އޭސީސީގެ ތަހުގީގު ދިގުލައި އާޓާމިނަލް ކުއްޔަށް ދޫނުކުރެވިފައި

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ގޮސްފައިވާ ހިސާބު -- ފޮޓޯ: އެމްއޭސީއެލް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބަހެއް ލިބުނުހާ އަވަހަކަށް އާ ސީޕްލޭން ޓާމިނަލްގެ އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އާ އާންމު ހާލަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާލުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކުގެ ކަންކަން ބަލާ ކޮމެޓީ، އެސްއޯއީ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ހިންގުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއިން އާންމު ކުރި އުސޫލުތަކާއި މަޖިލީހުން ދީފައިވާ ލަފާ އޭސީސީގެ ލަފަޔަކަށް ފޮނުވާފައިވާ ކަމަށެވެ.

އޭސީސީގެ "ގޯ" ލިބުނުހާ އަވަހަކަށް ކޮންޓްރެކްޓުތަކުގައި ސޮއިކުރާނެ ކަމަށް އޭނާ މިއަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އޭސީސީ އާ ދިމާވި ކުޑަ މައްސަލައަކާ ގުޅިގެން އަޅުގަނޑުމެން ކުރިއަށް ދާން ގަސްތުކުރާ ގޮތްވެސް އޭސީސީގެ ރެކޮމެންޑޭޝަނެއް ހޯދަން ވާނީ ހުށަހަޅާފައި މިޔޭ އަޅުގަނޑުމެން ކުރިއަށް ދާން ގަސްތުކުރާ ގޮތް، ގޯއަހެޑެއް ނުވަތަ އެއްޗެއް ދެއްވާއިރަށް އަޅުގަނޑުމެން އެކަމާ ބެހޭ ފަރާތްތަކަށް ހަވާކު ކުރާނެ،" މޫސާ ސޯލިހު ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލް އާ ގުޅިގެން އުފެދުނު އެންމެ ބޮޑު ބަހުސަކީ އެތަން ހިންގަން ހަވާލު ކުރާނެ ބަޔަކާ މެދު ކުރެވުނު ބަހުސެވެ. ދުނިޔޭގެ އެންމެ ބޮޑު ސިޕްލޭން އޮޕަރޭޓަރު، ޓީއެމްއޭ އަށް އާ ސީޕްލޭން ޓާމިނަލް ހަވާލު ކުރަން އުޅޭކަމުގެ އަޑުތަކާއެކު ރައްޔިތުންގެ މަޖިލީހުންނާއި އޭސީސީ އިން އެ މައްސަލަ ބެލި އެވެ.

ޓާމިނަލް މައްސަލައިގައި ސަރުކާރުން ނިންމާފައި އޮތީ ޓީއެމްއޭ އާއާ މަންޓާއިން މިހާރު ބޭނުން ކުރަމުންދާ ޓާމިނަލާ އެއްވަރުގެ ސަރަހައްދެއް، މިހާރު ވެސް ބިމު ކުލީގެ ގޮތުގައި ނަގަމުންދާ އަގުގައި (އަކަމީޓަރަކަށް 10.35 ޑޮލަރު) އެ ދެ ކުންފުންޏަށް އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމަށެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)އިން އާ ޓާމިނަލުން ޖާގައެއް ބޭނުންނުވާ ކަމަށް ބުނެފައިވާއިރު، ޓީއެމްއޭ އާއި މަންޓާއަށް ދޭ ސަރަހައްދުތައް ކަނޑައެޅުމަށްފަހު ބާކީ އޮންނަ ބައި ބިޑު އުސޫލުން ކުއްޔަށް ދިނުމަށް ވަނީ ނިންމާފަ އެވެ.

ސީޕްލޭން ޓާމިނަލްގެ ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ރުފިޔާ އެވެ.

އާ ސީޕްލޭން ޓާމިނަލްގެ ކޮންޓްރެކްޓުގައި ސޮއިކުރާތާ ހަ މަސްތެރޭ މިހާރު ބޭނުންކުރާ ޓާމިނަލްތައް ތަޅާލަން ޖެހޭނެ ކަމަށް މޫސާ ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ޓާމިނަލް ތަޅާލެވުނުހާ އަވަހަކަށް އާ ރަންވޭ ބޭނުންކުރަން ފެށޭނެ ކަމަށެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. ސީޕްލޭން ޓާމިނަލްގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް