މާމެންދޫއިން އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ގއ. މާމެންދޫ: އެރަށުން ކޮވިޑަށް މީހަކު ވަނީ ޕޮޒިޓިވްވެފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގއ މާމެންދޫއިން އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މާމެންދޫ ކައުންސިލުގެ ރައީސް މުހައްމަދު ޒައީމް މިއަދު "ސަން" އަށް ވިދާޅުވީ އެ ދެމީހުންގެ ޓެސްޓު ހެދުމަށް ސާމްޕަލް ނަގާފައިވަނީ އިއްޔެ ކަމަށާއި އެ މީހުން ޕޮޒިޓިވް ވި ކަން އެނގުނީ މިއަދު ހަވީރު ކަމަށެވެ.

މާމެންދޫ އަށް ހޯމް ކަރަންޓީނަށް ދިޔަ އުމުރުން 28 އަހަރުގެ މީހަކު ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ އާއެކު ދެން ގޭގައި ތިބީ މިއަދު ޕޮޒިޓިވްވި ދެ މީހުން އެކަންޏެވެ.

އެމީހުން ރަށަށް ދިޔައީ ކޫއްޑޫ މަގުން މިމަހުގެ 13 ވަނަ ދުވަހު އެވެ. އެ ފްލައިޓުން 40 މީހުން ދަތުރުކުރި ކަމަށް އެންއީއޯސީ އިން ވަނީ މީގެ ކުރިން ބުނެފައެވެ.

އެ ފްލައިޓުން ދެން ދަތުރުކުރި މީހުންނަކީ އެއަތޮޅު ގެމަނަފުށީ މީހުން ނެވެ.

ކައުންސިލުގެ ރައީސް މިއަދު ވިދާޅުވީ އެމީހުން އެނބުރި ރަށަށް ދިޔުމަށް އެއާޕޯޓުގައި ތިބި އިރު ރިސޯޓު ކަރަންޓީނު ނިންމާފައި ރަށަށް ދާން ހުރި އެރަށުގެ އެހެން މީހަކާ އެއާޕޯޓުން ދިމާވި ކަމަށެވެ. އެ މީހާ މާމެންދޫގައި ހުރި ގެވެސް މިހާރު ހުރީ މޮނީޓަރިންގައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެންއީއޯސީ އިން މީގެ ކުރިން ބުނީ މާމެންދޫ އިން ފެނުނު ފުރަތަމަ ކޭސްގެ ކޮންޓެކްޓު ޓްރޭސިން އަށް ފަހު މާމެންދޫ އަދި ގެމަނަފުށި މޮނީޓަރިން އަށް ލުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 2،150 މީހުން ވަނީ ޕޮޒިތިވް ވެފައެވެ. 1،769 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އަށް މީހަކު ވަނީ ބަލި ޖެހިގެން މަރުވެފަ އެވެ.

comment ކޮމެންޓް