ހާސިލް - 7

އެއްލި ކަޅިއަކުން އެއްފަރާތުގައި ހުރި ބަތޫލް ފެނި އަރްޒަން ވެސް ސިހޭ ގޮތްވިއެވެ.

ދެވަނަ ސިކުންތުގައި އޭނާގެ ހަށިގަނޑަށް ވެރިވި ނުތަނަވަސްކަމާއެކު، އަތުގައި އޮތް ކޮފީޖޯޑަށް ވެސް ބާރުކޮށްލެވުނެވެ. ނަފުސަށް ވެރިވި ހަރުކަށިކަމާއެކު، އެ މޫނުމައްޗަށް ހިސާބެއްގެ ހިތްހަމަ ނުޖެހުމުގެ އަސަރު ވެރިކޮށްލިޔަސް، މޭތެރޭގައި އޮތް ހިތް ރޮނީއެވެ. ގިސްލަނީއެވެ.

ބަތޫލް ފެނި އޭނާގެ ހަށިގަނޑުގެ ހުރިހާ ހަތާ (ސެލް) ތަކެއްގައި ފެތުރުނު މާޔޫސްކަމާއި ހިތްދަތިކަމުގެ އަސަރުތައް މާބޮޑަށް ކުރަން ފެށުމުން އެންމެ ފުރަތަމަ ބަތޫލްއާ ނަޒަރު ވަކިކޮށްލީ އަރްޒަންއެވެ. ބަތޫލް ފެންނަ ހިސާބުގައި އިންނަންވުމުން އޭނާގެ ހަށިގަނޑަށް ހިސާބެއްގެ އުނދަގޫކަމެއް ވެރިވަމުން ދިޔައެވެ.

"ބަތޫލް، މީޓް އަރްޒަން، މީ މިރޭގެ ޕްރޮގްރާމްގެ މެހެމާނަކީ." ވެރިވެގެންދިޔަ ހަމަހިމޭންކަން ފޫދުއްވައިލަމުން އެންމެ ފުރަތަމަ ވާހަކަ ދެއްކީ އަސްލަމެވެ.

އަރްޒަންއަށް ބަލައިލުމަށްފަހު، ބަތޫލް އެ ދިމާލަށް ފިޔަވަޅު އަޅަން ފެށިއިރު، އޭނާހުރީ އަރްޒަންގެ ކުރިމައްޗަށް އަރަންވުމުން ޖެހިލުންވެފައެވެ. ރަނގަޅަށް އަރްޒަންއަށް ބަލައިލި ބަތޫލްއަށް ހިންދިރުވައިލެވުނީ ވެސް އުނދަގުލުންނެވެ. ކުރިއަށްވުރެ އެ ފިރިހެންވަންތަކަން އިތުރު ވެފައިވާހެން ހީވެއެވެ. ތުނި ތުނބުޅިއާއި ހަމަ އެ ތޫނު ދެލޮލެވެ. ލާފައިވާ ކަޅުކުލައިގެ ސޫޓް އޭނާއާ ނުހަނު ގުޅެއެވެ. ކަޅުކަން ގަދަ އިސްތަށިގަނޑާއި ބުމައެކެވެ. އަރްޒަން ފެނި ކޮންމެވެސް ވަރަކަށް ބަތޫލް ފިނިވިއެވެ. އަރްޒަންގެ މޫނުމަތިން އޭރު އޭނާއަށް ފެނުނު ނަޒަރު މާނަކުރާކަށް ބަތޫލްއަކަށް ނޭނގުނެވެ. ވެރިވި ހައިރާންކަން އަރްޒަން ފޮރުވައިލީ، އެހާވެސް ކުޅަދާނަކަމާއެކުގައެވެ.

ބަތޫލްއަށް ބަލައިލުމަށްފަހު، އަރްޒަން ދެން ބަލައިލީ އަސްލަމަށެވެ. އޭނާ އެއީ ކާކުކަން އޮޅުން ފިލުވަން ބޭނުންވާ ފަދައެވެ.

"ބަތޫލް އަކީ ޕްރޮގްރާމްގެ ޕްރެސެންޓަރ" އަސްލަމް ހިނިތުންވެލިއެވެ. އަރްޒަންއަށް އަނެއްކާވެސް ބަލައިލެވުނީ ބަތޫލްއަށެވެ.

