އައްޑޫގައި އުޅޭ ބިދޭސިން ރެޖިސްޓާ ކުރަން އަންގައިފި

އައްޑޫ ސިޓީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި އުޅޭ ބިދޭސިން، އެ މީހަކު އުޅޭ އަވަށެއްގެ އަވަށު އޮފީހުގައި ރެޖިސްޓްރީ ވާން އަންގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ސިޓީ ގައި އުޅޭ ބިދޭސިން ގެނައުމުގެ ކުރިން ދަފްތަރު ކުރުމަށާއި، މިހާރު އުޅޭ ބިދޭސިން ވެސް ދަފްތަރު ކުރުމަށް ނިންމީ ލާމަރުކަޒީ ގެ 39 ވަނަ މާއްދާގެ (ޓ) އާއި (ޔ) އާއި އެ ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގެ 26 ވަނަ ނަންބަރުގެ މައްޗަށް ރިއާޔަތްކޮށް، ބިދޭސީންނާއި ގުޅޭގޮތުން ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި މަޝްވަރާކުރުމަށްފަހު ކަމަށެވެ.

އެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އައްޑޫއަށް ބިދޭސީއަކު ގެނައުމުގެ ކުރިން އެބިދޭސީއަކު އައްޑޫ އަށް ގެންނަ ފަރާތަކުން އެ އަވަށެއްގެ އަވަށު އޮފީހުގައި ރަޖިސްޓަރީކުރަންވާނެ ކަމަށާއި ބިދޭސީ އަކު ފޮނުވާލުމުުގެ ކުރިންވެސް އެ އަވަށެއްގެ އަވަށު އޮފީހަށް އަންގަންވާނެ ކަމަށެވެ.

މިކަމަށް ހާއްސަ ދެ ފޯމެއް ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީންގެ ތެރެއިން ސަރުކާރުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވާ ބިދޭސީން އައްޑޫގެ އެއްވެސް ގެއެއްގައި ބޭތިއްބުމަކީ މަނާކަމެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.ކައުންސިލުން ބުނީ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިނުވެ އައްޑޫގައި ތިބި ލިޔެކިޔުން ފުރިހަމަނުވާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި ކުރަންޖެހޭ ކަންކަން ދައުލަތުގެ އިދާރާތަކާއި ގުޅިގެން ކުރަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ބިދޭސީން ރަޖިސްޓްރީ ކުރުމަށް އަދި ޑީރެޖިސްޓާ ކުރުމަށް އެދޭ ފޯމު ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ރާއްޖޭގައި 63،000 އަށް ވުރެ ގިނަ ބިދޭސިން ގަވައިދާ ހިލާފަށް އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

ރާއްޖޭގައި އުޅޭ ބިދޭސިންގެ ތެރެރިން ގަވައިދާ ހިލާފަށް، ލިޔެކިޔުން ނެތި އުޅޭ ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ދަނީ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. މިހާތަނަށް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސިންގެ ތެރެއިން 2500 އެއްހަައި ބަންގްލަދޭޝް ރައްޔިތުން ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.

comment ކޮމެންޓް