އާ އާންމު ހާލަތުގައި ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދާންޖެހޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާ އެއާލައިންތަކުގެ ދަތުރުތައް ފެށުމުން ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދާންޖެހޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޓާމިނަލް މެނޭޖަރު އިބްރާހިމް ހުސައިން ވިދާޅުވީ އެއާޕޯޓަށް ފުުރަންދާ މީހުންނަށް ނިއު ނޯމަލްގައި ހަތަރު ގަޑިއިރު ކުރިންް އެއާޕޯޓަށް ދިޔުމަށް އިލްތިމާސް ކުރާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ބައެއް އޭރިއާތަކުގައި ޕްރޮސެސް ދިގުވާނެ. ޓާމިނަލް އަށް ވަނުމުގެ ކުރީގައި ތާމަލް ޗެކް ކުރެވިގެންދާނެ. އެޗްޕީއޭ އިން ނެރިފައިވާ ގައިޑްލައިންގައި އޮންނަނީ އޮންލައިން ފޯމެއް ފުރުމަށްފަހު، އައިއާރު ކޯޑެއް ލިބިގެން އެރައިވަލް އަދި ޑިޕާޗާއަށް ދިޔުމަށް. ތާމަލް ސްކްރީނިން ޕޮއިންޓުގައި އައިއާރު ކޯޑު ރީޑް ކުރާނެ. މިކަހަަލަ އިތުރު މެޝާސް ހުރީމާ މި އެޑްވައިޒް ކުރަނީ ހަތަރު ގަޑިއިރު ކުރިން ފަސިންޖަރުން ދިޔުމަށް،" އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން އެއާލައިންތަކަށް ސްލޮޓު ދިނީ ކޮންމެ 10 މިނެޓަކުން ނަމަވެސް ސޯޝަލް ޑިސްޓެންސިންގެ ފިޔަވަޅުތަކާއެކު ކޮންމެ 20 މިނެޓަކަށް ވަގުތު އިތުރު ވެދާނެ ކަމަށެވެ.

"18 ގަޑިއިރު ތެރޭގައި އަޅުގަނޑުމެން ބަހާލައިގެން މެނޭޖު ކުރެވޭނެ. އެއާލައިންތަކާ ކޯޑިނޭޓު ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

އާ އަންމު ހާލަތުގައި އެއާޕޯޓު ހުޅުވާލާއިރު 10 އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރު ފެށުމަށް ޝައުގުވެރިކަން ފާޅުކޮށް ސްލޮޓް ބުކްކޮށްފައެވެ. އޭގެ ތެރޭގައި ބޯޑަރު ބަންދު ކުރުމާއި ހަމައަށް ރާއްޖެއަށް ގަވައިދުން ދަތުރުތައްތައް ކުރި ބޮޑެތި އެއާލައިންތައްވެސް ހިމެނެ އެވެ.

ރާއްޖެއަށް ދަތުރު ފެށުމަށް ޝައުގުވެރިކަން ފާޅުކުރި އެއާލައިންތައް:

  • ޖުލައި އެކަކުން ފެށިގެން
  1. ސްރީލަންކަން އިން ދުވާލަކު ތިން ފްލައިޓު
  2. ގަތަރު އެއާވޭސް އިން ދުވާލަކު އެއް ފްލައިޓު
  • ޖުލައި 15 އިން ފެށިގެން
  1. އެމިރޭޓްސް އިން ދުވާލަކު ފްލައިޓެއް
  2. އިއްތިހާދު އެއާވޭސް އިން ހަފްތާއަކު ދެ ފްލައިޓު
  3. ހޮންގް ކޮންގް އެއާލައިންް އިން ހަފްތާ އަކު ދެ ފްލައިޓު
  4. އިންޑިގޯ އިން ދުވާލަކު ދެ ފްލައިޓު
  5. ސިންގަޕޯ އެއާލައިންސް އިން ދުވާލަކު އެއް ފްލައިޓު
  6. ސިލްކް އެއާ އިން ދުވާލަކު ދެ ފްލައިޓު
  7. ޓާކިޝް އިން ހަފްތާ އަކު ފަސް ދުވަހު ދުވާލަކު ދެ ފްލައިޓު

އެމްއޭސީއެލް އިން ބުނީ ކުރީގެ ޓްރެފިކަށް އެނބުރި ދެވޭނީ އެންމެ އަވަހަށްވެސް 2022 ގައި ކަމަށް ލަފާކުރެވޭ ކަމަށެވެ. ވޯސްޓް ކޭސްގައި، ޕީކް އަށް ދާނީ 2024 ގައި ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ކުންފުނިން މިއަދު ބުންޏެވެ.

މޫސާ ސޯލިހު މިއަދު ވިދާޅުވީ އެމްއޭސީއެލްގެ ފަސިންޖަރުންނަށް އޮންލައިން ޗެކް އިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން އެޗްޕީއޭ އަދި އިންޓަނޭޝަނަލް ގައިޑްލައިންތަކާ އެއްގޮތަށް އޮޓަމެޓެޑް ޑިސްމެންދާސް ބަހައްޓާފައިވާ ކަމަށާއި މީގެ އިތުރުން ޓަޗްފްރީ ދޮރުތައް ބަހައްޓައި ފާހާތަކުގައިވެސް ޓަޗްފްރީ އިކުއިޕްމެންޓް ބެހެއްޓުމުގެ މަސައްކަތް ކުރާ ކަމަށް މޫސާ ސޯލިހު ވިދާޅުވި އެވެ.

އާ އާންމު ހާލަތުގައި ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ބޯޑަރު ހުޅުވާލާނެ ސީދާ ތާރީހެއް ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.

comment ކޮމެންޓް