ރަށު ކަރަންޓީނުން މީހަކު ޕޮޒިޓިވްވިޔަސް ރަށް މޮނީޓަރިންއަށް ނުލާނެ: ޓެގް

ރަށުގައި ކަރަންޓިން ކުރާ މީހަކު ޕޮޒިޓިވްވިޔަސް މުޅި ރަށް މޮނީޓަރިން ހާލަތަށް ނުގެންނާނެ ކަމަށް ޓެގް ބުނޭ -- ފޮޓޯ/ އެންއޯއީސީ

ހޯމް ކަރަންޓިން ނުވަތަ ރަށުގައި ކަރަންޓީން ކުރާ މީހަކު ކޮވިޑަށް ޕޮޒިޓިވިޔަސް މުޅި ރަށް މޮނީޓަރިން ހާލަތައް ނުގެންނާނެ ކަމަށް އެންއޯއީސީގެ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގް) އިން ބުނެފި އެވެ.

މާލޭއިން ފުރައިގެން މާމެންދޫއަށް ދިޔަ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭނާއާ އެއް ކޮޓަރިއެއްގައި ކަރަންޓިންވި އިތުރު ދެމީހަކު ވަނީ މިއަދު ޕޮޒިޓިވެފަ އެވެ. މާމޭންދޫ އިން ފެނުނު ކޭސްއާ ގުޅިގެން މިހާތަނަށް 13 މީހުން ކޮންޓެކްޓް ޓްރޭސިން އިން ދެނެގަނެވި ވަނީ އެކަހެރި ކޮށްފަ އެވެ. އޭގެ ތެރޭގައި ގއ. ގެމަނަފުށީގައި ކަރަންޓީން ކޮށްފައިވާ ތިބި ފަސް މީހުން ހިމެނެ އެވެ. އެ މީހުންނަކީ މާމެންދޫ މީހާއާއެކު މާލެއިން ފުރި ފްލައިޓުގައި ދަތުރު ކުރި މީހުންނެވެ.

ރޭ އެންއޯއީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، އެ މީހުންނަކީ ރަށުގައި ކަރަންޓީންގައި ތިބި މީހުންކަމަށް ވުމުން އެ ދެ ރަށް މޮނިޓަރިންގެ ހާލަތައް ނުގެންނާނެ ކަމަށެވެ.

"މޮނީޓަރިންއަށް ގެންދިޔުމުގައި މިހާ ހިސާބަށް ނިންމާފައި ނިންމުމަކީ މޮނީޓަރިންގެ ހާލަތަކަށް ރަށެށް ނުދާނެއޭ އިމްޕޯޓެޑް [ރަށުން ބޭރުން އައި] ކޭސްއެއް ކަރަންޓީންކުރެވިފައި ވާތީ، ކަރަންޓީން ކުރެވިފައި ތިބި ބަޔަކު ޕޮޒިޓިވްވެފައިވާތީ ރަށު ތެރޭ ބަލި އުޅޭ ކަމަށް ނުފެނޭ،" މަބްރޫކު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމަށްފަހު، މިކަމާ ގުޅޭ ގޮތުން "ސަން"އިން އިތުރަށް ސުވާލު ކުރުމުން ޓެގް ގައި ހިމެނިވަޑައިގަންނަވާ ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، މިހާރު އޮތް އުސޫލުގެ ދަށުން ގޭގައި ކަރަންޓީން ކުރުމަށްފަހު، އެގޭގައި ތިބޭ އިތުރު ބަޔަކަށް އެ ގެއިން ނުނިކުމެވޭނެ ކަމަށެވެ. އެެހެން ކަމުން ކަރަންޓީން ކުރާ އުސޫލަށް މީހުން ރަނގަޅަށް އަމަލު ކުރާނަމަ، ރަށު ތެރެއަށް އެބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.

"އުސޫލުގެ މަތިން ރަނގަޅަށް ކަރަންޓީން ދެމެހެއްޓިއްޖެނަމަ، ގެއަކުން ކަރަންޓީންގައި ހުންނަ މީހެއް ޕޮޒިޓިވްވިޔަސް މުޅި ރަށް މޮނީޓަރިންނަށް ލާކަށް ނުޖެހޭ،" ޑރ. ޝަހީދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއޯއީސީ

އޭނާ ވިދާޅުވީ، އުސޫލުތައް ހެދިފައި ވަނީ އެންމެންގެ ރައްކަލަކަށްޓަކައި ކަމަށާއި ކަރަންޓީގައި ތިބޭ މީހުންވެސް މި އުސޫލުތަކަށް ތަާބާވުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް ކަމަށެވެ. އެހެންނޫނީ މުޅި ރަށް ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދާނެ ކަމަށް ޑރ. ވިދާޅުވި އެވެ.

މާމެންދޫ މިހާތަނަށް ޕޮޒިޓިވްވި ތިން މީހުންނަކީވެސް އެއް ގެެއެއްގައި ކަރަންޓީންކޮށްފައި ތިބި ތިން މީހުންނެވެ. މަބްރޫކު ވިދާޅުވީ، އެގޭގައި އެ ތިން މީހުން ފިޔަވާ އިތުރު ބަޔަކު ނޫޅޭ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ގެމަނަފުށިން ދެނެގަނެ ވުނު ފަސް މީހުން ތިބޭ ގެތަކުގައި ވެސް އިތުރު ބަޔަކު ނޫޅޭކަމަށް މަބްރޫކު ވިދާޅުވި އެވެ.

ގެމެނަފުށީ ގެތަކުގައި ކަރަންޓީން ކުރި ބައެއް މީހުން އާއިލާތަކާ ބައްދަލު ކުރި ކަމަށް އެ ރަށު ތެރޭގައި ވާހަކަ ދެކެވެ އެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، މިހާތަނަށް މާމެންދޫ އިންވެސް އަދި ގެމަނަފުށިންވެސް ކަރަންޓީންގެ އުސޫލާ ހިލާފުވެގެން އެޗްޕީއޭއަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް އޭނާ މަބުރޫކް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އެފަދަ ކަމެއް ހިނގާފައިވާނަމަ، އެކަން ލަސްނުކޮށް އަވަހަކަށް ރިޕޯޓު ކުރުމަށް،" މަބްރޫކު ވިދާޅުވި އެވެ.

މާމެންދޫ އިން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން މާލެއިން ވެސް ވަނީ ފަސް މީހަކު ކޮންޓެކްޓް ޓްރޭސިން އިން ދެނެގަނެވި އެކަހެރި ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީި އެއާޕޯޓުގެ މުވައްޒަފަކާއި މާލެއިން އޭނާއާ ބައްދަލުވި ބައެއް މީހުންންނެވެ.

comment ކޮމެންޓް