ރައްޔިތުން" ސިފަ ކުރުމަށް ޓަކައި ޚުދު އެމެރިކާގެ މަޝްހޫރު މުއައްރިޚަކު ވިދާޅުވި ބަސްފުޅުތައް ހަނދުމަ ކޮށްލަމާ ހިންގަވާށެވެ. ޕްރިންސްޓަން ޔުނިވަރސިޓީ އާއި ހާރވަރޑް ޔުނިވަރސިޓީގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މަޝްހޫރު މުއައްރިޚް ފިލިޕް ކޭ. ހިއްޓީ (އަވަހާރަ ވީ މީލާދީން 1978 ގައި) ގެ ބަސްފުޅެކެވެ. "ދި އެރެބްސް: އަ ޝޯރޓް ހިސްޓްރީ" ގެ 4 ވަނަ އިސްދާރު (1960) ގެ 42 ވަނަ ޞަފުޙާގައި އޭނާ ވިދާޅުވެފައި ވެއެވެ. "ނަބިއްޔާ އަވަހާރަ ވުމަށް ފަހު، އަވިޔަނަ ޢަރަބި ކަރަ ފެނިގެން ދިޔައީ، ޖާދޫއެއް ފަދަ ގޮތަކުން، ބަޠަލުންގެ ނާސަރީޔަކަށް ބަދަލު ކުރެވިފައި ވާތީއެވެ. އެ ބަޠަލުންނަކީ ތޯއެވެ! ޢަދަދުގެ ގިނަކަމަށް ބެލިޔަސް، އެމީހުންގެ ބުޠޫލިއްޔަތުގެ ދަރަޖައިގެ މަތިވެރިކަމަށް ބެލިޔަސް، އެފަދަ ދެވަނަ ބަޠަލުންތަކެއް ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ފެނުން ނާދިރު ބަޠަލުންތަކެކެވެ." ނަތީޖާޔަކީ ތޯއެވެ! މުޙައްމަދު ނަބީ ކަލޭގެފާނު، ޙައްޤު ދީނުގެ ސާފު ރޫޙާނިއްޔަތާއި، އެންމެ މަތިވެރި އަޚްލާޤީ ނިޒާމާއި، އިޤްތިޞާދީ އަދި އިޖުތިމާޢީ ޢަދާލަތާއި ޙަޤީޤީ އިންސާނީވަންތަކަމުގެ މަތީގައި ބިނާ ކުރެއްވި ދައުލަތުގެ ސާޅީހަކަށް ހާސް ސިފައިން، އެއިރު ދުނިޔޭގައި އޮތް ދެ ބޮޑުބާރު ކަމުގައި ވާ ފާރިސީ އަންބަރާތޫރިއްޔާ އާއި ރޯމަން އަންބަރާތޫރިއްޔާއާ އެއްފަހަރާ ހަނގުރާމަ ކޮށް، އެ ދެ ބޮޑުބާރު އިނދަ ޖައްސައިލީއެވެ. މި ދެންނެވި ސާޅީހަކަށް ހާސް ސިފައިންގެ އަތުގައި ހަތިޔާރަކަށް ދަގަނޑުން ހުރި ހަމައެކަނި ހަތިޔާރަކީ އަތުގައި ހުރި ކަނޑިތައް އެކަންޏޭ ދެންނެވުމުން، އެއީ ޙަޤީޤަތާ މާދުރު ބުނުމަކަށެއް ނުވާނެއެވެ. އެމީހުންގެ ތެރޭގައި އަހާއި ޖަމަލުގައި ތިބީ ދާދި މަދު ބައެކެވެ. ގިނަ މީހުން ހަނގުރާމަ ކުރީ ފައިމަގުގައެވެ. އެމީހުންގެ ހަށިތަކުގައި ދަހަނާއެއް ނެތެވެ. ގިނަ މީހުން ލައިގެން ތިބީ އުއިފޮތީގެ ޖުއްބާއެވެ. އަނެއްކޮޅުން، އެމީހުން ކުރިމަތި ލީ ދުނިޔޭގެ ބޮޑު ދެބާރުގެ އުސް އަދި ވަރުގަދަ ކިއްލާތަކާއެވެ. މަޢުދަނުގެ ދަހަނާއިން ފޮރުވިގެން، ދަގަނޑުގެ އެތައް ވައްތަރެއްގެ ހަތިޔާރުތަކުން ހަތިޔާރު އަޅައިގެން ތިބި، އެތައް ލައްކަ ސިފައިންގެ ލަޝްކަރުތަކާއެވެ. އެ ލަޝްކަރުތައް ބަލިކޮށް، ފާރިސީންނާއި ރޯމަނުންގެ ބިންތައް އިސްލާމީ ދައުލަތުގެ ދަށަށް ގެންދިޔުމަށް ފަހު، ދެން މުސްލިމުން ހޯދީ އަދި މާ ކުލަގަދަ ފަތަޙައެކެވެ. އާދެ، އެމީހުން ފަތަޙަ ކުރި ބިންތަކުގެ އެތައް މިލިޔަން އަހުލުވެރީންގެ ހިތްތައް ފަތަޙަ ކުރީއެވެ. ކިހިނެއްތޯއެވެ؟ އާދެ، އެމީހުން ދެއްކި އިންސާނިއްޔަތުކަމާއި ރިވެތި އަޚްލާޤުންނެވެ. އެމީހުންގެ އިޙްސާންތެރިކަމާއި، އެމީހުން ޤާއިމު ކުރި މަތިވެރި ޢަދުލުއިންޞާފުގެ ސަބަބުންނެވެ. އެމީހުންގެ މޫނުތަކާއި، ބަސްތަކާއި، ޢަމަލުތަކުން ފައުޅު ވަމުން ފެންނަމުން ދިޔަ ރޫޙާނީ ނޫރުގެ ބެބުޅުމާއި ވިދުވަރުގެ ބާއްޖަވެރި އަލިކަމުގެ ސަބަބުންނެވެ. މި ކަންކަމުގެ ސަބަބުން، ފަތަޙަ ކުރެވުނު ތަންތަނުގެ މީސްތަކުން މުސްލިމުން ދެކެ ލޯބި ވީ، އަނިޔާ ލިބެމުން ދިޔަ ބަޔަކު، އެ އަނިޔާއިން ސަލާމަތް ކޮށްދިން މީހާ ދެކެ އެ ބަޔަކު ލޯބި ވާނެ އެންމެ މަތީ ދަރަޖައިގައެވެ. ތާރީޚުގެ ޞަފުޙާތަކުގައި މި ބަހުގެ ތެދުކަން ދައްކައިދޭ އެތައް ސަތޭކަ ހެކިތަކެއް ވެއެވެ. އެންމެ ހެއްކެއްގެ ވާހަކަ ދަންނަވައިލާނަމެވެ. ރޯމަނުންގެ އަތްދަށުން ޝާމުކަރައިގެ އެތައް ޝަހަރެއް މިނިވަން ކުރުމަށް ފަހު، ޔަރުމޫކުގެ މަޢުރިކާޔަށް ތައްޔާރު ވުމަށް ޓަކައި މުސްލިމުން ވަގުތީ ގޮތުން އެ ޝަހަރުތަކުން ނުކުތީ، "ތިޔަބައިމީހުންގެ ފުރާނަޔާއި މުދާ ސަލާމަތް ކުރުމުގެ މަސްއޫލިއްޔަތު މި ދަނޑިވަޅުގައި އަދާ ކުރެވޭން ނެތަތީ" އޭ ބުނެ، އެތަންތަނުން ނެގިފައި ހުރި މައުމޫލުގެ މުދާތައް ވެސް ފުރިހަމަޔަށް، އެ ޝަހަރުތަކުގެ ރައްޔިތުންނަށް ރައްދު ކޮށްފައެވެ. މުސްލިމުން އެ ޝަހަރުތަކުން ނުކުތުމުން، އެ ތަންތަނުގެ ނަޞާރާއިން ފައްޅިތަކުގައި ޖަމާޢަތް ހަދައިގެން، ރޮއި ކަރުނަ އަޅާ ޙާލު، ޢީސާގެފާނުގެ ޞޫރަޔާއި ޞަލީބުގެ ކުރިމަތީގައި ދެ ކަކޫ ޖަހައިގެން ތިބެ "މާތްކަލާކޯއޭ، މުސްލިމުން އަނބުރައި ގެންނަވާށިއޭ" ބުނެ ދުޢާ ކުރިއެވެ. އެ ތަންތަނުގައި ތިބި ޔަހޫދީން ބައި ހަދައިފައި ތައުރާތުގެ ކޮޕީތައް ހިފައިގެން ނުކުމެ "ކަލާނގެ ރަސްކަންފުޅު ގަންދެމޭ، ތިޔަބައިމީހުން މިތަނަށް އައުމަށް ފަހަކު، ދެން އެހެން ބަޔެއްގެ ވެރިކަމެއް ތިމައުރެން ޤަބޫލެއް ނުކުރާނަމޭ، ތިމަންމެން ދިރިތިއްބައި ރޯމުގެ ޤައިޞަރު މި ބިމުގައި ދެން ފައި ޖެއްސިޔަކަނުދޭނޫއޭ" ބުނެ ހުވައި ކުރިއެވެ. ހަމައެކަނި މި ދެންނެވި ޚުލާޞާ ބަޔާނުން ވެސް، އިސްލާމީ ދައުލަތަކީ ދުނިޔެ ދުށް އެންމެ މަތިވެރި ދައުލަތް ކަމުގެ ހެކި ފުދޭ ވަރަށް ލިބެއެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ތާރީޚަށް ބަލައިލާ އިރު، ދިވެހި ދައުލަތަށް ފުރަތަމަ ފަހަރަށް ތަދުވީނު ކުރެވިގެން ވާ ޤާނޫނުއަސާސީއެއް ލިބުނީ މީލާދީން 1932 ގައެވެ. އެތެރެވަރީގެ ފުރަތަމަ ޤާނޫނުއަސާސީގެ ގޮތުގައެވެ. ވަރަށް ވެސް ބޮޑު ޝަރަފެއް، އެހެންނޫންތޯއެވެ؟ އެކަމަކު މި ޝަރަފުވެރި ބޭރުފުށުގެ އެތެރެ އެހައި ރީތި ނޫން ކަމުގައި ދަންނަވާން ޖެހެއެވެ. ފެންނާން ހުރި ބައެއް ހެކިތައް ބުނާ ގޮތުން، ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އަކީ ޤައުމިއްޔަތަށް ޓަކައި ވެވުނު މަސައްކަތެއް ނޫނެވެ. ޤައުމަށް ޓަކައި އެޅުނު ފިޔަވަޅެއް ނޫނެވެ. ރައްޔިތުންނަށް ޓަކައި ކުރެވުނު ކަމެއް ނޫނެވެ. އެއީ ސިޔާސީ ގުޅަމަތިހިފުމެއްގެ ނަތީޖާއެވެ. އެތަންމިތަނުން، އެކި ދިމަދިމާއިން އައި ނުފޫޒުތަކުގެ އޮށްތަކުން ފެޅި ގަހެކެވެ. ބޮޑު ގެރިތަކުގެ ތަޅައިގަތުމެއްގެ ތެރެއިން އުފަންވި، ބަލަދުވެރީންނާއި ބެލެނިވެރީން ކުރެ އެކަކުގެ ވެސް ލޯބި ނުލިބުނު ދަރިއެކެވެ. ނަތީޖާޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މޮޓަރު ބޯޓުގެ ގަޑުބަޑުގެ އިންޤިލާބީ ތޫފާނުގައި އެ ޤާނޫނުއަސާސީ ފަނާ ވެގެން ދިޔުމެވެ. ގުޅަކުޅޭ ފަސްގަނޑުގެ ހިރަފުހުގެ ތެރެޔަށް ބިމުގެ ވެއްޔާ މޮޑެވިގެން ދިޔުމެވެ. އެއިގެ ފަހުން، ދިވެހިރާއްޖޭގައި ގެނެވުނު ޤާނޫނުއަސާސީތަކަށް ބެލިޔަސް، ޙަޤީޤީ މާނައިގައި ހަރުދަނާ ދުސްތޫރީ ނިޒާމެއް ގެނެސްދިން، އަދި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުތަކަށް އެކަނި ފޯކަސް ކޮށްގެން ހެދުނު ޤާނޫނުއަސާސީއެއް އޮތް ބާވައޭ، މި ސުވާލު އުފައްދާން ޖެހެއެވެ.

ކޮންމެއަކަސް، ތެދުވެރި ނިޔަތަކާއި އިޚްލާޞްތެރި ހިތަކާއި ހެޔޮ ބުއްދިޔަކާ އެކު މަސައްކަތް ކޮށްގެން، ޤައުމާއި ރައްޔިތުން ދެކެ ވާ ތެދުވެރި ލޯތްބެއްގެ ޝުޢޫރުތަކުން ފެން ދީގެން، ހަރުދަނާ ޢިލްމީ އަސާސުތަކެއްގެ މަތީގައި ޤާނޫނުއަސާސީއެއް ލިޔެ ތަންފީޛު ކޮށްފި ނަމަ، އެއިގެ ފައިދާ ގިނަގުނަ ވެގެންވާ ގޮތުގައި ޤައުމަށް ކުރާނެއެވެ. އަޅުގަނޑުމެންގެ ދިވެހި ޤައުމުގެ މުސްތަޤުބަލަށް ޓަކައި މި އުއްމީދު ކުރަމާތޯއެވެ! އަޅުގަނޑުމެންނަކީ އިސްލާމީ އުއްމަތުގެ މެންބަރުންނީމުއެވެ! މުޙައްމަދު ނަބީ ކަލޭގެފާނުގެ ދައުލަތުގެ ވާރިސުންނީމުއެވެ! އަޅުގަނޑުމެންނަށް މާތް ވެގެންވާ އިސްލާމް ދީނުގެ ތަޢުލީމުގެ މަތީގައި އެކަން ކުރެވޭނެކަން ޔަޤީނެވެ.

އަމިއްލަ މަޞްލަޙަތުތައް އިސް ކުރުން

ހެމިލްޓަންގެ ނަޒަރުގައި، ރަނގަޅު ޤާނޫނުއަސާސީއެއް ލިޔުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ، އެކަން ކުރުމުގައި ބައިވެރި ވާ މީހުން ޤައުމީ މަޞްލަޙަތާއި، ރައްޔިތުންގެ ޢާއްމު މަޞްލަޙަތު ފިޔަވައި އެހެން މަޞްލަޙަތުތައް ކުރިޔަށް ނެރުމެވެ. އެހެން މަޞްލަޙަތުތައް އިސް ކުރުމެވެ. މިގޮތުން އިސް ކުރެވެނީ އެ ބަޔެއްގެ ޒާތީ ނުވަތަ ފަރުދީ މަޞްލަޙަތުތައް ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ ޤައުމުގައި އެ ބަޔަކު ނިސްބަތް ވާ ވަކި ދާއިރާއެއް، ރަށެއް، ސަރަޙައްދެއްގެ މަޞްލަޙަތުތައް ކަމުގައި ވެސް ވެދާނެއެވެ. އަމިއްލަ ޒާތީ ނުވަތަ ފަރުދީ މަޞްލަޙަތުތައް އިސް ކުރުމުގެ މިސާލުތަކުގެ ތެރޭގައި، ޤައުމުގެ ބާރުގަދަ މީހުންނާއި މުއްސަނދީން، ޢަދުލުވެރި އަދި ހަރުދަނާ ދުސްތޫރީ ނިޒާމެއް ޤާއިމު ކުރެވިއްޖެ ނަމަ އެމީހުންގެ މަޤާމުތަކާއި މުއްސަނދިކަމަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމުގެ ބިރަށް، އެ މަސައްކަތަށް ހުރަސް އަޅައި، އެ މަސައްކަތް ތަޣައްޔަރު ކުރުމަށް އުޅޭ އުޅުން ހިމެނެއެވެ. އެ ބަޔަކު ނިސްބަތް ވާ ދާއިރާ ނުވަތަ ރަށުގެ މަޞްލަޙަތު އިސްކޮށް، ޤައުމުގެ މަޞްލަޙަތަށް ފުރަގަސް ދިނުމީ، ތިމާގެ އަމިއްލަ ޒާތީ އަދި ފަރުދީ މަޞްލަޙަތުތަކަށް އިސްކަން ދިނުމަށް ވުރެ، ނުބައިކަން ކުޑަ ކަމެކެވެ. ނަމަވެސް ޤައުމީ ނިސްބަތުގައި އެއީ ވެސް ނުހަނު ބޮޑު ގޯހެކެވެ. އޮޅުމެއް ނެތް ފަދައިން، ޤާނޫނުއަސާސީއެއް އެކުލަވައިލުމުގައި، ޤައުމީ މަޞްލަޙަތާއި، ރައްޔިތުންގެ މަޞްލަޙަތުތައް ފިޔަވައި އެހެން މަޞްލަޙަތުތަކަށް، އެހެން ކަންކަމަށް ރިޢާޔަތް ކުރުމަކީ މުޞީބާތެކެވެ. ޣަދަރުވެރިކަމެކެވެ. ޚިޔާނާތެކެވެ. އެއީ ދެމިގެންދާ ނުބައެކެވެ.

ހެމިލްޓަންގެ ބަސްފުޅު އެއިރުގެ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި ވަރަށް ބޮޑަށް ބަލައިގަނެވުނެވެ. އެހެންކަމުން، އެމެރިކާގެ ޤާނޫނުއަސާސީ ފަރުމާ ކުރެވިގެން ދިޔައީ މި ބާވަތުގެ މަޞްލަޙަތުތަކުގެ ކުލަޔާއި ވަހާއި ރަހައިން ވަރަށް ބޮޑަށް ސާފު އެއްޗެއްގެ ގޮތުގައެވެ. އެ ޤާނޫނުއަސާސީ ކާމިޔާބު އެއްޗަކަށް ވުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ މިއެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ތާރީޚަށް ބަލައިލުމުން، ފެންނަނީ ވަރަށް ހިތްދަތި ކުރުވަނިވި މަންޒަރެކެވެ. ކުރީންވެސް ދަންނަވައިލެވުނު ފަދައިން، އަޅުގަނޑުމެންގެ ތެރޭގައި ޤާނޫނުއަސާސީއެއް ހެދިޔަސް، ޤާނޫނުއަސާސީއަކަށް އިޞްލާޙެއް ގެނަޔަސް، ގިނަ ފަހަރު އެކަން ކުރެވިފައި ވަނީ އަމިއްލަ މަޞްލަޙަތުތަކެއްގެ ޙިމާޔަތުގައެވެ. ވަކި ބަޔަކުގެ ނުވަތަ ވަކި މީހަކުގެ ސިޔާސީ ހުވަފެންތަކާއި އެދުންތަކާއި އުއްމީދުތަކަށް ކޮށޭ މަގެއްގެ ގޮތުގައެވެ. 1932 ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވައިލެވުނު ގޮތާ މެދު ކުރު ގޮތަކަށް އަޅުގަނޑަށް އެއްޗެއް ދަންނަވައިލެވިއްޖެއެވެ. އެއިގެން ފަހުން އައި ހުރިހައި ޤާނޫނުއަސާސީތަކާ މެދުގައި ވާހަކަ ދެއްކުމުގެ ބަދަލުގައި، މިހާރު މި އޮތް ޤާނޫނުއަސާސީ ހެދުނު އިރު، އަމިއްލަ އަދި ޒާތީ މަޞްލަޙަތުތައް އޭގެ ތެރޭގައި ޝާމިލު ވި ގޮތަށް ކުރު ގޮތަކަށް ބަލައިލަމާ ހިންގަވާށެވެ! ބަޔަކަށް އެއްޗެތި ގޮވުމުގެ މަޤްޞަދުގައެއް ނޫނެވެ. މާޟީގެ ގޯސްތަކުން ފިލާވަޅު ލިބިގަތުމުގެ ގޮތުންނެވެ.

ހަނދުމަފުޅު ހުންނާނެ ފަދައިން، 2003 ވަނަ އަހަރު އައު ދައުރަކަށް ހުވައި ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްވެވި ޚިޠާބުގައި ވަޢުދު ވެވަޑައިގަތް ގޮތުގެ މަތީން ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ޓަކައި 2004 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއް ކުރެވުނެވެ. ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތުގެ ތެރޭގައި، ދުސްތޫރީ ގޮތުން ރާއްޖޭގައި އޮންނާން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ޓަކައި ރައްޔިތުންގެ ވޯޓެއް ނެގުނެވެ. 18 އޯގަސްޓް 2007 ގައި ނެގުނު މި ވޯޓުގައި، ދިވެހި ރައްޔިތުންގެ ތަނަވަސް އަޣްލަބިއްޔަތަކުން ނިންމީ، ރާއްޖޭގައި އޮންނާން ވާނީ ރިޔާސީ ނިޒާމެއް ކަމުގައެވެ. އެއީ ރައްޔިތުންގެ ނިންމުމެވެ. ރައްޔިތުންގެ ބަހެވެ. އެ ނިންމުމަށް ފަހު، އެ ބަހަށް ފަހު، ދެން ޤާނޫނުއަސާސީ ލިޔާ ބައެއްގެ މައްޗަށް އޮންނާނެ އެންމެ މުހިއްމު އެއް ވާޖިބަކީ، އެ ބައެއްގެ އަމިއްލަ ފިކުރުތަކާއި ތަޢައްޞުބުތަކާއި އުއްމީދުތައް އެއްފަރާތް ކޮށް، ރައްޔިތުން ނިންމި ގޮތަށް، ރައްޔިތުންގެ ނިންމުމަށް އިޙްތިރާމު ކޮށް، ރައްޔިތުންނަށް ތެދުވެރި ވެ، ފުރިހަމަ ރިޔާސީ ނިޒާމަކަށް ޤާނޫނުއަސާސީ އެކުލަވައިލުމެވެ. ނަމަވެސް ކަން ކުރެވުނީ އެހެންތޯއެވެ؟ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން، ނަންބަރު 2010/SC-C/25 އަދި 2010/SC-C/26 ޤަޟިއްޔާގައި 09 ޑިސެންބަރު 2010 ގައި އިއްވެވި ޙުކުމާއި، އެއިގެ ފަހުގެ ބައެއް ނިންމެވުންތަކުގައި ވެސް ފާހަގަ ކުރައްވައިފައި ވާ ފަދައިން، ޤާނޫނުއަސާސީ އެކުލަވައިލެވުނީ ރިޔާސީ ނިޒާމުގެ ބައެއް ސިފަތަކާ އެކު، ބަރުލަމާނީ ނިޒާމުގެ އަސާސީ ބައެއް ސިފަތައް ވެސް ހިމަނައިގެން، "ހައިބްރިޑް" ނިޒާމެއްގެ ގޮތުގައެވެ. ޤާނޫނުއަސާސީން ބައިވަރު މިސާލުތައް ދެއްކިދާނެއެވެ. ނަމަވެސް ކުރު ކޮށްލުމަށް ޓަކައި، މިސާލުތަކެއް ގެންނާކަށް ނުހަދާނަމެވެ. ވިސްނަވާށެވެ! މި ގޮތަށް، ޤާނޫނުއަސާސީ ހެއްދެވި ރައްޔިތުންގެ ޚާއްޞަ މަޖިލިހުން ކަންތައް ކުރެއްވީ ކީއްވެގެންތޯއެވެ؟ ރައްޔިތުންގެ ނިންމުމަށް ބޭއިޙްތިރާމު ކުރައްވައި، ރައްޔިތުންގެ ނިންމުމުގެ ޙުރުމަތް ކަނޑައިލައްވައި، ރައްޔިތުންނަށް އޮޅުވައިލައްވައި، ރައްޔިތުން "ބޭނުމީ ރިޔާސީ ނިޒާމެކޭ" ބުނީމާ، ރައްޔިތުންނަށް "ހައިބްރިޑް" ނިޒާމެއް ދެއްވީ ކީއްވެގެންތޯއެވެ؟ ނުހަނު ހިތާމަޔާ އެކު ދަންނަވާން ޖެހެނީ، މި ބީދައިން ކަން ކުރެއްވީ ޚާއްޞަ މަޖިލިހުގައި މެޖޯރިޓީ އޮތް ބެއިފުޅުންގެ ސިޔާސީ މަޞްލަޙަތުގައި ކަމުގައެވެ. އެ ބެއިފުޅުން ބެއްލެވީ، ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ވެސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގަންނަވާނެ ކަމުގައެވެ. އެ ބެއިފުޅުންނަށް ކިތަންމެ މަސައްކަތެއް ކުރައްވައިގެން ވިޔަސް، ހޯއްދެވޭނީ ހަމައެކަނި މަޖިލިހުގެ މެޖޯރިޓީއެއް ކަމުގައެވެ. އެހެންކަމުން، 2008 ގެ އިންތިޚާބަށް ފަހު މި ޙާލަތު އައުމުން، މަޖިލިހުގެ މެޖޯރިޓީގެ ވަސީލަތުން ދައުލަތް ކޮންޓްރޯލް ކުރައްވައިގެން، ރައީސް މައުމޫނަށް ދަތި ކުރެއްވުމުގެ ފުރުޞަތު ތަނަވަސް ކުރައްވައިފައި ބޭއްވެވުމަށް ޓަކައި، ރައްޔިތުންގެ ވޯޓާ ޚިލާފަށް، ބަރުލަމާނަށް ރިޔާސީ ނިޒާމުގައި ނޯންނާނެ ބާރުތައް ވެސް ބަރުލަމާނަށް ދީގެން، ރިޔާސީ ނިޒާމެއްގެ ބަދަލުގައި ހައިބްރިޑް ނިޒާމަކަށް ޤާނޫނުއަސާސީ ފަރުމާ ކުރެއްވީއެވެ.

ދެވަނަ ކަމަކަށް، ޤާނޫނުއަސާސީގެ 71 ވަނަ މާއްދާއިން، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމާ ބެހޭގޮތުން އެކަށައެޅި އުޞޫލަށް ބައްލަވާށެވެ! އެ މާއްދާގައި އޮންނަ ގޮތުން، ކޮންމެ އިދާރީ ދާއިރާޔަކުން ވެސް ރައްޔިތުންގެ މަޖިލިހަށް ދެ މެންބަރުން އިންތިޚާބު ކުރެވެއެވެ. އެޔަށްފަހު، އެ ދާއިރާގެ އާބާދީ ފަސް ހާހަށް ވުރެ އިތުރު ނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށް ވުރެ އިތުރު ވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރަކު އިތުރު ވެއެވެ. މިހެން ހެދީމާ، ދިވެހިރާއްޖެ ފަދަ ކުޑަކުޑަ ޤައުމެއްގައި، ނިސްބަތުން ދުނިޔޭގެ އެއްވެސް ޤައުމެއްގައި ނެތް ވަރުގެ ބޮޑު ރައްޔިތުންގެ މަޖިލިހެއް އެބައޮވެއެވެ. ހަތަރުލައްކައެއް ހައި ރައްޔިތުން ތަމްސީލު ކުރުމަށް ޓަކައި، މިހާރު 87 މެންބަރުން މަޖިލިހުގައި އެބަ ތިއްބަވައެވެ. މި ޢަދަދު ދާނީ، ޤާނޫނުއަސާސީ އޮތް ގޮތުން، ކޮންމެ ދައުރަކާ އެކު އިތުރު ވަމުންނެވެ. އަޅައިކިޔައިލާ ނަމަ، ހަ މިލިޔަނާ ގާތް ކުރާ ޢަދަދަކަށް ރައްޔިތުން ތިބި މުއްސަނދި ސިންގަޕޯރުގައި، ޤާނޫނު ހަދާ މަޖިލިހުގައި ތިބެނީ 105 މެންބަރުންނެވެ. ގާތްގަނޑަކަށް ފަސްލައްކަ ރައްޔިތުން ތިބި، އަދި ނުހަނު މުއްސަނދި ދައުލަތެއް ކަމުގައި ވާ ބްރޫނާއީގެ ޤާނޫނު ހަދާ މަޖިލިހުގައި ތިބެނީ 33 މެންބަރުންނެވެ. ގާތްގަނޑަކަށް ހަތް ލައްކަ ރައްޔިތުން ތިބޭ، މުއްސަނދި ޤައުމެއް ކަމުގައި ވާ މަކާއޫގެ ޤާނޫނު ހަދާ މަޖިލިހުގައި ވެސް ތިބެނީ 33 މެންބަރުންނެވެ. އާބާދީގައި 1.2 މިލިޔަން މީހުން ތިބޭ، ރާއްޖެޔަށް ވުރެ ތަނަވަސް ޖަޒީރާ ޤައުމެއް ކަމުގައި ވާ މޮރިޝަސްގެ ޤާނޫނު ހަދާ މަޖިލިހުގައި ތިބެނީ 70 މެންބަރުންނެވެ. ހަމައެހެންމެ، ރާއްޖެ ފަދަ ޖަޒީރާ ޤައުމެއް ކަމުގައި ވާ ސޮލޮމޮން އައިލޭންޑްސްގައި ހަ ލައްކަ ފަންސާސް ހާސް ރައްޔިތުން ތިބި އިރު، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގައި ތިބެނީ 50 މެންބަރުންނެވެ. ކުޑަ ނަމަވެސް، ޤައުމާއި ރައްޔިތުންނާ މެދު ލޯތްބެއް ކުލުނެއް ހުރެގެން، ރައްޔިތުންގެ ޚާއްޞަ މަޖިލިހުން ޤާނޫނުއަސާސީގެ 71 ވަނަ މާއްދާ އެކުލަވައިލެއްވި ނަމަ، މިހައިރު އެކުލަވައިލައިފައި މި އޮތް ވަރުގެ ބިޔަ މަޖިލިހެއް ގެންގުޅުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މަޞްލަޙަތުތަކަށް ވެސް، އަދި އެހެނިހެން މަޞްލަޙަތުތަކަށް ވެސް ގެއްލުން ހުރި ގޮތެއްކަން ހަނދުމަފުޅު ނެއްތަވައެއްނުލެއްވީހެވެ. ނަމަވެސް އެ ބެއިފުޅުން މަސައްކަތް ކުރެއްވީ، އެއިރު ރައްޔިތުންގެ ޚާއްސަ މަޖިލިހުގައި ތިބި މެންބަރުންނަށް، ޚާއްސަ މަޖިލިހުގެ މަސައްކަތް ނިމި އެ މަޖިލިސް ރޫޅައިލުމަށް ފަހު، ދެން އޮންނަ އިންތިޚާބެއްގައި ރައްޔިތުންގެ މަޖިލިހުގައި ޖާގަ އޮންނާނޭ ވަރަށް އެތަނުގައި ގޮނޑި ބެހެއްޓޭނޭ ގޮތް ބަލައިގެންނޭ ދެންނެވުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟

ތިންވަނަ މިސާލަކީ، އައު ޤާނޫނުއަސާސީގައި ދިވެހިރާއްޖޭގެ ޖުޑީޝަރީއާ ގުޅޭ ހަމަތަކާއި އުޞޫލުތައް އެކަށައެޅުއްވުމުގައި، އަމިއްލަ މަޞްލަޙަތަށް ކުރައްވައިފައި ހުރި ކަންކަމެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިހުގައި މެޖޯރިޓީގައި ތިއްބެވި ބެއިފުޅުންގެ ވިސްނުންފުޅު ހުރީ، އެއިރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް މަޤާމުން ބޭރު ކުރުމުގެ މައްޗަށެވެ. އަދި، އެކަން ކުރުމަށް ފަހު، ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ރައީސް މައުމޫނަށް ވެރިކަން ލިބިވަޑައިގެން، އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ކޮންމެވެސް ގޮތަކުން ޝައިޚް ރަޝީދު ގެންނެވިޔަސް، ޝައިޚް ރަޝީދުގެ އެއްވެސް ބާރެއް ޖުޑީޝަރީގައި ނުހިނގާނޭ ގޮތަކަށް ޖުޑީޝަރީ ބައްޓަން ކުރުމުގެ މައްޗަށެވެ. އަޅުގަނޑު މި ފުރުޞަތުގައި ފާހަގަ ކުރަމެވެ. ޖުޑީޝަރީއާ ބެހޭ ބައެއް އުޞޫލުތައް ޤާނޫނުއަސާސީގައި އެކަށައަޅުއްވައިފައި ހުރީ ވަރަށް ރަނގަޅަށެވެ. ނަމަވެސް، ފާހަގަ މި ކުރަނީ، ހައްދަވައިފައި ހުރި ބޮޑެތި ބައެއް ގޯސްތަކެވެ. މި ދެންނެވި ފަދައިން، ޝައިޚް ރަޝީދު އުއްތަމަ ފަނޑިޔާރުކަމުން ދުރު ކުރުމަށް ޓަކައި ކުރެއްވި އެންމެ ހުތުރު ކަމަކީ، ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ) ގައި، ސާފު ބަހުން، ޤާނޫނުއަސާސީއަށް ޢަމަލު ކުރާން ފެށުމާ އެކު އެމަނިކުފާނު މަޤާމުން ވަކި ވާނޭ ކަމަށް ލިޔުއްވުމެވެ. މިއީ ޤާނޫނުއަސާސީއެއް ލިޔުމުގައި ޒާތީ ތަޢައްޞުބު އިސް ކުރުމުގައި މުޅި ދުނިޔެއިން ވެސް ފެންނާނެ އެންމެ ރަނގަޅު އެއް މިސާލެވެ. މިކަން ކުރެއްވުމަށް ފަހު، ކުރީން ވެސް ދެންނެވި ފަދައިން، 2008 ގެ ރިޔާސީ އިންތިޚާބަށް ފަހު، ރައީސް މައުމޫން ވެރިކަމަށް ވަޑައިގެން، އަނެއްކާވެސް އެ ގޮތަކުން މި ގޮތަކުން، ޝައިޚް ރަޝީދު އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ގެންނެވިޔަސް، އެމަނިކުފާނުގެ ބަސްފުޅު ޖުޑީޝަރީގެ މައްޗަށް ނުހިނގާނެ ގޮތެއް ހެދުމަށް ޓަކައި، ޚާއްޞަ މަޖިލިހުގެ މެޖޯރިޓީގެ ލީޑަރުން ފުރަތަމަ މަސައްކަތް ކުރެއްވީ، ރާއްޖޭގައި އުއްތަމަ ފަނޑިޔާރެއް ނުވެސް ބެހެއްޓުމަށެވެ. މި ޚިޔާލު އެއްގޮތަކަށް ވެސް ވިކޭ ގޮތް ނުވުމުން، ދެން ހެއްދެވި ގޮތަކީ، އުއްތަމަ ފަނޑިޔާރަކީ ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތް ކަމުގައި ބުނެ ނިންމައިލައިފައި، ދުނިޔޭގެ ދުސްތޫރީ ނިޒާމުތަކުގައި އުއްތަމަ ފަނޑިޔާރަށް ޖުޑީޝަރީ އާއި ކޯޓުތަކާއި ފަނޑިޔާރުންގެ މައްޗަށް ޢާއްމު އުޞޫލަކުން ދޭ އެއްވެސް ބާރެއް، އުއްތަމަ ފަނޑިޔާރަށް ނުދޭ ގޮތަށް ޤާނޫނުއަސާސީ ލިޔުއްވީއެވެ.