"ކިހިނެއް އެނގެނީ ތިއީ ކައިވެނީގެ ކުރިން ލިބިފަ ހުރި ދަރިއެއް ނޫން ކަމެއްވެސް، އެކަހަލަކަމެއް ވީމަ ދޯ ހިޔާއަށް ލާނީ. ތި ކަހަލަ މީހަކަށް ދުވަހަކު ވެސް އިންނާނެ މީހަކު ނުވާނެ. އަހަންނަކީ މާލޭގެ މުއްސަނދި، ޢިއްޒަތްތެރި، ގަދަރުވެރި އާއިލާއަކުން އައިސް ހުރި ކުއްޖެއް. އަރްޒަންގެ ހަޤީގަތް އެނގުމަށްފަހު، އަހަރެން އެންމެ ހިނދުކޮޅަކު ވެސް ބޭނުމެއްނޫން ތި މުޑުދާރުމީހާ އާ އެކު އުޅޭކަށް. އެހެން ނޫނަސް އަހަރެން ލޯބިވަނީ މިހާރު އެހެން މީހެއްދެކެ." ބަތޫލްގެ އެ ރަޙުމުކުޑަ ބަސްތައް އަރްޒަންގެ ސިކުނޑީގައި ގުގުމަން ފެށީ އެވަގުތެވެ.

ހިފައްޓައިގެން އިން ކޮފީތަށި ވެސް އަރްޒަންއަށް މޭޒުމަތީގައި ބަހައްޓައިލެވުނީ ބާރަށެވެ. އަސްލަމާ ބަތޫލްއާ ދެމީހުންނަށް ވެސް ސިހުން ލިބުނެވެ.

"ސޮރީ..." މީހާގެ ނަފުސު ހަމައަކަށް އަޅުވައިލަމުން އަރްޒަން މަޑުމަޑުން ބުނެލިއެވެ. އޭނާ ބަތޫލްއަށް ބަލައިލަމުން އަމިއްލަ އިޙްސާސްތައް އޮއްބައިލަން މަސައްކަތް ކުރިއެވެ.

ބަތޫލްގެ ސަބަބުން އެ ހިތުގައިލީ ޒަޚަމްތަކުގައި އެޅި މަލަން ކޮޅުތައް އަދިވެސް ހުރީ އެ ގޮތުގައެވެ. އަންހެން ކުދިންނަށް ކުރި އިތުބާރު ވެއްޔާ މޮޑެލީ ބަތޫލްއެވެ. ހަޔާތުގައި ލޯބިވި ފުރަތަމަ ކުއްޖާއަކީ ވެސް ބަތޫލްއެވެ. އެކަމަކު މިއަދު، ބަތޫލްގެ ކުރިމަތީގައި ބަލިކަށި ވާކަށް އަރްޒަން ބޭނުމެއް ނޫނެވެ.

"ސާރ... " އެވަގުތު މަސައްކަތް ކުރާ ކުއްޖަކު އައިސް އަސްލަމަށް ގޮވައިލިއެވެ. އަސްލަމް އަރްޒަންއަށް ބަލައިލާފައި ދުރަށް ޖެހިލިއެވެ.

ވެރިވެގެންދިޔަ ހަމަހިމޭންކަމުގެ ތެރެއިން އެކަކަށް ވެސް އިސްވެ އަނގައިން ބުނާކަށް ނުކެރުނެވެ. އެ ދެމެދުގައިވަނީ ނުތަނަވަސްކަމުގެ ބޯ ފާރެކެވެ. އަރްޒަން ސޯފާއިން އޭނާގެ ފުރިހަމަ އިސްކޮޅަށް ތެދުވެލިއެވެ. ދުރަށް ދިޔުމުގެ ކުރިން އޭނާ އަދިވެސް އެއްފަހަރު ބަތޫލްއަށް ބަލައިލިއެވެ. ބަތޫލް ލާފައިހުރީ ކަކުލުން ކިރިއާ ތިރިއަށް އަންނަވަރުގެ ހެދުމެކެވެ. ގަޔަށް ބާރުކޮށް ހުރުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ބައްޓަން ރީތިކޮށް އެނގެއެވެ. ބުޅި އިސްތަށިގަނޑު ދޫކޮށްލާފައި އޮތްއިރު ކޮށްފައިވާ މޭކަޕްގެ ސަބަބުން ބަތޫލްގެ ރީތިކަން ދެގުނަވެފައިވާހެން ހީވެއެވެ.

ދޮރު ހުޅުވާލާފައި ސަރައްކާލިއަށް ނުކުތް އަރްޒަން އެންމެ ފުރަތަމަ ވެސް ގުޅީ އަޔާންއަށެވެ. ބަތޫލްގެ ވާހަކަ އޭނާ ގާތު ނުބުނީ ކީއްވެތޯ ސުވާލު ކުރާށެވެ. އަޔާންއަށް އެނގިގެން އެފަދަކަމެއް ކޮށްފާނެހެއްޔެވެ؟ ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ހޯދަން އޭނާ ހުރީ ކެތްމަދުވެފައެވެ. ބަތޫލްގެ ހަޤީގަތް އެންމެ ރަނގަޅަށް އެނގޭނީ ވެސް އަޔާންއަށް ކަމަށް ވާތީއެވެ.

"އަޔާން! އަހަރެން ކައިރީ ކީއްވެ ނުބުނީ އެ ޕްރޮގްރާމް ހުށައަޅަނީ ބަތޫލްއޭ. " އަޔާން ފޯނު ނެގުމާއެކު އެންމެ ފުރަތަމަ ވެސް އަރްޒަންއަށް ބުނެވުނީ އެހެންނެވެ. ކިތަންމެ ރަނގަޅަށް ވިސްނަން އުޅުނަސް ސިކުނޑި އޭނާގެ އަމުރަށް ތަބައަނުވާތީ އަރްޒަން އަށް އަހައިލެވުނީ ވެސް ތަންކޮޅެއް ރުންކުރުކޮށެވެ.

"ކީކޭ ޒޭން؟ ބަތޫލްއޭ.. އާރ ޔޫ ސީރިއަސް؟ އަހަންނަކަށް ނުވެސް އެނގޭ، އަހަންނަށް އެކުވެރިޔާ ގުޅާފަ ބުނީ އަސްލަމް ޕްރޮޑިއުސް ކުރާ ޕްރޮގްރާމަކަށް އަރްޒަންގެ އިންޓަރވިއު އެއް ނަގަން ބޭނުންވާ ވާހަކަ. އަހަންނަކަށް ހަމަ ހަޤީގަތުގައި ވެސް ނޭނގެ ބަތޫލް ކަމެއް..." އަޔާން ހީކުރީ އަރްޒަން ހުރީ އޭނާ ދެކެ ހިންހަމަ ނުޖެހިފައި ކަމަށެވެ.

"އާ ޔޫ ގޮނަ ޑޫ ދެޓް އިންޓަރވިއު؟" ވެރިވެގެން ދިޔަ ހަމަހިމޭންކަމުގެ ވަގުތު ފޫދުއްވާލާފައި އަޔާން އަހައިލިއެވެ.

"ޔެސް" އަރްޒަންގެ އަޑުގައި ވަނީ އެހެން ޖޯޝެކެވެ. އަޔާން އާ ވާހަކަ ދައްކަން ހުއްޓައި އަސްލަމް އައުމުން އޭނާ ފޯނު ކޯލު ކުރުކޮށްލިއެވެ. އެއަށްފަހު އެތެރެއަށް ހިނގައިގަތެވެ. *****

"އޭތް އެއްކަލަ ބޯއީ ދޯ އެ. ޕައިލެޓެއް އުޅެއެއްނު މޯލްޑިވިއަންގައި، މިދިޔަ ހަފްތާގައި ވެސް ކޮންމެވެސް މެގަޒިންއެއްގައި އިން. ހާދަ ރީއްޗޭ. އޭނަ ލިބޭނީ އަސްލު ހާދަ ނަސީބު ރަނގަޅު މީހަކަށޭ ދޯ. އެހާ ޔަންގް އިރު އެހާ ސަކްސެސްފުލް" ވަފާ އިން މޭޒު ކައިރިއަށް ޖެހިލި ބަތޫލްގެ ކަންފަތުގައި އެތަނުގައި ތިބި އިތުރު ދެ ކުއްޖަކު ވާހަކަ ދައްކަމުން ދިޔަ އަޑު ޖެހުނެވެ.

