މައި ގޭޓް ތައްޔާރު، އެކަމަކު ބޯޑަރު ހުޅުވުން އޮގަސްޓަށް ލަސްވަނީ!

ކޮވިޑް19 އަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާއި ގުޅިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާ، ބޯޑަރު ބަންދު ކުރީ މާޗު 27 ވަނަ ދުވަހު އެވެ. ފަތުރުވެރިކަމަށް ބަރޯސާވާ ރާއްޖޭގެ އިގްތިސާދަށް ލިބޭ އާމްދަނީގެ ބޮޑު ބަޔެއް މިއާއެކު ހުއްޓިއްޖެ އެވެ. ކޮވިޑު ރާޅު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންދާލުމާއެކު، ދުނިޔޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ އަށް އަންނަން ފެށި ލޮޅުމުގެ އަސަރު ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖެއަށް ކުރަންފެށި އެވެ. ރާއްޖޭގެ މައި ގޭޓު ބަންދުކޮށްފައި ހުންނަތާ ތިން މަސް ވާން ކައިރިވެފައިވާއިރު، ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ޖުލައިމަހުގެ ތެރޭގައި ބޯޑަރު ހުޅުވާލާނެކަން އިއުލާނު ކުރިނަމަވެސް، ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ޖުލައި އެއްވަނަ ދުވަހު ބޯޑަރު ހުޅުވާލި ނަމަވެސް ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ރާއްޖޭގެ މައި ގޭޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮތީ ތައްޔާރަށެވެ.

އާ އާންމު ހާލަތަށް އެއާޕޯޓު ތައްޔާރުވެފައިވާ މިންވަރު ސާފު ކުރުމަށް ސަރުކާރު ކުންފުނިތަކުގެ މަސައްކަތް ބަލާ ރައްޔިތުން މަޖިލީހުގެ ކޮމެޓީ، އެސްއޯއީ ކޮމިޓީއަށް އެ ކުންފުނީގެ ވެރިން އިއްޔެ ވަނީ ހާޒިރު ކޮށްފަ އެވެ.

ރެޕަޓްރިއޭޝަން ފްލައިޓެއްގައި ފުރާ ބަޔަކަށް އެމްއޭސީއެލް އިން ހިދުމަތް ދެނީ --- ފޮޓޯ: ވީއައިއޭ

ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އާ އާންމު ހާލަތުގައި ބޯޑަރު ހުޅުވާލާއިރު ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ވީއައިއޭ އޮތީ 100 ޕަސެންޓު ތައްޔާރުވެފައި ކަމަށެވެ. ދިމާވެދާނެ ކުއްލި އިމަޖެންސީތަކުގައި އަމަލު ކުރާނެ އުސޫލުތަކާއެކު، މަސައްކަތުގައި އުޅޭނެ މުވައްޒަފުންގެ ކެޕޭސިޓީވެސް އެ ކުންފުނީގައި އެބައޮތް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެގޮތުން މާޗު މަހު ބޯޑަރު ބަންދު ކުރުމުގެ ކުރިންވެސް ދިމާވެދާނެ އިމަޖެންސީ އަކަށް އެއާޕޯޓު ތައްޔާރު ކުރިކަން މޫސާ ސޯލިހު ފާހަގަކުރެއްވި އެވެ. އެގޮތުން ކުންފުނީގެ ތެރޭ ސީސީސީސީ ސެންޓަރެއް ގާއިމް ކޮށް މުވައްޒަފުންގެ ޓްރޭސިން ހަދަން ފެށިކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރު، އަހުމަދު ފަޔާޒު ވިދާޅުވީ، ކޮވިޑް19 ގެ ހާލަތު ކުރިމަތިި އިރުވެސް، ސިއްހީ އިމަޖެންސީ އެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެ އުސޫލެއް ކުންފުނީގެ ތެރޭ އެކުލަވާލެވިފައިވާނެ ކަމަށެވެ. ހާލަތު ކުރިމަތިވި އިރުވެސް، ނުރައްކާ ހާލަތުގައި މަސައްކަތް ކުރުމަށް އެއް މަހު ބޭނުންކުރާނެ ޕީޕީއީވެސް ހުރިކަމަށް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ނިއު ނޯމަލް ގައި އިތުރު އިމަޖެންސީ އެއް އައިސްދާނެ ކަމަށް އެކަމަށްވެސް އޮތީ ތައްޔާރަށް،" ފަޔާޒު ވިދާޅުވި އެވެ.

އެގޮތުން ކޮވިޑަށް ޝައްކު ކުރެވޭ ބަލި މީހަކު ފެނިއްޖެ ނަމަ އަމަލު ކުރަންވީ ގޮތުގެ އެސްއޯޕީ އާއެއްގޮތަށް އެމީހަކު އައިސޮލޭޓު ކުރާނެ ޖާގަވެސް ހެދިފައިވާކަމަށް ފަޔާޒު ވިދާޅުވި އެވެ. އެއާޕޯޓުގެ އަށް ސަރަހައްދެއްގައި ތާމަލް ސްކްރީނިންގެ ކަންތައް ކުރިއަށް ގެންދާނެ އެވެ. އަދި ރެޕިޑް ޓެސްޓެއް ހަދަން ޖެހިއްޖެ ނަމަ އެކަން ކުރުމުގެ ގާބިލުކަން ވެސް ކުންފުނީގައި އެބަހުރިކަން އެމްއޭސީއެލް އިން ވަނީ ފާހަގަ ކޮށްފަ އެވެ.

"އަޅުގަނޑުމެންނަށް ލިބުނު ގައިޑެންސް އަކީ އެރައިވަލް އިން ސަސްޕެކްޓް ނުވަތަ ޕޮޒިޓިވް ކޭހެއް ފެނިއްޖެނަމަ ލޭންޑް ސައިޑަށް ނުނެރެ، އެއާ ސައިޑުން ނެރިގެން އެމްބިއުލާންސް އަށް ލައިގެން ފަޔާ ވެހިކަލްގަ އެސްކޯޓު ކޮށްފައި އައިސޮލޭޝަން ރޫމަށް ގެންދިޔުމަށް. އައިސޮލޭޝަން ރޫމް ޕްލޭސް ކޮށްފައި އިންނާނީ އެޗްއައިއެޗް ބިއްދަށުގައި. އެއީވެސް މީހުންނަށް ނުދެވޭ ސަރަހައްދަކަށް ބޭނުންވާތީ، އެޗްޕީއޭގެ ގައިޑެންސް އާއި އެއްގޮތަށް،" ފަޔާޒު ވިދާޅުވި އެވެ.

ކޮވިޑް19ގެ ހާލަތުގައިވެސް އެމްއޭސީއެލް އިން ވަނީ 8000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފަ އެވެ. އެ މުއްދަތުގައި އެކުންފުނީގެ ބައެއް މުވައްޒަފުން މަސައްކަތް ކޮށްފައިވަނީ އެއާޕޯޓުގައި ގާއިމްވެ ތިބެގެންނެވެ.

ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއް ވީއައިއޭގައި --- ސަން ފޮޓޯ

އަންނާނެ އެއާލައިންތައް ބައިވަރު

"މިހާރު ސްލޮޓްތައް ފައިނަލް ކުރެވިފައި ހުރި ގޮތުން އަޅުގަނޑުމެންނަށް ދުވާލަކު އިންޓަނޭޝަނަލް ނުވައެއް ނޫނީ 10 ފްލައިޓްސް އިނީ. ސްރީލަންކަން، ތްރީ ފްރެކުއެންސީ. އެމިރޭޓްސް އެބައުޅޭ. އިންޑިގޯ އެބައުޅޭ. ގަތަރު. މިހާރު ހުރި ސްލޮޓުތަކަށް ބަލާއިރު އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް ހުރީ ދުވާލަކު އަދި 10 ފްލައިޓުގައި. އަދިވެސް ފައިލް ކުރަމުން ދަނީ. ވަރަށް ފްރިކުއެންޓުކޮށް އެބޭފުޅުން ވެސް ޗޭންޖު ކުރަމުންދަނީ،" އެމްއޭސީއެލްގެ ޓާމިނަލް މެނޭޖަރު އިބްރާހިމް ހުސައިން ވިދާޅުވި އެވެ.

އާ އާންމު ހާލަތުގައި އެއާޕޯޓު ހުޅުވާލާއިރު 10 އެއާލައިންގެ ތެރޭގައި ބޯޑަރު ބަންދު ކުރުމާއި ހަމައަށް ރާއްޖެއަށް ގަވައިދުން ދަތުރުތައްތައް ކުރި ބޮޑެތި އެއާލައިންތައްވެސް ހިމެނެ އެވެ.

ބޯޑަރު ހުޅުވާލުމާ އެކު ރާއްޖެއަށް ދަތުރުފަށާ އެއާލައިންތައް:

  • ޖުލައި 1 އިން ފެށިގެން:
    - ސްރީލަންކަން އިން ދުވާލަކު ތިން ފްލައިޓު
    - ގަތަރު އެއާވޭސް އިން ދުވާލަކު އެއް ފްލައިޓު
  • ޖުލައި 15 އިން ފެށިގެން:
    - އެމިރޭޓްސް އިން ދުވާލަކު ފްލައިޓެއް
    - އިއްތިހާދު އެއާވޭސް އިން ހަފްތާއަކު ދެ ފްލައިޓު
    - ހޮންގް ކޮންގް އެއާލައިންް އިން ހަފްތާ އަކު ދެ ފްލައިޓު
    - އިންޑިގޯ އިން ދުވާލަކު ދެ ފްލައިޓު
    - ސިންގަޕޯ އެއާލައިންސް އިން ދުވާލަކު އެއް ފްލައިޓު
    - ސިލްކް އެއާ އިން ދުވާލަކު ދެ ފްލައިޓު
    - ޓާކިޝް އިން ހަފްތާ އަކު ފަސް ދުވަހު ދުވާލަކު ދެ ފްލައިޓު

އެކްޓިން އެމްޑީ މޫސާ ސޯލިހު ވިދާޅުވީ ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލާފައި، ފްލައިޓު ކެންސަލްވުން ނުވަތަ އިތުރުވުން ފަދަ ކަންތައް އަންނާނެ ކަމަށެވެ.

"ސީޒަނަށްވެެސް އެބަހުރި ދެގުނަ، ތިންގުނަ އޯލްރެޑީ ފައިލްޑް. އެކްސްޕްރެސް އޮފް އިންޓްރެސްޓް އެބައޮތް. އެބޭފުޅުން ބޭނުމެއް ނެތް ގަޑިތަކާ ސްލޮޓުތައް ދޫކޮށްލާކަށް ވެސް. ބައެއް ފަރާތްތަކުން އެބަހުރި އެ ސްލޮޓުތައް އެހެންވެ ބުކް ކޮށްފައި،" މޫސާ ސޯލިހު ވިދާޅުވި އެވެ.

ހުޅުވާލުމާއެކު ފަސިންޖަރުން އަންނާނެ ޕެޓާންއާ ގުޅޭގޮތުން އޭނާ ވިދާޅުވީ އޭރު ކަންކަން އޮންނަ ހާލަތަކަށް އެކަން ވަރަށް ބޮޑަށް ބަރޯސާވާނެ ކަމަށެވެ.

އެމްއޭސީއެލް އިން ލަފާކުރަނީ ކުރީގެ ޓްރެފިކަށް އެނބުރި ދެވޭނީ އެންމެ އަވަހަށްވެސް 2022 ގައި ކަމަށެވެ. އެންމެ ގޯސް ހާލަތުގައި، ޕީކް އަށް ދާނީ 2024 ގައި ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ބޯޑަރު ހުޅުވާ ތާރީހު ލަސްވަނީ؟!

ސަރުކާރުން އެންމެ ފުރަތަމަ ވިސްނާފައި އޮތީ އަންނަ މަހުގެ ތެރޭގައި ރާއްޖެ ޓޫރިސްޓުންނަށް ހުޅުވާލާށެވެ. އެކަމަކު އެމްއޭސީއެލްއިން އިއްޔެ ކޮމިޓީއަށް ދިން މައުލޫމާތުތަކަށް ބަލާއިރު އެ ތާރީހު މިހާރު އޮގަސްޓަށް ލަސްވުމުގެ އިޝާރާތެއް ވަނީ ކޮށްފަ އެވެ.

"ބޯޑަރު ހުޅުވަން ކިޔާފައި އަޅުގަނޑުމެން ޖުލައި 15 އަށް ހުޅުވާނެ ކަމަށް ހީކޮށްގެން ތިބީ. ފަހަރުގައި އޮގަސްޓަށް ދިޔަ ނަމަވެސް އަސްލު ސިނާރިއޯގެ ޕަސެންޖާ ކައުންޓު އެބަ ދިމާވޭ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންވެސް މިހާތަނަށް އެސްޓިމޭޓު ކޮށްގެންތިބީ ޖުލައި 15 އެއީ ރަނގަޅު ޑޭޓެއް ކަމަށް. ހުއްޓާ މިހާރު ޖުލައި 15 ޝިފްޓުވާކަމަށް [ލަސް ތާރީހަކަށް ބަދަލުވާކަމަށް] މިފެންނަނީ. އަޅުގަނޑަށް އެނގޭ ގޮތުން ވިއްޔާ އޮގަސްޓު އެކަކަށް[ބޯޑަރު ހުޅުވާނީ މިހާރު]،"

ޖުލައި އެކެއްގައި ހުޅުވި ނަމަވެސް 15 ގައި ހުޅުވި ނަމަވެސް އެމްއޭސީއެލް އޮތީ ތައްޔާރަށް ކަމަށް މޫސާ ސޯލިހު ވިދާޅުވި އެވެ.

"ފްލައިޓުތަކަށްވެސް ޝެޑިއުލް ނުހެދިފައި އެ ތިބެނީ އަޅުގަނޑުމެން ބޯޑަރަށް ހަދާ އެއްޗެއް ނޭނގިގެން. އަޅުގަނޑުމެން ބޯޑަރު ހުޅުވާލީމަޔޭ މިކޮޅަށް އަންނަން އެނގޭނީ. ވިސާ ދޫކުރާ ގޮތާ އެއްޗެހިވެސް،" މޫސާ ސޯލިހު ވިދާޅުވިއެވެ.

"ނެޝަނަލް ލެވެލްއެއްގައި ރާއްޖޭގެ ބޯަރު ހުޅުވޭތޯ ސިވިލް އޭވިއޭޝަނުންވެސް ވަރަށް ބޮޑަށް އެބަ ލުކް ފޯވާޑު ކުރޭ. އެ ހުރިހާ އެއާލައިނެއްގެ ރިކުއެސްޓުތަައް އަންނާނީ ސިވިލް އޭވިއޭޝަނަށް، ސިވިލް އޭވިއޭޝަނުންވެސް އާނެކޭ ނޫނެކޭ ބުނަން ނޭނގިގެން މި އުޅެނީ އަޅުގަނޑުމެން ނެޝަނަލް ލެވެލް އެއްގައި އާނއެކޭ ނޫނެކޭ ބުނީމާ. ސިވިލް އޭވިއޭޝަނުން އޯކޭ ދިނީމާ އަޅުގަނޑުމެންނަށް އާނއެކޭ ނޫނެކޭ ބުނެވެން އަންނަނީ،" އެކްޓިން އެމްޑީ ވިދާޅުވިއެވެ.

މޫސާ ސޯލިހު ވިދާޅުވީ އެމްއޭސީއެލް އިން ތައްޔާރުވެގެން އޮންނާނީ އެންމެ ރަނގަޅަށް ކަންތައް ވާނެ ކަމަށް ބަލައިގެން ކަމަށެވެ. ކޮންމެ 20 މިނެޓަކުން ފުލް ކެޕޭސިޓީގެ އެއާކްރާފްޓެއް ހޭންޑްލް ކުރުމަށް އެމްއޭސީއެލް ތައްޔާރަށް އޮތްކަމަށްވެސް މޫސާ ސޯލިހު ވިދާޅުވި އެވެ.

ޑޮމެސްޓިކް ދަތުރުތަކަށް ބަލާއިރު ދުވާލަކު 20 ނުވަތަ 15 ފްލައިޓު ބާއްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މޯލްޑިވިއަން އަދި މަންޓާގެ ފްލައިޓެއް ވީއައިއޭގައި -- ސަން ފޮޓޯ

"ޕީކް ދުވަސްވަރާ ބަލާއިރު ތިން ގުނަ މަދުވާނެ ކަމަށް ބަލަނީ،" އެމްއޭސީއެލްގެ ޓާމިނަލް މެނޭޖަރު ވިދާޅުވި އެވެ.

ނުވަ ލައްކަ ފަތުރުވެރިން ގެނައުން ނުވާނެ ކަމެއް ނޫން

އެކްޓިން އެމްޑީ މޫސާ ސޯލިހު ވިދާޅުވީ ސަރުކާރުން ލަފާކޮށްފައިވާގޮތަށް 900،000 ފަތުރުވެރިން ރާއްޖެ އަތުވެދާނެ ކަމަށެވެ.

"އެންމެ ފަހުން ޓޫރިޒަމް މިނިސްޓްރީގެ ފިގާސްތަކުންވެސް 900،000 ޓާގެޓަކަށް އެޗީވް ވާނެ ކަމަށް އެބޭފުޅުން ވިދާޅުވީ. މިވެސް ވަރަށް އޮޕްޓިމިސްޓިކް ފިގާ އެއް. އަޅުގަނޑުމެން އެއެއް ޑްރޮޕެއް ނުކުރަން. އެއީ ހަގީގަތަކަށް ވާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" މޫސާ ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވިދާޅުވީ މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ނަމަވެސް މިއަހަރު ލަފާކުރެވެނީ 980،000 ފަތުރުވެރިން ކަމަށެވެ.

"އެވެސް ވަރަށް އެމްބިޝަސް ނަމްބާއެއްގެ ގޮތުގައި މިހާރު އަޅުގަނޑުމެންނަށް މި އަންދާޒާ ކުރެވެނީ،" މޫސާ ސޯލިހު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުވެސް 1.7 މިލިއަން ފަރުތުވެރިން އައިސްދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ވަރަށް ރަނގަޅަށް މާކެޓިން ގެ ކަންތައް ކުރެވިއްޖެ ނަމަ، އަދި ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލު ވެއްޖެ ނަމަވެސް ލަފާކުރެވެނީ 1.1 ނުވަތަ 1.2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދުގެ 70 ޕަސެންޓު ފަތުރުވެރިކަން ހިއްސާކުރާއިރު ފަތުރުވެރިކަން މަޑުޖެހިފައިވުމުން ދައުލަތަށް ލިބޭ އާމްދަނީ ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.

ކޮވިޑް19 އާއި ގުޅިގެން މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރިއިރު، ރާއްޖެ އައިސްފައިވަނީ 382،762 ފަތުރުވެރިންނެވެ.

ނިއު ނޯލަމްގައި އެއާޕޯޓްގެ ހިދުމަތް ލަސްވާނެ

މޯލްޑިވިއަންގެ ފްލައިޓަކުން ފަތުރުވެރިންތަކެއް ފައިބަނީ -- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

މީގެ ކުރިން އެއާލައިންތަކަށް ސްލޮޓު ދިނީ ކޮންމެ 10 މިނެޓަކުން ނަމަވެސް ސޯޝަލް ޑިސްޓެންސިންގެ ފިޔަވަޅުތަކާއެކު ކޮންމެ 20 މިނެޓަކަށް އެއާލައިންތަކަށް ހިދުމަތް ދެވޭ ވަގުތު އިތުރުވާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

އެމްއޭސީއެލް އިން ބުނެފައިވަނީ ކޮވިޑާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގައިދުރުކުރަން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޓާމިނަލްތަކުން ހިދުމަތް ދެވޭ މީހުންގެ އަދަދުވެސް މަދުވާނެ ކަމަށެވެ.

އެގޮތުން މީގެ ކުރިން އިންޓަނޭޝަނަލް އެރައިވަލްސް ޓާމިނަލުން އެއްފަހަރާ 1000 މީހުންނަށް ހިދުމަތް ދެވުނު ނަމަވެސް ފިޔަވަޅުތަކާއެކު މި އަދަދު 570 އަށް މަދުވާނެ އެވެ. އަދި އިންޓަނޭޝަނަލް ޑިޕާޗާ ޓާމިނަލުން ހިދުމަތް ދެވޭ އަދަދު 1200 އިން 750 އަށް މަދުވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ވީއައިއޭ އިން ދަތުރުކުރާ ފަސިންޖަރުންނަށް އޮންލައިން ޗެކް އިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އެމްއޭސީއެލް އިން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ މައި ދޮރާށި ޖުލައި ގައި ހުޅުވާލާނެ ކަމަށް އިއުލާނުކޮށް ފަތުރުވެރިން ރާއްޖެ އައުމަށް ދައުވަތުދީ ސަރުކާރުން ވަނީ ހާއްސަ ކެމްޕެއިނެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް، ބޯޑަރު ހުޅުވާލާނެ ސީދާ ތާރީހު އަދިވެސް ހާމަކޮށްފައި ނުވުމާއެކު އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާ އޮތް އަޑިގަނޑުގެ ސަބަބުންނާއި ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާ އެކު ފަރުތުވެރިން ރާއްޖެ އަންނަން ފަށާނެ އިރެއް ޔަގީންކޮށް ބުނާކަށް ނޭނގެ އެވެ. ބައެއް ރިސޯޓުތަކުން މިހާރު މަސައްކަތް ކުރަމުންދަނީ ސެޕްޓެމްބަރު މަހު ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވުމަށެވެ. އަނެއް ބައި ރިސޯޓްތަކުން މިހާރުވެސް މުވައްޒަފުން ނެރެ ނޫނީ އާ މުވައްޒަފުން ނަގާ ތައްޔާރުވާން ފަށައިފި އެވެ.

ޔަގީންކަމަކީ މާ ބޮޑު ލަސްތަކެއް ނުވެ ރާއްޖޭގެ ޓޫރިޒަމް އަލުން ފެށޭނެ ކަމެވެ. އެކަމަކު ކުރީގެ ހާލަތަށް ދާން އަހަރަހަކަށް ވުރެ ގިނަ ދުވަސް ނަގާނެ އެވެ.

comment ކޮމެންޓް