ވިލާ އެއާ އިން މުވައްޒަފުން ވަކިކުރަނީ

ފްލައިމީގެ ބޯޓެއް --- ފޮޓޯ: ވިލާއެއާ /ޓްވިޓަ

ވިލާ އެއާގެ މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާއެއާ ފްލައިމީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ސޮއިކުރައްވާ މުވައްޒަފުންނަށް މިރޭ ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ކޮވިޑް19 އާއެކު ކުންފުންޏަށް ލިބެމުން އައި އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

ކުންފުންޏަށް ދިމާވެފައިވާ މާލީ ތަދިތަކާއެކު ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ އެއާލައިނުގެ ސައިޒު ކުޑަކޮށް މުވައްޒަފުންގެ ތެރެއިން މަދު ބަޔަކު ފިޔަވާ އެހެން މުވައްޒަފުން ވަޒީފާ އިން ވަކިކުރުމަށް ކަމަށް ސާކިޔުލާގައި ބުނެފައިވެއެވެ.

އަދި މަދު މުވައްޒަފުން ބޭނުންކޮށްގެން ޖުލައި އެކަކުން ފެށިގެން އޮޕަރޭޝަން ފަށަން ނިންމާފައިވާ ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.

ކުންފުނީގައި ބައިތިއްބާ މުވައްޒަފުން ފިޔަވާ ދެންތިބި މުވައްޒަފުންނަށް "ނޯޕޭ" ގައި ތިބުމުގެ އިހުތިޔާރު ދެވޭނެ ކަމަށާއި، އިގްތިސޯދު ހަމައަކަށް އެޅި އޮޕރޭޝަންސް ނޯމަލް ވުމުން އެ މުވައްޒަފުންނަށް އަނބުރާ ވަޒީފާ އަށް ނިކުތުމަށް އަންގާނެ ކަމަށް ސަކިއުލާގައި ބުނެފައިވެއެވެ.

އެނގިފައިވާގޮތުގައި ފްލައިމީ އިން ވަނީ އެ އެއާލައިނުގެ ޕައިލޮޓުންގެ ތެރެއިން ހަތް ޕައިލޮޓުން ފިޔަވާ އެހެން މުވައްޒަފުންނަށް ނޯ ޕޭ ދީފައެވެ.

މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ އަލުން މުވައްޒަފުންނަށް ވަޒީފާއަށް ނިކުންނަށް އަންގާއިރު އެގޮތަށް ނެރޭ މުވައްޒަފުން ހޮވުމުގައި އެޓެންޑެންސް އަށާއި މަސައްކަތުގެ ފަރުވާތެރިކަމަށް ބަލާނެ ކަމަށެވެ.

ނަމަވެސް މިގޮތަށް ރިޓެއިން ކުރާނީ ކިތައް މުވައްޒަފުންކަމެއް ބުނެފައެއް ނުވެއެވެ. އަދި ޖުލައިގައި އޮޕަރޭޝްންތައް ފަށާޢިރު ބޭނުންކުރާނެ މުވައްޒަފުންގެ އަދަދުވެސް ހާމައެއް ނުކުރެއެވެ.

ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު ނޯޕޭ ދީފައިވާއިރު، ވިލާ އެއާގެ ފަސިންޖަރުންގެ ތެރެއިން ގިނަ ބަޔަކީ ފަތުރުވެރިންނެވެ.

މުވައްޒަފުންނަށް ފޮނުވި ސާކިޔުލާގައި ބުނީ ޖުލައި މަހުގެ ތެރޭގައި ފަތުރުވެރިކަން އަލުން ފަށަން ތައްޔާރުވިނަމަވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމުކަމަށްވާ ޖަރުމަނާއި، ޔޫރަޕުގެ އެހެން މާކެޓުތައް ވެސް ސެޕްޓެމްނަރުގެ ކުރިން ހުޅުވާލާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

އަދި ކުރިއަށް އޮތް މަސްތަކުގައި ރާއްޖެއަށް ގިނަ ފަތުރުވެރިންތަކެއް އަންނާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށްވެސް ސާކިޔުލާގައި ބުނެފައިވެއެވެ.

"ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމުކަމަށްވާ އިންޑިއާގައިވެސް ބަލީގެ ހާލަތު ގޯސްވަމުންދާއިރު ޗައިނާގައިވެސް ބަލީގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އަނެއްކާވެސް ދަނީ ވަރުގަދަ ކުރަމުން" ކަން ސާކިޔުލާގައި ފާހަގަ ކޮށްފައިވެއެވެ.

ވިލާއެއާގެ މުވައްޒަފުންނަށް އޭޕްރީލް މަހުން ފެށިގެން މުސާރައިގެ ގޮތުގައި ދެމުން އަންނަނީ 2800 ރުފިޔާ އެވެ.

ކޮވިޑް19 އާއި ގުޅިގެން ވިލާ އެއާ ފްލައިމީގެ ކޮމާޝަލް ދަތުރުތައް މާޗު 29 އިން ފެށިގެން ވަނީ ހުއްޓާލައިފައެވެ.

ކޮވިޑް19ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވަމުންދަނީ އޭވިއޭޝަން ދާއިރާ އަށެވެ.

މީގެ އިތުރުން އެ އެއާލައިނުން ހިދުމަތް ހޯދާފައިވާ ބައެއް ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ނުދައްކާވާކަމަށާއި އޭގެ ސަބަބުުން ލިބެންޖެހޭ އާމްދަނީ ނުލިބިވާކަމަށް މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައި ބުނެފައިވެއެވެ.

ވިލާ އެއާގެ މުވައްޒަފުން ވަކިކޮށް، ކުންފުނީގެ ގިިނަ އަދަދެއްގެ މުވައްޒަފުން ނޯޕޭ ލީވްގައި މަޑުކުރަން އަންގާފައިވާއިރު ޓުއަރިޒަމް އަލުން ހުޅުވޭއިރު ވިލާ އެއާއިން ހިންގާ މާމިގިލީ އެއާޕޯޓް އަލުން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވެގެން ދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އަދި އެ އެއާލައިން އިންޓަނޭޝަނަލްކޮށް ރާއްޖެއިން ބޭރަށް ދަތުރުތައް ފަށަން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް ހާލަތުގެ ގޮތުން މިކަމުގައި އަވަސް ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

ފްލައިމީ އިން ދަތުރު ކުރަނީ މާމިނގިލި އެއާޕޯޓަށާއި ދަރަވަންދޫ އެއާޕޯޓަށެވެ.

comment ކޮމެންޓް