ހަތަރުވަނަ މިސާލު ވެސް ގުޅެނީ ޝަރުޢީ ދާއިރާޔާއެވެ. ކުރީން ވެސް ތަކުރާރުކޮށް ދެންނެވުނު ފަދައިން، ރައްޔިތުންގެ ޚާއްޞަ މަޖިލިހުގައި މެޖޯރިޓީ އޮތް ބެއިފުޅުން ވިސްނެވީ، 2008 އަށް ފަހު ވެސް ރައީސް މައުމޫނު ރައީސްކަމުގައި ހުންނަވާނެ ކަމަށް، އަދި އެ ބެއިފުޅުންނަށް ލިބިވަޑައިގަތަސް ލިބިވަޑައިގަންނަވާނީ މަޖިލިހުގެ އަޣްލަބިއްޔަތެއް ކަމުގައެވެ. އެހެންކަމުން، ޝަރުޢީ ދާއިރާގެ މައްޗަށް ރައްޔިތުންގެ މަޖިލިހުގެ ބަސް، ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅަށް ވުރެ ގަދަ ކުރުމުގެ ރޭވުންތަކެއް ރޭވުނެވެ. ދިވެހިރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އެކުލެވުން (Composition) ކަނޑައެޅުނީ، މި ދެންނެވި ސިޔާސީ ތަޢައްޞުބާއި، ޝަރުޢީ ދާއިރާ ކޮންޓްރޯލް ކުރުމުގެ ސިއްރު އެޖެންޑާގެ ތެރެއިންނެވެ. ޤާނޫނުއަސާސީގެ 158 ވަނަ މާއްދާއިން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އެކުލެވުން ކަނޑައެޅި އިރު، ކޮމިޝަނުގައި ތިބޭ ގޮތަށް ހަމަޖެއްސި ދިހަ މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމާއި މަޤާމުގެ ޙައިޘިއްޔަތުން ކޮމިޝަނުގައި އިށީންނަ މެންބަރުންނެވެ. އެކަކީ ސީދާ މަޖިލިހުން ޢައްޔަން ކުރާ މީހެކެވެ. ބާކީ ހަތް މީހުންގެ ތެރެއިން ތިން މީހުންނަކީ، މަޤާމުގެ ޙައިޘިއްޔަތުން ކޮމިޝަނުގައި ތިބޭނެ، އަދި ރައްޔިތުންގެ މަޖިލިހުގެ ރުހުމަށް މެނުވީ މަޤާމަށް ނައުދެވޭނެ މީހުންނެވެ. އެހެންކަމުން، އެ އެކުލެވުމުގައި، ކޮމިޝަނުގެ ދިހަ ގޮނޑީގެ ތެރެއިން ހަ ގޮނޑީގައި ތިބޭނެ މީހުން ކަނޑައަޅާނީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ރައްޔިތުންގެ މަޖިލިހުންނެވެ. ޖުޑީޝަރީގެ ކޮންޓްރޯލް މަޖިލިހަށް ލިބުނީ ނޫންތޯއެވެ؟ މިކަން މިހެން ކުރެވެމުން ދިޔަ އިރު، މިނިސްޓަރ އޮފް ޖަސްޓިސްގެ މަޤާމުގައި ހުންނެވީ، ހަނދުމަފުޅު ހުންނާނެ ފަދައިން، ޑރ. މުޙައްމަދު ޖަމީލް އަޙްމަދެވެ. އެމަނިކުފާނު މިކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައި، މިނިސްޓަރ އޮފް ޖަސްޓިސްގެ ފަރާތުން ރައްޔިތުންގެ ޚާއްޞަ މަޖިލިހަށް ދިގު ސިޓީފުޅެއް ފޮނުއްވެވިއެވެ. އެ ސިޓީފުޅުގައި، މިނިވަން އަދި މުސްތަޤިއްލު ޖުޑީޝަރީއެއް ބިނާ ކުރުމުގައި ދުސްތޫރީ ނިޒާމުތަކުގައި ޢަމަލު ކުރާ "ބެސްޓް ޕްރެކްޓިސްތަކަކީ" ކޮބައިކަން ބަޔާން ކުރައްވައި، ރައްޔިތުންގެ ޚާއްޞަ މަޖިލިހުން ގަސްދު ކުރައްވައިފައި އޮތް ގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލަވައިލެއްވުމުން، އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރައި، އެ ކޮމިޝަނުގެ ވަސީލަތުން މުޅި ޖުޑީޝަރީއަށް ސިޔާސީ ބާރު ފޯރުވުމަށް މަގުފަހި ވާނެ ވާހަކަ ތަފްޞީލީ ގޮތެއްގައި ބަޔާން ކުރެއްވިއެވެ. ރަނގަޅު ގޮތެއްގައި ކޮމިޝަނުގެ އެކުލެވުން ބާއްވާނެ ގޮތްތަކާ މެދު ލަފާތައް ދެއްވިއެވެ. ނަމަވެސް ރައްޔިތުންގެ ޚާއްޞަ މަޖިލިހަކުން އެ ލަފަޔާ މެދު "ތަށަށް ކިޔަނީ މަރިޔަބުހޭ" ވެސް އައްސަވައެއްނުލެއްވިއެވެ. އެއިގެ ފަހުން ފާއިތު ވެގެން މިދިޔަ ފަނަރަ ވަރަކަށް އަހަރުގެ ކުރު ތާރީޚުން، ޖުޑީޝަލް ސަރވިސް ކޮމިޝަން ސިޔާސީ ވުމުގެ ނަތީޖާއެއްގެ ގޮތުން ޖުޑީޝަރީއަށް ލިބުނު އަދި ލިބެމުންދާ ދެރަޔާއި ނިކަމެތިކަން ފެނިވަޑައިގަންނަވާ ނޫންތޯއެވެ!

ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީގެ ނިޒާމު ތަޢާރަފު ކުރިކުރުމެވެ. ތެދުފުޅެކެވެ! ދިވެހިރާއްޖެޔަށް ސިޔާސީ ޕާޓީގެ ނިޒާމު ގެނައިއްޔަކީ 2008 ވަނަ އަހަރުގެ ފެހި ޤާނޫނުއަސާސީއަކުން ނޫނެވެ. އެ ޤާނޫނުއަސާސީ ލިޔާން ފެށުމުގެ ވެސް ކުރީން، 2 ޖޫން 2005 ގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި ނެގުނު ވޯޓެއްގައި، މެންބަރުންގެ އިއްތިފާޤުން، ރާއްޖޭގައި ސިޔާސީ ޕާޓީ ހެދުމުގެ ހުއްދަ ދިނުމަށް ފާސް ކުރެއްވީއެވެ. އެއިރު އޮތް ނޫ ޤާނޫނުއަސާސީ، ސިޔާސީ ޕާޓީތައް ހެދުމަށް ހުރަސް ނާޅާ ކަމަށް އެއިރުގެ ބަންޑާރަ ނާއިބު ޑރ. މުޙައްމަދު މުނައްވަރު ދެއްވެވި ލަފަޔަކަށް ފަހުގައެވެ. އެއިރުވެސް، ޢަމަލީ ގޮތުން ރާއްޖޭގައި ސިޔާސީ ޕާޓީއެއް – މޯލްޑިވިޔަން ޑިމޮކްރެޓިކް ޕާރޓީ – އުފައްދައިގެން، އެ ޕާޓީގެ ޙަރަކާތްތައް ރާއްޖެޔާއި ރާއްޖެއިން ބޭރުގައި ހިންގަމުން ގެންދާތާ ދެ އަހަރެއްހައި ދުވަސް ވެއްޖެއެވެ. 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީ ފާސް ކުރުމާ ހަމަޔަށް ދިޔަ އިރު، ސިޔާސީ ޕާޓީ އުފައްދައިގެން، އެއިގެ ސަބަބުން ޤައުމަށް ކުރާ އަސަރުތައް ތަޖުރިބާއިން ފެންނާން ވެސް ފަށައިފިއެވެ. އެހެންކަމުން، ފެހި ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި "ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރި ވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެން ވެއެވެ" މިހެން ލިޔެގެން، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ ހިންގުމަކީ އަސާސީ ޙައްޤެއް ކަމަށް ކަނޑައަޅައި، އެ ނިޒާމު ހުއްދަ ކުރުމަކީ ވަކީން ބޮޑު "އަޚްލާޤީ ޖަރީމާއެއް" ކަމަށް އަޅުގަނޑު ދަންނަވާނަމެވެ. އެހެން ލިޔުއްވި ބެއިފުޅުންނަށް ނުހަނު ރީތިކޮށް، 2003 އިން ފެށިގެން، ޕާޓީ ނިސްބަތުން ދިވެހި ރައްޔިތުން ބައިބައި ވެ، ރައްޔިތުންގެ މެދުގައި އުފެދެމުން ދިޔަ ވިހަ ފަދަ ނުރައްކައުތެރި އަދި ހިތި ނަފްރަތާއި، ޤައުމުގެ ވަޙްދަތާއި އަޚްވަންތަކަން ގެއްލެމުން، ރަށްތަކާއި ޢާއިލާތައް ވެސް ޢަދާވާތްތެރި ބައިބަޔަށް ބެހެމުން އެޅެމުން ދިޔަ ގޮތް ފެނިވަޑައިގަންނަވާ ޙާލު، އެކަން ކުރެއްވި ބެއިފުޅުންގެ އަމިއްލަ ސިޔާސީ އެޖެންޑާތަކަށް ޓަކައި ޕާޓީ ނިޒާމަށް ދުސްތޫރީ ޙައްޤެއްގެ ޙައިޘިއްޔަތާ އެކު ހުއްދަ ދެއްވީތީއެވެ. މި ބަހާ އިންކާރު ކުރައްވަމުތޯއެވެ! އެހެންވިއްޔާ ހަނދުމަފުޅު ކުރައްވާށެވެ! ފުންކޮށް ވިސްނައިވަޑައިގަންނަވާށެވެ! އެއިރު ދިވެހިރާއްޖޭގެ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގި ނަމަ، ގިނަ ރައްޔިތުން ޕާޓީ ނިޒާމަށް އާނއެކޭ ބުނާނެހެން ހީފުޅު ވޭތޯއެވެ؟ އެހެން ހީފުޅު ވަންޏާ، އަދިވެސް ފުންކޮށް ވިސްނަވާށެވެ! ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމާ ދެ ނިޒާމުން ކުރެ އެއް ނިޒާމު އިޚްތިޔާރު ކުރުމަށް ޓަކައި ފެންނަނުފެންނަ ވޯޓަކަށް ދާން ވަކާލާތު ކުރި މީހުން، ޕާޓީ ނިޒާމު ގެނައުމަށް ފެނޭތޯނުފެނޭތޯ މި ސުވާލު ރައްޔިތުންގެ ކުރިމައްޗަށް ހުށައެޅުމަށް ވަކާލާތު ނުކުރީ ފަހެ ކީއްވެގެންތޯއެވެ؟ މި ކަމުގައި ވެސް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކުން ގޮތް ނުނިންމީ ކީއްވެގެންތޯއެވެ؟ އެއްވެސް އޮޅުމެއް ނެތް ގޮތުގައި، ޕާޓީ ނިޒާމު ގެނައީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާ ދެކޮޅު ފަރާތްތަކުން، އެމަނިކުފާނާ ދެކޮޅަށް ހިންގަމުން ގެންދިޔަ ސިޔާސީ ޙަރަކާތް، ޤާނޫނު ހުއްދަ ކުރާ އަދި އިންތިޒާމީ ޙަރަކާތަކަށް ހެދޭނެ މަގުފަހި ކުރުމުގެ ގޮތުންނެވެ. އެމަނިކުފާނު ވެރިކަމުން ވައްޓައިލުމުގެ ޙަރަކާތް، ވަކިވަކި ފަރުދުންގެ މަސައްކަތެއްގެ ބަދަލުގައި، ޤާނޫނީ ގޮތުން ބަލައިގަނެވޭ ސިޔާސީ ޕާޓީއެއްގެ މަސައްކަތަކަށް ހެދުމުން، އެ މަސައްކަތް އެތައް ގުނައެއް ވަރުގަދަ ވާނެތީއެވެ. ދިވެހިރާއްޖެޔަށް ޕާޓީ ސިސްޓަމް ގެނައީ، ޤައުމަށާއި ރައްޔިތުންނަށް އެއިގެ ސަބަބުން އެއްވެސް ފައިދާއެއް ކުރާނެތޯ ވިސްނައި، ފައިދާއެއް ކުރާނެ ކަމަށް ބަލައި، ފައިދާއެއް ހޯދުމުގެ ނިޔަތަކު ނުވަތަ މަޤްޞަދަކު ނޫނެވެ. އެ ނިޒާމު ދިވެހިރާއްޖޭގައި ހިންގާން ފަށައިފި ނަމަ، ދިވެހިރާއްޖޭގައި އެއިގެ ނަތީޖާ ނުކުންނާނީ ކިހިނެއްތޯ ބެލުމަށް ޓަކައި އެއްވެސް ދިރާސާތަކެއް، އެއްވެސް ތަޙުލީލީ ބެލުންތަކެއް ބެލުމަށް އެންމެ ކުޑަ މިނުން މަސައްކަތް ވެސް ކޮށްފައެއް ނުވެއެވެ. އެއީ ހަމަ ކަނޑައެޅިގެން، ރައީސް މައުމޫން ވެރިކަމުން ވައްޓައިލުމަށް ޓަކައި ގެނައި ހަތިޔާރެކެވެ. މި ވާހަކަ ދައްކާ އިރު، އަޅުގަނޑުމެން ވިސްނާން ޖެހޭ ކަމަކީ، ސިޔާސީ ޕާޓީގެ ނިޒާމަކީ އެތައް ގޮތަކުން ބަލާ އިރު ވެސް، އެއިގެ ފައިދާތަކަށް ވުރެ ގެއްލުން ބޮޑު ނިޒާމެއް ކަމެވެ. ސިޔާސީ ގޮތުންނާއި ޢިލްމީ ގޮތުން އަދި ފިކުރީ ގޮތުން ކުރި އަރައިފައި ވާ ޤައުމުތަކުގައި، އަދި ސިޔާސީ ފަލްސަފާޔާއި ފިކުރާއި ސަގާފަތުގައި އެއް ވިސްނުމެއް ނެތުމުގެ - Pluralism - ސަގާފަތެއް އޮތް ތަންތަނުގައި މި ނިޒާމު އެކަށޭނަ ގޮތެއްގައި މަސައްކަތް ކުރާ ކަމަށް ބުނެވިދާނެއެވެ. ނަމަވެސް ދިވެހިރާއްޖެ ފަދަ، ތިންވަނަ ދުނިޔޭގެ އެއްވެސް ޤައުމެއްގައި މި ނިޒާމަކީ ޤައުމަށް ފައިދާ ހުރި ގޮތެއްގައި ހިނގާ ނިޒާމެއް ނޫނެވެ. އޭޝިޔާއިން، އެފްރިކާއިން، އެކި ޤައުމުތަކަށް ބައްލަވާށެވެ! ހަމަ އެންމެ މިސާލަކަށް ވެސް، ޕާޓީ ސިސްޓަމުގެ ސަބަބުން ޤައުމަށް ސިޔާސީ ގޮތުން ވިޔަސް އިޖުތިމާޢީ ގޮތުން ވިޔަސް ފައިދާ ކުރި ޤައުމެއް ފެނިވަޑައެއްނުގަންނަވާނެއެވެ. ކޮންމެ ޤައުމެއްގައި ވެސް، ޕާޓީ ނިޒާމު ވެފައި ވަނީ ޑިމޮކްރަސީގެ ނަމުގައި މުޖުތަމަޢު ފަސާދަ ކޮށް، ތަޢައްޞުބުގެ އުސް ފާރުތަކުން ރައްޔިތުން ބައިބަޔަށް ބަހައި، އެއް ބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ސިޔާސީ ޙައްދުފަހަނައެޅުމުގެ ތެރެއިން ނަފްރަތާއި ރުޅިވެރިކަމުގެ ތީރުތައް އުކައި، ނަފްރަތު ފަތުރައި، ޑިމެގޮގީ (Demagogy) ގެ ހުތުރު ކުޅިވަރުތަކުން ޤައުމުގެ ސިޔާސީ ޙަޔާތް ކިލަނބު ކޮށް، އިދިކޮޅު ސިޔާސީ ޙަރަކާތުގެ ނަމުގައި އެއިރަކު ވެރިކަން ކުރާ ބަޔަކަށް އިންތިހާ ދަރަޖަޔަށް ދުއްތުރާ ކޮށް، ވެރިކަމާ ހެދި ތަޅައިފޮޅައި، އެއް ބަޔަކު އަނެއް ބަޔަކާ ދިމާޔަށް ހުތުރު ވެގެންވީހައި އެއްޗެތި "ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަމުގެ" ނަމުގައި ގޮވުމުގެ ސަގާފަތުގެ އިންޖީނު ކަމުގައެވެ. މީގެ އިތުރުން، ޚުދު ހުޅަނގުގެ ކުރި އަރައިފައި ވާ ޤައުމުތަކުގައި ވެސް، ސިޔާސީ ޕާޓީތަކުގެ ނިޒާމުގެ މަޤްބޫލުކަމާއި އިތުބާރު ދަނީ ދަށަށްކަން، ކުރެވޭ ދިރާސާތަކުން އަބަދުވެސް ދައްކައެވެ. މި ކަންކަމުގެ އިތުރުން، ދިވެހިރާއްޖެޔަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއް ކަމުގައި ވީހިނދު، ޕާޓީ ސިސްޓަމަކީ މުސްލިމުންނަށް ހުއްދަ އެއްޗެއްތޯ ނުވަތަ ނޫންތޯ މިއީ ވެސް ޢިލްމުވެރީންގެ މެދުގައި ބަޙުޘް ކުރެވޭ މައްސަލައެކެވެ. އެޔަށްވުރެ ވެސް މުހިއްމު ނުކުތާޔަކީ، މުސްލިމުންގެ ތެރޭގައި ޕާޓީ ސިސްޓަމް އޮތުމުގެ މާނައެއް، ބޭނުމެއް، ސަބަބެއް ނެތުމެވެ. އެހެނީ، ޕާޓީ ސިސްޓަމް އޮންނަނީ މުޖުތަމަޢުގެ ސިޔާސީ މިޞްރާބު ކަނޑައެޅުމުގައި، އެންމެން އެއްބަސް ވާ ނުވަތަ އެންމެން އެ ފިކުރަކަށް އާނއެކޭ ބުނާ ވަކި ފިކުރެއް ނެތް މުޖުތަމަޢުތަކުގައެވެ. އެޔާ ޚިލާފަށް، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި، މުސްލިމުންގެ ތެރޭގައި، ސިޔާސީ ޤިޔާދަތުގެ ބެލުމުގެ ދަށުގައި ވާ ކޮންމެ ކަމަކާ މެދު، އިސްލާމް ދީން ވަނީ މަގު ދައްކައިދީފައެވެ. އިސްލާމް ދީނަކީ ވަކި ސިޔާސީ ފިކުރެކެވެ. އެ ދީން، މުސްލިމުންނަށް އެކިއެކި ސިޔާސީ ފިކުރުތަކަށް ބެހިގެން، ވަކިވަކި ވެގެން، ބައިބައި ވެގެން ދާކަށެއް ފުރުޞަތެއް ނުދެއެވެ. ދެ މުސްލިމަކު ދެ ސިޔާސީ ޕާޓީއަކަށް ހިނގައްޖެ ނަމަ، އެ ދެ މީހުން ވެސް، ނުވަތަ ހަމަ ޔަޤީނުން އެއިގެ ތެރެއިން އެކަކު، އެ ދަނީ ދީނާ ދުރަށެވެ. މުސްލިމުންނަށް އިސްލާމް ދީން އަންގަވަނީ، މުޙައްމަދުގެފާނަކީ އިމާމު ކަމުގައި، އިސްލާމް ދީނަކީ ހުރިހައި ކަމެއްގައިމެ ފިކުރު ކަމުގައި، ހުރިހައި މައްސަލައެއްގެ ޙައްލު ކަމުގައި، އަދި ހުރިހައި ޙާލަތެއްގައި މެ ހިނގާންވީ މަގު ކަމުގައި ބަލައިގެން، ﷲ ގެ ވައުފަށުގައި ބާރަށް ހިފަހައްޓައި އެކަތިގަނޑަކަށް ވެގެން ތިބުމަށެވެ. ދެން، މުސްލިމުން "ޕާޓީ ލޭނުން" ބައިބައި ވާންވީ ކޮން ކަމަކާތޯއެވެ؟ މި ކަންކަމުގެ އިތުރުން، ޚުދު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ބާނީންގެ ގިނަ ބެއިފުޅުންނަކީ ޕާޓީ ސިސްޓަމާ ކަނޑައެޅިގެން ދެކޮޅަށް ވަކާލާތު ކުރެއްވި ބެއިފުޅުންނެވެ. ފެޑްރަލިސްޓް ފުރަތަމަ މަޒުމޫނުގެ ހަތަރުވަނަ ޕެރެގްރާފުގައި، ހެމިލްޓަން ސިޔާސީ ޕާޓީތައް ސިފަ ކުރައްވައިފައި ވަނީ "އިސްތިސްނާއެއް ނެތި، އަބަދުވެސް، ތިމާމެން ފިޔަވައި އެހެން މީހުންގެ ޚިޔާލާއި ރައުޔު ބަލައިނުގަތުމުގެ ރޫޙެއްގައި، ތަފާތު ރައުޔުތައް ބަރުދާސްތު ކުރުމުގެ ޤާބިލުކަން ނުހުންނަ، އަދި އަބަދުވެސް އަމިއްލަ ގޮތް ފިޔަވައި އެހެން ހުރިހައި ގޮތްތަކެއް ކުށްވެރި ކުރުމުގެ ސިފަ ހުންނަ އެއްޗެއް" ގެ ގޮތުގައެވެ. ހެމިލްޓަންގެ ބަސްފުޅަށް ވުރެ ވެސް ތަފްޞީލީ ގޮތެއްގައި، އެމެރިކާގެ ފުރަތަމަ ރައީސް ޖޯރޖް ވޮޝިންގޓަން، އޭނާގެ ރިޔާސަތުގެ ފުރަތަމަ ދައުރު ނިމެމުން ދަނިކޮށް ދެއްވި "ވަދާޢީ ޚިޠާބު" ގައި ވަނީ ޕާޓީ ސިސްޓަމާ ދުރުގައި ތިބުމަށް އެމެރިކާގެ ރައްޔިތުންނަށް ނަޞޭޙަތް ދެއްވައި ވަޞިއްޔަތް ކުރައްވައިފައެވެ. ޚުދު އެމެރިކާގެ ޤާނޫނުއަސާސީޔަކު ވެސް ޕާޓި ސިސްޓަމުގެ ވާހަކައެއް ނޯވެއެވެ. ދިވެހިރާއްޖޭގައި ޕާޓީ ސިސްޓަމް ތަޢާރަފު ކުރި އިރު ވެސް، އެއިގެ ސަބަބުން ޤައުމަށް ލިބޭނީ ދެރަޔާއި ނިކަމެތިކަން ކަން، އެތައް ބަޔަކު ފާހަގަ ކުރިއެވެ. ނަމަވެސް އެކަކުވެސް އެ ބަހަކާ މެދަކު އަޅައެއްނުލިއެވެ. އެ ބަސްތަކުގެ އަޑު މަޑުމަޑުން ހިނދުނީއެވެ. މިއަދު، ފަސް އެނބުރި، ފުން ވިސްނުމަކާ އެކު ބައްލަވާށެވެ! 2000 ގެ އަހަރުތަކާ ހަމަޔަށް، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި، އެއް ޢާއިލާއެއްގެ ގޮތުގައި އެތައް ޤަރުނަކުއްސުރެ ތިބި ދިވެހީންނަށް، ޕާޓީ ސިސްޓަމުގެ ސަބަބުން ލިބުނު ގެއްލުން ފަހެ ގުނައި ހިސާބު ކުރެވިދާނެތޯއެވެ؟ ޕާޓީތަކުން ދިވެހި ލޮބުވެތި ރައްޔިތުން އެއް ބަޔަކު އަނެއް ބަޔެއްގެ ޙުރުމަތަށް، އަބުރަށް، ފުރާނަޔަށް، މުދަލަށް ޤަދަރެއް ނުކުރާ ބާގަތަކަކަށް، ކުލަތަކަކަށް ބަހައިލި ހިތާމަވެރި ގޮތް ދިވެހި ޤައުމު ދެކެ ލޯބި ވާ ދަރިޔެއްގެ ހިތުން ފިލައިގެން ދާނެތޯއެވެ؟ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގައި، ސިޔާސީ ޕާޓީތަކަކީ ތަޢައްޞުބާއި ނަފްރަތާއި ދެކޮޅުވެރިކަމުން މުޖުތަމަޢު ބައިބައި ކުރާ ވިހައެއް ކަމުގައި ވެގެން ގޮސްފައި ނުވޭތޯއެވެ؟ ޤައުމު ކުރިޔަށް ދިޔުމަށް، ޤައުމީ ވަޙްދަތު ދެމެހެއްޓުމަށް އޮތް އެންމެ ބޮޑު ހުރަހަކަށް، ޕާޓީ ސިސްޓަމް ވެފައި ނުވޭތޯއެވެ؟ ކޮންމެ ޕާޓީއަކީ، އެ ބަޔެއްގެ ލީޑަރު ކޮންމެ ފަދަ ޖަރީމާއެއް ހިންގިޔަސް، އެ މީހާއީ ﷲ ގެ ރަސޫލުންނާއި މި އުއްމަތުގެ ޤާއިދުންނާއި އަޅުގަނޑުމެންގެ ޤައުމުގެ ޣާޒީންނަށް ވުރެ މަތިވެރި މީހަކަށް ހަދައިގެން، އެ މީހެއްގެ ވަށައިގެން އެނބުރޭ ބަގަޔަކަށް ނުވޭތޯއެވެ؟ މިފަދައިން، ސިޔާސީ ޕާޓީގެ ތަޢައްޞުބުގެ ތެރެއިން، ސިޔާސީ ލީޑަރުގެ ވަށައިގެން އެނބުރުމަކީ، ޚުދުމުޚްތާރިއްޔަތަށް ހުޅުވޭ ދޮރެއްކަން، އެއީ ދުނިޔޭގެ ސިޔާސީ މުފައްކިރުން ތަކުރާރުކޮށް ހަނދާން ކޮށްދެއްވާ ކަމެކެވެ. އަނެއްކާވެސް، އިންޑިޔާގެ ކޮންސްޓިޓުއެންޓް އެސެމްބްލީގައި ބީމާރާއޯ ރާމްޖީ އަމްބެދްކަރް ވިދާޅުވި ބަސްފުޅެއް ހަނދާން ކޮށްލަމާ ހިންގަވާށެވެ. "ޢުމުރު ދުވަހު ޤައުމަށް ޚިދުމަތް ކުރި ޚިދުމަތްތެރީންނަށް ޝުކުރުވެރި ވެ ކަމޭ ހިތުމަކީ އެއްވެސް ޙާލެއްގައި ގޯހެއް ނޫނެވެ. ނަމަވެސް، ޝުކުރުވެރި ވުމުގައި ވެސް ޙުދޫދެއް އޮންނާން ވާނެއެވެ. އަޔަރލޭންޑުގެ ޤައުމިއްޔަތުގެ ޅެންވެރިޔާ ޑެނިޔެލް އޯކޮނޭލް ވިދާޅުވެފައި ވާ ފަދައިން، އެއްވެސް އިންސާނަކު އޭނާގެ ޝަރާފަތުގެ (honor) ފޭރާން ވީދިގެން ވާ ދަރަޖަޔަށް މީހަކަށް ޝުކުރުވެރި ވެގެން ނުވާނެއެވެ. އެއްވެސް އަންހެނަކު އޭނާގެ ޢިއްފަތްތެރިކަމުން އަގު ދައްކާން ޖެހޭ މިންވަރަށް މީހަކަށް ޝުކުރުވެރި ވެގެން ނުވާނެއެވެ. އަދި އެއްވެސް ޤައުމެއް އެ ޤައުމެއްގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި ޙުއްރިއްޔަތުން އަގު ދީގެން މީހަކަށް ޝުކުރުވެރި ވެގެން ނުވާނެއެވެ." އެހެންކަމުން، ބަޔަކު ދެމުން ދިޔަ ނަޞޭޙަތްތަކަށް ބީރު ކަންފަތްތަކެއް ދީ، "މިއަދުން މިއަދަށް ޕާޓީ ސިސްޓަމް، ދެން ލަލަލާ" އެވެ ކިޔައި މާނައެއް ނެތް "ޑިމެގޯގިކް" ޝިޢާރުތައް ގޮވަމުން ދިވެހިރާއްޖެޔަށް ޕާޓީ ސިސްޓަމް ގެނައުމުން ވެސް ލިބުނީ ގެއްލުމެވެ. އަދި އެ ނިޒާމު އިތުރަށް ދަމަހައްޓައިގެން، ލިބޭ ގެއްލުންތައް އިތުރު ވުން ނޫން ކަމެއް ނުވާނެއެވެ. މިވަނި ތަނެއްގައި ޕާޓީ ސިސްޓަމް ވަރަށް ރަނގަޅަށް މަސައްކަތް ކުރެޔޭ، އެވަނި ސަބަބަކާ ހުރެ އެއީ ރަނގަޅު ނިޒާމެކޭ، މި ބާވަތުގެ ވާހަކަތަކެއް ނުހުއްޓޭނެއެވެ. ނަމަވެސް ދިވެހި މުވާޠިނުން ވިސްނަވާށެވެ! މި ނުބައި ކެންސަރަށް ފަރުވާ ނުކޮށްފި ނަމަ، މި ކެންސަރު ދިވެހި ޤައުމުގެ ހަށިގަނޑު ފަނާ ކޮށް ސުންނާފަތި ކޮށްފައި ނޫނީ ހުއްޓައެއްނުލާނެއެވެ.

މި ދެންނެވި މިސާލުތަކުގެ އިތުރަށް ވެސް، އަޅުގަނޑުމެންގެ ފެހި ޤާނޫނުއަސާސީ ހެދުމުގައި، އެކަން ކުރެއްވި ބެއިފުޅުން ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ މުސްތަޤުބަލާ މެދު ނުވިސްނަވައި، އެ ބެއިފުޅުންގެ އަމިއްލަފުޅު ޒާތީ މަޞްލަޙަތުތަކާއި، ސިޔާސީ މަޞްލަޙަތުތަކާއި، މުއްސަނދި ރައުސްމާލީންގެ މަޞްލަޙަތުތައް އިސް ކުރެއްވި ގޮތުގެ އެތައް މިސާލެއް ދެއްކިދާނެއެވެ. ނަމަވެސް މި މިންވަރުން، ވިސްނާ ބަޔަކަށް ފުދޭނެ ކަމަށް ބަލައި ކުރު ކޮށްލާނަމެވެ.

އަޅުގަނޑުމެން ޤަބޫލު ކުރާން ޖެހޭ ޙަޤީޤަތަކީ، ޤައުމު އިޞްލާޙު ކުރުމުގެ މަސައްކަތަކީ އަމިއްލަ އެދުންތަކުން ދުރުހެލި ވެގެން ނޫނީ ކުރެވޭނެ މަސައްކަތެއް ނޫންކަމެވެ. އަމިއްލަ އެޖެންޑާތަކާއިގެން ކުރެވޭނެ ކަމެއް ނޫންކަމެވެ. "އިޞްލާޙުގެ އަހުލުވެރީންނަށް" ނޫނީ ކުރެވޭނެ މަސައްކަތެއް ނޫން ކަމެވެ. ދިވެހި ޤައުމުގެ ސިޔާޤުގައި ދަންނަވާ ނަމަ، އިޞްލާޙުގެ އަހުލުވެރީންނަކީ ދިވެހީންގެ މާތް ވެގެންވާ އިސްލާމް ދީނަށް ތެދުވެރި ދަރީންނެވެ. ދިވެހި ތާރީޚަށާއި ދިވެހި ބަހަށާއި ދިވެހި ސަގާފަތަށް ތެދުވެރި ދަރީންނެވެ. ދިވެހި ފަސްގަނޑަށް އެ ބަޔެއްގެ ހިތްތަކުގައި މައިކުލުނު ހުރި ދަރީންނެވެ. ދިވެހިރާއްޖެޔަކީ މަތިވެރި ވެގެންވާ އިސްލާމީ އުއްމަތުގެ ހަށިގަނޑުގެ އެއް ގުނަވަންކަން، ދަންނަ ދަރީންނެވެ. ދަރުމަވަންތަ ރަސްގެފާނާއި، ޢަލި ރަސްގެފާނާއި، މުޙައްމަދު ތަކުރުފާނާއި ދޮން ބަންޑާރައިންނާއި، ޙާޖީ ރަދުންނާއި، ޝަހީދު ޙުސައިން އާދަމްގެ ޒިކުރާގެ އެންމެ އަކުރަކަށް ޓަކައި، ހަށިގަނޑުގައި ހިނގާހައި ލެއި ޤުރުބާން ކޮށްލާން ފަސް ނުޖެހޭ ދިވެހި ދަރީންނެވެ. އިސްލާމް ދީނުގެ މަތިވެރި ޢަޤީދާޔާއި، މަތިވެރި އަޚްލާޤާއި، މަތިވެރި ރޫޙާނިއްޔަތާއި، އިސްލާމީ ޝަރީޢަތުގެ މަތިވެރި ނިޒާމުގެ އަސާސުގައި ޤައުމު އިޞްލާޙު ކުރުމުގެ ނިޔަތް ހުރި، އެކަން ކުރުމުގެ ޢިލްމީ ޤާބިލިއްޔަތު ހުރި މީހުންނެވެ. ދިވެހިވަންތަކަމާއި، ދިވެހިއްޔަތާއި، ދިވެހި ޤައުމިއްޔަތުގެ އަސާސްތަކުގެ މައްޗަށް ފަޚުރުވެރި ވާ ދަރީންނެވެ. ދިވެހި ޕާސްޕޯޓުން ފުދޭ، އިނގިރޭސި ވިލާތާއި، އެމެރިކާޔާއި، އޮސްޓްރޭލިޔާ އާއި، ނިއު ޒިލޭންޑުން ވެސް ރައްޔިތުކަން ހޯދައިގެން އުޅޭ ބަޔަކު ކަމުގައި ނުވާ، ހިތާއި ސިކުނޑިޔާއި މުޅި ނަފުސުން ދިވެހި، ދިވެހި ދަރީންނެވެ. އިންސާނާޔަށް ދުނިޔަވީ ދިރިއުޅުމުގައި މަގު ދައްކާ ހަތަރު ބައްތި – އިލާހީ ވަޙީ އާއި، ހެޔޮ ބުއްދިޔާއި، ސާފު ޟަމީރާއި، ތަޖުރިބާޔާއި ތާރީޚުގެ ފިލާވަޅުތައް – އަށް ބަލައިގެން، އެ ހަތަރު ބައްތީގެ އަލިކަމުގައި، ޤައުމުގެ ނަވުގެ ހުންގާނު ހިފާން ދަންނަ ދަރީންނަށެވެ.

ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމާއި ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގައި، އަޅުގަނޑުމެން އުޞޫލުތަކަކާއި ހަމަތަކެއްގައި ހިފާން ޖެހެއެވެ. ޑިމެގޯގަރީ (Demagoguery) އާއި، ސިޔާސީ ޙައްދުފަހަނައެޅުމާއި ހަރުކަށިކަން (Political Extremism and Militancy) އާއި، ފޭޝިޒަމް (Fascism) އާއި، ނަފްރަތު ފެތުރުން ފަދަ ކަންކަމަކީ ކިހިނެއް، ކީއްވެގެން ހިނގާ ކަންކަން ކަމާއި، ދިވެހި ތާރީޚުގައި އެކަންކަން ކޮށް، އެމީހުންގެ ނުބައި ޢަމަލުތަކުގެ މޫނުމަތި ރީތި ކުރުމަށް ޓަކައި "އިންސާނީ ޙައްޤުތައް" އާއި، "ޑިމޮކްރަސީ" އާއި "އިޞްލާޙު" އާއި "ޢަދުލުއިންޞާފު" ފަދަ ޝިޢާރުތަކުގެ ފަހަތުގައި ފިލައިގެން ތިބީ ކޮން ބައެއްކަން، ދިވެހި ރައްޔިތުން މިއަދު ފުން ވިސްނުމަކުން ވިސްނައި ދެނެގަންނާން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ޤައުމު އިޞްލާޙު ކުރުމަށް ޓަކައި އަޅުގަނޑުމެން ހިފާން ވީ މާތްވެގެން ވާ އިސްލާމް ދީނުގައި ކަމާއި، ކުފްރާއި، ޢަލްމާނިއްޔަތާއި، އިލްޙާދިއްޔަތާއި، ހުޅަނގުން އަންނަހައި އެއްޗެއްސަކާއި ކަންކަން ކޮޕީ ކުރުމަކީ ދެ ދުނިޔޭގައި މެ އަޅުގަނޑުމެންނަށް ނުބައި ވެގެންވީ ހަލާކަކާއި ގެއްލުމެއް ފިޔަވައި އެހެން ހަމަ އެކައްޗެއް ވެސް ނުލިބޭނެ ގޮތެއްކަން ދެނެގަނެ، ހެއިލާން ޖެހެއެވެ. އަޅުގަނޑުމެންގެ ޤައުމަށް މިއަދު ކުރިމަތި ވެފައި ވާ އެންމެ ބޮޑު އެއް މުޞީބާތަކީ އިސްލާމް ދީނުގެ މަތިވެރި އަޚްލާޤާއި ސުލޫކާއި ރިވެތި އުޅުން (Decorum and Morality) އަޅުގަނޑުމެންގެ ނަފުސުތަކުން ގެއްލިދިޔުންކަމާއި، މި ކަންކަން އަނބުރައި ޤައުމަށް ގެނެސް، އެކަންކަމުގެ ނޫރާނީ ޒީނަތްތެރިކަމުން މުޅި ޤައުމު ޒީނަތްތެރި ކުރުމަކީ ދެ ދުނިޔޭގެ ކާމިޔާބަށް އޮތް ހަމައެކަނި މަގުކަން ޤަބޫލު ކޮށް، އެ ކަމަށް ޓަކައި ގަދަފަދަ ޢަޒުމަކާ އެކު މަސައްކަތް ފަށާން ޖެހެއެވެ. ޤައުމީ ވަޙްދަތާއި، ޤައުމީ އެއްބައިވަންތަކަމާއި، ޤައުމީ އެއްބަނޑުއެއްބަފާކަމުގެ މުޅީން އައު ދައުރެއް ފަށާން ޖެހެއެވެ. ޤައުމުގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ޢަދާލަތު ޤާއިމު ކުރުމަށް ޓަކައި އެންމެން އަތުކުރި އޮޅައިލާން ޖެހެއެވެ. ހުޅަނގުގެ ޑިމޮކްރެސީގެ ހުސް ގޮވެލިތައް ދޫ ކޮށްލައި، ޙަޤީޤީ އިސްލާމީ ޖުމްހޫރިއްޔަތެއްގެ ގަހަނާއިން އަޅުގަނޑުމެންގެ ދައުލަތް ޒީނަތްތެރި ކުރާން ޖެހެއެވެ. އިސްލާމް ދީނުގެ ޝޫރާގެ މަތިވެރި އުޞޫލަކީ، އަޅުގަނޑުމެންގެ ދައުލަތް ހިންގުމުގެ އެއް އަސާސް ކަމުގައި ހަދާން ޖެހެއެވެ. ކީރިތި ޤުރްއާނަކީ އަޅުގަނޑުމެންގެ ޙަޤީޤީ ދުސްތޫރު ކަމުގައި، އަދި މާތް ނަބިއްޔާގެ ޚުޠުބަތުލް ވަދާޢަކީ ޤައުމުގެ ފިކުރީ ޤައުމީ ސަލާމް ކަމުގައި ހަދާން ޖެހެއެވެ. ދިވެހި ދައުލަތަކީ ޢަދުލުއިންޞާފާއި، އިންސާނީ ކަރާމާތާއި، އިސްލާމީ ފަޚްރުގެ ރަމްޒަކަށް ހަދާން ޖެހެއެވެ.

މި ތަނުގައި، ޑިމޮކްރަސީއެއް ނޫނޭ، ޖުމްހޫރިއްޔަތޭ، އަޅުގަނޑު ދަންނަވައިފީމެވެ. ކީއްވެގެންތޯއެވެ! މި ސުވާލަކީ ދިގު ޖަވާބަކުން ވެސް ޖަވާބު ދެވިދާނެ ސުވާލެކެވެ. ޑިމޮކްރަސީ އާއި ޖުމްހޫރިއްޔަތުގެ ފިކުރުގެ ތަފްޞީލުތަކަށް ގޮސްގެންނެވެ. ނަމަވެސް ކުރު ކޮށްލައިފައި، އިޝާރާތަކުން ޖަވާބު ދޭނަމެވެ. ދުނިޔޭގެ އެންމެ ރަނގަޅު "ޑިމޮކްރަސީ" ކަމުގައި ބުނާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޤާނޫނުއަސާސީގައި "ޑިމޮކްރަސީ" މި ލަފުޒެއް ނެތެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ހަނދާން ނެތިގެން ނުލެވުނީއެއް ނޫނެވެ. އެތައް މަޝްވަރާތަކަކަށް ފަހު، އެތައް ބަޙުޘްތަކަކަށް ފަހު، އެ ލަފުޒު ޤާނޫނުއަސާސީޔަށް ނުލާން ކަނޑައެޅީއެވެ. އެލެގްޒޭންޑަރ ހެމިލްޓަނާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދުސްތޫރީ ނިޒާމު އެކުލަވައިލުމުގައި އޭނާޔާ އެކު މަސައްކަތް ކުރެއްވި ވަރުގަދަ ޝަޚްޞިއްޔަތުތަކަކީ "ޑިމޮކްރެޓުންނެއް" ނޫނެވެ. "ރިޕަބްލިކަނުން" ނެވެ. ޖުމްހޫރިއްޔަތުގެ އަހުލުވެރީންނެވެ. އެ ބެއިފުޅުން "ޑިމޮކްރަސީ" ގެ މަފްހޫމަށް ބެއްލެވީ ދެ ބުމަ ގޮށް ޖައްސަވައިގެން ތިއްބަވައެވެ.

ތެދުވެރި ފާޑުކިޔުމާއި، ސަމާޙަތާއި، މެދުމިން

ފެޑްރަލިސްޓް ފުރަތަމަ މަޒުމޫނުގައި، ހެމިލްޓަން ފާހަގަ ކުރައްވާ އެންމެ މުހިއްމު އެއް ނުކުތާޔަކީ، އެމެރިކާގައި ހަރުދަނާ ޤާނޫނުއަސާސީއެއް ވުޖޫދަށް ގެނައުމަށް ކުރާ މަސައްކަތުގައި، އިސް ވެ ދެންނެވުނު ފަދައިން އަމިއްލަ މަޞްލަޙަތުތައް އިސް ކޮށްގެން އުޅޭ ބަޔަކު އެކަމަށް ހުރަސް އަޅާ އިރު، އެ މަސައްކަތާ ދެކޮޅަށް އެކި ގޮތްގޮތަށް އަންނާނެ ފާޑުކިޔުންތަކެވެ. ހެމިލްޓަން ވިދާޅުވާ ގޮތުން، އެފަދަ ފާޑުކިޔުންތަކުގެ ތެރެއިން، ބައެއް އަޑުތައް އަންނާނީ ފިސާރި ބާރަށެވެ. ޖަޒުބާތީ ގޮތެއްގައެވެ. ހަރުކަށި ބަހުރުވައިންނެވެ. އިޞްލާޙަށް މަސައްކަތް ކުރާ، އަދި ހަރުދަނާ ޤާނޫނުއަސާސީއެއް އެކުލަވައިލުމަށް މަސައްކަތް ކުރާ މީހުންނާ ދެކޮޅަށް އެކި ކަހަލަ ތުހުމަތުތައް ކުރުމުގެ ބަހުރުވައިންނެވެ. މި ނުކުތާ ފާހަގަ ކުރެއްވުމަށް ފަހު، ދެން ހެމިލްޓަން ވަރަށް މުހިއްމު ދެ ކަމެއް ފާހަގަ ކުރައްވައެވެ.

ފުރަތަމަ ކަމަކީ، ފާޑު ކިޔާ މީހުންގެ ތެރޭގައި ހިމެނޭ އެންމެންނަކީ ނުބައި ނިޔަތުގައި ފާޑު ކިޔާ މީހުން ނޫންކަމެވެ. އިދިކޮޅަށް ފައުޅު ކުރެވޭ ގިނަ ޚިޔާލުތަކަކީ އިޚްލާޞްތެރި ހިތްތަކުން، ތެދުވެރި ދޫތަކުން ކިޔޭ ފާޑުކިޔުން ކަމުގައެވެ. ބައެއް ފަހަރު މަޑުމައިތިރި ބަހުރުވައިން، އަދި ބައެއް ފަހަރު ހަރުކަށި ބަހުރުވައިން އަޔަސް ވެހެވެ. އެފަދަ ފާޑުކިޔުންތަކުގެ ތެރޭގައި ބިނާ ކުރަނިވި ފާޑުކިޔުން ހުންނަ ފަދައިން، ތާކުންތާކު ނުޖެހޭ، ނުވަތަ އޮއްޓަރެއް ނެތް ފާޑުކިޔުންތައް ވެސް ހުންނާނެއެވެ. ނަމަވެސް މުހިއްމު ކަމަކީ، އެ ފާޑުކިޔުންތަކަކީ އިޚްލާޞްތެރި ގޮތެއްގައި ކިޔޭ ފާޑުކިޔުންތަކެއް ކަމެވެ. ގޯސްކޮށް ފާޑު ކިޔާނީ ހަމައެކަނި ގޯސް މީހުން، ނުވަތަ ޢިލްމު މަދު މީހުންނެއް ނޫނެވެ. އިންސާނާގެ ޠަބީޢީ ބަލިކަށިކަމާއި، އެކިއެކި ތަޢައްޞުބަށް އޭނާގެ ހިތާއި ބުއްދި ގެނބިގެން ދާލެއް ވަރުގަދަ ކަމުން، ޢިލްމުވެރި، ބުއްދިވެރި، އަދި ނުހަނު އަޚްލާޤު ރަނގަޅު އިންސާނުން ވެސް، ނުބައި މަގުގައި ހިނގާތަން، އަދި ހެޔޮ ކަންކަމާ ދެކޮޅަށް، ހެޔޮ ކަންކަމަށް ފާޑު ކިޔަމުން، ނުބައި މީހުންނާ އެކުގައި އުޅޭތަން ފެނެއެވެ.

ދެވަނަ ކަމަކީ، ފާޑު ކިޔާ މީހުންނާ ދިމާޔަށް އެއްވެސް ތަފާތު ކުރުމެއް ނެތި ހަރުކަށި ބަހުން ރައްދު ދިނުމަކީ، އަދި އެމީހުންގެ ފާޑުކިޔުމާ މެދު ކެތްތެރިކަމާއި ސަމާޙަތު (patience and tolerance) ނުގެންގުޅުމަކީ ވަރަށް ބޮޑު ގޯހެއްކަމެވެ. ހެމިލްޓަންގެ ވިސްނުންފުޅުގައި، ޤައުމެއް އިޞްލާޙު ކުރުމަށް، ޤައުމެއްގައި ހެޔޮ އަދި ރަނގަޅު ދުސްތޫރީ ނިޒާމެއް ބިނާ ކުރުމަށް ކުރެވޭ މަސައްކަތް ކާމިޔާބު ވުމުގެ އެއް ތަޅުދަނޑިޔަކީ، މިފަދަ ފާޑުކިޔުންތެރީންނާއި ފާޑުކިޔުންތަކާ މެދު، ހެޔޮ ގޮތުގައި ރައްދު ދިނުމެވެ. އެ ގޮތަކީ ކޮބައިތޯއެވެ؟ އާދެ، އެ ގޮތަކީ ސަމާޙަތުގެ މަގެވެ. ކެތްތެރިކަމާއި އޯގާވެރިކަމުގެ މަގެވެ. މެދުމިނުގެ (moderation) މަގެވެ. ހުތުރު އެއްޗެތި ގޮވުމާއި، ކުށްވެރި ކުރުމާއި، ޙަމަލާ ދިނުމުގެ ބަދަލުގައި، އިޙްތިރާމާ އެކު ޖަވާބު ދިނުމުގެ މަގެވެ. އެމީހުންނާ ދެކޮޅަށް ހަރުކަށި ވެނުގަތުމެވެ. ފަހެ، މީހެއްގެ ދުލުން ބުނެއިއްވާ ބަހަކީ، އޭނާގެ ނިޔަތުގެ ތެދުވެރިކަން ނުވަތަ ދޮގުވެރިކަމުގެ މައްޗަށް އޮންނަ ޔަޤީނީ ޙުއްޖަތެއް ނުވަތަ ދަލީލެއް ނޫނެވެ. ބައެއް ފަހަރު، ދުލުން ނުބައި ގޮވެއްޔެއް ގޮވާ މީހާ ނުވަތަ ގޯސް ޝިޢާރެއް އުފުލާ މީހާޔަކީ، ހެޔޮ ބަހެއް ދުލުން ބުނެ ހެޔޮ ދަޢުވަތެއްގެ އަޑު ދުލުން އިއްވަމުން ހިނގާ މީހަކަށް ވުރެ، ނިޔަތް ތެދުވެރި، އިޚްލާޞްތެރި މީހަކަށް ވެސް ވެދެއެވެ. އެހެންކަމުން، ރައުޔާއި ޚިޔާލާއި ވިސްނުން ތަފާތު މީހުންނާ މެދު ހަރުކަށިކަން އިސް ކުރުމުގެ ތެރެއިން، އިޚްލާޞްތެރީންނާ މެދުގައި ވެސް ނުޙައްޤުން ބޭއިންޞާފުން އަނިޔާވެރި ވެވިދެއެވެ. ކުރީން ވެސް ދެންނެވުނު ފަދައިން، ހެމިލްޓަންގެ ނަޒަރުގައި، ހަރުކަށި، ތަޢައްޞުބީ އަދި ތަފާތު ރައުޔުތަކަށް ސަމާޙަތެއް ނުބެހެއްޓުމުގެ ސިފަޔަކީ ސިޔާސީ ޕާޓީ ނިޒާމުގެ ތެރޭގައި ހިމެނޭ ޕާޓީތަކުގެ ފަރާތުން އަބަދުވެސް ފެންނަ ސިފައެކެވެ. ހެމިލްޓަންގެ ޢިބާރާތުން ދަންނަވާ ނަމަ، "ދީނީ ކަންކަމެކޭ އެއްފަދައިން، ސިޔާސީ ކަންކަމުގައި ވެސް، ތިމާގެ ފިކުރަށް މީހުން ގެނައުމަށް ޓަކައި އަލިފާނާއި ކަނޑި ބޭނުން ކުރުމަކީ ކަނޑައެޅިގެން ހުރި މޮޔަކަމެކެވެ. މި ދެ ކަމުގައި ވެސް، ހެޔޮމަގުން ނެއްޓިގެން ދާ މީހާ ހަމަ މަގަށް އެޅުވުމަށް ޓަކައި އޭނާގެ މައްޗަށް ގަދަބަދަވިކަން ދެއްކުމަކީ ނާދިރު ޙާލަތެއްގައި މެނުވީ ފަރުވާއެއް ނޫނެވެ."

އެއްވެސް ޝައްކެއް ނެތް ގޮތުގައި، ހެމިލްޓަން އެ ވިދާޅުވާ ބަސްފުޅުތަކަކީ ޙިކުމަތުގެ ޚަޒާނާތަކަށް ބެލިޔަސް، އަދި ނަބީރަސޫލުންގެ ތަޢުލީމާތަށް ބެލިޔަސް، އެ ބަސްފުޅެއް ތެދުކަމުގެ ހެކި އަޅުގަނޑުމެންނަށް ފައުޅުކަން ބޮޑު ގޮތެއްގައި ފެންނާނެ ބަސްފުޅުތަކެކެވެ. އާދަމް ޢަލައިހިއްސަލާމާ ހަމައިން ފެށިގެން ނަބީކަން ޚަތިމު ކުރެއްވި ސާހިބާޔާ ހަމަޔަށް، ﷲ ގެ ރަސޫލުން އިންސާނުންނަށް ގޮވައިލެއްވީ އެންމެ ހަރުކަށި ކާފިރުންނާ ކުރިމަތި ލެއްވުމުގައި ވެސް، އޯގާވެރި ވެވަޑައިގަތުމަށެވެ. ކީރިތި ﷲ އެކަލާނގެ ރަސޫލާ މޫސާ ޢަލައިހިއްސަލާމަށް، ފިރްޢައުނަށް ދީނަށް ގޮވައިލެއްވުމަށް އަންގަވައި ދެއްވި އިރުޝާދާއި - اذْهَبَا إِلَى فِرْعَوْنَ إِنَّهُ طَغَى. فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَى: ސޫރަތުއް ޠާހާ: 43-45 - މޫސާގެފާނު ފިރްޢައުނަށް ދަޢްވަތު ދެއްވި އޯގާވެރި ބަސްފުޅުތައް - أَنْ أَدُّوا إِلَيَّ عِبَادَ اللَّهِ إِنِّي لَكُمْ رَسُولٌ أَمِينٌ: ސޫރަތުއް ދުޚާން: 18 – ވެސް މި މަޤާމުގައި ހަނދާން ކުރަމާތޯއެވެ؟ އެންމެ ފަހުގެ މާތް ނަބިއްޔާ މުޙައްމަދުގެފާނަށް ބާވައިލެއްވުނު ފޮތުގައި، މެދުމިނަށް ގޮވައިލައްވަ އެތައް އާޔަތްތަކެއް ވެއެވެ. އެ ފޮތުގެ އިރުޝާދަކީ - ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا فَمِنْهُمْ ظَالِمٌ لِّنَفْسِهِ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّهِ ذَلِكَ هُوَ الْفَضْلُ الْكَبِيرُ: ސޫރަތުލް ފާޠިރް: 32- މިއެވެ. - خير الأمور أوسطها - މިއީ އިތުރު އެކަލޭގެފާނުގެ ބަރަކާތްތެރި ނަޞޭޙަތްފުޅެވެ. އިތުރު އެކަލޭގެފާނުގެ، ބައެއް ރިވާޔަތްތަކުގައި ވާގޮތުން މުސްލިމުންގެ ހަތަރުވަނަ ޚަލީފާ ޢަލީ ކައްރަމަﷲ ވަޖްހަހޫގެ ބަސްފުޅެއްގައި ވަނީ - عليكم بالنمط الأوسط الذي يرجع إليه العالي ويرتفع إليه التالي - މިފަދައިންނެވެ. ކީރިތި މާތް ނަބިއްޔާގެ ސުންނަތަކީ ވެސް މެދުމިނުގެ ރީތި މިސާލެކެވެ. ހުރިހައި ބާވަތެއްގެ ޙައްދުފަހަނައެޅުންތަކުން ޠާހިރު ވެގެންވާ، ރިވެތި ނަމޫނާއެއް މެއެވެ. އެފަދަ އެތައް މިސާލެއް އެކަލޭގެފާނުގެ އުޖާލާ ސުންނަތުން ފެނެއެވެ. ސިޔާސީ މައިދާނުން އެންމެ މިސާލެއް ޒިކުރު ކޮށްލަމާ ހިންގަވާށެވެ. އިތުރު އެކަލޭގެފާނު މަދީނާޔަށް ވަޑައިގަތީއްސުރެ، މަދީނާގެ މުނާފިޤުން ގެންދިޔައީ އިސްލާމީ ދައުލަތް އެތެރެއިން ފަނާ ކޮށްލައި، ވީދައި ކުދިކުދި ކޮށްލުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަލޭގެފާނު އެއިން އެއްވެސް މީހަކާ ދެކޮޅަށް ހަރުކަށިކަމެއް ނުދައްކަވައެވެ. އެމީހުންނާ މެދު އިސް ކުރެއްވީ ސަމާޙަތެވެ. ކެތްތެރިކަމެވެ. އެމީހުންގެ މަތީން ހަނދުމަފުޅު ނެއްތަވައި ފަރުވާކުޑަ ކޮށްލެއްވުމެއް ނުގެންގުޅުއްވައެވެ. އަދި އެމީހުންނާ މެދު ހަރުކަށިކަމާއި ގަދަބަދަވިކަމެއް ވެސް ނުގެންގުޅުއްވައެވެ. ގެންގުޅުއްވީ އެ ދެމެދުގެ މެދުމިނެކެވެ. "ގޯލްޑަން މީން" އެވެ. ފިޔަވަޅު އަޅާން ޖެހުނު ވަގުތު ފިޔަވަޅު އެޅުއްވިއެވެ. ނަމަވެސް އެއްވެސް ޙާލެއްގައި، މެދުމިން ދޫ ކޮށްލައްވައި، ޙައްދުފަހަނައެޅުން އިޚްތިޔާރެއް ނުކުރައްވައެވެ. ހަމައެހެންމެ، ރަސޫލު ބެއިކަލުންގެ ތަޢުލީމާތުގެ ތެރެއިން، އިންސާނީ މުޖުތަމަޢުތަކުގެ ޙިކުމަތުގެ ޚަޒާނާޔަށް ވެސް މި ފިލާވަޅު ވަނީ ރަން އަކުރުން ލިޔެވިގެން ވެއްދިފައެވެ. ޤަދީމީ ޞޫމާރާއި، މިޞްރާއި، ޔޫނާނު ފަދަ ޙަޟާރަތްތަކުގެ ޙިކުމަތުގެ ފިލާވަޅުތަކުގައި ވެސް މި އުޞޫލު އެއޮތީ ފެންނާށެވެ. ޑައެޑަލުސާއި އައިކަރޫސްގެ ވާހަކަ ހަނދާން ކުރަމާ ހިންގަވާށެވެ. ޑައެޑަލުސާއި އޭނާގެ ދަރިފުޅު އައިކަރޫސް ތިބީ މިނޯސްގެ ރަސްގެފާނުގެ ޤައިދީންގެ ގޮތުގައި، އެ ރަސްގެފާނުގެ ކިއްލާއެއްގެ އެންމެ އުސް ބުރުޒުގައި ބަންދު ކުރެވިފައެވެ. އެ ޤައިދުން ސަލާމަތް ވުމަށް ޓަކައި، ޑައެޑަލުސް މޮޅު ބުއްދިއެއް ނެރުނެވެ. ބުރަކަށީގައި ފިޔަފަތް ހަރު ކޮށްގެން، ދޫނިތަކެއް ފަދައިން އުދުހިގެން ދިޔުމެވެ. އެތައް އަހަރެއްގެ މަސައްކަތުން ޑައެޑަލުސް ހަތަރު ފިޔަފަތްގަނޑު ހަދައިގެން، ދެ ބަފައިން ބުރިކަށީގައި އެ ފިޔަފަތްތައް ހަރު ކޮށްގެން، ބުރުޒުން ބޭރު ވެވޭން ހުރި ހަމައެކަނި މަގު ކަމުގައި ވާ، ކުޑަދޮރުގެ މަގުން ބުރުޒުން ބޭރު ވިއެވެ. އުދުހިގަތުމުގެ ވަގުތު އައުމުން، ޑައެޑަލުސް އޭނާގެ ލޯބި ވާ ދަރިފުޅަށް ދިން އަގުހުރި ނަޞޭޙަތަކީ "ދަރިފުޅާއޭ، މެދުމިނުގެ ރާސްތާއިން ދަތުރު ކުރާށޭ" މިއެވެ. މެދުމިނަކީ ކަނޑުގެ ލޮނުގަނޑުގެ ތިކިތައް ބުރާ ހިސާބާއި، އިރުގެ ހޫނު ގަދަ ހިސާބާ ދެމެދެވެ. އައިކަރޫސަށް ބައްޕަގެ ނަޞޭޙަތާ އެއްގޮތަށް ޢަމަލެއް ނުކުރެވުނެވެ. މާ މައްޗަށް އުދުހިގެން ގޮސް، އިރުގެ ހޫނުން އޭނާގެ ފިޔަފަތުގެ އުއްގަނޑު ވިރިގެން، ފިޔަފަތް ހަލާކު ވެގެން ވެއްޓި، ކަނޑަށް ޣަރަޤު ވެގެން އައިކަރޫސް މަރު ވީއެވެ. މެދުމިން ފަހަނައަޅައި، ކަނާއަތަށް ވެސް، ވައަތަށް ވެސް، މައްޗަށް ވެސް، ތިރިޔަށް ވެސް، މާބޮޑަށް ބުރަ ވުމުގެ ނަތީޖާއަކީ މިއެވެ.

އަޅުގަނޑުމެން ދިވެހީންގެ ތާރީޚުން، މި ދެންނެވި މެދުމިން ފަހަނައަޅައި ދާ މަންޒަރު ފެންނަނީ މާ ގިނައިންނެވެ. އެއިގެ ނަތީޖާޔަކީ ކޮބައިތޯއެވެ؟ ހަމައެކަނި ވިހިވަނަ ޤަރުނުގެ ތާރީޚުން ބަލަމާ ހިންގަވާށެވެ! ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން، އެމަނިކުފާނުގެ ހުރި ނަމަ ހުރި އުނިކަމަކާ އެކުގައިމެ، ލިބިވަޑައިގަތުން ޙައްޤު ނޫން ބޮޑެތި އަނިޔާތަކެއްގެ ސަބަބުން ބައެއްގެ ހިތްތައް ފަޅަފަޅައިގެން ދާ ވަރުގެ ވޭންތަކެއް ތަޙައްމަލު ކުރައްވައިފައި ދުނިޔެއާ ވަކި ވެވަޑައިގަތީއެވެ. ދިވެހި އަތްތަކުން އެމަނިކުފާނަށް ކުޅަ އަނިޔާވެރި ހާނިއްކަތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ޤައުމު ދޫ ކުރެއްވީ، އެމަނިކުފާނުގެ ވެސް ހުރި ނަމަ ހުރި އުނިކަމަކާ އެކުގައިމެ، ދިވެހި ދައުލަތަށް މިނިވަންކަން ހޯއްދަވައިދެއްވައި، ދިވެހި ދައުލަތް ބައިބައިވެގެން ދިޔުމުގެ ބިރުވެރި "ފުރޭތަ ހުވަފެނެއްގެ" ތެރެއިން ސަލާމަތް ކޮށްދެއްވައި، އެކަމުގެ އަގު ދިވެހި ރައްޔިތުން ވަޒަން ނުކުރިކަމުގެ ހިތާމަފުޅާއިގެންނެވެ. ދެން ފެނިގެން ދިޔައީ އިންސާނީ ކަރާމާތަށް ފުރައްސާރަ ކުރުން ކަމަށް ބެލެވޭ ދަރަޖައިގައި، އެމަނިކުފާނާ ދިމާޔަށް ދިވެހި ދޫތަކާއި ގަލަންތަކުން ހުތުރު އެއްޗެތީގެ ސިލްސިލާއެއް އޮއްސައިލިތަނެވެ. އެޔަށްފަހު އައީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ކުރިމަތި ލައްވަވާން ޖެހިވަޑައިގަތް ކަންތައްތަކެވެ. އެމަނިކުފާނަށް "ގޮޅާބޯ" އެވެ ގޮވުން ޢާއްމު ކުރެވުނެވެ. އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ދީނީ ކަންކަމުގައި އިސްކޮށް ހުންނެވި، އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ ޝަރަފުވެރި މަޤާމުގައި ހުންނެވި ބެއިފުޅާޔަށް ޢާއްމު ނަމަކީ "މުރުތައްދު ފަނޑިޔާރު" ކަމުގައި ބަޔަކު ބަލައިގަތެވެ. ދިވެހި ފުލުހުންނަކީ "ގޮޅާފޯސް" ކަމުގައި ވެގެން ދިޔައެވެ. "ދިވެހި އޮބްޒާރވަރ" އެވެ ކިޔާ ވެބްސައިޓެއް، ހަމަ ދިވެހި ދަރީންގެ އަތުން ހެދިގެން، އޭގައި އެމީހުން ނުރުހޭ ކޮންމެ ދިވެހި ރައްޔިތަކަށް ހުތުރު ވެގެން ވީހައި އެއްޗެތި ގޮވައި، ހުތުރުހައި ކާޓޫނުތައް ކުރަހައި، ނަފްރަތާއި ރުޅިވެރިކަމުގެ ކަޅުވިލާތަކުން މުޅި ޤައުމު ބަނަ ކޮށްލިއެވެ. މި ހުރިހައި ކަމެއް ހިނގައިގެން ދިޔައީ އަޅުގަނޑުމެންނަށް ކަންކަމުގައި "މެދުމިން" އިޚްތިޔާރު ކުރުން ދޫކޮށްލެވުމުންނެވެ. މެދުމިނުގެ ބަދަލުގައި، އަޅުގަނޑުމެންނަށް އިޚްތިޔާރު ކުރެވުނީ "ޑިމެގޯގަރީ" ގެ މަގެވެ. ނަފްރަތުގެ މަގެވެ. ފޭޝިޒަމުގެ މަގެވެ. ދުޝްމަންކަމާއި ޢަދާވާތްތެރިކަމުގެ މަގެވެ. ސަމާޙަތެއް ޢަމުދުން ނެތުމުގެ މަގެވެ. މީހުންގެ އަބުރު ކަތިލުމުގެ މަގެވެ. މީހުން ކޮށްފައި ވާ ކުށްތަކުގެ ވާހަކަ ގޮވައި އެންމެން ފަޟީޙަތް ކުރުމުގެ އިތުރުން، ނުކުރާ ކުށްކުށުގެ ތުހުމަތުތަކުން ވމީހުންނަށް ނުޙައްޤުން ވެސް އެއްޗެތި ގޮވުމުގެ މަގެވެ. ދަރީންގެ ޙުރުމަތަށް ބެލުމެއް ނެތި މައިންބަފައިންނަށް އަނިޔާ ކުރުމުގެ މަގެވެ. އަނބީންގެ ޙުރުމަތަށް ބެލުމެއް ނެތި ފިރީން ނިކަމެތި ކުރުމުގެ މަގެވެ. ފިރީންގެ ޙުރުމަތަށް ބެލުމެއް ނެތި އަނބީން ބޭޒާރު ކުރުމުގެ މަގެވެ. މައިންބަފައިންގެ ޙުރުމަތަށް ބެލުމެއް ނެތި ދަރީންނަށް ހުތުރު އެއްޗެތި ގޮވުމުގެ މަގެވެ. މާތްރަސްކަލާނގެ ޙުރުމަތްތެރި ކުރެއްވި ކޮންމެ އެއްޗެއްގެ ޙުރުމަތް ކަނޑައިލުމުގެ މަގެވެ. ރިވެތި ބަހުރުވަ ބޭނުން ކުރުމުގެ ބަދަލުގައި، އެ ޢަމަލެއްގެ ސަބަބުން ﷲ އެ ބަޔެއްގެ ދުޢާ އިޖާބަ ނުކުރައްވަވާ ޢަމަލެއް ކަމުގައި ވާ، ދުލުން ހުތުރު އަދި މުޑުދާރު ބަހުރުވަޔާއި ބަސްތައް ބޭނުން ކުރުމުގެ މަގެވެ.

