ސައުދީ އަރަބިއާއިން ކާފިއު އުވާލާ، މައްކާގެ މިސްކިތްތައް ހުޅުވާލައިފި

މައްކާގެ މިސްކިތްތައް އިއްޔެ ވަނީ ހުޅުވާލާފަ -- ފޮޓޯ: ރޮއިޓާސް

ރިޔާޒު (ޖޫން 22): ސައުދީ އަރަބިއާއިން ކޮރޯނާވައިރަހާ ގުޅިގެން މުޅި ގައުމުގައި އިއުލާން ކުރި ކާފިއު އުވާލާ، އިއްޔެ މައްކާގެ މިސްކިތްތައް ހުޅުވާލައިފި އެވެ.

މިދިޔަ މާޗް މަހު ސައުދީ އަރަބިއާއިން ކޮރޯނާވައިރަސް ފެނުނު ފަހުން އެގައުމުން ވަނީ އެގައުމުގެ ގިނަ ސަރަހައްދުތަކުގައި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް ކާފިއު ހިންގާފަ އެވެ. އަދި ވައިރަސް ފެތުރުމުގެ ނުރައްކާ ބޮޑު ސިޓީތަކުގައި އޮތީ ކާފިއު ހިންގާ ވަގުތުތައް އިތުރުކޮށްފަ އެވެ. އެގޮތުން މިމަހުގެ ކުރީކޮޅު ޖިއްދާގައި ކުއްލިއަކަށް ކޭސްތައް އިތުރުވުމުން، މިމަހުގެ 6 އިން ފެށިގެން އެ ސިޓީގައި އޮތީ މެންދުރު 3:00 އިން ހެނދުނު 6:00 އަށް ކާފިއު ހިންގާފަ އެވެ.

ނަމަވެސް އިއްޔެ ސައުދީން ވަނީ ކާފިއު އުވާލާ، އިގުތިސާދީ ހުރިހާ ހަރަކާތެއް އަލުން ފަށަން ނިންމާފަ އެވެ. އަދި މީގެ ކުރިން ބަންދުކޮށްފައި ހުރި މައްކާގެ 1،500އަށް ވުރެ ގިނަ މިސްކިތްވެސް އިއްޔެ ވަނީ ހުޅުވާލާފަ އެވެ. މިދިޔަ މަހުގެ ފަހުކޮޅު ސައުދީން ވަނީ އެގައުމުގެ އެހެން ސިޓީތަކުގައި މިސްކިތްތައް ހުޅުވާލަން ހުއްދަ ދީފަ އެވެ.

އެ މިސްކިތްތައް ހުޅުވާލުމުގެ ކުރިން ސައުދީން ވަނީ ޖަމާއަތުގައި ނަމާދު ކުރާ އިރު މީހުންގެ މެދުގައި ދުރުމިން ބެހެއްޓުމަށާއި މާސްކު އަޅައިގެން ތިބުމަށް އެދިފަ އެވެ. އަދި ގޭގައި ވުޟޫ ކުރުމަށާއި އަމިއްލަ މުސައްލަ ގެންދިޔުމަށް އެދިފަ އެވެ.

ސައުދީން ވަނީ ކާފިއު އުވާލި ނަމަވެސް ގައުމުގެ ރައްޔިތުން ގައިދުރުކޮށްގެން ތިބުމަށް ގޮވާލާފަ އެވެ. އެގޮތުން 50އަށް ވުރެ ގިނަ މީހުން ހިމެނޭ ގުރޫޕުތައް އެއް ތަނަކަށް އެއް ނުވުމަށާއި ބޭރުގައި އުޅޭ އިރު އަބަދުވެސް މާސްކު އެޅުމަށް އަންގާފަ އެވެ.

ސައުދީ އިންޓީރިއާ މިނިސްޓްރީން ވަނީ އެގައުމުން އަދިވެސް އުމްރާ ކުރުމާއި ބައިނަލްއަގުވާމީ ފްލައިޓުތައް ނުފަށާނެ ކަމަށް ބުނެފަ އެވެ. އެގައުމުން މި އަހަރުގެ ހައްޖު ބޭއްވުމާ މެދު އަދި ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ. ނަމަވެސް އެގައުމުގެ އެތެރޭގެ އުދުހުންތައް ވަނީ މިދިޔަ މަހުގެ 31ގައި ފަށާފަ އެވެ.

ސައުދީން ކާފިއު އުވާލާފައިވާ އިރު އެގައުމުން ކޮންމެ ދުވަހަކުވެސް ދަނީ ގިނަ އަދަދެއްގެ ކޭސްތައް ފެންނަމުންނެވެ. އެގޮތުން މިމަހުގެ 14އިން ފެށިގެން އެގައުމުގައި ކޮންމެ ދުވަހަކު އެވަރެޖުކޮށް 4،418 ކޭސް ދަނީ ފެންނަމުންނެވެ. އެއާ އަޅާ ބަލާއިރު މި މަހުގެ ފުރަތަމަ ހަފްތާގައި އެ އެވަރެޖު އަދަދަކީ 2،379 އެވެ.

ސައުދީގައި މިހާތަނަށް 157,612 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެވަފައިވާ އިރު އޭގެ ތެރެއިން 101،130 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެގައުމުން ބަލީގައި މަރުވެފައި ވަނީ 1،267 މީހެކެވެ.

comment ކޮމެންޓް