"ސިންގަލްތަ؟ އެހެންވިއްޔާ އަހަރެން ބޭނުން..." އަނެއް ކުއްޖާ ބުނެލި އަޑު އިވުނެވެ. ބަތޫލް އެ ކުދިންނަށް ލޯ އަޅައިލާފައި ދުރަށް ހިނގައިގަތެވެ.

"ބަތޫލް ކީއްވެގެން ރުޅިއައީ.؟ އަހަރެމެން އަރްޒަންގެ ވާހަކަ ދެއްކީމަތަ؟ މީހަކާ އިނދެގެން ހުއްޓަސް ބަތޫލްއަށް ވެސް އަރްޒަން މާބޮޑަށް ކަމުދިޔައި ކަމަށް ވާނީ... އަޅައިނުލާ. އެނގެއެއްނު އޭނަގެ ގޮތް!" އިތުރު ކުއްޖަކު ބުނެލިއެވެ.

ބަތޫލްއަކީ ހުނަރުވެރި ކުއްޖަކަށް ވިޔަސް، ބަތޫލްގެ ހުންނަ ބޮޑާ އަދި ކިބުރުވެރި މިޒާޖުގެ ސަބަބުން އެތަނުގައި މަސައްކަތް ކުރާ ގިނަ ކުދިން ބަތޫލް ދެކެ ފޫހިއެވެ. ބަތޫލްއަށް ވުރެ ދަން ފެންފެންވަރުގެ ކުއްޖެއް ވިއްޔާ ބަތޫލް ހުންނާނީ އަބަދުވެސް އެ ކުދިން ދެރަކޮށްލާފައެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި މުއްސަނދިންނާ ފަޤީރުން ދުވަހަކުވެސް އަޅައެއް ނުކިޔޭނެއެވެ. އޭނާގެ ނަޒަރު ގައި ފަޤީރުންނަކީ ދެރަ ނިކަމެތި ބަޔެކެވެ.

އަސްލަމް އަރްޒަން ގޮވައިގެން ވަނީ ސުޓޫޑިއޯ ތެރެއަށެވެ. ބަތޫލް އޭރު އެތަނުގައި މަޑުކޮށްލައިގެން ހުއްޓެވެ. އަރްޒަން އާ ބަތޫލްއާ ދެމީހުން ގޮނޑީގައި އިށީނުމާއެކު އަސްލަމް އެ ދެމީހުންނަށް ހިނިތުންވުމެއް ހަދިޔާކޮށްލި އެވެ. ބަތޫލް ފެށުމުގެ ކުރިން އަސްލަމަށް ބަލައިލިއެވެ.

*****

ކޮޓަރީގައި ހުރި ޓީވީ ހަލާކުވެފައި ހުރުމުން ޒީޝާން ނުކުތީ ސިޓިންރޫމަށެވެ. އެކަކުވެސް ސިޓީން ރޫމުގައި ނެތެވެ. ސޯފާގައި އިށީނުމަށްފަހު، ފޯނު ނަގައި އާރާއަށް ގުޅައިލިއެވެ. އޭރު އަދި ޕްރޮގްރާމް ނުފަށައެވެ.

"އިންތިޒާރުގަ ދޯ... އަހަންނަކަށް ނެތޭ މިއަދު ޕްރޮގްރާމް ބަލަން އިނދެވޭކަށް. ޑިނާ އަކަށް ދާން އެބަޖެހޭ ރަފްހާންއާއެކު" އާރާ ބުނެލިއެވެ. އެ އަޑުން ކޮންމެވެސް ކަމެއް ސިއްރުކުރަން މަސައްކަތް ކުރާހެން ޒީޝާންއަށް ހީވިއެވެ. އޭނާ އެކަމާ ބެހޭގޮތުން އާރާއާ ސުވާލު ކުރުމުން އާރާ ބުނީ އޭނާ ދެންމެ ނިދާ ހޭލީމައި ވީކަމެއް ކަމުގައެވެ. އާރާ ފޯނު ބޭއްވުމުން ޒީޝާން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ޓީވީއަށް ނަޒަރު ހުއްޓައިލި އެވެ.

*****

ޒީޝާންގެ ފޯނު ބޭއްވި އާރާ ރަފްހާންއަށް ބަލައިލިއެވެ. ދެ މީހުން ތިބީ ހުޅުމާލޭ ބީޗުގައި ހުރި ގަސްތަކެއްގެ ބިއްދޮށުގައެވެ. އެ މީހުން ތިބި ހިސާބުގައި މާގިނަ މީހުންނެއް ނެތެވެ.

