ބޮލީވުޑްގެ ބިތުފަންގި ނެގިއްޖެ، ޖައްސާލުމާއި ބާކީކުރުން

ފިލްމު ފެއާ އެވޯޑް ހަފްލާއެއްގެ ތެރެއިން --

ބޮލީވުޑްގެ ހުނަރުވެރި ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް މަރާ އެކު ބޮލީވުޑްގެ އަޑިނޭނގޭ އެތައް ސިއްރުތަކެއް އަންނަނީ ފާޅުވަމުންނެވެ. ބޮލީވުޑްގެ އަނދިރި ފަރާތް އަންނަނީ ތިލަވަމުންނެވެ. ސުޝާންތު މަރުވިތާ ހަފްތާއެއް ފާއިތުވީ އިރުވެސް ގިނަ ކަންތައްތަކެއް ތިލަވާން ފަށައިފި އެވެ. ބޮލީވުޑްގައި ތަފާތުކުރުން އޮތް މިންވަރު ހާމަވެގެންދިޔަ އެވެ. ކާމިޔާބު އެކްޓަރުންނާ ޑައިރެކްޓަރުންގެ ކުރިން ނޭނގޭ ސިއްރުތަކެއް ވެސް ވަނީ ހާމަވެފަ އެވެ.

ސުޝާންތުގެ މަރާ ގުޅިގެން އިންސްޓަގްރާމްގައި އޭނާއަށް ޓްރިބިއުޓްތަކާއި ހަމްދަރުދީގެ މެސެޖްތައް އޮހެން ފެށި އެވެ. އިންޑިއާގެ ނޭޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ކަންގަނާ ރަނައުތު އިންސްޓަގްރާމްގައި ވީޑިއޯއެއް ހިއްސާކުރުމާއެކު އެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެ ވީޑިއޯގައި ސުޝާންތު އާ ގުޅޭ އެތައް ވާހަކައެއް އޭނާ ހިއްސާކުރި އެވެ.

ކަންގަނާ ބުނީ ސުޝާންތަކީ އިންޖީނިއަރިން ކިޔެވިއިރު ރޭންކް ހޯލްޑާއެއް ކަމަށެވެ. އަދި އޭނާގެ އެންމެ ފަހު ޕޯސްޓްތަކުގައި ވެސް އޭނާގެ ފިލްމުތައް ބަލަން ދިޔުމަށް އާދޭސްކޮށްފައި ހުރި ކަމަށް ކަންގަނާ ބުންޏެވެ. ސުޝާންތުގެ އިންޓަވިއުތަކުގައި ވެސް ބޮލީވުޑުން އޭނާ އާ ދެމެދު ތަފާތުކޮށް ކަންތައްތައް ކުރާ ވާހަކަ ބުނެފައިވެ އެވެ. ސުޝާންތު ބުނީ އޭނާ އަކީ ފިލްމީ ދާއިރާގެ އާއިލާ މެންބަރެއް ކަމަށް ބޮލީވުޑުން އެއްވެސް އިރަކު ބަލައިގަނެފައެއް ނުވާ ކަމަށެވެ. އަދި ބޮލީވުޑުން އޭނާ ބާކީކޮށްފައި ހުންނަ ކަމަށެވެ. ކަންގަނާގެ ވީޑިއޯގައި ބުނީ ސުޝާންތު ފަދަ ހުނަރުވެރި އެކްޓަރަކަށް ބޮލީވުޑުން ގޮންޖެހީކަމަށެވެ. އަދި އޭނާ ކުރިއަރައި ދިޔުމަށް ހުރަސް އެޅީކަމަށެވެ. ސުޝާންތު މަރުވީ އަމިއްލަ އަށް ނޫން ކަމަށާއި އެކަމަކީ ބަޔަކު މީހުން ދުރާލާ ރާވައިގެން ކުރިކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

