ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅު ބޭއްވުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އިންތިހާބު ބޭއްވުމާ ގުޅޭގޮތުން މިހާތަނަށް ކުރެވިފައި ވނަީ ނުރަސްމީ މަޝްވަރާތަކެއް ކަމަށާއި، އެހެން ނަމަވެސް އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން އިންތިހާބު ބާއްވަން ކޮމިޝަނުގެ މެމްބަރުންނަށް އިއްތިފާގުވެވިފައިވާ ކަމަށެވެ.
އަންނަ އަހަރު ރަމަޟާން މަސް ދިމާވަނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހަށެވެ.
"އަދި ވަކި ތާރީހެއް ކަނޑައެޅީކީއެއް ނޫން އިނގޭތޯ. އަދި އަޅުގަނޑުމެން މަޝްވަރާކޮށް ނިންމީކީ ނޫން. ބޮޑަށް ބުރަވެވެނީ މާޗުމަހުގެ ތާރީހެކޭ އަޅުގަނޑުމެންނަށް ކަނޑައެޅޭނީ މިހާރުގެ ހާލަތަށްބަލާ އަޅުގަނޑުމެންގެ މަސައްކަތްތައް ރާވަމުންދާގޮތަށް ބަލާއިރު. އެހެންކަމުން މާޗްމަހުގެ ކުރީކޮޅު އިންތިހާބު ބާއްވަން ވާހަކަދެކެވެމުންމިދަނީ،" ޝަރީފް ވިދާޅުވި އެވެ.
އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅިފައި ނުވި ނަމަވެސް، ގާނޫނުގައި ލާޒިމްކުރާ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅާނެކަމުގެ ޔަގީންކަން ޝަރީފް ރޭ ދެއްވި އެވެ.
ކޮވިޑް19 އާ ގުޅިގެން، މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ތާވަލުކުރި ލޯކަލް ކަައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހި، އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމު ކުރެވި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭއްތިއްބުމަށް ގާނޫނު އަސާސީއަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
ކައުންސިލް އިންތިހަބު ނިމުމާއި ހަމައަށް އަމަލުކުރާނެ ހާއްސަ ގާނޫނެއް ތަސްދީގުކޮށްފައި ވާއިރު، އެ ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން އެއްއަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވަންޖެހޭނެ އެވެ.