"ކާކު؟ ޖިނާން ތަ؟" ރަފްހާންގެ ސުވާލާއެކު އާރާއަށް ރަފްހާންއަށް ބަލައިލެވުނީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ. ރަފްހާން އާރާ އާ ކައިރިއަށް ޖެހިލިއެވެ. އެ ދެލޮލުން އާރާއަށް ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ. އޭނާ ނޫނެކޭ ބުނަމުން ބޯ ހޫރާލިއެވެ. އާރާއަށް ގުޅީ ޒީޝާންކަން އެނގޭއިރުވެސް ރަފްހާން ހުރީ އޭނާގެ ގޮތުގައެވެ.

"ޒީ އެ ގުޅީ..." އާރާ މަޑުމަޑުން ބުނެލިއެވެ. އޭނާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ.

"އަހަރެން އާރާގެ ގައިގައި އިނގިލި ކުރި ޖައްސައިލައިގެން ވެސް ނެތްތަ ވާކަށް. އެ ފުރުސަތު ވެސް އޮތީ ޖިނާންއަށް އެކަނިތަ؟" އާރާއާ ފިޔަވަޅެއް ގާތަށް އަޅައިލަމުން ރަފްހާން ވާހަކަ ދެއްކިއެވެ. އާރާ ދެފަރާތަށް ބޯ ހޫރާލިއެވެ. އެ ދެލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް އޭނާގެ ހިތަށް ކޮށްފައިވާ އަސަރު ހާމަކޮށްދެއެވެ.

ގެނައި ކުއްލި ހަރަކާތާއެކު ރަފްހާން އާރާގެ، އަތުގައި ހިފާ އޭނާއާ ގާތަށް ދަމައިލިއެވެ. އާރާގެ މޫނާ ރަފްހާންގެ މޫނާ ދެމެދު ވަނީ ހަނި ދާއިރާއެކެވެ. އާރާގެ ހިތުގެ ތެޅުން އިންތިހާ ބާރުވިއެވެ. ރަފްހާން އާރާގެ އަނގައިގައި އޭނާގެ އެއް އަތުން ހިފައްޓަމުން ވާހަކަ ދެއްކިއެވެ.

"އާރާ ތީ ހަމަ އެކަނި އަހަންރެންގެ ހައްޤެއް. އެ ޖިނާންއާއެކު ހީހީފައި އުޅުމުގެ ހައްޤެއް އާރާއަކަށް ނެތް" ރަފްހާންގެ އަޑުގައިވަނީ ހަރުކަށިކަމެވެ.

"ރަފްހާން ތަދުވެޔޭ!" ރަފްހާންގެ އަތް ފޮޅުވައިލަމުން އާރާ ވާހަކަ ދެއްކިއެވެ. އޭނާ ރަފްހާންއަށް ފުރަގަސް ދިނެވެ. އޭނާގެ އެ ކަރުނަތައް ރަފްހާންއަށް ނުދެއްކުމަށް ޓަކައެވެ. އެކަމުން ރަފްހާންއަށް އެއްވެސް އަސަރެއް ނުކުރާނެކަން އާރާއަށް އެނގެއެވެ.

"އަހަންނަށް ފެނުނޭ ޖިނާން އާއެކު އެއާޕޯޓުގައި ޖެހި ސަކަރާތް." ރަފްހާން ނުރައްކާތެރި ގޮތަކަށް ބުނެލިއެވެ. އޭނާ އާރާގެ ފަހަތުގައި މަޑުކޮށްލަމުން އާރާގެ ދެއަތް އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލަމުން ފުރަގަހަށް ލިޔެވެ. އާރާގެ ފަހަތުން ކަންފަތް ދޮށަށް ގުދުވެ ރަފްހާން ވާހަކަދެއްކިއެވެ.

"ހަނދާން ކުރާތި؟ އޭނައާ ގުޅުމެއް އޮތްކަން އެނގިއްޖެއްޔާ ނިމުނީ..." ރަފްހާން ބުނެލިއެވެ.

"ރަފްހާން!" އާރާ ރަފްހާންގެ އަތް ދަށުން ސަލާމާތްވާން ވެގެން ގަދަ ހެދިއެވެ. ރަފްހާން އާރާގެ އަތުން ދޫކޮށްލީ އޭނާ އެހެން ގަދަހަދާތާ އިރުކޮޅެއް ފަހުންނެވެ.

