ހިޔާނާތާ ގުޅޭ ވަކި ބައެއްގެ މައްސަލަ ނުބަލަން ޕީޖީ އިރުޝާދު ދިން ވާހަކަ އަކީ ދޮގެއް

ފެބްރުއަރީ 12، 2020: ޕީޖީ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ވަކި ބައެއްގެ މައްސަލަ ނުބަލަން ޕްރޮސެކުއުޓާ ޖެެނެރަލް ހުސައިން ޝަމީން އިރުޝާދު ދިން ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އެ އޮފީހުން ބުނެފިއެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ސަރުކާރުގެ އިސްވެރިން މައްސަލަތައް ނުބަލަން ނިންމައިފި" މި ސުރުހީގެ ދަށުން ނޫހެއްގައި ޖެހި ހަބަރަކާ ގުޅިގެން މިއަދު ޕީޖީ އޮފީހުން ނެރުނު ނޫސްބަަޔާނުގައި ބުނީ އެ ޚަބަރަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ކަމަށެވެ. އަދި އެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެ ހަބަރުގައި ރިޕޯޓުކޮށްފައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން މި ސަރުކާރުގެ އިސްވެރިންނާއި އެމްޑީީޕީ މަޖިލިސް މެމްބަރުންގެ މައްސަލަތައް ނުބެލުމަށް ޕީޖީ ޝަމީމް، އެ މައްސަލައިގައި ހަރަކާތްތެރިވާ ޕީޖީ އޮފީހުގެ މުވައްޒަފަކަށް އިރުޝާދު ދީފައިވާ ކަމަށެވެ.

އެކަން ދޮގުކޮށް، ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ޖިނާއި މައްސަލަތަައް ތަހުގީގުކުރުމާމެދު ގޮތް ނިންމުމާއި، ތަހުގީގު ނުކުރުމުގެ ނިންމުން ފަދަ ކަންކަމަކީ ޕީޖީއަަށް ލިބެގެންވާ ބާރުތަކެއް ނޫން ކަމަށާއި އެ ބާރުތައް ގާނޫނުން ލިބިގެންވަނީ ތަހުގީގީ އިދާރާތަކަށްކަމަށެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެއްވެސް މީހެއްގެބައި ތަހުގީގު ނުކުުރުމަށް، ނުވަތަ އެ މައްސަލައާ ގުޅުން ހުރި އެއްވެސް މީހެއްގެ މައްސަލައެއް މި އޮފީހަށް ބަލައި ނުގަތުމަށް، ނުވަތަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ޕީޖީ އެއްވެސް އިރަކު، އެއްވެސް މީހަކަށް ނުވަތަ އިދާރާއަކަވެސް އަންގަވާފައެއް ނުވަތަ އިރުޝާދުދީފައި ނުވޭ،" ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެެވެ.

ނޫސް ބަޔާނުގައި ބުނީ، މިހާތަނަށް ހިޔާނާތުގެ ތަހުގީގާ ގުޅިގެން އެއްވެސް މައްސަލައެއްގައި މިހާރުގެ ޕީޖީ ދައުވާ ނުކުރަން ނިންމާފައި ނުވާ ކަމަށެވެ. އަދި ޕިޖީ އޮފީހަަށް ހުށަހެޅޭހުރިހާ މައްސަލައެއްގައިވެސް ޕީޖީ އިރުޝާދު ދެއްވަނީ ލިޔުމުން ކަމަށާއި އެފަދަ ކަމެއް ނިންމާފައިވާނަމަ، އެކަން ލިޔުމުން ފެންނަން އޮންނާނެ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ޕިޖީއަށް ނިސްބަތްކޮށް، ޕީޖީއާއި ޕީޖީ އޮފީހާ މެދު އިތުބާރު ގެއްލޭގޮތަށް އެ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރުގައި އެ އޮފީހުގެ ބަހެއްވެސް ހޯދާފައިނުވާ ކަމަށެވެ. އަދި ބަހެއް ހޯދުމަށް މަސައްކަތްވެސް ކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައިވެއެވެ.

"މިއީ ނޫސްވެރިކަމުގެ އެތިކްސްއާއި، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ. މިދެންނެވި ވެބްސައިޓުގައި އޮތް ލިޔުމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްއާއި، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ގެއްލޭގޮތަށް، ހަގީގަތާ ހިލާފު ވާހަކަތަކެއް ޝާއިއުކޮށްފައިވާ ލިޔުމަކަށްވާތީ، އެމައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ." ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައެވެއެވެ.

ޕީޖީގެ މަގާމުގެ ހައިސިއްޔަތުން ނިންމަވާ ނިންމެވުންތަކަކީ މިނިވަންކަމާއެކު ގާނޫނު އަސާސީއާއި ގާނޫނާއި ރައްޔިތުންގެ ހައްގުތަކާއި މިނިވަން ކަން އޭގެ ހަގީގީ މާނައިގައި ރައްކާތެރިކޮށް ނެގެހެއްޓުމަށް ނިންމަވާ ނިންމުންތަކެއް ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

"އެމްއެއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ގައުމީ މައްސަލަހަތު ހިމެނޭ ޖިނާއީ ބޮޑު މައްސަލައެއް ކަމުން، މި މައްސަލައިުގައިވެސް އަދުލު އިންސާފު ކަށަވަރުކުރުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް އެއްވެސް އިސްތިސްނާއެއް ނެތި. ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައި ބުނެފައިވެެވެ.

އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ބެލެވޭ މީހުންގެ ލިސްޓެއް ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވަނީ އެކުލަވާލާފަ އެވެ. މިހާތަނަށް އެ ލިސްޓު އާންމުކޮށްފައެއް ނުވެ އެވެ. އެ ލިސްޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިހާރުގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ ވަޒީރުން އަދި ކުރީގެ ވަޒީރުން ހިމެނޭ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް