ނިއު ނޯމަލްގައި ރެސްޓޯރަންޓް، ކެފޭ ގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ

ކޮވިޑް19ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީސިނގެރޭޓް ވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު އެކުލަވާލައި، އާންމުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކުރި އުސޫލުގައި ކާބޯތަކެތި އުފައްދާ ތަންތަނާއި، ހޮޓާ، ކެފޭ ރެސްޓޯރެންޓާއި، ކާބޯތަކެތި ޑެލިވަރީ ކުރުމާއި ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައާއި ކާބޯތަކެތި ރީޓެއިލް ކުރުމުގައި އަމަލުކުރަންޖެގޭ ގޮތާއި، ކާބޯތަކެތި ވިއްކާ މާރުކޭޓުތަކާއި ކެންޓީނުތަކުގައި އަމަލުކުރަންޖެހޭ ގޮތް ވަނީ ބަޔާންކޮށްފައެވެ.

ރައްކާތެރިކަމާއެކު ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުގައި ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށް ދިނުމުގައި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭނެ ގޮތަށް މުވައްޒަފުންގެ މަސައްކަތުގެ ތާވަލް ހެދުމަށް އުސޫލުގައި ބުނެފައިވެއެވެ.

އަދި މުވައްޒަފުން އެކަކު އަނެކަކާ ކޮންޓެކްޓްވުން މަދުކުރުމަށްޓަކާ މަސައްކަތުގެ ގަޑިތަކަށް ބަދަލު ގެނައުމާއި ހިދުމަތް ފޯރުކޮށްދިނުމުގައި މުވައްޒަފުން މަދުކުރަންޖެހޭ ހާލަތްތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލިގެން ނުދާގޮތަށް
ކަންކަން ރޭވުމަށް ވެސް ބުނެފައިވެއެވެ.

މުވައްޒަފުންގެ ސިއްހަތާއި އަމިއްލަ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލީގެ އެއްވެސް އަލާމާތެއް ހުރި މުވައްޒަފަކު މަސައްކަތަށް ނުނެރުމަށާއި ،ަސައްކަތުގެ ހުރިހާ ވަގުތެއްގައި މުވައްޒަފުން، ސާފުތާހިރު ހެދުމެއްގައި ސާފުތާހިރުކޮށް ތިބުމާއި، މާސްކް އަޅައި ތިން ފޫޓުގެ ދުރުމިން ބަހައްޓައިގެން މަސައްކަތް ކުރަން އުސޫލުގައި ބުނެފައިވެއެވެ.

ކާބޯތަކެތީގެ މަސައްކަތް ކުރާ ތަންތަނުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މުވައްޒަފުން އަޅަންޖެހޭ ފިޔަވަޅުތައް، މުވައްޒަފުންނަށް ފެންނާނެހެން ލިޔެފައި ހުންނަން ޖެހޭނެއެވެ. އަދި ތަނަށް ޒިޔާރަތްކުރާ ފަރާތްތަކާއި ކަސްޓަމަރުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ވެސް ފެންނަ ގޮތަށް ބަހައްޓަންޖެހޭނެއެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އާންމު ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު
ހަމަޖައްސައި، އަތްދޮވުމަށް ސައިބޯނި ފަދަ ތަކެތި މެދުނުކެނޑި ލިބެން ހުންނަން ޖެހޭނެއެވެ.

ހަމައެއާއެކު ބަލީގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީސިނގެރޭޓް ވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން އުސޫލުގައި ބުނެފައިވެއެވެ.

ކޮރޯނާވައިރަސް އާގުޅިގެން، ރެސްޓޯރެންޓް ފަދަ ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ހިދުމަތް ދިނުން މަނާކުރީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އެޗްޕީއޭގެ އެންގުމާ ހިލާފަށް އެ ހިދުމަތް ދިން ބައެއް ތަންތަން ވަނީ ޖޫރިމަނާކޮށްފައެވެ.

މީގެ އިތުރުން ބުފޭ ފަދަ ތަންތަނުގައި ކަސްޓަމަރުން އަމިއްލައަށް ކާއެއްޗެހި އެޅުމުގެ ބަދަލުގައި ސާވް ކުރަން ވަކި މުވައްޒަފަކު/މުވައްޒަފުން ކަނޑައަޅާފަ ބެހެއްޓުމަށައި އަދި ސާވް ކުރާ މީހުން އަންގި ލައްވާ މާސްކުއަޅައިގެން ހުންނަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެއެވެ.

ބޭކަރީގެ އުފެއްދުންތައް ބަންދުކޮށްފައި ނުހުންނަ ޝެލްފެއްގައި ބަހައްޓާއިރު ހުންނަންވަނީ ކްލިންގ ފިލްމް ފަދަ އެއްޗަކުން ނުވަތަ ފުޑް ގްރޭޑް ރެޕަކުން ބަންދުކޮށްފައެވެ. ބޭކަރީ އުފެއްދުން ބަންދު ނުކުރާނަމަ ބަހައްޓަން ވާނީ ބަންދުކޮށްފައި ހުންނަ ބިއްލޫރި ޝެލްފެއްގައެވެ.

އެއްވަގުތެއްގައި މަސައްކަތްކުރާ މުވައްޒަފުން މަދުކުރުމަށް ތަނުގައި އެއްވަގުތެއްގައި ކާބޯތަކެތި އުފައްދާ މިންވަރު
މަދުކުރަން ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

ފިހާރަތަކުގައި ގޭގެއިން ގެންނަ ތަކެތި ވިއްކަން ބަހައްޓާނަމަ ތަށިތައްޓަށް އަޅާ ކޮންމެ މީހަކު އައިސް ޓޮންގު ބޭނުންކޮށްގެން އަމިއްލައަށް ނެގުމަށް ބެހެއްޓުމުގެ ބަދަލުގައި، ވަކިން ޕެކްކޮށް ލޭބަލް ކުރުމުގެ ގައުމީ މިންގަޑުތަކާ އެއް ގޮތަށް ލޭބަލް ކޮށްފައި ހުންނަ ތކެތި ވިއްކަން ބެހެއްޓުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ވަކިވަކިން ޕެކް ނުކުރާކަމުގައިވާނަމަ ސާވްކުރުމަށް މީހަކު ބަހައްޓައި،އެތަކެތި ގެނައި ތަނެއް އެނގޭނެ އިންތިޒާމް ވެސް ހަމަޖައްސަން ވާނެއެވެ.

މާރުކޭޓު ތަކުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސައި، މާރުކޭޓަށް ވަންނަ ކަސްޓަމަރުން މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސައި، މާރުކޭޓުގައި މަސް ބަންދުކުރުން ފަދަ ކަންކަން ނުކުރަން އުސޫލުގައި ބުނެފައިވެއެވެ.

މާރުކޭޓު ގޮޅީގައި ހޭންޑް ސެނިޓައިޒާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއެކު ކަސްޓަމަރު ގަންނަން ބޭނުންވާ ތަކެތީގައި މެނުވީ އަތް ނުލުމަށް ބާރުއެޅުމަށް ވެސް އުސޫލުގައިވެއެވެ.

މީގެ އިތުރުން ވެސް ބަލިވެ އުޅޭ މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތާއި، ކާބޯތަކެތި ރައްކާކުރުމާ އެއްތަނުން އަނެއްތަނުން އުފުލުމާއި ޑެލިވަރީ ކުރުމުގައި އަމަލުކުރަންޖެހޭ ގޮތް ވެސް އުސޫލުގައިވެއެވެ.

comment ކޮމެންޓް