"މިހާރު މާ މައްޗަށް ތި ދަނީ... އަހަރެން ބުނެފީމެއްނު ޖިނާ އާ އަހަންނާ އެފަދަ ގުޅުމެއް ނެތޭ!" އާރާ ބާރަށް ބުނެލިއެވެ. އޭނާގެ ކެތްތަރިކަން ވެސް ކޮޅުން ލީއެވެ.

"ޖިނާ އޭ... އެހެން ކިޔާ ވަރަށް ވެސް ގާތް ވީތަ؟" ރަފްހާން ބުމަ ގޮށްޖަހައިލިއެވެ. ރަފްހާންގެ ފަރާތުން މީގެ ކުރިންވެސް އެފަދަ އަމަލުތައް މަދުމަދުން ފެނުނު ނަމަވެސް، އާރާ އެކަން މާބޮޑު ކަމަކަށް ނަހަދައެވެ. އެކަމަކު މިރޭ ރަފްހާންގެ އަމަލުތައް ހުރި ގޮތުން ޒީޝާން އޭނާ ގާތު ބުނެފައިވާ ބަސްތަކާ މެދު ވިސްނައިލަން އޭނާގެ ޒަމީރު އޭނާއަށް މަޖުބޫރުކުރުވައިފިއެވެ.

*****

ޕްރޮގްރާމް ފެށުމާއެކު، ޕްރޮގްރާމް ހުށައަޅަން އިން ބަތޫލްގެ ވާހަކަ މާ ދިގުވާހެން ވެސް ޒީޝާންއަށް ހީވިއެވެ. އޭނާގެ ހިތް ގޮވަނީ އަރްޒަންއަށެވެ. އެ ސޫރަ ދުށުމަށެވެ. އެ ހިތުގެ ފިނިކަމަކީ އަރްޒަންއެވެ.

*****

ބަތޫލް ކުރަމުންދިޔަ ސުވާލުތަކަށް އަރްޒަން ޖަވާބު ދެނީ ހަމަޖެހިލާފައެވެ. އެ މޫނުމައްޗަކުން އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ފާހަގައެއް ނުކުރެވުނެވެ. ބަތޫލް ހައިރާންވިއެވެ. އެއީ އޭނާގެ ލޯތްބަށް އެދި ސަލާން ޖެހި އަރްޒަން ހެއްޔެވެ؟ އެހާ ހިތްވަރުގަދަ މީހަކަށް އަރްޒަން ވީ ކޮންއިރަކުހެއްޔެވެ؟. އޭނާ އެ ދެލޮލުން ކަރުނަވެސް ދުއްޓެވެ. އިންތިހާ ވޭން ވެސް މެއެވެ. އެކަމަކު މިއަދު އެފަދަ އެއްވެސްކަމެއް އެ މޫނުމައްޗަކުން އޭނާއަކަށް ނުފެނުނެވެ. އެ އަޑުގައިވަނީ ސާބިތުކަމެވެ. އަރްޒަންއަށް ނުކުރާ އަސަރެއް މިއަދު އޭނާއަށް އެކުރަނީ ކީއްވެހެއްޔެވެ؟ އޭނާ ގުޅުނީ މުއްސަނދި މީހަކާއެވެ. ހުރިހާ ގޮތަކުން ކާމިޔާބު މީހަކާއެވެ. ލޯބިވެގެންނެވެ. ހުދު އޭނާވެސް ބަތޫލް ދެކެ ލޯބިވާކަމަށް ދައުވާ ކުރީތީއެވެ. އެހެންނަމަވެސް ކައިވެންޏަށްފަހު، އެ ހުރިހާކަމެއް ފެނަށްވެ ނިމިއްޖެއެވެ. އަރްޒަން ދޫކޮށްލެވުމުގެ މޮޔަ ހިތަށް އެރީ އެ ހިސާބުންނެވެ. އަރްޒަންއާއެކު އުޅުނު އިރު އޭނާއަށް އަރްޒަން ދިން ލޯތްބާ، ގާތްކުރާ ވަރަށް ވެސް އޭނާގެ ފިރިމީހާގެ ފުށުން ލޯތްބެއް ނުލިބެއެވެ. އެކަމަކު މިއަދު ކުރާނެކަމެއް ނެތެވެ. އެއީ މާޒީއެވެ. މިއަދު، އަރްޒަން އޭނާއަށް ނަފުރަތު ކުރާނެއެވެ. އަތުން ބީވެގެން ދިޔައީ އަގު ބޮޑު ޖަވާހިރެއްކަން އޭނާއަށް ރޭކާލީ މާ ފަހުންނެވެ.

އެ ހުރިހާ ކަމަކަށްފަހު ވެސް ބަތޫލްގެ ހިތުން ބަދަލުނުވި ހަމަ އެކަނި ކަމަކީ ނިކަމެތިންނަށް އޭނާގެ ހިތުން ދެވިފައިވާ މަގާމެވެ.

*****

ޓީވީ ހުޅުވައިލަމުން ފިރާޤު ސޯފާގައި އިށީނދެލިއެވެ. އުމުރުން ފަސްދޮޅަސް އަހަރަށް ވުރެ މައްޗަށް ގޮސްފައިވާއިރު ވެސް އޭނާގެ ސިއްހަތު ރަނގަޅެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ގިނަ މުސްކުޅިންނަށް ޖެހޭ ހަކުރު ބަލި އަދި ލޭމައްޗަށް ދިޔުން ފަދަ ބައްޔެއް ވެސް ފިރާޤުގެ ނުހުރެއެވެ. ޤަވައިދުން ކަސްރަތުކޮށް ސިއްހަތަށް ފައިދާ ހުރި ކާނާ ކާތީ ކަންނޭގެއެވެ.

ޗެނަލް ބަދަލުކޮށްލިތަނާ އޭނާގެ ސަމާލުކަމަށް އައީ އެވަގުތު އެ ޕްރޮގްރާމް ހުށައަޅަން ވެގެން އިން އަންހެން ކުއްޖާ ބުނެލި ލަފުޒެވެ.

ވަގުތުން އޭނާގެ ހުރިހާ ސަމާލުކަމެއް ޓީވީއަށް ދެވިއްޖެއެވެ. ސޯފާގައި ރަނގަޅަށް ހަމަޖެހިލުމާއެކު، ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ރަނގަޅު ކޮށްލިއެވެ. އެޕާރޓްމެންޓްގެ ދޮރު ހުޅުވާލާފައި، އަންވަރު ވަނީ ވެސް ފިރާޤު އެހެން އިންދައެވެ. ފިރާޤަކީ އަންވަރުގެ ބައްޕައެވެ.

"އަރްޒަންގެ އިންޓަރވިއު ދޯ! " ފޮށި ހިފައިގެން އައިސް ސޯފާތަކުގެ ކައިރީގައި މަޑުކޮށްލަމުން އަންވަރު ވާހަކަދެއްކިއެވެ.

"އެއީ ތި ކުންފުނީގައި މަސައްކަތް ކުރާ ކުއްޖެއްދޯ! ތި ކުންފުނީގެ ނަން ކީ! ހީވަނީ ވަރަށް ރަނގަޅު އާއިލާއަކުން އައިސް ހުރި،. ކުއްޖެއްހެން..."ފިރާޤު އަހައިލިއެވެ. އެ އަޑުގައި ވީ ކޮންކަހަލަ އަސަރެއްކަމާއި ފިރާޤުގެ ސިއްރު ނަޒަރު މާނަ ކުރަން އަންވަރަކަށް ނޭނގުނެވެ. އޭނާ ހީކުރީ ބައްޕަ ޝައުޤުވެރިވާތީ އަހައިލީ ކަމުގައެވެ.

"އާނ. ވަރަށް ރަނގަޅު ކުއްޖެއް އެއީ. އަރްޒަން ބޮޑުވީ ހިޔާގަ. އެކަމަކު އަޚްލާގު ރަނގަޅު، އެއީ ހުރިހާ ކުދިންނަށްވެސް ނަމޫނާއެއް." އަންވަރު ބުނެލީ ހިނިތުންވަމުންނެވެ.

އަންވަރުގެ ވާހަކައިން ފިރާޤުގެ މޫނުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ބަދަލު ވިނަމަވެސް އޭނާ އެ އެ އަސަރު މޫނުމަތިން ވަރަށް އަވަހަށް ފޮރުވައިލިއެވެ.

(ނުނިމޭ)

comment ކޮމެންޓް