"މޮޅެތި ފިލްމުތަކެއް އާންމުންނަށް ގެނެސްދީފައި ހުރި އެކްޓަރެއް އެއީ. ކީއްވި ކައި ޕޯ ޗޭ، ޗިޗޯރޭ ފަދަ މޮޅެތި ފިލްމުތަކަށް އެވޯޑެއް ނުލިބުނީ؟،" ކަންގަނާ ބުނީ މިދިޔަ އަހަރު ނެރުނު އެންމެ މޮޅު ރީތި ފިލްމަކީ ސުޝާންތުގެ "ޗިޗޯރޭ" ކަމަށާއި އެކަމަކު ހުރިހާ އެވޯޑް ހަފްލާތަކުގައި ވެސް ހުރިހާ އެވޯޑެއް ދިނީ އާލިއާ ބަޓްގެ "ގަލީ ބޯއީ" އަށް ކަމަށެވެ. ސުޝާންތުގެ ހުނަރު ފެނިގެންދާ އެއްވެސް ފިލްމަކަށް އެވޯޑް ނުދިނީ ކީއްވެތޯ ވެސް ކަންގަނާ ވަނީ އެ ވީޑިއޯގައި ސުވާލު އުފައްދާފަ އެވެ.

ބޮލީވުޑަކީ ރައްޓެހިންނާއި އާއިލާ މީހުންނާއި ނުފޫޒުގަދަ މީހުންނާ ގުޅިފައިވާ މީހުންނަށް ފުރުސަތުދޭ އިންޑަސްޓްރީއެކެވެ. ކަންގަނާ ބުނީ ސުޝާންތަކީ އެހެން އަވަށަކުން އައި އެކްޓަރެއް ކަމަށާއި އޭނާ ކުރިއަރުވަން އެއްވެސް "ގޯޑްފާދާ" އެއް ނެތުމުން އޭނާ ބާކީކޮށްލާފައި ހުރީ ކަމަށެވެ. އެކަން ވަރަށް ރަނގަޅަށް ހާމަވެގެން ގޮއްސިއެވެ. ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ސުޝާންތު އަތުން ވަނީ ހަ ފިލްމެއް ގެއްލިފައެވެ. ޗިޗޯރޭގެ ކާމިޔާބަށް ފަހު ސުޝާންތު ގިނަ ފިލްމުތަކަކަށް ސޮއިކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާ ސޮއިކުރި ފިލްމުތައް ވަނީ އޭނާ އަތުން އަތުލައިފައެވެ. ދާދި ފަހުން ބޮލީވުޑްގެ ނަން މަޝްހޫރު ޕްރޮޑިއުސަރަކާއި މައްސަލަ ޖެހުން ކަމަށާއި ސުޝާންތަށް ދެން އިންޑަސްޓްރީގައި އިތުރަށް ކުރިއަށް ނުދެވޭނެ ކަމަށް ޕްރޮޑިއުސަރު ބުނި ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. ސުޝާންތު އާއެކު ހަދާފައިވާ ކޮންޓްރެކްޓްތައް ހޯދުމަށް ފުލުހުން ވަނީ ޔަޝް ރާޖް ފިލްމްސް ކުންފުންޏަށް އަމުރުކޮށްފައެވެ. އެކަމާ ގުޅިގެން ވައިއާރްއެފުން ވަނީ ސުޝާންތު ސޮއިކޮށްފައި ހުރި ޑޮކިއުމަންޓްތަކެއް ފުލުހުންނާ ހަވާލުކޮށްފަ އެވެ.

އެކްޓަރު ސުޝާންތުގެ މަރާ ގުޅިގެން ބޮލީވުޑްގެ ނުފޫޒު ގަދަ މީހުންނާއި ޕްރޮޑަކްޝަން ހައުސްތަކުގެ އުފެއްދުންތަކާ ދެކޮޅަށް އުފެއްދި ޕެޓިޝަނެއްގައި ގިނަ ބަޔަކު މިހާރު އަންނަނީ ސޮއިކުރަމުންނެވެ. ސުޝާންތުގެ ފޭނުން އިސްކޮށް ތިބެގެން ކުރިއަށް ގެންދާ އެ ޕެޓިޝަނުގައި ބުނީ ބޮލީވުޑަކީ އެއްވެސް މީހެއްގެ ހުނަރަށް ބަލާ ތަނެއް ނޫންކަމަށާއި އެއީ އަމިއްލަ ފައިދާ އަށް މަސައްކަތްކުރާ ތަނެއްކަމަށެވެ. އަދި ސުޝާންތު ފަދަ ކުޅަދާނަ އެކްޓަރުންގެ މަރުގެ ފަހަތުގައި ބޮލީވުޑްގެ ނެޕޮޓިޒަމް އާއި އެކި ކަހަލަ މައްސަލަތައް ހިމެނޭ ކަމަށެވެ. ޕެޓިޝަނުގައި ބުނީ ބޮލީވުޑުން ކުރިއަށްދާން ފުރުސަތު ދޭންޖެހޭނީ "ގޯޑްފާދާ"އެއް ހުރެގެން، ވަކި މީހަކަށް ބެލުމަށްފަހު ނޫންކަމަށެވެ. އަދި އެ މީހެއްގެ ގައިގައި ހުރި ހުނަރަށް ބަލައި އެތަނަކުން ކުރިއަށްދާން ފުރުސަތު ދިނުމަކީ އެ ބަޔަކަށް ލިބެންޖެހޭ ހައްގެއްކަމަށެވެ.

އޮންލައިން ޕެޓިޝަނުގައި ވަނީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނާއި އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް)، ބުޝަން ކުމާރުގެ ޓީ ސީރީޒް، ސަންޖޭ ލީލާ ބަންސާލީ އަދި ސަލްމާން ޚާން ގެ އުފެއްދުންތައް ބޮއިކޮޓްކުރަން ގޮވާލައިފައެވެ. އެ ޕެޓިޝަނުގައި މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.

ސުޝާންތުގެ މަރަކީ މުޅީ ފިލްމު އިންޑަސްޓްރީ ޒިންމާ ނަގަން ޖެހޭނެ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އޭނާގެ މަރާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް 16 މީހުންގެ ސްޓޭޓްމަންޓް ނަގާފައެވެ. އަދި އެ 16 މީހުންގެ ތެރޭގައި ޑޮކްޓަރުންނެއް ހިމެނިފައެއް ނުވެއެވެ. ފުލުހުން މިހާރު އިންތިޒާރުކުރަމުން އަންނަނީ ފޮރެންސިކް ލެބް ރިޕޯޓަށެވެ. އެ ރިޕޯޓުގައި ބްލަޑް ސާމްޕަލް އާއި އެކްޓަރުގެ ގެއިން ނެގި ބައެއް ތަކެތީގެ ސާމްޕަލްވެސް ހިމެނިގެން ދާނެ އެވެ.

ބަތަލު ސުޝާންތުގެ މަރާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ރިއާ ޗަކްރަބޯޓީގެ މައްޗަށް ދައުވާކުރަން ސުޝާންތުގެ އުފަން އަވަށް ބިހާރު ސްޓޭޓްގެ ކުންދަން ކުމާރު ކިޔާ މީހެއް ވަނީ ހުށައަޅައިފަ އެވެ. އަދި މައްސަލައިގެ އަޑުއެހުން މި ބުދަދުވަހު ކުރިއަށްދާނެ އެވެ.

ރިއާ އާއި ޕްރޮޑިއުސަރު މަހޭޝް ބަޓް އާ ދެމެދު ސިއްރު ގުޅުންތަކެއް އޮންނަ ވާހަކަ ވެސް މިދުވަސްވަރު ވަނީ ތިލަވެފަ އެވެ.

ކޮންމެއަކަށް ސުޝާންތުގެ މަރާ ގުޅިގެން ބޮލީވުޑްގެ އަނދިރިފަރާތް މިވަނީ ހާމަވާން ފަށާފަ އެވެ. ފުލުހުން ތަހުގީގުކުރަމުންދާ ވަރަކަށް ކަންތައްތައް ތިލަވާން ފަށާނެ އެވެ.

މީގެ ކުރިން ސުޝާންތު މީޑީއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ އެއްވެސް ގާތް މީހަކު ބޮލީވުޑްގައި ނުހުންނާނެ ކަމަށެވެ. ބޮލީވުޑްގެ ގިނަ ތަރިންތަކެއް ސޯޝަލް މީޑިއާގައި ސުޝާންތު މަރުވުމުން ހިތާމަފާޅުކުރި ނަމަވެސް އޭނާގެ ޖަނާޒާގައި ބައިވެރިވީ ބޮލީވުޑްގެ މަދު ފަންނާނުން ކޮޅެކެވެ. ހަމަޔަގީނުންވެސް ސުޝާންތަށް ކުރިމަތިވި ކަންތައްތައް ދެން ތަކުރާރުވިޔަ ނުދޭން ބަޔަކު މީހުން މަސައްކަތް ކުރަންޖެހެ އެވެ. ހަމަހަމަކާ އިންސާފުކޮށް ކަންތައްތައް ކުރަންޖެހެ އެވެ.

comment ކޮމެންޓް