ޙައްޤުތަކުގެ ވާހަކަޔަށް ފަހު ޚުދުމުޚްތާރިއްޔަތަށް

ހެމިލްޓަންގެ މަޒުމޫނުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ނުކުތާޔަކީ، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ނަމުގައި ނުކުމެ، އިންސާނީ ޙައްޤުތަކުގެ ޗެމްޕިޔަނުން ކަމުގެ ސޫރަ ދައްކައިގެން، މަސައްކަތް ކުރާ މީހުންނާ މެދު ދެއްވި އިންޒާރުގެ ބަސްފުޅެވެ.

ހެމިލްޓަން ވިދާޅުވި ގޮތުގައި، އެމެރިކާގައި ހަރުދަނާ ޤާނޫނުއަސާސީއެއް ޤާއިމު ކޮށް، ބާރުގަދަ މަރުކަޒީ ސަރުކާރެއް އުފެއްދުމަށް ކުރެވޭ މަސައްކަތާ ދެކޮޅަށް އަންނާނެ އެންމެ ނުރައްކައުތެރި އެއް ޙަމަލާޔަކީ، އެއީ ދައުލަތުގެ ބާރު މާ ގަދަކޮށް، ޢާއްމު ރައްޔިތުންގެ އިންސާނީ ޙައްޤުތައް ނިގުޅައިގަތުމަށް ކުރެވޭ މަސައްކަތެއް ކަމުގެ ތުހުމަތެވެ. ރައްޔިތުންގެ ޙުއްރިއްޔަތު (Liberty) ނިގުޅައިގަތުމުގެ މަސައްކަތެއް ކަމުގެ ތުހުމަތެވެ. މިފަދައިން ވިދާޅުވުމަށް ފަހު، އޭނާ ވަރަށް މުހިއްމު ދެތިން ކަމެއް ފާހަގަ ކުރައްވައެވެ.

ފުރަތަމަ ކަމަކީ، ރައްޔިތުންގެ "ޙުއްރިއްޔަތާއި" އަދި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙަޤީޤަތުގައި ރައްކައުތެރި ކުރެވޭނީ، ބާރުގަދަ، ހަރުދަނާ ސަރުކާރަކުން ކަމެވެ. ހަރުދަނާ ސަރުކާރެއް ނެތް ނަމަ ވާނީ ކިހިނެއްކަން ވަރަށް ސާފެވެ. އެއިރުން މުއްސަނދީން ފަޤީރުންގެ ޙައްޤުތައް ކެއުމަށް ހުރަސް އަޅާނެ ފަރާތެއް ނުހުންނާނެއެވެ. ގަދަފަދަ މީހާ ބަލިކަށި މީހާގެ ކަނދުރާޔަށް ސަވާރު ވެގެން ދީވާލްޕާ ހެދިގެން އުޅުމަށް ހުރަސް އަޅާނެ ފަރާތެއް ނުހުންނާނެއެވެ. އަޑުގަދަ މީހާ، އަޑުމަޑު މީހާގެ ޙައްޤުތައް ފޭރިގަންނާން ހުރަސް އަޅާނެ ފަރާތެއް ނުހުންނާނެއެވެ. އެހެންކަމުން، ހެމިލްޓަން ވިދާޅުވި ފަދައިން، ރައްޔިތުންގެ "ޙުއްރިއްޔަތު" އާއި ރައްޔިތުންގެ ޙައްޤުތައް ރައްކައުތެރިކުރުމާ، ހަރުދަނާ ސަރުކާރެއް އޮތުން، މިއީ ވަކި ނުކުރެވޭނެ ދެ ކަންތަކެވެ.

ދެވަނަޔަށް ހެމިލްޓަން ފާހަގަ ކުރެއްވި ކަމަކީ، އިންސާނީ ޙައްޤުތަކުގެ އަޑު އުފުލައިގެން، އިންސާނީ ޙައްޤުތަކާއި ރައްޔިތުންގެ ޙުއްރިއްޔަތު ޙިމާޔަތް ކުރުމުގެ މާބޮޑު ޝައުޤުވެރިކަމަކާއި ޖޯޝަކާއި ފޯރިޔެއް ދައްކައިގެން، ޙައްޤުތަކުގެ ޝިޢާރުތައް ބާރުބާރަށް ގޮވަމުން ހިނގާ މީހުންނަކީ، ގިނަ ފަހަރު އެ ބަޔެއްގެ ހިތްތަކުގައި ސިޔާސީ ނުބައި އެދުންވެރިކަމާއި، އަމިއްލަ ސިޔާސީ އެޖެންޑާތައް އޮންނަ މީހުންކަން، ތާރީޚުގެ ޞަފުޙާތަކުން ސާބިތު ވާކަމެވެ. އަދި ހަރުދަނާ އަދި ވަރުގަދަ ސަރުކާރެއް ޤާއިމު ކުރުމަށް ގޮވައިލާ މީހުންނަށް ވުރެ ގިނައިން، ދައުލަތްތައް އިސްތިބްދާދިއްޔަތަށް (Despotism) ގެންދަނީ، އެންމެ ފުރަތަމަ ކޮޅުގައި އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމުގެ އަޑު އުފުލައި، މިނިވަންކަމޭ ކިޔައިގެން ގޮވެލިތައް ގޮވާ މީހުން ކަމަށް ވެސް އޭނާ ވިދާޅުވެއެވެ. އޭނާ ވިދާޅުވަނީ "އިންސާނީ ތާރީޚުގައި، ޖުމްހޫރީ ދައުލަތްތަކުގެ ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަނެ، އެމީހުންގެ މައްޗަށް އިސްތިބްދާދިއްޔަތުގެ ގޮށްމުށުގެ ބާރު ފަތުރައިލި ގިނަ މީހުންނަކީ، އެމީހުންގެ ސިޔާސީ ކެރިޔަރުގެ ފުރަތަމަ ކޮޅުގައި ރައްޔިތުންގެ ޙައްޤުތަކާއި ރައްޔިތުންގެ މަޞްލަޙަތުތަކާއި، ރައްޔިތުންގެ ޙުއްރިއްޔަތާއި މިނިވަންކަމާ މެދު މާބޮޑު ލޯތްބެއް އޮންނަ ކަމަށް ދައްކައިގެން، އެ ބީދައިން ވާހަކަތައް ދައްކާ މީހުން" ކަމުގައެވެ. އަދި "އެމީހުން ފުރަތަމަ ޑިމެގޯގުންގެ ގޮތުގައި މަސައްކަތް ފަށައި، އާޚިރުގައި ބަދަލު ވަނީ ޡުލްމުވެރި މުސްތަބިއްދުންނަށް (tyrants) ކަމުގައެވެ.

މި ބަސްފުޅުގެ ތެދުކަމުގެ ޙައިރާން ކުރުވާހައި ފުރިހަމަ މިސާލެއް، ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުން ނުފެނޭތޯއެވެ؟


ޙުއްރިއްޔަތަކީ ކޮބައިތަ؟

މަޒުމޫނުގެ ފަސްވަނަ، ހަވަނަ، އަދި ހަތްވަނަ ވަނަ ޕެރެގްރާފުގައި، އެކުޖުމުލަ ފަސް ވަހަރު ހެމިލްޓަން ޙުއްރިއްޔަތު (liberty) މި ލަފުޒު ބޭނުން ކުރައްވައިފައި ވެއެވެ. "ޙުއްރިއްޔަތު" އަކީ އެމެރިކާގެ ޤާނޫނުއަސާސީ ލިޔުނު މީހުންގެ ވިސްނުމާއި، އެ ޤާނޫނުއަސާސީ އެ ފިކުރެއްގެ މައްޗަށް ބިނާ ކުރެވުނު ފިކުރުގައި ވެސް އަސާސީ މަފްހޫމެކެވެ. މަޒުމޫނުގައި ހެމިލްޓަން "ޙުއްރިއްޔަތު" ގެ ވާހަކަ ޒިކުރު ކުރައްވަނީ ވެސް ވަރަށް އިޙުތިރާމާ އެކުގައެވެ. ކޮންމެހެން ވެސް ރައްކައުތެރި ކުރެވޭން ޖެހޭ "އައިޑިޔަލް" އެއްގެ ގޮތުގައެވެ. ދައުލަތާއި ސަރުކާރު އުފެއްދުމުގެ އަސާސީ އެއް މަޤްޞަދަކީ ރައްޔިތުންގެ "ޙުއްރިއްޔަތު" ހެޔޮ ގޮތުގައި ރައްކައުތެރި ކުރުންކަމާ މެދު ވަރުގަދަ އިޢުތިޤާދެއް ހެމިލްޓަންގެ އޮތްކަން ވެސް އޭނާގެ ޢިބާރާތްތަކުން ސާފު ވެއެވެ. އަދި ހަމަ އެހެންމެ، ހެމިލްޓަންގެ ބަސްފުޅުގައި، ހުށައެޅިފައި އޮތް ޤާނޫނުއަސާސީ އަކީ އެމެރިކާގެ ރައްޔިތުންގެ "ޙުއްރިއްޔަތު" އާއި ޙުރުމަތް (dignity) އާއި، އުފާފާގަތިކަމާއި ބާއްޖަވެރިކަން (happiness) ކަށަވަރު ކުރެވޭން އޮތް މަގެވެ.

"ޙުއްރިއްޔަތު" ގެ މައުޟޫޢަކީ ވެސް އޭގެ ޒާތުގައި ވަރަށް ބޮޑު، އަދި ވަރަށް ފުޅާ މައުޟޫޢެކެވެ. އެހެންކަމުން، މިފަދަ ލިޔުމެއްގައި ހަމައެކަނި އެ މައުޟޫޢާ ބެހޭގޮތުން ވެސް ދެންނެވޭނީ ވަރަށް ޚުލާޞާ ގޮތެއްގައި ދަންނަވާ ދެތިން ބަހެކެވެ. ނަމަވެސް ފެޑްރަލިސްޓް ފިކުރުގައި އެ މައުޟޫޢުގެ މުހިއްމުކަމުންނާއި، ބާކީ ހުރި ހުރިހައި މަޒުމޫނުތަކެއްގައި ވެސް "ޙުއްރިއްޔަތު" ގެ މަފްހޫމަކީ އަސާސީ އަދި މައިގަނޑު މަފްހޫމެއް ކަމުގައި ވާތީ އާއި، އަދި މި ޒަމާނުގައި ވެސް ސިޔާސީ އެދުންވެރީންގެ ދޫތަކުން "ޙުއްރިއްޔަތު" - liberty - ގެ ގޮވެލިތަކާއި ޝިޢާރުތައް އިވެމުންދާ ގޮތުން، މި މަޤާމުގައި ކިތަންމެ ކުރު ގޮތަކަށް ނަމަވެސް އެ މައުޟޫޢާ ބެހޭގޮތުން ދެތިން އެއްޗެއް ދަންނަވައިލުމުން މެނުވީ މި ލިޔުން ފުރިހަމަ ނުވާނޭ ކަމަށް ފެނެއެވެ.

ސަތާރަސަތޭކަ ހަތްދިހަތް ވަނަ އަހަރު ނުވަތަ 1778 ގައި އެމެރިކާގެ މުއައްސިސުން ނުވަތަ ބާނީން "ލިބަރޓީ" މި ލަފުޒު މާނަ ކުރެއްވި ގޮތާއި، މިއަދުގެ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އެ ލަފުޒު މާނަ ކުރެވޭ ގޮތް ވަރަށް ތަފާތެވެ. ހަމައެހެންމެ، އެއިރުގެ ޔޫރަޕުގައި އެ ލަފުޒު މާނަ ކުރެވުނު ގޮތާއި، މިއަދުގެ ޔޫރަޕުގައި އެ ލަފުޒު މާނަ ކުރެވޭ ގޮތް ވެސް ވަރަށް ތަފާތެވެ. "ލިބަރޓީ" މި ލަފުޒު، މީލާދީން 1215 ވަނަ އަހަރުގެ އިނގިރޭސި މެގްނާ ކާރޓާގައި ވެސް ބޭނުން ކުރެވުނެވެ. ތޯމަސް ހޯބްސް އާއި، ޖޯން ލޯކާއި، ޖޯން ސްޓުއަރޓް މިލާއި، ޖީން ޖެކްސް ރޫސޯ ފަދަ ފަލްސަފާވެރީންގެ ފިކުރުގެ މައިގަނޑު އެއް މައުޟޫޢަކީ މިއެވެ. ނަމަވެސް އެ ބެއިފުޅުންނާ، މިއަދުގެ ޔޫރަޕުގެ ފިކުރުގައި މި ލަފުޒު މާނަ ކުރާ ގޮތް ވެސް ވަރަށް ތަފާތެވެ. ހަމަ އެހެންމެ، މިއަދު ޔޫރަޕުގެ ޢިލްމީ ފަންތިއާއި ދީނީ މުޖުތަމަޢުގައި އެ ލަފުޒު މާނަ ކުރާ ގޮތާ، ޢާއްމު ވިސްނުމުގައި އެ ލަފުޒު މާނަ ކުރެވޭ ގޮތް ވެސް ތަފާތެވެ. މި ހުރިހައި ގޮތްތަކެއްގެ ތެރެއިން، އަޅުގަނޑުމެންގެ ތެރެޔަށް ވިއްކައިގެން، ނުވަތަ އަޅުގަނޑުމެން ކުރެ ގަތް ބަޔަކު ގަނެގެން އުޅޭ ކަމަށް ފެންނަނީ އޭގެ އެންމެ ނުބައި ގޮތެވެ. އެބަހީ، އިންސާނީ ޙުއްރިއްޔަތާއި މިނިވަންކަމުގެ މުރާދަކީ އަދި މަޠުލަބަކީ، އިންސާނާ އެންމެހައި ކަސްތޮޅުތަކުން ވީއްލިގަނެ، އޭނާގެ ނަފުސު ދެއްކިހައި މަގަކުން ހިނގުމާއި، އޭނާގެ ނަފުސު އެދިގަތް ކޮންމެ ކަމެއް ކުރުމާއި، އޭނާގެ އެދުންވެރިކަން ނިޔާ ކުރި ކޮންމެ ކަމެއް ކުރުމަކީ މަގު އަދި ހަމަ ކަމުގައި ބެލުމުގެ މާނައެވެ. މިއީ "ލިބަރޓީ" އަށް އެމިނެމާއި (Eminem) މައިލީ ސައިރަހާއި (Miley Cyrus) ޙައްދުފަހަނައެޅި އިލްޙާދީން (Militant and Extremist Atheists) ދިން މާނަ ކަމުގައި ވެދާނެއެވެ.

އޮޅުމެއް ނެތް ގޮތުގައި، މިއީ ޔޫރަޕުގައި ވެސް، އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޤާނޫނުއަސާސީ އެކުލަވައިލެވުނު ދުވަސްވަރު އެއުރެންގެ ތެރޭގައި ވެސް "ލިބަރޓީ" މާނަ ކުރެވުނު ގޮތެއް ނޫނެވެ. އެހެންކަމުން، ފެޑްރަލިސްޓް މަޒުމޫނުތަކުގައްޔާއި، އެމެރިކާގެ ޤާނޫނުއަސާސީގެ ތަމްހީދުގައި ކެޕިޓަލް އެލް އަކުރާއި ކެޕިޓަލް ބީ އަކުރާ އެކު "ލިބަރޓީގެ ބަރަކާތް" މި ލަފުޒު ބޭނުން ކޮށްފައި ވާ މާނަޔަކީ އެއެއް ނޫނެވެ. މި ތަންތަނުގައި "ލިބަރޓީ" މާނަ ކުރެވުނު ގޮތް، ވަރަށް ބަލާޣާތްތެރި ޢިބާރާތަކުން ޖޯން ޑެލްބަރގް އެކްޓަން – ލޯރޑް އެކްޓަން – ބަޔާން ކުރެއްވިއެވެ. އޭނާ ވިދާޅުވަނީ "ލިބަރޓީ އަކީ ތިމާ ގަޔާވާހައި ކަމެއް ކުރުމުގެ ބާރު ލިބުން ނޫން ކަމަށާއި، އެއީ ތިމާ ކުރުން އައުލާ ވެ ލާޒިމު ވެގެންވާ ކަންކަން ކުރުމަށް ހުރަހެއް ނެތުން" ކަމުގައެވެ. އެމެރިކާގެ ބާނީން، އިނގިރޭސި ރަސްކަމުގެ އަނިޔާވެރިކަމުގެ ސަބަބުން އެމީހުންގެ "ލިބަރޓީ" ގެއްލިގެން ދިޔަ ގޮތުގެ ވާހަކަ ބަޔާން ކޮށް 27 ޝިކާޔަތެއް އުފުލިއެވެ. އެއިގެ ތެރޭގައި ފާހަގަ ކޮށްފައި ވާ ކަންކަމަކީ އެމެރިކާގެ ކޮލޮނީތަކަށް ބޭނުންވާ ޤާނޫނުތައް ހެދުމަށް އިނގިރޭސި ރަސްގެފާނު ހުރަސް އެޅުއްވުމާއި، ފަނޑިޔާރުންނަކީ ރަސްގެފާނު އެދިވަޑައިގަންނަވާ ގޮތަކަށް އެދިވަޑައިގަންނަވާ މުއްދަތަކަށް ޢައްޔަން ކުރައްވައިގެން ރަސްގެފާނުގެ ބާރުފުޅުގެ ދަށުގައި ތިބޭ ބަޔަކަށް ހެއްދެވުމާއި، ކޮލޮނީތަކުގެ ރައްޔިތުން އިނގިރޭސި ވިލާތް ފިޔަވައި އެހެން ޤައުމުތަކާ އެކު ވިޔަފާރި ކޮށްގެން އާމުދަނީ ހޯދުމަށް ރަސްގެފާނު ހުރަސް އެޅުއްވުމާއި، ރައްޔިތުންގެ ރުހުމެއް ނެތި ރަސްގެފާނު އެދިވަޑައިގަންނަވާހައި ގޮތަކަށް ރައްޔިތުންގެ އަތުން މައުމޫލު ނެންގެވުން، ފަދަ ކަންކަމެވެ. އެ ހުރިހައި ކަމެއްގެ މައްޗަށް ބަލައި ވިސްނައިލުމުން، "ޙުއްރިއްޔަތު" އެއީ މަތިވެރި ވެގެންވާ ޝިޢާރެއް ކަމާއި، އިންސާނީ ޠަބީޢަތުގެ ބައެއް ކަމާއި، އިންސާނާޔަށް މާތްރަސްކަލާނގެ ދެއްވެވި ހަދިޔާއެއްކަން އެނގެއެވެ.

"ޙުއްރިއްޔަތު" އަކީ ހުޅަނގުގެ ފިކުރެއް ކަމަށް ދެކޭ ބަޔަކު ދެކެތެވެ. ނަމަވެސް އެއީ ގޯހެކެވެ. ޙުއްރިއްޔަތަކީ ވަކި ޤައުމެއްގެ، ވަކި ނަސްލެއްގެ، ވަކި ޒަމާނެއްގެ ފިކުރެއް ނޫނެވެ. އެއީ މަތިވެރި މާތްރަސްކަލާނގެ އިންސާނާޔަށް ޓަކައި ލިޔުއްވައި އެކަށައެޅުއްވި ޤާނޫނެކެވެ. ޠަބަޢީ ޤާނޫނެކެވެ. ފިޠުރީ ޤާނޫނެކެވެ. "ޙުއްރިއްޔަތު" އަކީ ޠަބަޢީ އަދި ފިޠުރީ ޤާނޫނެއް ކަމުގައި ލެއްވެވި ފަދައިން، އެއީ ޝަރުޢު ކުރެއްވިގެން ވާ އިލާހީ ޤާނޫނެއް ކަމުގައި ވެސް ލެއްވެވިއެވެ. މާތުރަ، އިންސާނާޔަށް ﷲ ސުބުޙާނަހޫ ވަ ތަޢާލާ އިއްވެވި ފުރަތަމަ އަމުރުފުޅުގައި ވާ ދެ ޤާނޫނުގެ ތެރެއިން އެއް ޤާނޫނަކީ "ޙުއްރިއްޔަތު" ގެ ޤާނޫނެވެ. "މިހިރަ ގަސް ފިޔަވައި އެހެން ހުރިހައި ގަހަކުން ފަރީއްކުޅުއްވުމުގެ މިނިވަންކަމާއި ޙުއްރިއްޔަތު ކަލޭގެފާނަށް ދެއްވައިފީމޭ" ފަދަ ބަސްފުޅަކުން އާދަމް ޢަލައިހިއްސަލާމަށް ދެއްވި ޙުއްރިއްޔަތެވެ. - وَقُلْنَا يَا آدَمُ اسْكُنْ أَنتَ وَزَوْجُكَ الْجَنَّةَ وَكُلاَ مِنْهَا رَغَداً حَيْثُ شِئْتُمَا وَلاَ تَقْرَبَا هَـذِهِ الشَّجَرَةَ فَتَكُونَا مِنَ الْظَّالِمِينَ - އެޔަށްފަހު، މާތްރަސްކަލާނގެ ބާވައިލެއްވި ކޮންމެ ޝަރީޢަތެއްގައި ހިމެނޭ މައިގަނޑު އެއް އުޞޫލަކީ އިންސާނާޔަށް ޙުއްރިއްޔަތު ދެއްވިކަމުގެ އުޞޫލެވެ. އަދި އެ ޙުއްރިއްޔަތަކީ އިންސާނާ ހެޔޮ މަގުގައި ކަސްތޮޅެއް، ޤައިދެއް، އަނިޔާގެ ހިފެހެއްޓުމެއް ނެތި، މިނިވަންކަމާ އެކުގައި ކުރިޔަށް ދިޔުމުގެ މިނިވަންކަން ލިއްބައިދިނުމުގެ މަގު ކަމުގެ އުޞޫލެވެ. މޫސާ ޢަލައިހިއްސަލާމް، އަނިޔާވެރި ފިރްޢައުނުގެ ޖައްބާރު ތަޚްތުގެ ކުރިމައްޗަށް ހުއްޓިވަޑައިގެން އެންމެ ފުރަތަމަ އިއްވެވީ، ބަނީ އިސްރާއީލުން އަޅުވެތިކަމުގެ ކަސްތޮޅުތަކުން މިނިވަން ކޮށް، އެމީހުންގެ ޙުއްރިއްޔަތު އެމީހުންނަށް އަނބުރައި ރައްދު ކުރުމަށް ޢާލަމްތަކުގެ ވެރި ރައްބު އަންގަވައި އަމުރުފުޅު ކުރައްވަވާކަމުގެ ބަސްފުޅެވެ. އެންމެ ފަހުގެ ވަޙީ ބަސްފުޅު ކަމުގައި ވާ ކީރިތި ޤުރްއާނުގައި ވެސް ވަނީ ހަމަ މި ބަސްފުޅެވެ. ދީނުގައި ގަދަބާރު ދެއްކުމެއް، މަޖުބޫރުކަމެއް ނެތްކަމުގެ އިޢްލާނެވެ. - لاَ إِكْرَاهَ فِي الدِّينِ - ދީނަކީ އިންސާނާގެ ދިރިއުޅުމުގެ ޙަޔާތުގެ ހުރިހައި ކަމެއް ކަމުގައި ވީހިނދު، މި މަތިވެރި ބަސްފުޅުން މުރާދު ވެވެނީ ވަކި ކަމެއްގައި ގަދަބާރު ދައްކައިގެން ނުވާނޭ ކަމެއް ނޫނެވެ. ދީން – way of life - ގެ ހުރިހައި ކަމެއްގައި، އިންސާނީ ޙަޔާތުގެ ހުރިހައި ކަމެއްގައި ވެސް، ޙުއްރިއްޔަތު އޮތުމާއި، ގަދަބާރާއި މަޖުބޫރުކަމުން މީސްތަކުން ލައްވައި ކަންކަން ނުކުރުވުމުގެ މަގެވެ.

ބަސްފުޅު އިއްވެވި ނަބިއްޔާ، ދުނިޔެ ދުށް އެންމެ މަތިވެރި ފާތިޙްގެ ގޮތުގައި ހިޖުރައިން 8 ވަނަ އަހަރުގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހު، މައްކާގެ ވާދީ އެފުށްމިފުށަށް ޖަހައިލުމުގެ ބާރު ލިބިވަޑައިގެން ހުންނަވައި މައްކާޔަށް ވަދެވަޑައިގެން، އެމީހުން ބިރުންނާއި ނިކަމެތިކަމުގައި އިސް ތިރި ވެފައި ތިއްބައި، އެމީހުންގެ ކުރިމަތީގައި އިއްވެވި ރަން ބަސްފުޅަކީ ވެސް ހަމަ "ޙުއްރިއްޔަތު" ގެ އުޞޫލުގެ މަތިވެރި ގޮވައިލެއްވުމެވެ. - اذْهَبُوا فَأَنْتُمْ الطُّلَقَاءُ - "ތިޔަބައިމީހުން ދަހަރެވެ! ތިޔަބައިމީހުންނީ މިނިވަނުންނެވެ."

އޮޅުމެއް ވަސްވާހެއް ނެތް ގޮތުގައި، ޙުއްރިއްޔަތު ނުވަތަ "ލިބަރޓީ" އާއި "ފްރީޑަމް" އަކީ ރައްޔިތުންނަށް އިންސާނީ ކަރާމާތާއި ޝަރަފާއި ޙުރުމަތް ލިބިއޮތުމެވެ. ފުރާނަޔާއި ހަށިގަނޑަށް ރައްކައުތެރިކަން ލިބިގެން ވުމާއި، ތިމާ ކުރި ކުށަކަށް ލިބޭ ޙައްޤު އަދި އިންޞާފުވެރި އަދަބުގެ ބޭރުން، ތިމާގެ ހަށިގަނޑަށް ވެސް ފުރާނަޔަށް ވެސް އެއްވެސް ކަހަލަ ނުރައްކައުތެރިކަމެއް ނުވަތަ ބިރުވެރިކަމެއް ނުވަތަ ގޯނާއެއް ނައުމެވެ. ޙަލާލު ގޮތުގައި މުދައު ހޯދުމާއި، ޙަލާލު ގޮތުގައި އެ މުދަލުން ބޭނުން ކޮށް ތަޞައްރަފު ކުޅައުމުގެ ޙައްޤު، ފުރިހަމަޔަށް ލިބިއޮތުމެވެ. ޢިލްމު ހޯދުމާއި، ޢިލްމު ފެތުރުމާއި، ޢިލްމުން ފައިދާ ހޯދުމާއި، ޢިލްމުން ތިމާގެ ބުއްދިޔާއި ޟަމީރު އަލި ކުރުމާއި، އެ ޢިލްމުގެ މައްޗަށް ޢަމަލު ކުރުމާއި، އެ ޢިލްމުގެ ބަސް އިއްވުމުގެ މިނިވަންކަން އޮތުމެވެ. ހެޔޮ ގޮތުގައި ޢާއިލާ ބިނާ ކުރުމާއި، ތިމާގެ ޢާއިލާގެ ޝަރަފާއި ކަރާމަތާއި ޙުރުމަތަށް ރައްކައުތެރިކަމާއި އަމާންކަމާއި ސަލާމަތް ލިބިގެން ވުމެވެ. ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަމޭ ކިޔައިގެން މީހުންނަށް ހުތުރު އެއްޗެތި ގޮވަމުން، ނަފްރަތު ފަތުރަމުން، ފިތުނަފަސާދަ އުފައްދަމުން ހިނގާ މީހުންގެ ދުލާއި ގަލަމުގެ ނުބައިކަމުން، ތިމާގެ ރިވެތި ނަމާއި ޝަރަފާއި އަބުރާއި އިންސާނީ ކަރާމާތާއި ޢިއްޒަތުއްނަފުސަށް ޙިމާޔަތާއި ރައްކައުތެރިކަން ލިބިގެން ވުމެވެ.

އެހެނެއް ކަމަކު، ކޮޅުނެތްކޮޅަށް ހިތާމަ ހުއްޓެވެ! ޚުދު އަޅުގަނޑުމެންގެ މި ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢުގައި، ހަވާނަފުސުގެ ގޮވެލިތަކަށް އަޅުދާސްވުމާއި، ޝައިޠާނާގެ ވަސްވާހީ ޤައިދުގެ ހިލިހިލާތަކުން އަތާއި ފައި ބަނދެވިގެން ވާ ޙާލު، ޝައިޠާނާގެ މަގުގައި އިންސާނާ ގަން ހިންގޭހިންގުމީ "ލިބަރޓީ" ކަމުގައި ގޮވޭ ގޮވެލިތަކުގެ އަޑު މިވަނީ ހިއްޕައިލައިފައެވެ. ވިސްނަވާށެވެ! މަތިވެރިވަންތަ ﷲ ސުބުޙާނަހޫ ވަ ތަޢާލާ އިންސާނާޔަށް "ޙުއްރިއްޔަތު" ދެއްވެވީ، އިންސާނާޔަށް ހެޔޮ މަގާއި ނުބައި މަގު ދެއްކެވުމަށް ފަހު، އެ ދެ މަގުން ކުރެ މަގެއް އޭނާގެ އަމިއްލަ، މިނިވަން، އަދި ފުރިހަމަ އިޚްތިޔާރުގައި ޚިޔާރު ކުރުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ. އެހެންކަމުން، ތެދުފުޅެކެވެ! އިންސާނާޔަށް ވަނީ އެއިގެ ތެރެއިން ކޮންމެ މަގަކުން ދިޔުމުގެ ވެސް "ޙުއްރިއްޔަތު ލިބިގެން" ނެވެ. ނަމަވެސް، އަމިއްލަ ހަވާނަފުސުގެ ނުބައި އެދުންތަކާއި، ޝައިޠާނާގެ ވަސްވާސްތަކާއި ދަޅަތަކަށް ފުރަގަސް ދީ، ހެޔޮ މަގުން ހިނގައިފި އިންސާނާޔަކީ މަލާއިކަތުންނަށް ވުރެ މަތީ ދަރަޖައެއް ޙާޞިލު ކޮށްފި މީހެއް ކަމާއި، "ޙުއްރިއްޔަތު" ގެ ބޭނުން ނުބައި ގޮތުގައި ހިފައިގެން، ހެޔޮމަގަށް ފުރަގަސް ދީ، އަމިއްލަ ހަވާނަފުސާއި ޝައިޠާނާގެ މަގު އިޚްތިޔާރު ކޮށްފި މީހާއީ، ޖަނަވާރުންނަށް ވުރެ ދަށު ދަރަޖަޔަކަށް ވެއްޓިގެންފި މީހެއްކަން، އެއީ މި ބަރަކާތްތެރި އުއްމަތުގެ މަތިވެރި ޢާލިމުން އިއްޔެއާއި މިއަދު ވެސް އަޅުގަނޑުމެންނަށް ނަންގަވައިދެއްވާ ފިލާވަޅެވެ. ކާމިޔާބު ލިބޭނީ ހެޔޮ ބަސް އަހައި، ހެޔޮ ބަސް ޤަބޫލު ކޮށްފި ބަޔަކަށެވެ. ވާހަކައެއް ދައްކައިފި ނަމަ ދޮގު ހަދާ، ވަޢުދެއް ވެއްޖެ ނަމަ އެ ވަޢުދަކާ ޚިލާފު ވާ، އަމާނާތެއް ޙަވާލު ކުރެވިއްޖެ ނަމަ އެ އަމާނާތަށް ޚިޔާނާތްތެރި ވާ މީހުންނާ މެދު ފިސާރި ފަރުވާތެރި ވެ ހޭލައި ތިބޭ ބަޔަކަށެވެ. - مِنْ عَلَامَاتِ الْمُنَافِقِ ثَلَاثَةٌ وَإِنْ صَامَ وَصَلَّى وَزَعَمَ أَنَّهُ مُسْلِمٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ -

އާދޭހެވެ! ޤައުމެއްގެ ގޮތުގައި މިއަދު އަޅުގަނޑުމެން އިޚްތިޔާރު ކުރާން އޮތް ދެ ގޮތަކީ ވެސް މިއެވެ. ދިވެހި ޤައުމު މިއޮތީ ހަތަރުއަނގޮޅިއެއްގެ މެދުގައެވެ. ހިނގައިގަންނާން ވީ ހެޔޮކަމުގެ މަގުންތޯ، ނުބައިކަމުގެ މަގުންތޯ، އިޚްތިޔާރު ކުރުމުގެ ފައްތަރުގައެވެ. މިއަދު އަޅުގަނޑުމެން ހިނގައިގަންނާނީ ކޮން މަގަކުން، ކޮން މިޞްރާބަކަށް، ކޮން މަންޒިލަކާ ދިމާޔަށްތޯއެވެ! އަޅުގަނޑުމެންގެ ދުސްތޫރީ ނިޒާމާއި، ޤާނޫނުއަސާސީ އާއި، މުޅި ޤައުމުގެ ހުރިހައި ކަމެއް އިޞްލާޙު ކުރާން ޖެހިފައި އޮތް އިރު، އެ މަސައްކަތާއިގެން އަޅުގަނޑުމެން ހިނގައިގަންނާން ވީ ކިހިނެއްތޯއެވެ؟ ޔަޤީނެވެ! އަދިއެއް މި ކަންކަމުގައި ދިވެހީންނަކަށް ރަނގަޅު ހަމަ އެންމެ ނިންމުމެއް ވެސް ނުނިންމެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް