އެމްއޭސީއެލްގެ އާމްދަނީ 98 ޕަސެންޓް ދަށްވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު -- ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މެއި މަހު ލިބުނު އާމްދަނީ 98 ޕަސެންޓް ދަށަށް ގޮސްފައިވާ ކަަމަށް އެކުންފުނިން ބުނެފި އެވެ.

ސަރުކާރު ކުންފުނިތަކާ ބެހޭ ރައްޔިތުން މަޖިލީހުގެ ކޮމެޓީ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ މިއަހަރުގެ ޖެނުއަރީމަހު އެކުންފުންޏަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަރަށް ރަނގަޅު ކަމަށެވެ. ނަމަވެސް ފެބްރުއަރީ މަހުން ފެށިގެން އާމްދަނީ ދަށަށް ދާން ފެށިކަމަށް އޭނާ ވިދާޅުވި އެވެ.

"މާޗުގައވެސް އާމްދަނީ ދަށްވި، އޭޕްރީލްގައިވެސް ދަށަށް ދިޔަ، މެއި މަހާއި ހަމައަށް ދިޔައިރު، ރެވެނިޔު 98 ޕަސެންޓް ދަށްވެއްޖެ،" މޫސާ ސޯލިހު ވިދާޅުވި އެވެ.

އާމްދަނީ ދަށްވުމުގެ ސަބަބުން ކުންފުނީގެ ހަރަދު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކްސްޕެންޑިޗާ ކުޑަކުރުމަށް ފެބްރުއަރީގައި ވަނީ ފަށާފައި. އެގޮތުން އެއާޕޯޓު ޑިވެލޮޕްމެންޓާ ގުޅުން ނެތް ހުރިހާ ކެޕިޓަލް އެކްސްޕެންޑިޗާއެއް ހުއްޓާލައިފިން،" މޫސާ ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރެވެނިއު އެކްސްޕެންސްގެ ތެރެއިން މުވައްޒަފުންގެ މުސާރަ ނޫން އެހެން ހަރަދުތައްވެސް ކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން ކަރަންޓާއި ފެނުގެ ހަރަދުވެސް 15 ޕަސެންޓް ކުޑަކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެމްއޭސީއެލް އަކީ ސަރުކާރަށް އެންމެ ބޮޑު އާމްދަނީ އެއް ހޯދައިދޭ އެއް ކުންފުންޏެވެ. ކޮވިޑް19 އާއި ގުޅިގެން ވައިގެ ދަތުރުފަތުުރުގެ ދާއިރާ އަށް އައި ހީނަރުކަމާއެކު އެ ކުންފުނީގެ އާމްދަނީ އަށް ވަނީ ހީނަރުކަން އައިސްފަ އެވެ.

މޫސާ ސޯލިހު ވިދާޅުވީ އެމްއޭސީއެލް އަށް ބޭނުންވާ ބައެއް އިކުއިޕްމެންޓު ހޯދުމަށް ބީއެމްއެލް އިން ލޯނެއް ނަގަން ތައްޔާރުވެފައިވާ ކަމަށެވެ.

comment ކޮމެންޓް