ފުވައްމުލަކުން ހޯމް ކަރަންޓީނާ ހިލާފުވި ދެމީހަކު ހައްޔަރުކޮށްފި

ހޯމް ކަރަންޓީނަށް ގެންދިޔަ ބައެއް -- ފޮޓޯ/ ފުވައްމުލަކު ސިޓީ ކައުންސިލު

ފުވައްމުލަކު ސިޓީގައި ހޯމް ކަރަންޓީނުގެ އުސޫލުތަކާ ހިލާފުވި ދެ މީހަކު ހަައްޔަރުކޮށްފައިވާ ކަމަށް، ސިޓީ ކައުންސިލުން ބުނެފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ، އެ ދެމީހުން ހޯމް ކަރަންޓީނުގެ އުސޫލުތަކާ ހިލާފުވެ، ބޭރަށް ނުކުމެފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތަށް 14 ދުވަސް މިހާރު ވަނީ ޖަހައިފަ އެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން މާލޭގައި ތާށިވި މީހުންގެ ތެރެއިން ރަށަށް އެނބުރި ގޮސް 14 ދުވަހަށް ހޯމް ކަރަންޓީން ވާން ޖެހޭނެއެވެ. އެމީހުންގެ ޓެސްޓު ނަތީޖާ ނުލިބެނީސް، ގެއަށް ބޭރަށް ދިއުމާ އެހެން މީހުންނާ ބައްދަލުކުރުމަކީ މަނާކަމެކެވެ.

އެހެންކަމުން ހޯމް ކަރަންޓީނުގައި ތިބި ހުރިހާ މީހުން ވެސް މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.

ފުވައްމުލަކުގައި ބަޔަކު ހޯމް ކަރަންޓީނުގެ އުސޫލާ ހިލާފުވި އިރު، މާލޭއިން ފުރައިގެން ގއ. މާމެންދޫއަށް ދިޔަ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭނާއާ އެއް ކޮޓަރިއެއްގައި ކަރަންޓިންވި އިތުރު ދެމީހަކު ވެސް ވަނީ ޕޮޒިޓިވެފަ އެވެ.

މާމޭންދޫ އިން ފެނުނު ކޭސްއާ ގުޅިގެން މިހާތަނަށް 13 މީހުން ކޮންޓެކްޓް ޓްރޭސިން އިން ދެނެގަނެވި ވަނީ އެކަހެރި ކޮށްފަ އެވެ. އޭގެ ތެރޭގައި ގއ. ގެމަނަފުށީގައި ކަރަންޓީން ކޮށްފައިވާ ތިބި ފަސް މީހުން ހިމެނެ އެވެ. އެ މީހުންނަކީ މާމެންދޫ މީހާއާއެކު މާލެއިން ފުރި ފްލައިޓުގައި ދަތުރު ކުރި މީހުންނެވެ.

ގެމެނަފުށީ ގެތަކުގައި ކަރަންޓީން ކުރި ބައެއް މީހުން އާއިލާތަކާ ބައްދަލު ކުރި ކަމަށް އެ ރަށު ތެރޭގައި ވާހަކަ ދެކެވެ އެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، މިހާތަނަށް މާމެންދޫ އިންވެސް އަދި ގެމަނަފުށިންވެސް ކަރަންޓީންގެ އުސޫލާ ހިލާފުވެގެން އެޗްޕީއޭއަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް